Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ރާއްޖެ އިސްލާންވީ ދުވަހު ކުރާންވީ ކޮންކަމެއް؟

ޝައްކެއް ނެތެވެ! މިއަދަކީ، ރާއްޖެ އިސްލާންވީ ދުވަސްކަމަށް ފާހަގަކުރާ ދުވަހެވެ. އެހެންކަމުން މިއަދަކީ، ހުއްޓިލައިފައި މިހާރު މިތިބެވޭ ތަނާއި ހާލަތުގެ މައްޗަށް ވިސްނައިލާން ވަރަށް މުހިންމު މުނާސަބު ދުވަހެކެވެ. ދަތުރުގެ ކުރިޔަށް އޮތް ތަނާއި މޫސުމާއި ކޮޅިކޮޅިގަނޑާއި ކުރިމަތިވާނޭ ގިރިފަރުފަރާއި ގާގަލުގެ މައްޗަށް ވެސް ނަޒަރު ހިންގައިލާންވީ ދުވަހެކެވެ.

މިއަދަކީ، ތާރީޚަށް ބުރަވެ ބަލާ ގޮތުން ރާއްޖެ އިސްލާންވީތާ 898 އަހަރު ފުރޭ ދުވަހެވެ. އެކަމަކު މި ދުވަހާ މެދުވެސް ދިވެހީންގެ މެދުގައި ބޮޑުވެގެންވާ ޚިލާފެއް އުފެދިފައިވެއެވެ. އެފަދައިން އިސްލާން ކުރެއްވި ބޭފުޅަކާ މެދުގައްޔާއި އެ ބޭފުޅެއްގެ ނަންފުޅާ މެދުގައެވެ. އަދި އެބޭފުޅެއްގެ ގައުމާމެދުގައިވެސް މެއެވެ.

މިއީ، ކަން ހުރިގޮތެވެ. މީގެ 70 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ގައުމީ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރީވެސް ރާއްޖެ އިސްލާންވީ ދުވަހެވެ. އަދި އޭރު ރާއްޖޭގައި އެންމެ ކުލަގަދަކޮށް ރަސްމީގޮތުން ފާހަގަ ކުރި ދުވަހަކީވެސް ރާއްޖެ އިސްލަންވީ ދުވަހެވެ.

އެކަމަކު، ތާރީޚުގެ މަޞްދަރުތަކުގެ ދޭހައިގައި ރަންނަމާރީގެ ވާހަކައިންވެސް ދޭހަވާ ފަދައިން އެއީ، ހަނދުމަހެއްގެ ދެވަނަ ދުވަސް ފަދަ ކަޅުފޮއި މޫސުމެއްގައި ހިނގައިފައިވާ ހާދިސާއެއް ނޫންކަމާއި އެކަން ހިނގާފަައިވަނީ ހަނދުވަރު މޫސުމެއްގައިކަން ސަލާމަތްބުއްދީގެ ނަޒަރުން ދޭހަކުރައްވައި، އެއްގަމުގޭ ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރު ރާއްޖެ އިސްލާންވީ ދުވަހެއްގެ ގޮތުގައި ރަބީޢުލް އާޚިރު މަހުގެ ދެ ވަނަ އަށް އަންނަ ހުކުރު ދުވަސް ޚާއްޞަ ކުރައްވައި ފާހަގަ ކުރައްވަމުން އައިކަން އެނގޭން އޮވެއެވެ.

އެގޮތުގައި އެކަން ހިނގަމުންހިނގަމުން އައިސްފައި، އެކަން މެދުކެނޑިފައި އޮއްވާ، ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުގައި (މީގެ 25 ވަރަކަށް އަހަރު ކުރިން) ރާއްޖެ އިސްލާންވީ ދުވަހެއްގެ ގޮތުގައި ރަބީޢުލް އާޚިރު މަހުގެ ދެ ވަނަ ދުވަސް ޚާއްޞަ ކުރައްވައި ފާހަގަ ކުރައްވަން ފެއްޓެވިކަން ތާރީޚުގެ އަހުލުވެރީންނަށް ވަންހަނާއެއް ނުވާނެއެވެ.

ގައުމީ މިފަދަ މުހިންމު ކަމެއްގައިވެސް އަހަރެމެންގެ މެދުގައި ކަން ހުރިގޮތަކީ އެއީއެވެ. އެހެންކަމުން، މި މަތިވެރި ދުވަހުގައި ވިސްނައިލާންވީ ވަރަށް މުހިއްމު ނުކުތާތަކެއް އެބަހުރި ކަމަށް ދެކެމެވެ. ހަމައެކަނި ވިސްނާންވާނީ ގައުމުގެ މިއަދާމެދަކު އެކަންޏެއް ނޫނެވެ. ގައުމުގެ މާދަމާއަށްޓަކައިވެސް ވިސްނާން ޖެހެއެވެ.

އާދޭހެވެ! ގައުމުގެ ކުރިމަގު މާދަމާ އެގޮތެއްގެ މަތީގައި އޮންނާނީ މިއަދު އަހަރެމެން ގައުމު ބައްޓަންކުރި ގޮތެއްގެ މަތީގައި ކަމުގައި ވާނެތީވެ. ގައުމުގެ ޅަދަރީން، މާދަމާގެ ބޮޑެތިމީހުން ހިނގާނީ މިއަދު އަހަރެމެން ދައްކައިދީ ކޮށައިދިން މަގަކުން ކަމުގައި ވާތީއެވެ.

މިއަދު ގައުމު އޮތީ ޒަމާނީ އައު ބަދަލެއްގެ އޮއިވަރެއްގެ ތެރޭގައެވެ. ހުޅަނގުގެ ޑިމޮކްރަސީގެ ކޮޅިގަނޑެއްގެ ތެރޭގައެވެ. އިސްލާމްދީނުގައި ހުރި ރީތި އަޚުލާޤީ ސިފަތަކާއި ބަސްމަގާއި ވެރީންނަށް ކިޔަމަންވާން އޮންނަ އޮތުމާއި މިހުރިހައި ކަމަކަށް ވުރެން، ޑިމޮކްރަސީ އަހަރެމެނަށް އިސް ކުރެވިއްޖެއެވެ. ވެރީންނަށް ކިޔަމަން ގަތުމަކީ އަމުދުން ނެތްކަމެއް ކަމުގައި ވެއްޖެއެވެ. ސިޔާސީ މަޞްލަޙަތުތަކުގެ ކުރިމަތީގައި އެއްބަނޑު އެއްބަފައިކަމާއި ދީނީ އުޚުއްވަތްތެރިކަމާއި ކައިވެނީގެ އާއިލީވަންތަކަން ފަދަ ގުޅުންތަކަކީވެސް ނެތް އެއްޗެއް ކަމުގައި ވެއްޖެއެވެ.

މި ޑިމޮކްރަސީއެއް އައުމުގެ ކުރިން ރާއްޖޭގެ ވެރީންނަަކީވެސް ކޮލީ ނަންފުޅު ތަކަކުން އިޙްތިރާމު އެރުވޭ ބޭފުޅުންނެވެ. އެހެނަސް، މިއަދު ވެރީންނަށް ދެމުންދަނީ ހުތުރުވީހައި ނަންތަކެކެވެ. ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ފަހަށް، ރާއްޖޭގައި ރައީސްކަން ކުރެއްވި ހުރިހައި ރައީސުންނަށްވެސް ހަރުކޮށްފައިވަނީ ވަރަށް ހުުތުރު ނަންތަކެކެވެ. މިހުންނަނީ އަހުރެން ހިތުން އެންމެންވެސް ގައުމަށްޓަކައި ވިސްނައިލައި އިޞްލާޙް ކުރާންވީ ކަންކަމެވެ. ޚުލުޤުވެރި ގައުމިއްޔަތެއް ބިނާ ކުރުމަށްޓަކައެވެ.

އަނެއް ކަމަކީ، ރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ފަސްދޮޅަސް އިންސައްތައަކީ އަންހެން ކުދީން ކަމުގައި ވަމުންދާކަމެވެ. އެއީ، ގައުމުގެ ކުރިމަގާމެދު ދިރާސާ ކުރެވި އޭގެ ޙައްލު ގައުމަށް ހޯދައިދިނުމުގެ ޒިންމާ، މިއަދު ތިބީންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމުގައި ވާތީއެވެ.

އަނެއް ނުކުތާއަކީ، މިއަދަކީ ރާއްޖެ އިސްލާންވީ ދުވަސް ފާހަގަކުރާ ދުވަހެވެ! މިއަދާ ޖެހިގެން ފާއިތުވެގެންދިޔަ އިއްޔެއަކީ، ސަލާމަތް ބުއްދީގެ ނަޒަރުން ދިވެހި ގައުމަށް ކުރިމަތިވި އެންމެ ބޮޑެތި ހިތާމަވެރި ދުވަސްތަކުގެ ތެރެއިން ހިމެނޭ އެއް ދުވަހެކެވެ. ކީއްވެގެންތޯއެވެ؟ އިނގިރޭސި ދައުލަތުން މޮރިޝަސްއަށް ފޯޅަވަހި ދޫކޮށްލިކަމަށް އިނގިރޭސި ދައުލަތުން އިޢުލާނުކުރި ދުވަސް ކަމުގައި ވާތީއެވެ.

އެކަމާ ގުޅިގެން އަހަރެމެންގެ މެދުގައި ގައުމިއްޔަ ޣީރަތްތެރިކަން ހުރި މިންވަރު ވަރަށް ރަނގަޅަށް ތަޞައްވަރު ކުރެވުނެވެ. ސަބަބަކީ، ހިނގައިގެން މިއުޅެނީ ގައުމީ ގޮތުން ކިހާވަރެއްގެ ބޮޑު ކަމެއްކަން އިޙްސާސްވި އެކަކުވެސް ނުފެނުނީތީއެވެ. އެކަން ބޮޑުވެ ދެރަވި އެކަކުވެސް ނެތަތީއެވެ!

ރާއްޖޭގައިވެސް މިހާރަކަށް އައިސް އެންމެ ގިނަ މީހުން އެއްތަނަކުން އެންމެ ގިނައިން ބައްދަލުވާ ފިނިއަށިތަކަކީ، ސޯޝަލް މީޑިއާގެ އެކިއެކި ބާވަތް ބާވަތުގެ އޮޅިތައްކަމުން އެފަދަ އޮޅިތަކުގައި، ކަންހުރި ގޮތް ފެނުމުގެ ފުރުޞަތު ލިބުނީތީ އެކަން ތަޞައްވުރު ވީއެވެ.

ތަފާތު ޢިލްމީ ބޭބޭފުޅުންނާއި ދައުލަތުގެ އެކިއެކި މަތީ މަޤާމުތައް ފުރުއްވާފައި ތިއްބެވި ދޮށީ ޢުމުރުގެ ބޭބޭފުޅުންގެ ކިބައިންވެސް ގައުމީ ޣީރަތުގެ ކަންފުޅެއްވެސް ފާޅުނުވީތީއެވެ. އަދި މިހާރުވެސް ގައުމުގެ މަތީ މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ ކިބައިގައިވެސް އެކަން ހުރީ އެފަދައިންކަން ހާމަވީތީއެވެ. އެކަމުން އެނގުނީ ގައުމިއްޔަ ޣީރަތުން ކަނފުޅެއްވެސް އަދި އޭގެ އަސަރެއް، ވިންދެއްވެސް މިއަދު އަހަރެމެންގެ ހިތްތަކުގައި ނެތްކަމެވެ.

އެކަމަކު ބޭފުޅަކު އަވަހާރަވީ ޚަބަރެއް އެއިން އޮޅިޔަކަށް ޙިއްޞާ ވެއްޖެނަމަ ކަރުނައިގެ ތަޢުޒިޔާ އިން އެފަދަ އޮޅިއޮޅި ކެކިގަނެއެވެ. ނޭނގެނީ އެ ތައުޒިޔާގެ ނިޔަތެވެ. އެފަދައިން އެކަންކަން ފެނުމުން ވަރަށް އަސަރު ކުރެއެވެ. ވަރަށް ދެރަވާން ޖެހެއެވެ.

ހިތާމައަކީ ގައުމަކީ، ދީނަކީ، ކިހައި މުހިއްމު އެއްޗެއްކަން އެނގުމުގެ ދޭހަ އަހަރެމެންގެ މެދުގައި ނެތްކަމެވެ. ތަޢުޒިޔާއަކީ ގައުމާއި ދީނުގެ މަޞްލަޙަތުގެ ކުރިމަތީގައި ކޮން އަގެއްހުރި އެއްޗެެއްތޯއެވެ. ގައުމާއި ދީނަކީ، ލޯބިވާ އަނބީންނާއި ދަރީންނާއި މައިންބަފައިންނާއި މުދާވެސް ދޫކޮށްފައި ގޮސް، އެ ދޭތިންކުރެ ކޮންމެ އެއްޗަކަށްޓަކައިވެސް ފުރާނަވެސް ދޫކޮށްލާން ޖެހޭ ދޭތިކަމުގައި ވާކަން ދޭހަވުން ނެތީތީއެވެ.

އަނެއް ނުކުތާއަކީ، ފޯޅަވަހި ހިމެނިފައިވާ އަތޮޅުތަކުގެ ދެކުނުން އައްޑު އަތޮޅާ ދެމެދުގައި އޮތް ކަނޑަކީ އަންޒަމާނުއްސުރެ ހަމައެކަނި ދިވެހީން މަސްވެރިކަން ކުރާ ކަނޑެއް ކަމުގައިވާއިރު، އެ ކަނޑުގެ ފަޅިވަރެއް ފިޔަވައި އަހަރުމެންގެ އަތްދަށުން ވީއްލި، މޮރިޝަސް އަށްވީ ބައިކަމަށް އެމީހުން ދެކޭފަޅި، ދާއަޅާ ފަރާތްތަކަށް ވިއްކައިލުމުން ރާއްޖޭގެ މަސްވެރިކަމަށް ފޯރާނޭ ހީނަރުކަމުގެ ދެރަކަން ނުވިސްނޭކަމެވެ. އެފަދައިން، ރާއްޖޭގެ އިޤްތިޞާދު މިއަދު ބަރޯސާވެފައިވާ ޓޫރިޒަމަށް މީގެ 100 އަހަރު ފަހުން ފޯރާނެ ހީނަރުކަން ނުވިސްނޭކަމެވެ.

މިއީ، ގައުމުގެ ތަޢުލީމީ ދޮށީ ސޮސައިޓީ ތަކުގެ ޙާލަތުކަމަށް ވާއިރު އޭގެ ހަގު ގިންތީގެ ވާހަކަ ކޮންމެހެން މި ލިޔުމުގައި ބަޔާންކުރަން ޖެހޭނޭ ކަމަކަށް ނުދެކެވެ.

ތިޔަ ފޯޅަވައްސާއި އެތަނުގައި ހިމެނޭ އަތޮޅުތަކަކީ، ދިވެހީންގެ ފަޅުރަށްރަށެވެ. އެތަންތަނުގެ ފައިދާ ހޯދައި ލިބިގަންނަނީ ދިވެހީންނެވެ. އިނގިރޭސީންނާއި ފަރަންސޭސީން މި ސަރަހަށްދަށް އައީ އިހަކަށް ދުވަހުއެވެ. ފަރަންސޭސީން އަޅުމަސައްކަތަށްޓަކައި އެތަނަށް ދުނިޔޭގެ އެތަންމިތަނުން މީހުން ގެނެސް އެތަނަށް އެޅި އެޅުމަކީ، އެ އަޅުންތަކުގެ އުފަން ގައުމަކަށް ފޯޅަވަހި ވާނެ ސަބަބެއް ނޫނެވެ. އެހެންނަމަ ގައުމު ގައުމަށް ކަންކަމު ގޮސްތިބޭ މީހުންނަށް އެތަންތާގައި ލިބޭ ދަރީންގެ ގައުމަށް އެގައުމުތައް ވާންޖެހޭނެތާއެވެ.

އަދި ދިވެހީންގެ މާލިމީންގެ ފެންވަރާއި ދިވެހީން ދަތުރުކުރާ އުޅަނދުފަހަރުގެ އޭރުގެ ފެންވަރާއި ފޯޅަވައްސަކީ ދެކުނު ޢަރުޟުން ހަތް ދަރަޖައިގައި އޮންނަ ތަނެއްކަމަށް ވުމުން، ދުނިޔޭގައި ޠޫފާންތައް އުފެދޭ ދަރަޖަޔާ ފޯލަަވައްސާ ހުރި ކައިރިކަމުގެ ގޮތުން، އެ ސަރަޙައްދުގައި އުފެދޭ ޠޫފާނެއް ނިއުޅައިލާ ވަގުތަކު ފޯޅަވަހީގެ ވެލިފަށުފައި ހުރިނަމަވެސް ދިވެހީންގެ އުޅަނދުތަކަށް އެހިނދަށް ޖެހޭނީ ދީލައިލާފައި އެނބުރި ދާންކަމާއި ހުޅަނގު މޫސުމެއްނަމަ އިންޑޮނޭޝިޔާ ނުވަތަ ލަންކާއަށް ނުވަތަ އިންޑިއާއަށް ކަމާއި، އިރުވައި މޫސުމެއްނަމަ ދާންޖެހޭނީ އެފްރިކާއަށް ނުވަތަ ޢަރަބި ކަރައަށްކަން އެޗްސީޕީ ބެލްއަށް ނޭނގުމަކީ، އަދި އޭނާ ބޭނުންވާ ގޮތަކަށް އޭނާ ލިޔެ ހާމަކުރި ލިޔުންތަކަކީ، ދިވެހިރާއްޖޭގެ މިލްކިއްޔާތުގެ މައްޗަށް ހުރި ޑޮކިޔުމެންޓްރީ ހެކިތަކެއް ކަމުގައި ބަލަންޖެހޭ ޤާނޫނީ އެއްވެސް ހަމައެއް ނެތްކަން، ބައިނަލް އަޤްވާމީ ކޯޓުތަކާއި އިދާރާ ތަކަށް ހާމަކޮށް ދެއްވޭ ފެންވަރުގެ ޤާނޫނީ ވަކީލުން ރާއްޖޭގައި ތިއްބަވާނޭކަން މިއަދު ޤަބޫލު ކުރާން އެބަ ޖެހެއެވެ.

އަނެއްކޮޅުން، ރާއްޖެއަކީ، ދުނިޔޭގައި އެންމެ ދޮށީ އެއް ދައުލަތް ކަމަށްވެފައި މޮރިޝަސްއަކީ އިއްޔެ އުފަންވީ ތަނެއް ކަމުގައިވާއިރު، މި އިންޑިއަން އޯޝަންގެ ތަންތަނުގެ މިލްކުވެރިކަމާމެދު އެމީހުންނަށް ދަޢުވާ އުފުލޭނެ ޤާނޫނީ ޙައްސިއްޔަތެއް ނެތްކަން ޤަބޫލު ކުރަން ޖެހެއެެވެ.

އެކަމަކު، އެމީހުން ދައުލަތަކަށް ވުމުގެވެސް ކުރިން ފޯޅަވައްސާމެދު ދައުވާ އުފުލިކަމާއި ދައުލަތަކަށް ނުވާ ބައެއްގެ ގައުމީ މިލްކެއް ނޯންނާނެ ކަމަށް ވިޔަސް އެމީހުން ފޯޅަވަހި ހޯދުމަށް ދަޢުވާ އުފުލިއިރު އަހަރެމެން މިހާތަނަށް ހިމޭނުން ތިބިތިބުމުގައި ޒިންމާ އުފުލާންވާ ފަރާތްތަކެއްގެ އިހުމާލުތަކެއް ހުރިކަމަށް ބަލަންޖެހޭނެއެވެ.

އަދި އިނގިރޭސި ދައުލަތް ފަދަ ދުނިޔޭގެ ސުޕަރ ޕަވަރެއްގެ މައްޗަށް ގަދަވެ ފޯޅަވަހީގެ މައްޗަށް މޮރިޝަސް ކުރި ހޯދީ، ހަނގުރާމަކޮށްގެން ނޫންކަމާއި، ރާއްޖޭގެ މިނިވަންކަމަށްޓަކައި އިބްރާހީމް ނާސިރުވެސް ހިއްޕެވި ޑިޕްލޮމެޓިކް ޙިކުމަތުގެ ހަތިޔާރުގައި ހިފައިގެން ކަމަށް ވީއިރު، އަހަރެމެންނަށް އެ ހަތިޔާރުގައި ހިފުން މިއަދު މަނާވެފައިވީތޯ އުފެދޭ ސުވާލަށް ޖަވާބު ހޯދަން ވެއްޖެކަންވެސް މިއަދު ހަނދާނަށް ގެންނަން ޖެހެއެވެ.

"ކަންވާރަކުން ތިކިޖަހާ ހުށީ އޭގެ އެތެރޭގައިވާ އެއްޗަކުންނެވެ!"

އެހެންވީމާ މިއަދު، ގައުމުގެ މާދަމާއަށްޓަކައި ގައުމު އަލުން ބިނާކޮށް ގައުމިޔަތު ކޮޅަށް ޖަހަން ވެއްޖެކަމަށް މިއަދުގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ވިދާޅުވާ ވާހަކަފުޅުތަކަށް އިޖާބަދީ ގައުމަށްޓަކައި ހެޔޮ ނިޔަތެއްގައި އެމީހެއްގެ ކިބައިގައި ހުރި ޢިލްމަކާއި ހުނަރަކާއި ޙިކްމަތަކާއި ބުއްދިއަކުން ގައުމަށް މަދަދުކޮށްދޭން ޢަޒުމު ކަނޑައަޅާންވީ އެންމެ މުނާސަބު އެއް ދުވަސްކަމުގައި ދެކެމެވެ.