Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ގުޅުން ބަހައްޓަންނުވާ 7 ބާވަތެއްގެ މީހުން

އިންސާނުންނަކީ "އިޖުތިމާއީ މަހުލޫގު"ންނެވެ. މާނައަކީ އެކަނިހައްޓަށް ނޫޅެވޭ، އެހެން މީހުންގެ އެހީއަށް ވެސް ބޭނުންވާ ބައެއް ކަމެވެ. ކަންމިހެން ހުރި ނަމަވެސް ބައެއް ޒާތުގެ މީހުންނަކީ ގުޅުން ބަހައްޓާވަރުގެ ބައެއް ނޫނެވެ. އެ ފަދަ މީހުން ގާތްކޮށްގެން ގެންގުޅުމުން ހަލާކުވެގެންދާނީ ތިބާއެވެ. މި ބަލައިލަނީ ގުޅުން ބަހައްޓަންނުވާ ހަތް ބާވަތެއްގެ މީހުންނަށެވެ.

  1. ބަރޯ މީހުން:

މި ބާވަތުގެ މީހުންނަކީ ތިބާގެ ހަކަތަ ދަމައިގަނެ، ތިބާގެ ވަގުތު ބޭކާރުކުރާ ބައެކެވެ. އެ މީހުން ބޭނުން ވާނީ އެ މީހުންގެ ހުރިހާ ކަމެއް ވެސް ތިބާކޮށްދޭށެވެ. ތިބާގެ ހާލަތާމެދު ނުވިސްނާ ތާނގައި އެ ބައިމީހުން އަބަދުވެސް ވިސްނާނީ އެ މީހުންގެ ހަޔާތް އާރާސްތުކުރަން ތިބާގެ ފަރާތުން ނެގޭނީ ކޮން ނާޖާއިޒު ފައިދާއެއްތޯއެވެ. އެ މީހުން ގަބޫލުކުރާނީ އެ މީހުންގެ މައްސަލަތައް ހައްލުކޮށްދޭންޖެހޭނީ ތިބާކަމަށެވެ. ބަރޯ މީހުންނޭ ކިޔަނީ މިހެންވެއެވެ. ސަބަބަކީ ބަރޯއަށް މުދާ އަރުވައި ބަރާކޮށްފައި އެ ގެންދާ ތާކަށް ދަމާފައި ގެންދަންޖެހޭނީ ވެސް ތިބާގެ ހަކަތަ ހޭދަކޮށްގެންނެވެ. މިހެންވެ، ބަރޯ މީހުންނަކީ ތިބާގެ ހަކަތަ އާއި ވަގުތާއި ވަސީލަތްތައް ދަމައިގަންނަ ބައެކެވެ.

  1. މަދިރި މީހުން:

މި ފަދަ މީހުން ކުރާނެ ކަމަކީ ތިބާގެ ހަޔާތުގައި ހުރި ހުރިހާ ރަނގަޅު އެއްޗެއް ދަމައިގަނެ، އެ ހުސްކުރި ތަނަށް ވިހަ ލުމެވެ. އެހެން މީހުންގެ ފައިދާ ނަގާއިރު އެއިން މީހަކަށް ހެޔޮ ކަމެއް ނުކޮށްދޭނެއެވެ. މަދިރިއަކީ ތިބާގެ ލޭ ބޯން ބޭނުންވުމުން ތިބާގެ ކައިރިއަށް އައިސް އުޅޭ އެއްޗެކެވެ. އާހިރުގައި ދުރަށް ދާނީ މެލޭރިއާ ފަދަ ނުރައްކާތެރި ބަލިތައް ވެސް ޖައްސައިފައެވެ. މަދިރި މީހުން ތިބާގެ ގާތުގައި ހުންނައިރު ތިބާއަށް ތައުރީފުކޮށް ސަނާކިޔާނެއެވެ. ނަމަވެސް ތިބާ ނުފެންނަ ހިސާބަށް ދެވޭއިރަށް ތިބާގެ ނުބައިކަމުގެ ވާހަކަ ދައްކަން ފަށާނެއެވެ.

  1. "ސްކެފޯލްޑިން" މީހުން:

އިނގިރޭސި މި ބަހުން ދޭހަވާ ފަދައިން މިއީ އިމާރާތެއް ކުރަމުން އަންނައިރު ޝީޓުތައް ނުވެއްޓޭނެ ގޮތަށް ވިއްދާ ދަނގަޑުތަކެވެ. މި ބާވަތުގެ މީހުންނަކީ ތިބާގެ ޝަރަފުން ޝަރަފު ލިބިގަންނަ މީހުންނެވެ. ކޮންމެވެސް ޒަމާނެއްގައި ތިބާއަށް އެހީއެއް ދީފައިވާތީ އެ މީހުން ބޭނުން ވާނީ ތިބާގެ މުޅި ހަޔާތުން ފައިދާ ނަގާށެވެ. ތިބާގެ ހަޔާތް ކޮންޓްރޯލްކޮށް، ތިބާގެ ދިރިއުޅުން ކުރިއަށް ދާ މަގު އެ މީހުންގެ ބާރުގެ ދަށަށް ގެންދަން ބޭނުންވާނެއެވެ. ތިބާ އަމިއްލަ މިނިވަންކަމާއެކު ބާއްޖަވެރި ދިރިއުޅުމެއް އުޅެން އެ މީހުން ނޭދޭނެއެވެ. އެ މީހުން ބޭނުންވާނީ ތިބާ އެ މީހުންގެ ދަށުކޮށްލައިފައި އަބަދުވެސް ބެހެއްޓުމަށެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ސްކެފޯލްޑިންއަކީ ކުރު މުއްދަތަކަށް ބޭނުންކުރާ އެއްޗެއްކަމެވެ. އިމާރާތް ހަދައި ނިމުމުން އެ ނަގައި ފަދައިން އެ މީހުންގެ ބޭނުން ނެތެން ފަށާ ހިސާބުން އެންމެ ރަނގަޅު ވާނީ ތިބާގެ ހަޔާތުން ވީ އެންމެ އަވަހަކަށް އެ މީހުން ދުރަށްލުމެވެ.

  1. ކިނބޫ މީހުން:

މިއީ ނެތް ސިފަތަކެއް ހުރިކަމަށް ހެދިގެން އުޅޭ މީހުންނެވެ. ތިބާއާ ގާތްވާން ބޭނުންވަނީ ރަނގަޅު ސަބަބުތަކަކަށްޓަކައެއް ނޫނެވެ. ތިބާގެ ޒާތީ ސިއްރުތައް ހޯދައި، އެ މީހުންނާ ދެމެދު އޮންނަ ގުޅުމުގައި ކިރިޔާ ވެސް ކުންޏެއް ޖެހިއްޖެ ނަމަ އެ މައުލޫމާތުތައް ފަޅާއަރުވާލާނެއެވެ. ކިނބޫ މީހުންނަކީ ދޮގުވެރިންނެވެ. ކެހިވެރިންނެވެ. ތިބާއާމެދު ޔޯލަ ވާހަކަދައްކާ މީހުންނެވެ. ތިބާގެ ބުރަކައްޓަށް ކަށި ޖަހާނެ މީހުންނެވެ. ތިބާއާމެދު ތާކުންތާކު ނުޖެހޭ ވާހަކަތައް ފަތުރާނެ މީހުންނެވެ. ކިނބޫ މީހުން ހަދާ ގޮތަކީ ތިބާއަށް ހަމްދަރުދީވާކަމަށް ހެދިފައި އެ މީހުން ފަހުން ތިބާއަށް ދޭން ގަސްދުކުރާ ލަނޑަށް ތިބާ ތައްޔާރުކުރާނީއެވެ.

  1. "ކެމިލިއަން" މީހުން:

މިއީ ނަމުން ދޭހަވާ ފަދައިން އެ ވަގުތަކު އެ މާހައުލަކަށް ކުލަ ބަދަލުކޮށްލާ ކެމިލިއަން ބޮނޑެއް ފަދަ މީހުންނެވެ. މި މީހުން ހިތުގައި ހަސަދަ ނޫން އެއްޗެއް ނޯންނާނެއެވެ. ތިބާއާ ވާދަކުރާނީ ހެޔޮހިތަކުން ނޫނެވެ. ނަމަވެސް ތިބާ އިނދަޖައްސައިލައި ވައްޓައިލުމަށެވެ. ތިބާގެ ދިރިއުޅުން ކުރިއަށްދާ މަގުން ތިބާއާއެކުގައި ކުރިއަށްދާކަމަށް ހެދިގެން އުޅުނުކަމަށްވިޔަސް އެ މީހުންގެ ނިޔަތް ރަނގަޅެއްނުވާނެއެވެ. ތިބާގެ ކާމިޔާބީތަކާމެދު އެ މީހުން ހަސަދަވެރިވާނެއެވެ. އަދި އެ ހަސަދަވެރިކަން ހިތުގައިލައިގެން ތިބާއާ ވާދަކުރާނެއެވެ. ކެމިލިއަން މީހުންނަކީ ތިބާއަށް ތަރުހީބެއް ދޭނެ ބައެއް ނޫނެވެ. ތިބާގެ ކުރިއެރުންތައް ފާހަގަކުރާނެ ބައެއް ނޫނެވެ. އެ މީހުންނަށް މުހިންމު ވާނީ ތިބާގެ ވެއްޓުމާއި ތިބާއަށް ހެދޭ ގޯސްތަކެވެ. ހަނދާން ބަހައްޓަން ޖެހޭ ކަމަކީ ހަސަދަވެރިވާ މީހަކީ ތިބާގެ ހުވަފެންތައް ބިލާހަކަށް ހަދައިލަން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ބައެއްކަމެވެ.

  1. "ނޫން" ބަސް ބުނާ މީހުން:

މި ގްރޫޕްގެ މީހުންނަކީ ތިބާގެ ހުވަފެންތައް ސުންނާފަތިކޮށްލާނެ މީހުންނެވެ. ތިބާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެ މީހުން ތަރުހީބެއް ނުދޭނެއެވެ. ތިބާގެ ހުވަފެންތައް ކާމިޔާބުނުވާނެކަމަށް ބުނެ އެ ކަމަށް ހާހުންހާހުން ސަބަބުތައް ދައްކާނެއެވެ. ތިބާގެ ކުރިއެރުމަށް ތިބާކުރާ މަސައްކަތްތައް ބަލާކަށް އެ މީހުން ބޭނުމެއް ނުވާނެއެވެ. އެ މީހުންނަށް އަބަދުވެސް ފެންނާނީ އަދި ފާހަގަކުރާނީ ތިބާގެ ފޭލިވުންތަކެވެ. އެ މީހުންނަށް ފެންނާނީ ތިބާއަކީ ދެބައިކުޅައެއްބައި "މަދު" ތަށްޓެއްގެ ގޮތުގައެވެ؛ ދެބައިކުޅައެއްބައި "ފުރިފައިވާ" ތަށްޓެއްގެ ގޮތުގައެއް ނޫނެވެ. ތިބާ ތިބާގެ މައްސަލަތައް ހައްލުކުރަމުން އަންނައިރު އެ މީހުން ތިބާއަށް އިތުރު މައްސަލަތައް ކުރިމަތިކުރަން އެ މީހުން އަވަދިނެތިއުޅޭނެއެވެ. އެ މީހުންނަކީ ލޯބި މަރައިލައި މީހުންނެވެ. އުއްމީދު ހުސްކޮށްލައި މީހުންނެވެ. މި ފަދަ މީހުންނަކީ ހަގީގަތުގައި އެ މީހުންގެ އަމިއްލަ ހުވަފެންތަކެއް ނެތް މީހުންނެވެ. މިހެންވެ ތިބާގެ ހުވަފެންތަކަށް އިހުތިރާމެއް ނުކުރާނެއެވެ. އަދި އެ ހުވަފެންތައް ހަގީގަތަށް ހެދުމަށް ތިބާއަށް އެހީ ނުވަތަ ތަރުހީބެއް ނުދޭނެއެވެ.

  1. ކުނިބުނި މީހުން:

މިއީ އެންމެ ނުރައްކާތެރި މީހުންނެވެ. ތިބާއަށް ފޯރުކޮށްދެވޭނެ އެއްވެސް ރަނގަޅު އެއްޗެއް އެ މީހުންގައި ނުހުންނާއެވެ. އެ މީހުންގެ ނަފުސުގައި ހުންނާނީ ހުސް ކުންޏެވެ. ދޭނީ މުޅިން ވެސް ނުބައި ޚަބަރެވެ. ތިބާއާ ދިމާވާ ކޮންމެ ފަހަރަކު ނުބައި ޚަބަރެއް ނޫނީ ނުދޭނެއެވެ. ހަގީގަތުގައި ތިބާއާ ބައްދަލުކުރާނީ ވެސް ހަމައެކަނި ކޮންމެވެސް ނުބައި ޚަބަރެއް ދޭށެވެ. އެހެން ދެވަނަ ކަމަކު ނޫނެވެ. މުޅިން ވެސް ދޭނީ ރޫހު މަރައިލައި ކަހަލަ މައުލޫމާތެވެ. ހިތާމަވެރި ހާދިސާތަކަކީ އެ މީހުންގެ ފުރާނަ ފުރާލާ ހާދިސާތަކެވެ. އެ މީހުންގެ ކަމަކީ ހިތް މަރައިލައި ކަހަލަ މައުލޫމާތު ފެތުރުމެވެ. އެ މީހުންނަށް މި ދުނިޔެއިން ރަނގަޅު އެއްވެސް އެއްޗެއް ނުފެންނަ ކަހަލައެވެ. އެ މީހުންނަށް ފެންނާނީ މުޅިން ވެސް ހިތްވަރު އެލޭ ކަހަލަ މަންޒަރުތަކެވެ. ކުނިބުނި މީހުންނަކީ އެންމެ ފުރަތަމައިން ވެސް ބަދުނަސީބު، ފައިދާއެއް ނެތް އަދި ހިތްހަލާކުކުރާ ކަހަލަ މައުލޫމާތު ފަތުރާ މީހުންނެވެ.

މި ފާހަގަކޮށްލި ހަތް ބާވަތެއްގެ މީހުންނާމެދު ވިސްނާއިރު ތިބާގެ ހަޔާތަށް ގެންނާނެ މީހުންނަކީ ކޮބައިކަން ވަރަށް ފަސޭހައިން ދޭހަވާނެއެވެ. ތިބާގެ ހަޔާތުގެ މިސްރާބު ރަނގަޅު މަގުން ކުރިއަށްދާނީ، ރަނގަޅު މީހުންނަކީ ތިބާގެ އެކުވެރިންކަމަށް ހަދައި، ނުބައި މީހުންނާ ގުޅުން ނުބެހެއްޓުމުންނެވެ.

ނޯޓު: ތަރުޖަމާއެއް