Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފިރިހެނުންގެ ކިބައިގައި ހުރުމަށް އަންހެނުން އެދޭ 18 ސިފައެއް

ޒަވާޖީ ހަޔާތެއް ކުރިއަށްގެންދިއުމަކީ ނުހަނު ފަސޭހަ ކަމަކެވެ. ނަމަވެސް މި ކަމަށްޓަކައި ޖިސްމާނީ، ނަފުސާނީ، އަދި ޖަޒުބާތީ ގޮތުން އަންހެނުންނަށް ގުދުރަތީ ގޮތުން ލިބިފައިވާ ސިފަތައް އެނގުން ފިރިމީހާއަށް މުހިންމެވެ.

މި ބަލައިލަނީ ޝަހުވަތްތެރިކަމުގެ ދަތުރުގައި ފިރިމީހާގެ ކިބައިން އަނބިމީހާ އެދޭނެ 18 ކަމެކެވެ.

  1. ލޯބި:

އަންހެނަކަށް ޝަހުވާނީ އެދުން އަންނަނީ ލޯބި ލިބުމުންނެވެ. އަންހެނަކު ފިރިހެނެއް ދެކެ ލޯބިވެއްޖެ ނަމަ، އެ ފިރިހެންމީހާއާ މެދު ވިސްނުމުން ނުވަތަ ގާތުގައި ހުރުމުން ވެސް އަންހެން މީހާއަށް ޝަހުވާނީ އެދުން އާދެއެވެ.

  1. ވަފާތެރިކަން:

އެހެން އަންހެނަކާ ޖިންސީ ގޮތުން ގާތްވާން ނުވަތަ ޖިންސީ ސަމާސާ ނުކުރާ ނަމަ، ފިރިމީހާގެ ފަރާތުން ލިބޭ ޖިންސީ ސަމާލުކަމަށް އަންހެންމީހާ ދީލައިލައެވެ. ހަގީގަތުގައި އަންހެނުންނަކީ އެ މީހުންގެ ބައިވެރިން އެހެން އަންހެނުންނާ ހިއްސާކުރަން އެދޭ ބައެއް ނޫނެވެ.

  1. ހަގީގަތަށް ވާހަކަދެއްކުން:

ފިރިމީހާގެ ސިކުނޑީގައި އޮތް އެއްޗެއް ސީދާ ބުނެލުމުން އަންހެނުން ހިތްހަމަޖެހެއެވެ. ފިރިމީހާ ޖިންސީ ގޮތުން ކުރަން ބޭނުންވަނީ ކޮން ކަހަލަ ކަންތައްތަކެއްކަން އަނބިމީހާއަށް ކިޔައިދިނުމުންނާއި އަދި އަންހެންމީހާއަށް ބޭނުންވެފައިވާ ކަމަށް ބުނުމުން ވެސް އަންހެންމީހާ ވެސް އެ ކަމަށް އެދެވެން ފަށައެވެ.

  1. އިހުތިރާމް:

އިހުތިރާމް ލިބުމަށް އަންހެނުން ލޯބިކުރެއެވެ. އޭނާއަށް އިހުތިރާމް ލިބިއްޖެ ނަމަ، ފިރިމީހާ ހީނުކުރާ ހިސާބަކަށް ވެސް ޖިންސީ ގޮތުން ދާން އަންހެންމީހާ ތައްޔާރުވެއެވެ. އެހެންކަމުން މޮޔަ، ކުޑަކުއްޖަކާމެދު އަމަލުކުރާ ގޮތަށް އަނބިމީހާއާމެދު ހިތައިފައި، ދެން އަނބިމީހާއާ ޖިންސީ ގޮތުން ގާތްވުމުގެ ހިޔާލު ހަނދާން ނައްތައިލައިށެވެ.

  1. އިންސާނެއްގެ ގޮތުގައި ބަލައިގަތުން:

ހަމައެކަނި ޖިންސީ އެދުން ފުއްދުމަކީ ފިރިމީހާގެ އެދުން ކަމަށް ވާ ނަމަ، އެއީ އަންހެނުން އެ މީހަކު ދެކެ ފޫހިވާނެ ކަމެކެވެ. ސަބަބަކީ އެ އަންހެންމީހާ ވެސް އެއީ އިންސާނެކެވެ. ސިކުނޑި، ރޫހު، ހިތް އަދި އޭނާ ދެކޭ ހުވަފެންތައް ވެއެވެ. މިހެންވެ، އޭނާއަށް އެދެވޭނީ އޭނާއަކީ ފިރިމީހާ ހަމައެކަނި ޖިންސީ އެދުން ފުއްދުމަށް ބޭނުންކުރާ އާލާތެއްގެ ބަދަލުގައި އިންސާނެއްގެ ގޮތުގައި އޭނާއާމެދު ދުށުމަށެވެ.

  1. ވިސްނުންތޫނުކަން:

ވިސްނުންތޫނުކަމަކީ އަންހެނުންނަށް ކަމުދާ ސިފައެކެވެ. ކަންތައްތަކުގެ ފުންމިނަށް ފީނައި، ވާހަކަދައްކައި ހަދައި ފިރިހެނުންނަކީ އަންހެނުންނަށް ކަމުދާ ބައެކެވެ. ބުއްދި ގަދަ ވާހަކަ ދެއްކުމުން، ފިރިމީހާއަކީ ޖިންސީ ގޮތުން ވެސް އެދެވޭ މީހަކަށްވެއެވެ.

  1. ވާހަކަދައްކައިގެން އަންހެނުންގެ ހިތް އަތުލުން:

ޖިންސީ އެދުން ހަރަކާތްތެރި ކުރުވުމަށްޓަކައި ގާތްކަމާއެކު ފިރިހެންމީހާ ވާހަކަދެއްކުމަށް އަންހެނުންނަށް އެދެވެއެވެ. ލޯބި ބަސްތައް އަންހެނުން އަޑުއަހާހިތްވެއެވެ. އެހެނީ، ފިރިހެންމީހާގެ ހަގީގީ އެދުމަކީ ކޮބައިކަން އެނގެން އަންހެނުން ބޭނުންވާތީއެވެ.

  1. ބީހުން:

އަންހެނުންނަކީ ގައިގައި ބީހުމުން ޖިންސީ އެދުން އަންނަ ބައެކެވެ. މިހެންވެ ރަނގަޅު މަގުން އޭނާގެ ގައިގައި އަތްލާށެވެ. އަތްލަން ވީ ކޮން ތާކު، ކިހިނެތްކަން ފިރިމީހާއަށް އެނގެންޖެހޭނެއެވެ.

  1. ލޮލުގެ ނަޒަރު:

އަންހެނުންނާ ކަޅި ހަމަކުރާ ގޮތުން ފިރިމީހާގެ އެދުން ހުރީ ކިހިނެތްކަން އަނބިމީހާއަށް ދެނެގަނެވެއެވެ. ފިރިމީހާގެ ނަޒަރު ދަސްކުރުމުން ފިރިމީހާގެ ޝަހުވަތްތެރިކަން ހުރީ ކިހިނެތްކަން އަނބިމީހާއަށް އެނގެއެވެ. އަދި ފިރިމީހާގެ ލޮލުން އެ މެސެޖު ލިބުމަކީ ވެސް އަނބިމީހާގެ ޖިސްމަށް އެދުންވެރިކަން ފޯރާ ކަމެކެވެ.

  1. އަޑުގައި ބާރުލައިފައި ވާހަކަދެއްކުން:

ފިރިމީހާގެ ހުންނަނީ ފުން އަޑެއް ކަމަށް ވިޔަސް ނުވަތަ ނުވިޔަސް، އަޑުގައި ބާރުލައިފައި ވާހަކަދެއްކުމުން ފިރިމީހާއާމެދު ޖިންސީ ގޮތުން ޝައުގުވެރިވެއެވެ.

  1. ސާފުތާހިރުކަން:

"ހައިޖީން" ނުވަތަ ސާފުތާހިރުކަމަކީ ޖިންސީ ގޮތުން ޝައުގުވެރިކަން އުފައްދައިދޭ ކަމެކެވެ. މިއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.

  1. އަމިއްލަ ނަފުސުގެ ޔަގީންކަން:

"އީގޯ"އަކީ ބައެއް ހާލަތްތަކުގައި ނަފުސުގެ އެދުންތައް ރަނގަޅަށް މަސައްކަތްކުރުވަން ބޭނުންތެރި އެއްޗެކެވެ. ޖިންސީ އެދުމުގައި ވެސް މެއެވެ. އެ ގޮތުގައި ހުރެ އަނބިމީހާއާ ގާތްވުމުން އެއީ އަނބިމީހާއަށް ކަމުދާ ކަމަކަށްވެއެވެ.

  1. ފަހަތުން ދުވުން:

އަންހެނުންގެ ފަހަތުން ދުވުމަކީ އެ މީހުން ވަރަށް ހިތްކިޔާ ކަމެކެވެ. މިހެންވެ، ޖިންސީ ޝައުގުވެރިކަމުގައި ވެސް ފިރިމީހާއަށް އިސްނެގިދާނެއެވެ.

  1. އޮމާންކަމާއެކު އަމަލުކުރުން:

ފިރިމީހާގައި ފިރިހެންވަންތަކަން ހުރުމަށް އަނބިމީހާ އެދޭއިރު، ފިރިމީހާ ވާންޖެހޭނީ އޮމާންކާއެކު އަނބިމީހާގެ ގައިގައި ބީހޭ ފިރިއަކަށެވެ. އަނބިމީހާއަށް އަނިޔާއެއް ނުވާނެ ގޮތަށް އަނބިމީހާގެ ހަށިގަނޑުގެ ހުރިހާ ބައެއްގައި ބީހޭށެވެ. ލޯތްބާއެކުއެވެ.

  1. ޖިންސީ ބަސްމަގު:

ކޮންމެ އަންހެނަކީ ތަފާތު އަންހެނެކެވެ. ތިބާގެ އަނބިމީހާ ދަސްކުރާށެވެ. ބައެއް އަންހެނުން ބޭނުންވާނީ ތިބާ އޭނާއާ ހުތުރުބަހުން މުހާތަބުކުރާށެވެ. މި "ޑާޓީ ޓޯކް"އަކީ "ސެކްސީ" ނުވަތަ ޝަހްވަތެރިކަމަކަށް މި ފަދަ އަންހެނުންނަށްވެއެވެ. ނަމަވެސް އަނެއްބައި އަންހެނުން ބޭނުންވާނީ ތިބާ އޭނާއާ ރީތިބަހުން ވާހަކަދައްކާށެވެ. ތިބާގެ އަނބިމީހާގެ ޝަހުވަތްތެރިކަން ނުކުންނާނެ ގޮތަށް ވާހަކަ ދައްކާށެވެ. އެ ބަސްމަގު ވާންޖެހޭނީ އޭނާއަށް ނަފުސާނީ ގޮތުން އުނދަގުލެއް ނުފޯރާ ބަސްމަގަކަށެވެ.

  1. "މިސްޓްރީ" ނުވަތަ ސިއްރުވެރިކަން:

ބައެއް ކަންތައްތައް އަންހެނުންނަށް ކަމުދަނީ ސިއްރުވެފައިވާ ނަމައެވެ. އެ ގޮތުން ޖިންސީ ގޮތުން ތިބާ ކުރަންއުޅޭ ކަންތައްތައް މުޅިން އެނގިއްޖެ ނަމަ، ތިބާގެ އަންހެނުން ފޫހިވެދާނެއެވެ. އަބަދު އެއްގޮތަކަށް ކަންތައްތައް ނުކުރާށެވެ. ޝަހުވަތްތެރިކަމަކީ ގޮތްނޭނގޭ "މިސްޓްރީ" ދަތުރަކަށް ހަދައިލައިށެވެ.

  1. "ގިވިން" ނުވަތަ ދިނުން:

އިނގިރޭސި ބަހުން ބުނާ ނަމަ ތިބާއަކީ "ގިވަރ"އަކަށް ވާށެވެ. މާނައަކީ އަނބިމީހާގެ ކިބައިން ކަންތައްތަކެއް ލިބެން ބޭނުންވާ ފަދައިން، ތިބާގެ ފަރާތުން އޭނާއަށް ވެސް ކަންތައްތަކެއް ދޭށެވެ. ލޯތްބާއެކު ޖިންސީ އެދުން ފޯރުކޮށްދޭށެވެ. އޭނާއަށް ލޯބި ދޭ ނަމަ، އެއީ އޭނާއަށް ވަރަށް ކަމުދާނެ ކަމެކެވެ. ހަމައެކަނި ތިބާގެ އެދުން ފުއްދުމުގެ ބަދަލުގައި އޭނާގެ އެދުމަށް ވެސް ތިބާ ހާއްސަކަމެއް ބެހެއްޓުމަކީ ތިބާ ދެކެ ތިބާގެ އަނބިމީހާ ވަރަށް ލޯބިވާނެ ކަމެކެވެ. އެ ގޮތުން އޭނާގެ ޖިސްމް އެދޭ ކަންތައްތައް ފުރިހަމަކޮށްދޭށެވެ.

  1. އަނބިމީހާގެ ހިތުގެ ޝިފާ:

ތިބާ ވާންވާނީ އަނބިމީހާގެ ހިތުގެ ފަރުވާއަކަށެވެ. އަންހެނެއްގެ ޝަހުވަތްތެރިކަން ބަނދެވިފައިވަނީ އޭނާގެ ހިތާއެވެ. އަނބިމީހާއަށް އިހާނެތިކޮށް ހިތުމުގައި ކުރިއަށްދާ ނަމަ، އޭނާގެ ޝަހުވަތްތެރިކަން ފާޅުވުމުގެ މަގު ބަންދުވެއެވެ.

މި ބަލައިލީ އަންހެނެއްގެ ހައިސިއްޔަތުން ޒަވާޖީ ހަޔާތެއްގައި ފިރިއެއްގެ ކިބައިން އަންހެނަކު އޭނާގެ ޝަހުވަތްތެރިކަމުގެ ފުރިހަމަ އިހުސާސް ކުރަން ގުދުރަތީ ގޮތުން ކަންތައްތައް ހަމަޖެހިފައިވާ 18 ސިފައެވެ. މި ކަންތައްތައް ފުރިހަމަކޮށްދީފި ނަމަ، ތިބާގެ އަންހެނުން ވާނީ ހިތްހަމަޖެހިފައިހުރި އަންތްބަކަށެވެ. އަދި ދެމަފިރިންގެ ޒަވާޖީ ހަޔާތް ކުރިއަށްދާނީ ރަނގަޅު މިސްރާބުގައެވެ.

 

ނޯޓު: ތަރުޖަމާއެއް