Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: 10 އަހަރު ކުރިން އެނގުނު ނަމައޭ ހިތަށް އަރައިފާނެ 25 ކަމެއް

ގްރީސްގެ މަޝްހޫރު ފައިލަސޫފު ސޮކްރެޓީސް ބުންޏެވެ: "އަހަރެންނަށް އެނގެނީ އެންމެ ކަމެކެވެ. އެއީ އަހަރެންނަށް އެއްވެސް ކަމެއް ނޭނގޭކަމެވެ."

އޭނާ މިހެން ބުނީ އޭނާއަކީ ހުޅަނގުގެ އެންމެ ފުންނާބުއުސް ފައިލަސޫފުކަމަށާއި އޭނާއަކީ ހުޅަނގުގެ އެންމެ ވިސްނުންތޫނު މީހާއޭ ވެސް ބުނެފައިވާތީއެވެ. ނަމަވެސް އޭނާ ގަބޫލުކުރީ މިއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

ސޮކްރެޓީސް ބުނި ފަދައިން ވިސްނުން ތޫނު މީހަކަސް އެއްވެސް އެއްޗެއް ނޭނގޭ މީހަކަށް ތިބާ ވެދާނެއެވެ. މިހެންވެ، ހުރިހާ ކަމެއް ވެސް ހުރިހާ އެންމެންގެ ފަރާތުން ދަސްވުމުގެ ފުރުސަތު އެބައޮތެވެ.

ފަހަރުގައި ތިބާއަށް ހެދޭ ގޯސްތަކުން ފިލާވަޅު ލިބިގަތުމުގެ ބަދަލުގައި އެހެން މީހުންނަށް ހެދޭ ގޯސްތަކުން ފިލާވަޅު ލިބުމަކީ ފަސޭހަ ގޮތެއް ކަމަށް ވެދާނެއެވެ. އޭގެ ތެރޭގައި މުދައްރިސުންނާއި އާއިލާގެ މެންބަރުންނާއި އަދި ރަހްމަތްތެރިން ހިމެނިދާނެއެވެ.

އެ ގޮތުން މި ބަލައިލަނީ މީހުންގެ ފަރާތުން ނުވަތަ އިލްމީ ފޮތްތަކުގައި ލިޔެފައިވާ ހަޔާތާ ބެހޭ މުހިންމު 25 ކަމެކެވެ.

މީގެ ތެރެއިން ބައެއް ކަންތައްތައް ފަހުމްވާން ގިނަ ދުވަސް ނަގައިފައިނެއެވެ. އަދި އަނެއް ބައި ކަންތައްތައް ހަމަ ވަގުތުން އެނގިދާނެއެވެ. އެކަމަކު މުހިންމީ އަބަދުވެސް ހަނދާން އާކޮށްލުމެވެ.

މި 25 ކަމަކީ:

  1. ހިތްވަރުކުރުމުގެ މުހިންމުކަން:

"އަހަރެންނަކަށް ދެން މި ކަމެއް ނުވާނެ،" މިހެން ބުނެފައި އެއްވެސް ކަމަކުން އަތްއުރައިނުލައިށެވެ. އޭގެ ބަދަލުގައި "ގެނޭ މި ކޮޅަށް" މިހެން ބުނެލައިފައި އެ ކަމަކާ ކުރިމަތިލައިށެވެ.

  1. ޝަކުވާނުކުރުން:

ޝަކުވާކުރުމަކީ އެންމެ ބޮޑަށް ވަގުތު ބޭކާރު ވާނެ ކަމެވެ. ކޮންމެވެސް ކަހަލަ ހައްލެއް ހޯދޭތޯ ބަލާށެވެ. އެ ކަން ވާން ނެތް ނަމަ، މަޑުމަޑުން ހުންނާށެވެ.

  1. ލޯބިވާ މީހުންނާއެކު ވަގުތު ހޭދަކުރުން:

އެއީ ތިބާގެ އާއިލާ އާއި އެންމެ ގާތް ރަހްމަތްތެރިންނެވެ. ތިބާގެ އާއިލާއެއް ނެތް ނަމަ، އާއިލާއެއް ބިނާކުރާށެވެ. ތިބާގެ ގާތަށް ގިނަ ފަހަރަށް ޒިޔާރަތްކުރާނެ މީހުންނަކީ މެހެމާނުންނެވެ. ތިބާގެ ހަޔާތުގައި ދާއިމީކޮށް ތިބޭނީ އާއިލާގެ މެންބަރުންނެވެ.

  1. ލޯބިނުވާ ނަމަ ގުޅުމެއް ގާއިމުނުކުރުން:

ކަމުދާ މީހަކު ފެންނައިރަށް ހިތަށް އަރައިފާނެއެވެ: "މިއީ ލޯބީގެ ކަންބަލައިލަން ރަނގަޅު މީހަކަށް ވެދާނެއެވެ." ނަމަވެސް މިއީ ރަނގަޅު ހިޔާލެއް ނޫނެވެ. ލޯބިވުމަކީ ޝައްކެއްގެ ތެރޭގައި އޮންނާނެ ކަމެއް ނޫނެވެ. މިހެންވެ، އަމިއްލައަށް މޮޔަނުހެދޭށެވެ. އެއީ ތިބާއަށް ވެސް، އަދި އެ މީހާއަށް ވެސް ރަނގަޅު ގޮތަކަށް ނުވާނެއެވެ.

  1. ކޮންމެ ދުވަހަކު ކަސްރަތުކުރުން:

ހަޔާތުގެ ހުރިހާ ކަމެއް ފެށެނީ ސިއްހީ ގޮތުން ރަނގަޅު ހަށިގަނޑަކުންނެވެ. ރަނގަޅު ސިއްހަތަކާއި ވަރުގަދަ ހަށިގަނޑެއް ނުދެމެހެއްޓޭ ނަމަ، ތިބާއަށް ބިނާ ކުރެވޭނީ އިތުރު ދެން ކޮން ކަމެއް ހެއްޔެވެ؟

  1. ޖޯނަލްއެއް ނުވަތަ ޑައިރީއެއް ގެންގުޅުން:

ތިބާގެ ހިޔާލަށް އަންނަ ކަންތައްތައް ނޯޓުކުރަން ފެށުމުން ތިބާއަކީ ވިސްނުންތެރިކަން ރަނގަޅު، އަދި ރަނގަޅު ލިޔުންތެރިޔަކަށް ވެސް ވެއެވެ. "އަހަރެން ލިޔުންތެރިޔަކަށް ވާކަށް ބޭނުމެއް ނޫނޭ" ތިބާގެ ހިތަށްއަރައިފާނެއެވެ. ނަމަވެސް މިހާރު ވެސް ދުވާލަކު ކިތައް މެސެޖް އެކި މީސްމީހުންނަށް ތިބާ ފޮނުވަމެއް ނޫން ހެއްޔެވެ؟ އީމޭލް ވެސް ފޮނުވަމެއް ނޫން ހެއްޔެވެ؟ މި ކަމުން އެނގެނީ ކޮންމެ މީހަކީ ވެސް ލިޔުންތެރިއެއްކަމެވެ.

  1. ޝުކުރުވެރިވުން:

ހުރިހާ އެންމެނަށް އަދި ހުރިހާ ކަމަކަށް "ޝުކުރިއްޔާ"އޭ ބުނާށެވެ. މިސާލަކަށް، "މި ރީތި ދުވަހަށް ޝުކުރުކުރަމެވެ"، "ތިބާ ފޮނުވި އީމޭލަށް ޝުކުރިއްޔާއެވެ،" ނުވަތަ "އަހަރެންނާ އެކުގައި ވީތީ ޝުކުރިއްޔާ"އެވެ.

  1. މީހުން ވިސްނައިފައިނެ އެއްޗެއްސާމެދު އަޅައިނުލުން:

އާޚިރުގައި އަހަރެމެން އެންމެން ވެސް ވާނީ މަރެވެ. މިހެންވެ، މީހުން ތިބާއާމެދު ގެންގުޅޭ ވިސްނުން އެއީ މުހިންމު ކަމެއްހެން ހީވޭ ހެއްޔެވެ؟

  1. ޖެހިލުންވުމެއް ނެތި ރިސްކު ނަގައި، ނުރައްކާތަކާ ކުރިމަތިލުން:

ފިނޑިއަކަށް ނުވާށެވެ.

  1. ވަޒީފާއެއް ހިޔާރުކުރުމުގެ ބަދަލުގައި ސިނާއަތެއް އިހުތިޔާރުކުރުން:

ކަމެއް ރަނގަޅަށް ދަސްކުރަން ބޭނުން ނަމަ، އެ ކަމެއްގައި އެތައް އަހަރަކު މަސްއޫލުވެގެން އުޅެންޖެހޭނެއެވެ. އެއް ސިނާއަތަކުން އަނެއް ސިނާއަތަކަށް ތާއަބަދު ބަދަލުވަންޏާ އެއްވެސް ކަމެއްގެ ތަޖުރިބާއެއް އެކަށީގެންވާ މިންވަރަކަށް ނުލިބޭނެއެވެ. މިހެންވެ، ތިބާ ލޯބިކުރާ ސިނާއަތެއްގެ މަސައްކަތް ހިޔާރު ކުރާށެވެ. އަދި އެންމެ ފުލުން މަސައްކަތް ފަށައިށެވެ. އެހެނީ، އެންމެ ފަހުން ތިބާ ބޭނުންވާ ފުރިހަމަ ރޯލު ލިބޭނެއެވެ.

  1. ވެރިއަކަށްވުން:

ތިބާ ލީޑަރަކަށް ވާނީ ވެރިއަކަށްވުމަށް ނިންމީމައެވެ. އެއީކީ ލިބޭ ލަގަބެއް ނޫނެވެ. އެއީ ތިބާ ނިންމާ ނިންމުމެކެވެ.

  1. ފައިސާއަކީ އެންމެ މުހިންމު އެއްޗެއް ނޫން:

ފައިސާއަށް މުޅިން ބަރޯސާނުވުމަކީ ތިބާ އެކަމަށް ފާޑަކަށް ތަމްރީންވާންޖެހޭ ކަމެކެވެ. އަބަދުވެސް އެ އެއްޗެއްގެ އަގު ފޯރުކޮށްދޭށެވެ. އަދި ތިބާގެ މިލްކިއްޔާތުގައި ބަގުޑިނުބައްދާށެވެ. ނޫން ނަމަ، ތިބާގެ މައްޗަށް ބާރުހިންގާނީ ތިބާގެ މުދާގަނޑެވެ.

  1. ހިތްހެޔޮކަން ދެއްކުން:

މީގެ މާނައަކީ ބަޔަކު ހެއްދިހާ ގޮތަކަށް ހެދިގެން އުޅުމެއް ނޫނެވެ. މީހުންގެ ފަރާތުން ކުރިމަތިވާ ނޭދެވޭ ކަންތައްތަކާ ދުރުގައި އުޅެވިދާނެއެވެ. އެއީ އެ މީހުންނަށް ހިތްހެޔޮކަމުގެ މޫނެއް ދައްކައިގެން ވެސް މެއެވެ. ހަނދާން ބަހައްޓަންވީ ކަމަކީ އެއްވެސް މީހަކު ދެރަކޮށްލައި، ރާޑިނުކުރުމެވެ. އެހެން މީހުންނަށްވުރެ ތިބާ މޮޅުކަމަށް ގަބޫލުނުކުރުމެވެ. އަދި ސޭކެއްހެން ނޫޅުމެވެ.

  1. ކޮންމެ ދުވަހަކުމެ ކަންތައްތައް ދަސްކުރުން:

ތިބާގެ ސިކުނޑި "އަލަޓް"ގައި ހުޝިޔާރުކަމާއެކު ބަހައްޓަން ތިބާ ތަމްރީންވާންޖެހެއެވެ. ކޮންމެ ދުވަހަކު މި ކަހަލަ ފިލާވަޅު ލިބިގަތުމަށް ކޮންމެ ދުވަހަކު ފޮތެއް ކިޔާކަށްނުޖެހެއެވެ. ތިބާއަށް ހެދޭ ގޯސްތަކުން ފިލާވަޅު ލިބިގަންނާށެވެ. ތިބާގެ ވަށައިގެން އުޅޭ މީހުންގެ ފަރާތުން ކަންތައްތައް ދެނެގަންނާށެވެ. އެ މީހުންނަށް ތިބާއަށް ލިއްބައިދެވޭނެ ފިލާވަޅުތައް ބަލައިގަތުމަށް ތިބާގެ ސިކުނޑި ހުޅުވައިލައިފައި ބަހައްޓައިށެވެ.

  1. ވަރުބަލިވުމުގެ ކުރިން އަރާމުކުރުން:

ތިބާ އުޅޭ ވަޒީފާ ދެކެ ތިބާ ލޯބިވި ނަމަވެސް، ނުވަތަ އެ މަސައްކަތުގައި އުޅޭއިރު ޗުއްޓީއެއްގައި އުޅެވޭ ކަހަލަ އިހުސާސެއް ކުރެވުނަސް، އަރާމުކޮށްލަން ވަގުތުކޮޅެއް ނަގަން ތިބާއަށްޖެހޭނެއެވެ. ތިބާއަކީ އިންސާނެކެވެ. ރޮބޮޓެއް ނޫނެވެ. މި ކަން ދުވަހަކު ވެސް ހަނދާން ނައްތައިނުލާށެވެ.

  1. އެހެން މީހުންނާމެދު ގޮތް ކަނޑަނޭޅުން:

އެހެން މީހުންނާމެދު "ހުކުމް"ނުކުރާށެވެ. ތިބާ އިހުތިޔާރުކުރާ ކަންތައްތައް އެ މީހުން ހިޔާރު ނުކުރިއަސް އޭގެ މާނައަކީ އެ މީހުން ގަމާރީކީ ނޫނެވެ. އެހެން މީހުންގެ ހުރިހާ ކަމެއް ތިބާއަކަށް ނޭނގޭނެއެވެ. އެ މީހުންނަށް ތިބާ "ހުކުމްނުކުރަން"ވީ މިހެންވެއެވެ. އޭގެ ބަދަލުގައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ.

  1. އެހެން މީހުންގެ ކަންތައްތަކާމެދު ވެސް ވިސްނުން:

މިއީ އެހެން މީހުންނާމެދު އަޅައިލުމެވެ. އަހަރެމެން އެންމެންގެ ވެސް އާއިލާ ވެއެވެ. އަހަރެމެން ދައްކަންޖެހޭ ބިލްތައް ވެއެވެ. އަދި އޭގެ އިތުރުން ވެސް ހައްލުކުރަންޖެހޭ މައްސަލަތައް ހުރެއެވެ. މިހެންވެ، ހުރިހާ ކަމެއް އެނބުރެނީ ހަމައެކަނި ތިބާގެ ވަށައިގެންކަމަށް ނުދެކޭށެވެ.

  1. އެއްޗެއް އަނބުރާ ލިބޭނެ ކަމަށް ހީނުކުރުން:

ހިސާބު ނުޖަހާށެވެ. އެހެން ކަންތައްތައްކުރަން ފަށައިފި ނަމަ ލިބޭނީ ހިތިކަމެވެ. ކަމެއް ކޮށްދެންޏާ އެ ކަމެއް ކޮށްދިނުމުން ލިބޭ އުފަލަށްޓަކައި އެ ކަން ކޮށްދޭށެވެ. އޭގެ ބަދަލު ލިބޭނެ ކަމަށް ނުބަލައެވެ. އެއްޗެއް ލިބިއްޖިއްޔާ ރަނގަޅެވެ. އަދި ނުލިބުނު ނަމަވެސް ހެވެވެ.

  1. ފަހު ކުޅިގަނޑެއް ނެތްކަން ގަބޫލުކުރުން:

އިންސާނުންނަކީ ވެސް ދިރޭ މަހުލޫގުންނެވެ. އަހަރެމެންގެ ނަފުސު މަސައްކަތްކުރަނީ ކިހިނެތްތޯ ބަލަން ނޫޅޭށެވެ. ތިބާގެ ހަޔާތުގެ ދަތުރު އުފާވެރިކަމާއެކު ކުރިއަށްގެންދާށެވެ.

  1. ކުދިކުދި ކަންތައްތަކުން އުފާ ލިބިގަތުން:

މި ކަން އެނގޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ހަގީގަތުގައި ކަން ހިނގަނީ އެހެނެއް ނޫނެވެ. އެ މީހުން އަބަދު ވެސް މަސައްކަތްކުރަނީ އުފާ ލިބޭނެ ބޮޑެތި ކަންތައްތައް ހޯދޭތޯއެވެ.

  1. މާ ބޮޑަށް ސީރިއަސްނުވުން:

އާނއެކެވެ. ތިބާއަކީ ވަކި ފަރުދެކެވެ. މިހެންވެ ތިބާއާމެދު އެހެން މީހުން ސީރިއަސް ވާންޖެހޭނެކަމަށް ތިބާއަށް ގަބޫލުކުރެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ އަހަރެމެން އެންމެންނަކީ ވެސް އެކައްޗެއް ހޯދަން އުޅޭ ހިނި ބާގައެކޭ ތަފާތެއް ނެތް މަހުލޫގުންނެވެ. އެހެންވީމާ ހަޔާތާމެދު ގެންގުޅޭ ސީރިއަސްކަން ކޮންމެވެސް ވަރަކަށް ދޫކޮށްލައިށެވެ.

  1. މީހުންގެ ބޮލުގައި އިލްޒާމް ނޭޅުވުން:

މިއީ ބޭނުން އޮތް ކަމެއް ހެއްޔެވެ؟ ތިބާ ބޭނުން ވަނީ އެ މީހުންނަށް އަދަބު ދޭން ހެއްޔެވެ؟ އަދި އަނެއްކޮޅުން، ތިބާ ތިބާގެ އަމިއްލަ ބޮލުގައި ވެސް އިލްޒާމް ނާޅުވާށެވެ. ސަބަބަކީ ތިބާއަކީ ވެސް ހަމަ އިންސާނެކެވެ.

  1. އުފެއްދުންތެރި އެއްޗެއް ދޫކޮށްފައި ދިއުން:

ތިބާގެ "ލެގަސީ" ނުވަތަ ދުނިޔެއަށް ދޫކޮށްފައި ދާ ތަރިކައަކީ މުހިންމު އެއްޗެއް ނޫނެވެ. ސަބަބަކީ އެ ދެކެން ތިބާ ދުނިޔެއަކު ނުހުންނާނެއެވެ. ހަމައެކަނި އަގެއް ހުންނާނީ އެހެން މީހުންނަށް ބޭނުންކުރެވިދާނެ އެއްޗެއް އުފެއްދިއްޔާއެވެ. މިސާލަކަށް، ލަވައެއް ހަދާށެވެ. ނުވަތަ ފޮތެއް ލިޔާށެވެ. ނުވަތަ މޭޒެއް ޖަހައިށެވެ. މި ކަހަލަ ކޮންމެ އެއްޗެއް ވެސް އުފެއްދިދާނެއެވެ. މި ކަމުން ތިބާގެ އަމިއްލަ ނަފުސާމެދު ހިތްހަމަޖެހޭނެއެވެ. އަދި މީގެ އިތުރުން އެ ކޮށްދެވޭ ކަމަކީ މީހުންނަށް ބޭނުންކުރެވިދާނެ ނުވަތަ އޭގެން އުފަލެއް ލިބިދާނެ އެއްޗެއް ދޫކޮށްފައި ދިއުމެވެ.

  1. މާޒީއަށް މާގިނައިރު ނުބެލުން:

މާޒީއަށް ބެލުމުގައި އޮތީ ހަމައެކަނި އެންމެ ރަނގަޅު ކަމެކެވެ؛ އެއީ ކުރެވިފައިވާ ކަންތައްތަކުން ފިލާވަޅު ލިބިގަތުމެވެ.

  1. އަމަލުކުރުން:

މަޑުން ނުހުންނާށެވެ. ކޮންމެސް ކަމެއް ކުރާށެވެ. އަމަލުނުކުރާ ނަމަ ނަތީޖާއެއް ނުނިކުންނާނެއެވެ.

މި 25 ކަމަށް ބަލައިލުމުން އެނގެނީ ހަޔާތާ ގުޅޭ ގޮތުން އަހަރެމެންނަށް ވަރަށް ގިނަ ކަންތައްތައް އެނގުނަސް ހަގީގަތުގައި އަހަރެމެންނަށް އެކައްޗެއް ވެސް ނޭނގޭކަމެވެ. މިހެންވެ، އެންމެ މޮޅުއިތުރުވެގެންވަނީ ހަޔާތުގެ ފިލާވަޅުތައް ދަސްކުރުމުގެ ދަތުރުގައި އަހަރެމެން ކުރިއަށް ދިއުމެވެ.

ނޯޓު: ތަރުޖަމާއެއް