ސްމާޓް ފޯން ޒަމާނުގައި 24 ގަޑިއިރު އޮންލައިންވެފައި ހުންނައިރު، އަދި އެހެން މީހުންނަށް ތިބާއަށް ކެނޑިނޭޅި "އެކްސެސް" ލިބިފައިވާއިރު، ފޯން ގެންގުޅުމުގައި ޒިންމާދާރުވާންޖެހެއެވެ. އެހެން ނޫނީ ޒަވާޖީ ހަޔާތް އޮންނާނީ ބޮއްސުންލައިގެން ގޮސްފައެވެ. މި ބަލައިލަނީ މި ގޮތުން ތަބާވާން ރަނގަޅު 24 ކަމަކަށެވެ.
- ތިބާގެ ބައިވެރިޔާގެ ގާތުގައި ހުންނައިރު ފޯން "ސައިލެންޓް މޯޑް" ނުވަތަ އަޑު މަޑު ގޮތަށް ބަދަލުކޮށް، ނުވަތަ ފޯން ކޯލެއް އަންނައިރަށް ކަނޑައިލުމުގެ އާދައެއް އަށަގަތްފި ނަމަ، ތިބާގެ ބައިވެރިޔާއަށް ހީވާން ފަށާނީ ތިބާ ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭހެންނެވެ.
- ތިބާގެ ފޯންގައި ތިބާގެ ބައިވެރިޔާގެ ނަން ލޯބި ގޮތަކަށް "ކޮންޓެކްޓްސް"ގައި ސޭވްކޮށްލާށެވެ. މިސާލަކަށް، "ފިރިކަލުން"، "ލޯބިގަނޑު"، "އަނބިކަނބަލުން"، "ފޮނިކޮޅު" ފަދަ އިބާރާތްތައް ބޭނުންކޮށްގެންނެވެ. ނޫނީ ރަސްމީ ނަން ބޭނުންކޮށްފައި "ޓައިޓްލް" ނުވަތަ މަގާމެއް ވެސް ދޭށެވެ. ހަމައެކަނި ރަސްމީ ނަމުން ސޭވްކޮށްފައިވާ ނަމަ ތިބާގެ ފޯނުގައިވާ އެހެން ކޮންޓެކްޓްތަކާއި ތިބާގެ ބައިވެރިޔާއަށް ތިބާގެ ހިތުގައި ދޭ ލޯބީގައި ފަރަގެއް ނޯންނާނެއެވެ.
- ބައިވެރިޔާގެ ކޯލުތަކަށް ލޯބި ގޮތަކަށް ޖަވާބު ދޭށެވެ. މިސާލަކަށް، "ހަލޯ ލޯބީ" ނުވަތަ "ހައި ހަނީ" މި ކަހަލަ ގޮތަކަށް މުހާތަބުކުރެވިދާނެއެވެ. "ކޮންވަޒޭޝަން" ނުވަތަ ދެމަރިފިންގެ ދެމެދުގައި ވާހަކައެއް ކުރިއަށްދާނީ ވާހަކަ ފަށާ ގޮތަކުންނެވެ. ލޮބުވެތި ގޮތަކަށް ވާހަކަދެއްކުން ފަށައިފި ނަމަ ވާހަކަ ކުރިއަށް ދާނީ ވެސް ދެމަފިރިން ގަޔާވާ ގޮތަކަށެވެ.
- ފޯން ކަނޑައިލަން ވާނީ އާދައިގެ ގޮތަކަށް ނޫނެވެ. މިސާލަކަށް، "ވަރަށް ލޯބި ވޭ"، މި ކަހަލަ އިބާރާތެއް ބޭނުންކޮށްގެން ފޯނު ބޭއްވިދާނެއެވެ. ނޫނީ ހެއްވައިލުމަށް ޖޯކެއް ކިޔައިދޭށެވެ. ނުވަތަ ތައުރީފުގެ ބަހެއް ބުނެލާށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ހިނިތުންވުމަކާއެކު ފޯން ބާއްވާށެވެ.
- އޮންލައިންކޮށް ރަހްމަތްތެރިންނާ "ޗެޓު" ކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ތިބާގެ ބައިވެރިޔާއާ ޗެޓު ކުރާވަރަށްވުރެ އިތުރަށް އެހެން މީހުންނާ ޗެޓު ނުކުރާށެވެ.
- ބިޒީވާންއުޅޭ ނަމަ، ފޯން ކޯލަށް ވަގުތުން ޖަވާބު ނުދެވިދާނެ ކަމަށް، ނުވަތަ މެސެޖަށް ވެސް ޓެކްސްޓްނުކުރެވިދާނެ ކަމަށް، ކުރިން ބުނެލާށެވެ. ތިބާ ކުރަނީ ކޮން ކަމެއް ކަމާއި އެ ކަމަށް ހޭދަ ވާނީ ކިހާ ވަގުތެއްކަން ވެސް ބައިވެރިޔާގެ ގާތުގައި ބުނެލާށެވެ. މި ގޮތަށް ކަންތައް ކުރުމުން ތިބާ ތިބާގެ ބައިވެރިޔާއަށް ފުރަގަސް ދެނީ ކަމަކަށް އޭނާއަށް އިހުސާސެއް ނުވާނެއެވެ. "އިގްނޯ"ކުރުމަކީ މީހަކާ ދެމެދު އޮންނަ ގުޅުން އެންމެ ފަސޭހައިން ގޯސްވާ ގޮތެވެ.
- ފޯނުން ޖިންސީ ސަމާސާކުރުމަކީ ރަނގަޅު ކަމެއް ކަމަށްވާއިރު އެ ކަން ކުރަން ވާނީ ހަމައެކަނި ތިބާގެ ބައިވެރިޔާއާއެވެ.
- ތިބާއާ ޖިންސީ ސަމާސާކޮށްހަދާ މީހުން ދުރުކޮށްލާށެވެ. ތިބާއަކީ މިހާރު ތިބާގެ ބައިވެރިޔާގެ މިލްކެއް ކަމަށް ބުނާށެވެ.
- ދެމަފިރިން އެކުގައި ގިނަ އަދަދަކަށް ފޮޓޯ އާއި ވީޑިއޯ ނަގާށެވެ. ދެމަފިރިންގެ ފަސްމަގަށް އެނބުރި ބަލައިލުމަށްޓަކައި ކުރިމަގުގައި މި ފަދަ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންވާނެއެވެ. މިއީ ހާއްސަ ވަގުތުކޮޅުތައް ނުވަތަ "ޗެރިޝްޑް މުމެންޓްސް" އާއި ހަނދާންތައް ނުވަތަ "މެމޮރީޒް" ވެސް އަލުން އަނބުރާ ހަނދާނަށް ގެނެސްދޭނެ ފޮޓޯތަކާއި ވީޑިއޯތަކަށްވާނެއެވެ.
- ދެމަފިރިން ޑޭޓްތަކުގައި ދާއިރު، ފޯން ދުރުގައި ބާއްވާށެވެ. ނުވަތަ ފޯންގެ ބޭނުންކުރުން މަދުކޮށްލާށެވެ. ދެމަފިރިންގެ ސަމާލުކަން ފުރިހަމައަށް ހުންނަން ވާނީ އެކަކު އަނެކަކަށެވެ.
- ފޯން ކޯލަށް ޖަވާބު ދިނުމަށް ބައިވެރިޔާއާ ދުރަށް ދާން އާދައަކަށް ނުހަދާށެވެ. ތިބާގެ ބައިވެރިޔާއަށް ހީވާނީ ތިބާ ކޮންމެވެސް ކަމެއް ފޮރުވަން އުޅޭހެންނެވެ. ނުވަތަ ބޭވަފާތެރިވެ އެހެން މީހަކާ ގުޅުމެއް ބާއްވަނީ ކަމަށެވެ. ލޯތްބަކީ ވެސް "ޕާސެޕްޝަން"އެއް ނުވަތަ ދެކޭ ގޮތެކެވެ.
- ކައިވެނިކުރުމުގެ ކުރިން ރައްޓެހިވެގެން އުޅުނު ދުވަސްވަރު ޑޭޓަށް ދާއިރު ޑޭޓު ނިންމައިލުމަށް ފަހު ކުރަން ޖެހޭ ކަންތައްތަކެއްވެއެވެ. އެ ގޮތުން ފިރިހެންމީހާ އަންހެންމީހާއަށް ގުޅައިފައި ސަލާމަތުން ގެއަށް ދެވުނުކަމުގެ ހަބަރު ދިނުމުގެ އިތުރުން އަންހެންމީހާ ވެސް ރައްކާތެރިކަމާއެކު ގެއަށް ދެވުނުތޯ އަހަންވާނެއެވެ. އަންހެންމީހާ ކުރުން މުހިންމުވާނެ ކަމަކީ އުފާވެރި ވަގުތެއް ދިނީތީ ފިރިހެންމީހާއަށް ޝުކުރުކުރުމެވެ.
- ތިބާގެ ބައިވެރިޔާ ވަޒީފާއަށް ނުކުމެ އުޅޭ ވަގުތު، ނުވަތަ ކޮންމެވެސް އެހެން ކަމެއް ކުރުމުގައި ވެސް މަސްއޫލުވެގެން އުޅޭ ވަގުތު، އެ ކަން އެނގި ހުރެމެ އޭނާއަށް ފޯނުން އުނދަގޫނުކުރާށެވެ. އެ ގޮތުން އެ ފަދަ ވަގުތެއްގައި އޭނާއާ ނުގުޅިއްޖެ ނަމަ އަބަދު އަބަދު ގުޅައި، މެސެޖް ނުފޮނުވާށެވެ. ހަމައެކަނި އިސްތިސްނާއަކީ އެ ވަގުތަކީ އެމަޖެންސީއެއް ނުވަތަ ކުއްލި ހާލަތެއް ދިމާވެފައިވާ ވަގުތެއް ނަމައެވެ. މި ނޫން ގޮތަކަށް އަމަލުތައް ބަހައްޓައިފި ނަމަ، ތިބާގެ ބައިވެރިޔާއަށް ހީވާނީ ތިބާ އޭނާއާ ނުނެއްޓިގެން އުޅޭހެންނެވެ. ނަތީޖާއަކަށް ވާނީ ތިބާއާ ފޯނުން ގުޅުން ބާއްވަން ތިބާގެ ބައިވެރިޔާ ފޫހިވުމެވެ. އެހެންކަމުން، ހަމަޖެހިލައިށެވެ. ތިބާގެ "މިސްޑް ކޯލް" ތިބާގެ ބައިވެރިޔާއަށް ފެންނާނެއެވެ. އަދި ފެނުމުން ތިބާއަށް މެސެޖްކުރާނެއެވެ.
- ތިބާގެ ބައިވެރިޔާގެ ފަރާތުން މިސްޑް ކޯލެއް ނުވަތަ މެސެޖެއް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އޭނާއަށް ގުޅާށެވެ. ނުވަތަ މެސެޖްކުރާށެވެ. އޭނާއަށް ލިބިފައިވާ ހާސްކަން ކަނޑުވައިލުމަށެވެ.
- ތިބާގެ ބައިވެރިޔާގެ ފޯން ނަންބަރު އެމަޖެންސީ ނަންބަރެއްގެ ގޮތުގައި ސޭވްކުރާށެވެ. ތިބާއަށް ކޮންމެވެސް ކަމެއް ކުރިމަތިވެ، ތިބާގެ ފޯން ލޮކްވެފައިވާ ނަމަ، ތިބާއަށް ގުޅޭނެ ގޮތް ހެދުމަށެވެ.
- އަރައިރުންވުމާއި ޒުވާބުކުރުން ފޯނުން ކުރިއަށްނުގެންދާށެވެ. އެއީ މައިތިރިކުރަން ފަސޭހަ ކަންތައްތަކެއް ނޫނެވެ. އަދި ފޯން ބޭއްވޭނީ ވެސް ހިތަށް އުނދަގޫ ވާ ފަދަ އިހުސާސެއް ކުރެވިގެންނެވެ. މި ކަމުގެ ސަބަބުން އެކަކު އަނެކަކާ އޮންނަ ގުޅުމަށް ހީނަރުކަމެއް އަންނާނެއެވެ. މިހެންވެ، ހޫނު މައުލޫތަކަށް ބަހުސްކުރަންވާނީ ސީރިއަސްކަމާއެކު ސީދާސީދާ ދެމަފިރިން ގާތުގައި އެކުގައި ތިބޭ ވަގުތުގައެވެ.
- ތިބާގެ ބައިވެރިޔާ ތިބާއަށް އިހުތިރާމާ ނުލައި ކުރިމަތިލާ ވަގުތުތަކުގައި އޭނާ ކުރާ ފޯން ކޯލަށް ޖަވާބު ނުދީ ނުހުންނާށެވެ. އެއިރުން މައްސަލަ ވާނީ އިތުރަށް ގޯހެވެ. މުއާމަލާތްކުރުމުގެ ދޮރު އަބަދުވެސް ބަހައްޓަން ވާނީ ހުޅުވައިފައެވެ. ދެމަފިރިންގެ ދޭތެރެއަށް ސުލްހަ ގެނެސް، މައްސަލަތައް ހައްލުކުރުމަށެވެ. ވަގުތަކީ ތިބާއަށް ވޭން އަޅާ ހިނދުކޮޅެއް ނަމަ، ފޯން ނަގާފައި "އަހަރެންނަށް މި ވަގުތު ވާހަކަ ދެއްކޭކަށް ނެތް" މިހެން ބުނެލައިށެވެ. ތިބާގެ ބައިވެރިޔާއަށް އެ ކަން ފަހުމްވެ، ބަލައިގަނެވޭނެއެވެ.
- ދެމަފިރިން ދުރުގައި އުޅޭ ވަގުތުތަކުގައި ފޯން ނިއްވައިލައިފައި ބާއްވާނެ ވަގުތާއި ނިއްވައިލަނީ ކީއްވެކަން ތިބާގެ ބައިވެރިޔާގެ ގާތުގައި ބުނާށެވެ. އެއީ ތިބާގެ ބައިވެރިޔާ ފިކުރުބޮޑުވެދާނެތީއެވެ.
- ދެމަފިރިން އެކުގައި މަޖާކުރާއިރު އޮންލައިންކޮށް ދެމަފިރިންގެ ލޯބި "ސެލެބްރޭޓް" ނުވަތަ ފާހަގަކުރެވިދާނެއެވެ. ނަމަވެސް ދެމަފިރިންގެ ލޯބީގެ ހަޔާތާމެދު މާ ގިނަ އެއްޗެހި އޮންލައިންކޮށް ހާމަނުކުރާށެވެ. ބައެއް ކަންތައްތައް އެންމެ ރަނގަޅު ވާނީ ސިއްރުކޮށްފައި ބޭއްވިއްޔާއެވެ. ދެމަފިރިންގެ ދެމެދުގައިވާ ލޯބީގެ ތަފުސީލުތައް މުޅި ދުނިޔެއަށް އެނގޭކަށް ނުޖެހެއެވެ.
- ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހިގެން އުޅޭއިރު ސީދާކޮށް އަދި ނުސީދާކޮށް ނަމަވެސް ތިބާގެ ބައިވެރިޔާއާ ދިމާއަށް "ހަމަލާތައް" ސޯޝަލް މީޑިއާ ޕޯސްޓްތަކުން ނުފޮނުވާލާށެވެ.
- ތިބާއާ ބެހޭ މައުލޫމާތު ތިބާގެ ބައިވެރިޔާއަށް އެނގެން ވާނީ ތިބާގެ އޮންލައިން ރަހްމަތްތެރިންގެ ފަރާތަކުން ނޫނެވެ. ތިބާގެ ކަންތައްތައް ފުރަތަމައިން ވެސް ތިބާގެ ބައިވެރިޔާއަށް ކިޔައިދޭށެވެ. ދެން އޭގެ ފަހުން އެ މައުލޫމާތު އޮންލައިންކޮށް ޕޯސްޓްކޮށްލެވިދާނެއެވެ.
- ތިބާގެ ބައިވެރިޔާ ތިބާއަށް ގުޅާ ވަގުތު ތިބާގެ ލައިން ހުރީ އެންގޭޖްވެފައި ކަމަށް ވީ ނަމަ، ތިބާ ވާހަކަދައްކަން ހުރީ ކާކާކަން ތިބާގެ ބައިވެރިޔާގެ ގާތުގައި ބުނާށެވެ. ތިބާގެ ބައިވެރިޔާގެ ގާތުގައި ހުއްޓާ ތިބާއަށް މީހަކު ގުޅައިފި ނަމަ އެއީ ކޮން މީހެއްކަން ތިބާގެ ބައިވެރިޔާގެ ގާތުގައި ބުނާށެވެ. ދެ ފުށް ފެންނަ ގޮތަށް އަމަލުކުރުމުން ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު ވަރުގަދަވާނެއެވެ.
- މުއާމަލާތްކުރުމަކީ ދެމަފިރިން ވެސް އެއް ހަމައެއްގައި ކުރަން ޖެހޭ ކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ. ތިބާގެ ބައިވެރިޔާ ލައްވާ ގަދަކަމުން ވާހަކަދައްކުވަނީކަމަށް އޭނާއަށް އިހުސާސްކުރެވުނަދީގެންނުވާނެއެވެ. އަދި ގިނަ ވަގުތު ވާހަކަ ދައްކަނީ އޭނާ ކަމަށް ވެސް އޭނާއަށް އިހުސާސްކުރެވިގެންނުވާނެއެވެ. މުއާމަލާތްކުރުމަކީ ދެ ފަރާތުގެ ބައިވެރިވުމާއެކު ކުރެވޭ ކަމެކެވެ.
- ތިބާގެ ފުރިހަމަ ސަމާލުކަން ތިބާގެ ބައިވެރިޔާ ބޭނުންވެފައިވާ ހިނދެއްގައި ފޯން އެއްފަރާތްކުރާށެވެ. ހާއްސަކޮށް ކޮޓަރީގައި އުޅޭއިރުއެވެ. ތިބާގެ ބައިވެރިޔާއާ ގާތްވާން ވާނީ އަތުގައި ފޯން ހިފަހައްޓައިގެންނެއް ނޫނެވެ. ފޯނަށް ވުރެ ބޮޑަށް ތިބާގެ މުށުތެރޭގައި އޮންނަން ވާނީ ތިބާގެ ބައިވެރިޔާއެވެ.
މި ބަލައިލި 24 ކަންތައްތަކުން ހާމަވަނީ ޒަވާޖީ ހަޔާތުގައި ނުވަތަ ދޭދޭ ގުޅުންތަކުގައި ވެސް ފޯނުގެ ބޭނުންކުރެވޭ ގޮތަކުން ރަނގަޅު އަދި ނުބައި ގޮތަކަށް ވެސް ނަތީޖާ ނިކުމެދާނެކަމެވެ. ސްމާޓް ފޯން ގެންގުޅޭއިރު ތިބާ ވެސް "ސްމާޓް" ނުވަތަ ވިސްނުންތޫނު މީހަކަށް ވާށެވެ.
ނޯޓު: ތަރުޖަމާއެއް
