ކަންތައްތަކާ އެއްބަސްނުވެވޭ ނަމަ ދެމިފިރިން އެކުއެކީގައި ކުރިއަށް ދާނީ ކިހިނެތް ހެއްޔެވެ؟ ހަގީގަތަކީ ފަހުމްވުމުގައި ހުރި މައްސަލަތަކުގެ ސަބަބުން ވަރަށް ގިނަ ކައިވެނި ރޫޅޭކަމެވެ. މި ގޮތަށް ފަހުމްނުވުން ނުވަތަ "މިސްއަންޑަސްޓޭންޑް"ވުމާއި އޮޅުން އެރުން ފަދަ ކަންތައްތައް ކުރިމަތިވަނީ ކޮންމެ ކައިވެންޏެއްގައި ވެސް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތަކާމެދު ދެމަފިރިންގެ ދެމެދުގައި އެއްބަސްނުވެވޭތީއެވެ. ދެމަފިރިންގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވެންޏާ އެ ކަމުން އިހުސާސްކުރެވެން ފަށާނީ ހިތާމަ އާއި ހަމްދަރުދީ ނެތުމާއި ބާކީކޮށްލުމާއި ބަލައިނުގަތުމާއި އަދި އަޅާނުލުމުގެ ޝުއޫރުތަކާއި ޖަޒުބާތުތަކެވެ.
އެހެންކަމުން ޒަވާޖީ ހަޔާތް ބާއްޖަވެރި ކުރުމުގައި އެޅިދާނެ 12 ފިޔަވަޅަކަށް ބަލައިލާނަމެވެ. މިއީ ކުރުމަށާއި ނުކުރުމަށް ދެމަފިރިންގެ ދެމެދުގައި އެއްބަސްވެވޭނެ "ގަވައިދު"ތަކެކެވެ.
- ޖިންސީ ގުޅުމުގެ ގަވައިދު:
ޖިންސީ ގުޅުން ހިންގުމުގައި އެއްބަސްވެވޭ ކަންތައްތައް ހުންނަ ފަދައިން ދެ މީހުން ނުކުރާނެ ކަންތައްތައް ވެސް ހުންނާނެއެވެ. މި ކަންތައްތަކާމެދު ކުރިން ވާހަކަދައްކައިގެން ވަކި ގޮތަކަށް ނިންމައިފައި ބާއްވަންޖެހެއެވެ. ކޮންމެ ދެމަފިރިއަކީ ވެސް ޖިންސީ ބޭނުންތައް ތަފާތު ދެމަފިރިންނެވެ. އެހެންކަމުން ޖިންސީ ގުޅުން ހިންގުމުގައި ކުރާނެ ކަންތައްތަކާއި ހިފަހައްޓާނެ އިންތަކަކީ ކޮބައިކަން ދެ މީހުން ދެ މީހުންނަށް ފަހުމްވެފައި އޮންނަންޖެހެއެވެ.
- ފޯނު ބޭނުންކުރުމުގެ ގަވައިދު:
ފޯން ބޭނުންކުރުމުގައި ގެންގުޅޭނެ ގަވައިދުތަކުގެ ތެރޭގައި، މިސާލަކަށް، ފޯނަށް ޖަވާބު ނުދޭނެ ގަޑިތަކެއް ކަނޑައެޅިދާނެއެވެ. އެ ގޮތުން ރޭގަނޑު 11 ޖެހުމުގެ ފަހުން އެހެން މީހުންނާ ވާހަކަ ނުދެއްކުމަށް ނިންމިދާނެއެވެ. ސަބަބަކީ އެއީ ދެމަފިރިންގެ ދެމެދުގައި ގާތްކަން ބާއްވަން ބޭނުންކުރާނެ ވަގުތަށް ވާތީއެވެ. މި ކަމުގައި ސިއްރު ގެންގުޅެގެން ނުވާނެއެވެ. ކޯލަކަށް ޖަވާބު ދިނަސް މާގިނައިރު ވާހަކަ ދައްކަން ނުހުރުމާއި ކޯލު އައީ ކާކުގެ ފަރާތުންކަން ތިބާގެ ބައިވެރިޔާގެ ގާތުގައި ބުނެވިދާނެއެވެ.
- ފައިސާ ބޭނުންކުރާނެ ގަވައިދު:
ފައިސާ ހޭދަކުރާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅާށެވެ. އެ ގޮތުން ކުރެވިދާނެ ސުވާލުތަކުގެ ތެރޭގައި ދެމަފިރިން ބޭންކްގައި ހަދާނީ ގުޅިފައިވާ އެކައުންޓެއް ނުވަތަ "ޖޮއިންޓް އެކައުންޓެއް"ތޯ ނިންމިދާނެއެވެ. އެ ގޮތުން ދެން އެއްބަސްވެވިދާނެ ކަންތައްތަކުގެ ތެރޭގައި، އެކަކު އަނެކަކުގެ ސަމާލުކަމަށް ނުގެނެސް ފައިސާ ނަގާނެ މިންވަރަކީ ކޮބައިކަން ކަނޑައެޅިދާނެއެވެ. ގޭގެ ބިލްތައް ދައްކާނީ ކާކުތޯ އާއި ފަހަށް ރައްކާތެރިކުރުން ނުވަތަ ސޭވްކުރުމާއި އިންވެސްޓްކުރާނެ ގޮތާމެދު ވެސް އެއްބަސްވުމަކަށް އާދެވިދާނެއެވެ. މީގެ އިތުރުން ދެމަފިރިންގެ ދެމެދުގައި އެއްބަސްވެގެން ނޫނީ އާއިލާގެ އެހެން މެންބަރުންނަށް ދެމަފިރިން ފައިސާ ހަރަދުނުކުރަން ވެސް ނިންމިދާނެއެވެ.
- ގެއަށް އަންނަ ވަގުތުގެ ގަވައިދު:
ތިބާ ގެއަށް ލަހުން އާދެވޭ ނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟ އެ ކަން އަންގައިލަން ބައިވެރިޔާއަށް ކޯލެއް ކޮށްލާނީ ހެއްޔެވެ؟ ލަހުން ގެއަށް އައުމަކީ ކިހާ ލަސްވުމެއް ހެއްޔެވެ؟ ދެމަފިރިން އެއްބަސްވުމަކަށް އައިސްފައިވާ ނަމަ ތިބާ ލަހުން ގެއަށް އަންނަ ނަމަ ތިބާގެ ބައިވެރިޔާއަށް އެ ކަން މައްސަލައަކަށް ނުވާނެއެވެ. ކައިވެނީގެ މާނައަކީ އަމިއްލަ އެދުން ބޮޑުވުމެއް ނޫނެވެ. ސަބަބަކީ ދެމަފިރިންނަކީ "ޕާޓްނަރުން" ކަމަށްވާތީއެވެ. ބައިވެރިން ކަމަށްވާތީއެވެ.
- އިޖުތިމާއީ ގުޅުމުގެ ގަވައިދު:
ތިބާގެ ރަހްމަތްތެރިންނަށް ތިބާގެ ބައިވެރިޔާ ތައާރަފުކޮށްދޭން އެއްބަސްވާށެވެ. އިދިކޮޅު ޖިންސުގެ ރަހްމަތްތެރިންނާ ގުޅުން ބޭއްވޭނީ ކިހާ ގާތްކޮށްކަން ވެސް ކަނޑައަޅާށެވެ. ރަހްމަތްތެރިންގެ ގޮތުގައި ބަހައްޓާނީ ވެސް ކޮން ބައެއްތޯ ނިންމައިށެވެ. ރަހްމަތްތެރިންނަށް ތިޔަ ދެމަފިރިންގެ ގެއަށް ޒިޔާރަތްކުރެވޭނީ ކިހާ ގިނައެއްކޮށްތޯ ނިންމާށެވެ. ތިބާމެންގެ ގެއަކީ އެހެން މީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ތަނަކަށް ނުހަދާށެވެ. މި ކަހަލަ ކަންތަކުގައި ވަކި އިންތަކެއް ގެންގުޅެންޖެހޭނެއެވެ.
- މައުލޫމާތު ބަދަލުކުރުމުގެ ގަވައިދު:
އާދައިގެ ޓެކްސްޓް މެސެޖެއް ފޮނުވައިގެން ނަމަވެސް އެކަކު އަނެކަކު ހުންނަ ތަން، އެކަކު އަނެކަކަށް އަންގައިށެވެ. ދުވަހުގެ ހަރަކާތްތަކުގެ ޝެޑިއުލްގެ މައުލޫމާތު އެކަކު އަނެކަކާ ހިއްސާކުރަން އެއްބަސްވާށެވެ. ތިބާގެ ބައިވެރިޔާއަށް ތިބާގެ ހުރިހާ ކަމެއް އަންގައިދީފައި ބޭއްވުމަށެވެ.
- ރުޅިއައުމުގެ ގަވައިދު:
ދެމަފިރިން އެކަކު އަނެކަކު ދެކެ ރުޅިއައުމުން ހަދާނެ ގޮތަކާމެދު އެއްބަސްވުމަކަށް އަންނާށެވެ. ރުޅިއަންނަ ވަގުތު ބައިވެރިޔާއަށް ހުސް ޖާގަ ދީފައި ތިބާ އެހަށް ދުރަށް ޖެހިލާނީ ހެއްޔެވެ؟ އެކަކު އަނެކަކާ ދުރުގައި މިނެޓްކޮޅެއް ހޭދަކޮށްލާނީ ހެއްޔެވެ؟ ޖެހުނު މައްސަލަ އަވަހަށް ހައްލުކޮށްލާނީ ހެއްޔެވެ؟ ރުޅިވެރިކަމުގައި ހުރެ ދެމަފިރިން ނިދަން އޮށޯވެގެންނުވާނެއެވެ. އޭގެ ކުރިން މައްސަލަ ހައްލުކުރަން ޖެހޭނެއެވެ.
- ގޭތެރޭގެ މަސައްކަތުގެ ގަވައިދު:
ގޭތެރޭގައި ކާކު ކުރާނީ ކޮން ކަންތައްތަކެއްކަމާމެދު އެއްބަސްވުމަކަށް އަންނާށެވެ. މިހެން ހެދުމުން ދެމަފިރިންނަށް ވެސް ތިމާ މި ކުރަނީ ކުރަންޖެހޭ ވަރަށްވުރެ އިތުރު މަސައްކަތްކަމަށް އިހުސާސެއް ނުކުރެވޭނެއެވެ.
- ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ގަވައިދު:
މީސް މީޑިއާ ބޭނުން ކުރާނެ ހައްދެއް ކަނޑައަޅާށެވެ. އެ ގޮތުން އެޅިދާނެ ލިމިޓްތަކުގެ ތެރޭގައި ތިބާ ކުރިން ލޯބީގެ ގުޅުން ބޭއްވި މީހުންނާ ފޭސްބުކްގެ ރަހްމަތްތެރިން ނުވަތަ "ފްރެންޑްސް"ގެ ގޮތުގައި ނުބޭތިއްބުމަށް އެއްބަސްވެވިދާނެއެވެ. އެހެން މީހުން ކޮށްފައި ހުންނަ ޕޯސްޓްތަކުގައި ޖިންސީ އިޝާރާތްތައް ހިމެނޭ ކަހަލަ ގޮތަކަށް ކޮމެންޓް ނުކުރަން އެއްބަސްވެވިދާނެއެވެ. އަދި އަހުލާގީ މިންގަނޑުތައް ހިފަހައްޓައި، ދެމަފިރިންގެ ދިރިއުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާނުކުރުމަށް އެއްބަސްވެވިދާނެއެވެ.
- ވަޒީފާގެ ގަވައިދު:
ވަޒީފާ އާއި އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގައި ގެންގުޅޭނެ އުސޫލުތަކާމެދު އެއްބަސްވާށެވެ. މިސާލަކަށް، ގެއަށް އަންނަމުން އޮފީހުގެ މަސައްކަތްތައް ގެއަށް ނުގެނައުމެވެ. ދެމަފިރިންގެ ކެރިއަރު ފުށުއަރާ ނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟ ދެމަފިރިން ވަޒީފާއަދާކުރާ ގަޑިތައް އެކަކު އަނެކަކާ ތަފާތު ނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟ ސަލާން ބުނާނީ ނޫނީ ޗުއްޓީ ނަގާނީ ކޮން ދުވަސްތަކެއްގައިތޯ މި ވެސް ދެމަފިރިން އެއްބަސްވާން ޖެހޭ ކަމެކެވެ.
- މައިންބަފައިންގެ ހައިސިއްޔަތުން އަމަލުކުރާނެ ގަވައިދު:
ދަރިންގެ އަހުލާގު ރަނގަޅުކުރަން ގެންގުޅޭނެ އުސޫލުތައް ކަނޑައަޅާށެވެ. މިސާލަކަށް، ދެމަފިރިންކުރެ ކާކު ކުރާނީ ކޮން ކަމެއްތޯ ނިންމައިށެވެ. ޕޭރަންޓްސް ޑޭއަށް ސްކޫލަށް ދާނީ ދެމަފިރިންކުރެ ކާކު ހެއްޔެވެ؟ ނޫނީ އެކި ފަހަރު ދާނީ ދެމަފިރިން ބަހައިލައިގެން ހެއްޔެވެ؟ މީގެ އިތުރުން، މިސާލަކަށް، ދަރިންނަށް ކާންދޭނީ ކޮން ކަހަލަ ކާބޯތަކެއްޗެއްތޯ ކަނޑައެޅުމަކީ ވެސް މައިންބަފައިންގެ ދައުރުގެ ގޮތުގައި ހިމެނޭ ކަންކަމެވެ.
- އެކަނި ވަގުތު ހޭދަކުރުމުގެ ގަވައިދު:
"އެލޯން ޓައިމް" ނުވަތަ އެކަނިހައްޓަށް ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ހަމަ ކޮންމެ އިންސާނަކަށް ވެސް މުހިންމު ކަމެކެވެ. އެ ގޮތުން މަސައްކަތެއް ކޮށްލުމަށާއި މެޑިޓޭޓް ކޮށްލުމަށާއި ނޫނީ އަރާމުކޮށްލުމަށް ވެސް އެކަނި ހުންނާނެ ވަގުތެއް ދެމަފިރިން އެއްބަސްވެގެން ކަނޑައަޅާށެވެ. އަމިއްލަ ވަގުތުކޮޅެއް ބޭނުންވުމުން އެ ކަން ބައިވެރިޔާއަށް އަންގާނެ ގޮތަކާމެދު އެއްބަސްވާށެވެ. އެއިރުން ތިބާ ބޭނުންވާ އެކަނިވެރި ވަގުތުކޮޅު ތިބާގެ ބައިވެރިޔާ ތިބާއަށް ދެވިދާނެއެވެ.
މި ފާހަގަކޮށްލި 12 "ގަވައިދު"ގެ ސަބަބުން ޒަވާޖީ ދިރިއުޅުން ވަކި އުސޫލުތަކެއްގެ މަތިން ކުރިއަށްގެންދެވޭނެއެވެ. އަމާންކަން ގެނެސްގެންނެވެ. އަދި ދެމަފިރިންގެ ދެމެދުގައި އެއްބައިވަންތަކަން ގާއިމުކޮށްގެންނެވެ. މި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރުމުން ޒަވާޖީ ހަޔާތުގެ މިސްރާބު ރަނގަޅު މަގަށް އަޅުވައި، ރިވެތި އަހުލާގީ މިންގަނޑުތަކުގެ ތެރޭގައި ދިރިއުޅުން ކުރިއަށްގެންދަން އެނގޭނެއެވެ.
ތިބާގެ ޒަވާޖީ ހަޔާތް މި ވަގުތު ކުރިއަށްދަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށްވަންޏާ އަދިވެސް ލަހެއް ނުވެއެވެ. މި ކަހަލަ މައްސަލަތައް ހައްލުކުރުމަށް ދެމަފިރިން ވާހަކަ ދައްކައި، އެއްބަސްވުންތަކަކަށް އަންނާށެވެ. ދިރިއުޅުން ސީދާސާދާކަން މަތީގައި ކުރިއަށް ގެންދާށެވެ.
ނޯޓު: ތަރުޖަމާއެއް
