އެގްނެސްއަކީ އެއް އިރެއްގައި އުފާވެރިކަމާއެކު ދިރިއުޅުނު އަނތްބެކެވެ. ނަމަވެސް އޭނާގެ ޒަވާޖީ ހަޔާތް ވިއްސިވިހައިލިވެގެން ދިޔައީ އޭނާގެ ފިރިމީހާ އޭނާއަށް ބޭވަފާތެރިވުމުންނެވެ. ފިރިމީހާ އެ ގޮތަށް ކަންތައްކުރީ ކީއްވެ ހެއްޔެވެ؟ މި ޖަވާބު އެގްނެސްއަށް ލިބުނީ ހިތި ގޮތަކަށެވެ.
ފިރިމީހާ "ވަގު އަނތްބެއް" ގެންގުޅޭކަން އެގްނެސްއަށް ފަޅާއެރީ ފިރިމީހާގެ ފޯނާއި ކޮމްޕިއުޓަރުގައި ޗިކާ ނަމަކަށް ކިޔާ އަންހެނެއްގެ ފޮޓޯތަކާއި ލޯބީގެ މެސެޖްތަކެއް ހުރީމައެވެ. އެގްނެސްއަށް އެ ކަންތައް އެނގުނީ ބޭރު ގައުމަކަށް ވަޒީފާއާ ގުޅޭ ދަތުރެއް ކޮށްފައި ފިރިމީހާ އެނބުރި އައިތާ ފަސް މަސް ފަހުންނެވެ. އެ ގޮތުން އެގްނެސްގެ ހަނދާނަށް ފަހުން އައީ އެ ފަސް މަހުގެ ތެރޭގައި ފިރިމީހާ އެދިއެދި ވެސް އޭނާއާއެކު އެއްދާންކުރަން އެގްނެސް ބޭނުންނުވިކަމެވެ. ސީދާ ކީއްވެކަން އެގްނެސްއަށް ރޭކާލީ ފަހުންނެވެ. އެ ކަން އެގްނެސްއަށް ކިޔައިދިނީ ވެސް ސީދާ ޗިކާއެވެ.
ފިރިމީހާ ބޭވަފާތެރިވީކަން ގަބޫލުކުރަން ވެސް އެގްނެސްއަށް ފުރަތަމަ ދަތިވިއެވެ. ނަމަވެސް ލިބުނު ހެކިތައް ޝައްކުކުރާނެ ޖާގައެއް ނެތެވެ. މިހެންވެ، ވަރަށް ހިތިކަމާއެކު އެގްނެސް އެ ހަގީގަތާ ކުރިމަތިލައި، އެ ކަން ގަބޫލުކުރިއެވެ.
އެގްނަސްއަށް ފިރިމީހާގެ ސިއްރު އެނގިއްޖެކަމުގައި ފިރިމީހާގެ ގާތުގައި ބުނުމުން ފިރިމީހާ ފުރަތަމަ އެ ކަން ދޮގުކުރިއެވެ. ނަމަވެސް ދެން އެ ކަމަށް އިއުތިރާފުވިއެވެ. އަދި ކުރިމަގުގައި ދިރިއުޅުން އިސްލާހުކޮށް، ދެން އުޅޭނީ ރަނގަޅަށް، އެގްނެސްއަށް ވަފާތެރިކަމާއެކު ކަމަށް ފިރިމީހާ ބުންޏެވެ.
އެގްނެސްގެ ސިކުނޑިއަށް އުނދަގޫވީވަރުން ޗިކާއާ ކުރިމަތިލިއެވެ. ހެދި ގޮތަކީ ފިރިމީހާގެ ފޯނުން ޗިކާގެ ނަންބަރު ހޯދައިފައި އޮތީމާ، ފިރިމީހާ ގޭގައި ނޫޅޭ ގަޑިއެއްގައި ޗިކާއަށް ގުޅީއެވެ.
ޗިކާގެ ފަރާތުން އެގްނެސްއަށް ދެން ލިބުނީ ސިހޭވަރުގެ ހަބަރެކެވެ. އޭނާ ދެއްކި ވާހަކައިން އެނގުނީ ހަގީގަތުގައި ފިރިމީހާ ޗިކާގެ ގާތަށް ދާން ފެށީ އެގްނެސް ފިރިމީހާއާމެދު އިހުމާލުވުމުންކަމެވެ.
"ތިބާ ވަނީ ތިބާގެ ފިރިމީހާއަށް ބޭނުންވާ ނަފުސާނީ، ޖަޒުބާތީ އަދި ޖިސްމާނީ ބޭނުންތަކާއި އެދުންތަކަށް ފުރަގަސްދީފައި. އޭނާ އަހަރެންގެ ގާތަށް އައީ އެހެންވެ،" ޗިކާ ބުންޏެވެ.
އެގްނެސްއަށް ދެން ރޭކާލީ ފިރިމީހާއާމެދު އެގްނެސް އިހުމާލު ވި ސަބަބެވެ. އެގްނެސްގެ ވަޒީފާއަށް އެގްނެސް އިސްކަންދިންވަރުން އެހެން ހުރިހާ ކަމެއްގެ މަތިން އެގްނެސް ހަނދާންނެތުނީއެވެ. ޒަވާޖީ ހަޔާތުގެ ޒިންމާތަކާ ވެސް އޭނާއަށް ދުރުވެވުނީއެވެ. އެގްނެސްއަށް އެންމެ ބޮޑު އެއް ހައިރާންކަމެއް ލިބުނީ ޖިންސީ އެދުމަށް އެގްނެސްގެ ޝައުގުވެރިކަން އެ ފަސް މަސް ދުވަހުގައި ނެތުމުންނެވެ.
އެގްނެސްއަށް އެނގުނީ އެގްނެސްގެ ސަބަބުން ފިރިމީހާގެ ޒަވާޖީ ހަޔާތަށް ހުސްކަމެއް އައި ކަމެވެ. އަދި މި ހުސް ޖާގަ ފުރައިލަން އެހެން އަންހެނެއްގެ ގާތަށް ފިރިމީހާ ދިޔައީއެވެ. ކަންދިމާކުރި ގޮތުން އެ ދުވަސްވަރުވީ ޗިކާގެ ފިރިމީހާ ވެސް އޭނާއާމެދު އިހުމާލުވި ދުވަސްތަކަކަށެވެ. ޗިކާއާއި ޗިކާގެ ދަރިން ޗިކާގެ "ބޮލަށް ޖަހައިފައި" ފިރިމީހާ އުޅުނީ އޭނާގެ ވަޒީފާގައި އަވަދިނެތިއެވެ. ޗިކާގެ ބޭނުންތަކުގެ މަތިން ހަނދާން ނެތް ފަދައެވެ.
ޗިކާގެ ވާހަކަތަކުން އެގްނެސްއަށް މަޖުބޫރުވީ އެގްނެސްގެ ކައިވެންޏާމެދު ފުންކޮށް ވިސްނައިލުމަށެވެ. އަދި ޒަވާޖީ ހަޔާތް ރޫޅެމުން ދިއުމުގައި އެގްނެސްގެ ދައުރަކީ ކޮބައިކަން ދެނެގަތުމަށް މަސައްކަތް ކުރުމަށެވެ. އެ ކަމުން އެގްނެސްއަށް އެނގިގެންދިޔައީ ފިރިމީހާއާއެކު ޖިސްމާނީ، ޖަޒުބާތީ އަދި ނަފުސާނީ ގާތްކަން ނުބޭއްވުމުން އެހެން އަންހެނެއްގެ ލޯތްބަށް ފިރިމީހާއަށް އެދެވުނުކަމެވެ.
އެގްނެސްއަށް މި ރޭކާލުން ވީ ހިތުގައި ވޭން އެޅި ކަމަކަށެވެ. ނަމަވެސް އޭނާއަށް ވިސްނުނީ މިއީ ޒަވާޖީ ހަޔާތާމެދު އަލުން ރަނގަޅު މަގުން ވިސްނައިލަން ލިބުނު ފުރުސަތެއް ކަމެވެ. އެގްނެސްއަށް އެނގިގެން ދިޔައީ ފިރިމީހާގެ ލޯތްބާއި އިތުބާރު އަލުން ހޯދަން ބޭނުން ނަމަ، އެގްނެސްގެ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަންޖެހޭކަމެވެ.
ދުވަސްތައް ހަފުތާތަކަށް ބަދަލުވަމުންދިޔައެވެ. އެގްނެސް އޭނާގެ ހަޔާތް އިސްލާހުކުރަމުންގެންދިޔައެވެ. ފިރިމީހާއާއެކު ގިނަ ވަގުތު ހޭދަކުރަން ފެށިއެވެ. ޖަޒުބާތީ ގޮތުން ފިރިމީހާއާ އަލުން ގާތްވެވޭތޯ މަސައްކަތްކުރަން ފެށިއެވެ. އަދި އެއް އިރެއްގައި ދެމަފިރިންގެ ދޭތެރޭގައި އޮތް ޖިސްމާނީ ގާތްކަން އަލުން ހުޅުދާންކުރުމުގެ މަސައްކަތް ފެށިއެވެ.
އެއީ ފަސޭހަ ކަމަކަށް ނުވިއަސް އެގްނެސް ވަރަށް ކެތްތެރިކަމާއެކު ހިތްވަރުކުރިއެވެ. ސަބަބަކީ ހިފައިފައިވާ އާދަތައް މުގުރައިލުމަކީ އުނދަގޫ ކަމަކަށްވާތީއެވެ. އޭނާ އެންމެ ބޮޑަށް ކަންބޮޑުވީ ފިރިމީހާ އޭނާ ދޫކޮށްލައިފައި ހިނގައިދާނެތީއެވެ. އެ ހިޔާލު ސިކުނޑިއަށް އުނދަގޫކުރި ނަމަވެސް ފިރިމީހާއާ އަލުން ގާތްވުމުގެ މަސައްކަތް އެގްނެސް ކުރިއަށްގެންދިޔައެވެ. ކައިވެނި ސަލާމަތްކުރުމުގެ އަޒުމުގައެވެ.
ދެން، ވަރަށް މަޑުމަޑުން ނަމަވެސް، ފިރިމީހާގެ އުޅުމަށް ބަދަލުތަކެއް އަންނަ ތަން އެގްނެސްއަށް ފެންނަން ފެށިއެވެ. އެ ކަން އެގްނެސްއަށް ޔަގީންވިއެވެ. އެ ގޮތުން ގޭގައި އުޅޭ ވަގުތު ފިރިމީހާ އިތުރުކުރާކަން ފާހަގަވިއެވެ. އަދި އެގްނެސްއާ ވާހަކަދެއްކުން ވެސް އިތުރުކުރާކަން ފާހަގަކުރެވުނެވެ. އަމިއްލައަށް އިސްވެ ވެސް އެގްނެސްއާ ވާހަކަދައްކަން ފެށިއެވެ. ދެން، އެގްނެސް ދެކެ ލޯބިވާ ކަމަށް ފިރިމީހާ އަލުން ބުންޏެވެ.
މި އުފާވެރި މަރުހަލާ ކަޑައްތު ކުރުމަށް ފަހު އެއް ދުވަހަކު ދެމަފިރިން ދިޔައީ އިރުއޮއްސޭ މަންޒަރު ބަލައިލުމަށެވެ. ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އޭނާއަށް ތަޖުރިބާ ނުކުރެވުނު ވަރުގެ އަމާންކަމެއް އެގްނެސްއަށް އިހުސާސްކުރެވުނެވެ. އޭނާއަށް އެނގުނީ ޒަވާޖީ ހަޔާތުގެ ކުރިމަގުގައި އަދިވެސް ގޮންޖެހުންތައް ކުރިމަތިވެދާނެކަމެވެ. ނަމަވެސް އޭނާއަށް ހިތްހަމަޖެހުން ލިބުނީ އޭނާ އެނބުރި ރަނގަޅު މަގަށް އާދެވިއްޖެކަން އެނގުމުންނެވެ.
މި ހާދިސާއިން ދޭހަވަނީ ކައިވެނިކޮށްގެން ޒަވާޖީ ހަޔާތެއްގައި ދިރިއުޅެމުން އަންނައިރު މުއާމަލާތްކުރުމާއި ޖަޒުބާތީ ގާތްކަމާއި ދެމަފިރިންގެ ދެމެދުގައި އިހުތިރާމް އޮތުމުގެ މުހިންމުކަމެވެ. މިއީ ފިރިމީހާގެ ޖަޒުބާތީ އަދި ޖިސްމާނީ އެދުން ފުރިހަމަކޮށްދިނުމުގައި އަނބިމީހާގެ މުހިންމު ދައުރު ހަނދުމަކޮށްދޭ ފިލާވަޅެކެވެ.
ނޯޓު: ތަރުޖަމާއެއް
