ފަލަކުގައި ހަނދު ހިނގަމުންދާ އާދައިގެ މަތީން، ހަނދު ފުރިހަމަވާ ރެއަކާއި ހަނދު ދުނިޔެއާ އެންމެ ކައިރިވާ ރެއާ ދިމާވުމަކީ، ހިނގަމުން އަންނަ ކަމެކެވެ. ދުނިޔެއާއި ހަދާ ދޭތި ހުންނަ ދުރުމިނުގެ ގޮތުން މައިގަނޑު ތިން ސައިޒެއްގައި ހަނދު ފެންނާން ހުންނަކަން ފާހަގަ ކުރެވޭނެއެވެ.
އެގޮތުން އެންމެ ސައިޒުން ކުޑަކޮށް ހަނދު ފެންނަ ހުންނަ ފަހަރާއި މެދު ސައިޒެއްގައި ހަނދު ފެންނަ ހުންނަ ފަހަރުފަހަރާއި އެންމެ ބިޔަކޮށް ހަނދު ފެންނަ ހުންނަ ފަހަރުފަހަރު ދިމާވަނީއެވެ.
އެގޮތުން ހުސްވި ސެޕްޓެމްބަރު މަހާއި މި އޮކްޓޯބަރު މަހުގެ "ފުލްމޫން" ދުވަސްވަރަކީ ހަނދު ދުނިޔެއާ ކައިރީގައި ހުންނަ ފަހަރެއް ކަމަށްވާތީ، ހުސްވި މަހާއި މި މަހު ފުލްމޫންގެ ދުވަސްވަރުގައި ފެންނާނީ އެންމެ ފުރިހަމަ މާހަނދެކެވެ.
މި އޮކްޓޯބަރު މަހާ ދިމާވާ ހަނދުމައްސަރު ކަމުގައިވާ ރަބީޢުލް އާޚިރު މަހުގެ 13، 14، 15، މި ތިން ވިލޭރޭވެސް ފެންނާނީ މާހަނދެވެ. މި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ރެޔަކީ ރަބީޢުލް އާޚިރު މަހުގެ 13 ވިލޭރެއެވެ. އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ރެޔަކީ ރަބީޢުލް އާޚިރުމަހުގެ 14 ވިލޭރެއެވެ. އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ ރެޔަކީ ރަބީޢުލް އާޚިރު މަހުގެ 15 ވިލޭރެ އެވެ. މި ތިން ރޭވެސް ފެންނާނީ މާހަނދެވެ.
މާހަނދެއް ކަމަށް ބަލަނީ، ކައުނީ ތަކެތި ހުންނަ ދުރުމިނާއި ފެންނަ ނިސްބަތުގެ މައްޗަށް އެ އެއްޗެއް ފެންނަ ސައިޒަށް ނަޒަރުކުރާ ހަމައިން، ބުނެވިދިޔަ ފަދަ ރޭރޭގައި ދުނިޔެއަށް ހަނދު ފެންނާން ހުންނާނެ ސައިޒު އެންމެ ބޮޑުކޮށް ފެންނާނެ ރޭރޭގައި ސައިޒުން އެންމެ ބޮޑުކޮށް ފެންނަ ހަނދެވެ.
އެގޮތުން މި ރަބީޢުލް އާޚިރު މަހު ހަނދުގެ އަލިކަން ފުރިހަމަވެ ފެންނަ ރޭ ކަމުގައިވާ ރަބީޢުލް އާޚިރުމަހުގެ 15 ވިލޭރޭ މާހަނދެއްގެ ގޮތުގައި ދުނިޔެއަށް ހަނދު ފެންނަ ސަބަބަކީ، މި އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު މާލޭ ގަޑިން ހަވީރު 04:24 ގައި މޭސަ ރާހީގެ އައްސިދަ ނަކަތުގެ ހަތްދަރަޖަ ސައްބީސް ދަގީގަށް ހަނދު ވަދެ ހުންނަ ވަގުތު، ދުނިޔެއާ 222,054 މޭލު ކައިރީގައި ހަނދު ހުންނާތީއެވެ. އެވަގުތު ދުނިޔެއަށް ހަނދު ފެންނަ ސައިޒަކީވެސް ހަނދު ފެންނަ ސައިޒު ވަޒަންކުރާ މިންގަނޑުން ބަލާއިރު 16.7 ސެމިޑައިމީޓަރު ކަމުގައި ވެއެވެ.
އެރޭ ހަނދުގެ އަލިކަން ފުރިހަމަވާ ވަގުތާއި އެދުވަހުގެ އިރު އޮއްސޭ ވަގުތާ ދެމެދުގައި ހުރި ތަފާތަކީ އެއްގަޑިއިރާއި އަށާވީސް މިނެޓްގެ ކުޑަކުޑަ ހިނދުކޮޅެއް ކަމަށްވުމުން އެދުވަހު ހަވީރު 05:49 ގައި މާލެއަށް ހަނދު އުދަވާއިރު ހަނދު ފެންނާނީ އެންމެ ބިޔަކޮށް ފެންނަ ސައިޒުގެ ހަނދެކެވެ. މާހަނދެކެވެ.
އާންމުކޮށް ފެންނަ ހަނދުގެ ސައިޒަށް ވުރެން 14 އިންސައްތަ ހަނދުގެ ސައިޒު ބޮޑުކޮށް ފެނުމާއި، ހަނދުގެ އަލިކަން އާންމުކޮށް ރޭރެޔަށް ވުރެން 30 އިންސައްތަ އަލިވެސް ގަދަވާނެއެވެ.
މޫސުން ރީތިނަމަ ރާއްޖެޔަށް މާހަނދުގެ ރޭރޭގައި ދޭނީ ވަރަށް ހިތްގައިމު ހަނދުވަރެކެވެ.
މޫސުމަށް ނަޒަރު ކުރާއިރު، މިރޭ، އާދެ، އޮކްޓޯބަރު 17 ވަނަ ދުވަހުގެ ރެޔަކީ ހުޅަނގު މޫސުމުގެ އެންމެ ވިއްސާރަ ގަދަ ނަކަތް ކަމުގައިވާ ހެއި ނަކަތް ލައިގަންނަ ރޭކަމުގައި ވީނަމަވެސް މިރޭ މާހަނދު ފެނުމުގެ ފުރުސަތު މުޅި ރާއްޖެއަށްވެސް ލިބޭނޭހެން މިރޭގެ މޫސުން ވަރަށް ރީތިވާނެ ކަމަށް ނޫނީ ނުފެނެއެވެ.
