ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް)އަކީ ދެކުނު އޭޝިއާގެ ސަރަހައްދީ ހުވަފެންތައް ހަގީގަތަކަށް ހަދަން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި 1985 ގެ ޑިސެމްބަރު އަށެއްގައި އުފަންކުރުވި ޖަމިއްޔާއެކެވެ.
ސާކްގައި ހިމެނެނީ ދެކުނު އޭޝިއާގެ އަށް ގައުމު ކަމަށްވާ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހި ރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.
ސާކު އުފެއްދުމުގެ ބާނީންގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމު ހިމެނިވަޑައިގަނެއެވެ. އެ މަނިކުފާނު ވަނީ 2008 އާ ހަމައަށް ބޭއްވި 15 ސަމިޓުގައި ބައިވެރިވެވަޑައިގެންފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގެ ފަރާތުން އެންމެ ފަހުން ސާކް ސަމިޓެއްގައި ބައިވެރިވެވަޑައިގަތް ދައުލަތުގެ ވެރިޔާއެވެ. އެ މަނިކުފާނު ބައިވެރިވެވަޑައިގަތީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި 2014 ނޮވެމްބަރު 26 އިން 27 އަށް ބޭއްވި 18 ވަނަ ސާކް ސަމިޓުގައެވެ.
ޕާކިސްތާނުގައި 2016 ގައި ސަމިޓެއް ބާއްވަން ތާވަލް ކުރިއެވެ. ނަމަވެސް އޭގެ ފަހުން އަށް އަހަރު ފާއިތުވި އިރުވެސް އެ ސަމިޓެއް ނުބޭއްވުނެވެ. އެހެންކަމުން ސާކް ސަމިޓެއް ނުބާއްވާތާ މިހާރު 10 އަހަރު ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން 2018 ގައި ރައީސް ކަމަށް ވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހަށް ސާކް ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތެއް ލިބިވަޑައެއްނުގަތެވެ.

ސާކް ސަމިޓުތައް
1 ވަނަ ސާކު ސަމިޓް، 1985، ޑާކާ، ބަންގްލަދޭޝް، ރާއްޖެއިން- ރައީސް މައުމޫން
2 ވަނަ ސާކު ސަމިޓް، 1986، ބެންގަލޫރު، އިންޑިއާ، ރާއްޖެއިން- ރައީސް މައުމޫން
3 ވަނަ ސާކު ސަމިޓް، 1987، ކަތުމަންޑޫ، ނޭޕާލް، ރާއްޖެއިން- ރައީސް މައުމޫން
4 ވަނަ ސާކު ސަމިޓް، 1988، އިސްލާމްއާބާދު، ޕާކިސްތާން، ރާއްޖެއިން- ރައީސް މައުމޫން
5 ވަނަ ސާކު ސަމިޓް، 1990، މާލެ، ދިވެހިރާއްޖެ، ރާއްޖެއިން- ރައީސް މައުމޫން
6 ވަނަ ސާކު ސަމިޓް، 1991، ކޮލަމްބޯ، ސްރީލަންކާ، ރާއްޖެއިން- ރައީސް މައުމޫން
7 ވަނަ ސާކު ސަމިޓް، 1993، ޑާކާ، ބަންގްލަދޭޝް، ރާއްޖެއިން- ރައީސް މައުމޫން
8 ވަނަ ސާކު ސަމިޓް، 1995، ނިއުދިއްލީ، އިންޑިއާ، ރާއްޖެއިން- ރައީސް މައުމޫން
9 ވަނަ ސާކު ސަމިޓް، 1997، މާލެ، ދިވެހިރާއްޖެ، ރާއްޖެއިން- ރައީސް މައުމޫން
10 ވަނަ ސާކު ސަމިޓް، 1998، ކޮލަމްބޯ، ސްރީލަންކާ، ރާއްޖެއިން- ރައީސް މައުމޫން
11 ވަނަ ސާކު ސަމިޓް، 2002، ކަތުމަންޑޫ، ނޭޕާލް، ރާއްޖެއިން- ރައީސް މައުމޫން
12 ވަނަ ސާކު ސަމިޓް، 2004، އިސްލާމްއާބާދު، ޕާކިސްތާން، ރާއްޖެއިން- ރައީސް މައުމޫން
13 ވަނަ ސާކު ސަމިޓް، 2005، ޑާކާ، ބަންގްލަދޭޝް، ރާއްޖެއިން- ރައީސް މައުމޫން
14 ވަނަ ސާކު ސަމިޓް، 2007، ނިއުދިއްލީ، އިންޑިއާ، ރާއްޖެއިން- ރައީސް މައުމޫން
15 ވަނަ ސާކު ސަމިޓް، 2008، ކޮލަމްބޯ، ސްރީލަންކާ، ރާއްޖެއިން- ރައީސް މައުމޫން
16 ވަނަ ސާކު ސަމިޓް، 2010، ތިމްޕޫ، ބޫޓާން، ރާއްޖެއިން- ރައީސް ނަޝީދު
17 ވަނަ ސާކު ސަމިޓް، 2011، އައްޑޫ ސިޓީ، ދިވެހިރާއްޖެ، ރާއްޖެއިން- ރައީސް ނަޝީދު
18 ވަނަ ސާކު ސަމިޓް، 2014، ކަތުމަންޑޫ، ނޭޕާލް، ރާއްޖެއިން- ރައީސް ޔާމީން
19 ވަނަ ސާކު ސަމިޓް، 2016، އިސްލާމްއާބާދު، ޕާކިސްތާން، (ފަސްކުރެވިފައި)

ސާކް މި ވަގުތު ނޭވާހޮޅިއަށް އެޅިފައި އޮތީ ސަސްޕެންޑް ކުރެވިފައިވާ ޖަމިއްޔާއެއް ފަދައިންނެވެ. ޓެކްނިކަލް ގޮތުން އަދިވެސް ދިރިއޮތަސް، ސާކްގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. ސަރަހައްދީ ދެ ނިއުކްލިއާ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ކުރިއަށްދާ ނުތަނަވަސްކަމުގެ ސަބަބުންނެވެ.
ސާކްގެ ފުރާނަ ދާން ކައިރިވުމުގައި މައިގަނޑު ތިން ސަބަބު
ފުރަތަމަ ސަބަބަކީ ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައިވާ ނުތަނަވަސްކަމުގެ ސަބަބުން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ސަރަހައްދީ ގުޅުންތަކާއި ހަރަކާތްތައް ކުރިއަށްގެންދަން ނުކުޅެދިނުމެވެ.
ދެވަނަ ސަބަބަކީ ސިޔާސީ ގޮތުން މެންބަރު ގައުމުތަކުގައި ހިތްވަރެއް ނެތުމެވެ. އެ ގޮތުން ސާކްގެ އަމާޒުފަތްގަނޑުތަކާ ދިމާއަށް ދަތުރުކުރުމުގައި މެންބަރު ގައުމުތަކުން ސަމާލުކަމެއް ނުދެއެވެ.
ތިން ވަނަ ސަބަބަކީ ސާކްގެ އެތެރޭގެ ކޯޅުންތަކެވެ. މިސާލަކަށް އަފްޣާނިސްތާނު ފަދަ ގައުމުތަކާ އޮތް ސަރަހައްދީ ކޯޅުންތަކުގެ ސަބަބުން ސާކް އިތުރަށް ތަރައްގީވެ ހަރުދަނާވުމަށް ވަނީ ނުކުޅެދިފައެވެ.
މި ފަދަ ސަބަބުތަކާ ހުރެ ފަހުގެ ތާރީހެއްގައި ސާކުވެފައިވަނީ ދަތް ނެތް މިނިކާވަގެއް ފަދަ އާރެއްބާރެއް ނެތް ޖަމިއްޔާއަކަށެވެ. ބައެއް ގައުމުތަކުގެ މެދުގައި ގުޅުން ރަނގަޅުކުރާ ހަރަކާތްތަކެއް ކުރިއަށްދާ ނަމަވެސް އެއްބައިވަންތަކަމާއެކު ސަރަހައްދީ ޖަމާއަތެއްގެ ގޮތުގައި ސާކު މިހާރު ނޭވައެއްނުލައެވެ. ހަރަކާތެއް ނެތި އޮތީ ކޯމާއެއްގައެވެ.

ސާކްގެ ހިތުގައި އަލުން ވިންދު ޖަހާނެތޯ މި ސުވާލުގެ ޖަވާބު ލިބެން އޮތީ ކުރިމަގުގައި ސާކްގެ ގައުމުތަކުން އަމަލުކުރާ ގޮތުގެ މައްޗަށެވެ. މިހާރު ފެންނަ މަންޒަރުތަކުން ސާކްގެ ސަރަހައްދީ ސިޔާސީ މޫސުން ރަނގަޅު ކަމަކަށް ނުދައްކައެވެ.
ނުކުޅެދޭ ޖަމިއްޔާއަކަށް ސާކް ހެދުމަށް ވަކި ގައުމަކުން ރަސްމީ ސިފައެއްގައި ފިޔަވަޅެއް އެޅިކަމަކަށް ބުނެވޭކަށްނެތެވެ. ނަމަވެސް އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ހަތުރުވެރިކަމުގެ ސަބަބުން މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން ނެތިފައިވުމުން ސާކްގެ ހިނގުން މި ވަގުތު ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސާކުވެފައިވަނީ "ވައިޓް އެލެފެންޓް"އަކަށެވެ. މާނައަކީ އެއްވެސް ބޭނުމެއް ނުހިފޭ، ހަމައެކަނި ޒީނަތްތެރިކޮށްލަން ބޮލުގައި އެޅިފައި އޮތް ބޭކާރު ހަރަދުތަކެއް ހިނގާ "ހުދު ކުލައިގެ އެތެއް" ފަދަ ޖަމިއްޔާއެކެވެ.
މެންބަރު ގައުމުތަކުގެ އެންމެ އިސްވެރިން ބައްދަލުކުރައްވާނެ ސަމިޓުތައް ގަވައިދުން ނުބާއްވާތީ އާއި ސަރަހައްދީ ގޮތުން ހަރުދަނާ މަޝްވަރާތަކެއް ކުރިއަށް ނުގެންދާތީ ސާކްގެ ހަރަކާތްތައް މަޑުމަޑުން ފަނޑުވެ، މިހާރު ފެންނަ ފެނުމަށް ސާކަކީ ވެންޓިލޭޓަރެއްގެ އެހީގައި ނޭވާ ލައްވައި، ސިކުނޑި މަރުވެފައިވާ ބަލިމީހެއް ފަދަ ޖަމިއްޔާއެކެވެ.
