އެއް ސަހަރެއްގައި އުޅުނު ފިރިހެން ކުއްޖެކެވެ. އޭނާ އަބަދުވެސް ހުންނަނީ އުފަލުން ހިނިތުންވެފައެވެ.
އެއް ދުވަހަކު އޭނާ އިސް ރަށްވެއްސެއްގެ ގާތަށް ގޮސް ސުވާލުކުރިއެވެ: "އުފާވެރިކަން ނައްތައިލައި އެންމެ ބޮޑު ކަމަކީ ކޮބައި ހެއްޔެވެ؟ އަހަރެން ކިބައިގައި ހުންނަނީ އުފާވެރިކަމުގެ ސިފައެވެ. އަހަރެން އަބަދު އަނގަތަޅައި ވާހަކަދައްކަމުއެވެ. ނަމަވެސް އަހަރެން ބިރުގަންނަނީ ކޮންމެވެސް ދުވަހަކުން އަހަރެންނަށް ހިތާމަވެރިކަން ލިބިދާނެތީއެވެ. ކޮންމެ ދުވަހަކު ވެސް އުފާވެރިކަމުގައި ޕޮޒިޓިވް މޫޑެއްގައި ހުރެވޭނެ ގޮތް ބުނެދޭށެވެ."
މުސްކުޅި މީހާ ކުޑަ ވަގުތުކޮޅަކު ވިސްނައިލިއެވެ. ދެން ބޯޖަހައިލައިފައި ބުންޏެވެ: "ރަނގަޅެވެ. ތިބާ ބޭނުންވާ ތިޔަ މައުލޫމާތު ދީފައިނަމެވެ. އެކަމަކު އޭގެ ކުރިން އަހަރެންނަށް ކަމެއް ކޮށްދޭން ވާނެއެވެ."
މުސްކުޅި މީހާގެ މޫނުމައްޗަށް އައިސްފައިވާ ސީރިއަސްކަން ދެކެފައި ފިރިހެން ކުއްޖާ ބުންޏެވެ: "އާނއެކެވެ، ސާހިބާއެވެ، އެއީ ކޮން ކަމެއް ހެއްޔެވެ؟"
މުސްކުޅި މީހާ ޖަވާބުދިނެވެ: "އަހަރެންގެ ގޭގެ ބިތްދޮށުގައި ހުސް ހަމެއް ހުންނާނެއެވެ. އަހަރެން ތިބާގެ ކިބައިން އެދެނީ އެއަށް ފެން އަޅައި ފުރައިލަދިނުމަށެވެ. ކޯރުން ފެން ގެންނަ ވަރަށް ވުރެ އަހަރެން މިހާރު މާ މުސްކުޅިވެފައި ގައިގައި ބާރެއް ނެތެވެ. މި ކަންތައް ކޮށްދީފި ނަމަ ހަދިޔާއެއްގެ ގޮތުގައި އަހަރެން ތިބާއަށް ދެ ލާރި ދޭނަމެވެ. ހަމައެކަނި ތިބާއަށްޓަކައެވެ!"
ފިރިހެން ކުއްޖާ ވަރަށް އުފާވިއެވެ. ހަގީގަތުގައި ފައިސާ ބޭނުންވެފައި އޭނާ ހުރީމާ ވެސްމެއެވެ.
އޭނާ ބާލިދީއެއް ނެގިއެވެ. އަދި ފެން ނެގުމަށް ކޯރު ކައިރިއަށް އަވަސްއަވަހަށް ދިޔައެވެ. އެއަށްފަހު ފެން އެޅި ވާހަކަ، އޭގެ ކުޑައިރުކޮޅެއް ފަހުން މުސްކުޅި މީހާގެ ގާތުގައި ބުންޏެވެ.
މުސްކުޅި މީހާ ދެން ބުންޏެވެ: "އަހަރެންގެ ބަދިގެތެރޭގައި އިތުރު ހުސް ހަމެއް ހުރިކަން ތިބާގެ ގާތުގައި ބުނަން ހަނދާން ނެތުނީއެވެ. އެ ހަމަށް ވެސް ފެން އަޅައި ފުރައިލަދީފާނަން ހެއްޔެވެ؟ ހަދިޔާއެއްގެ ގޮތުގައި އިތުރު ދެ ލާރި އަހަރެން ތިބާއަށް ދޭނަމެވެ. އެއިރުން ތިބާއަށް ހަތަރު ލާރި ލިބުނީއެވެ! އެ ހުރިހާ ފައިސާއަކުން ވަރަށް ގިނަ ތަކެތި ތިބާއަށް ގަނެވޭނެއެވެ. ހުރިހާ ހަތަރު ލާރި ވެސް ހަމަ ތިބާއަށެވެ!"
ކޮންމެ ގޮތެއް ހަދައިފައި ވެސް ހަތަރު ލާރި ހޯދަން ފިރިހެން ކުއްޖާ ނިންމިއެވެ. ދެވަނަ ވިސްނުމަކަށް ނުގޮހެވެ. ބާލިދީ ހިފައިގެން ކޯރުގެ ކައިރިއަށް އޭނާ އަވަހަށް ދިޔައެވެ. މާ ގިނަ ވަގުތެއް ނުނަގައި ބަދިގެތެރޭގައި ހުރި ހަމަށް ވެސް ފެން އަޅައި ފުރައިލިއެވެ. ނަމަވެސް މުސްކުޅި މީހާގެ ގާތަށް އެ ހަބަރު ދޭން އައުމުން މުސްކުޅި މީހާ ބުންޏެވެ: "މާތްކަލާކޮ! އަހަރެންނަކީ ވަރަށް ހަނދާންބަލި މީހެކެވެ! އަހަރެންގެ ބަގީޗާގައި އިތުރު ހުސް ހަމެއް ހުރިކަން ތިބާގެ ގާތުގައި ބުނަން އަހަރެން ހަނދާންނެތުނީއެވެ. އެއަށް ވެސް ފެން އަޅައި ފުރައިލަދޭށެވެ. އަހަރެން އިތުރު ދެ ލާރި ދޭނަމެވެ. އެއިރުން ތިބާއަށް މުޅިއެކު ހަ ލާރި ލިބޭނެއެވެ. އެހެންކަމުން ތިބާއަށް ވަރަށް ގިނަ ފައިސާ ލިބުނީއެވެ. ހަ ލާރި ހަމަ ތިބާއަށެވެ!"
ފިރިހެން ކުއްޖާގެ މޫނުމަތިން ފެނުނީ ބޮޑު އުފާވެރިކަމެކެވެ. އެ ހުރިހާ ފައިސާއަކުން ކޮށްލެވިދާނެ ކަންތައްތައް ހިތަށް އައުމުން އޭނާއަށް އިހުސާސް ކުރެވެން ފެށި ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ތިން ވަނަ ހަން ވެސް ފެނުން ފުރައިލައިފައި އެ ހަބަރު ދޭން މުސްކުޅި މީހާގެ ގާތަށް އައުމަށް ފިރިހެން ކުއްޖާއަށް މާކަ ގިނަ ވަގުތެއް ނުނަގައެވެ. އޭނާ ހުރީ ވަރުބަލިފައެވެ.
މުސްކުޅި މީހާ ފިރިހެން ކުއްޖާއަށް ހަ ލާރި ދިނުމުގެ ބަދަލުގައި، ދެ ބުމަ ގޮށްޖަހައިލައިފައި މަޑުމަޑުން ބުންޏެވެ: "އަހަރެންނަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ހަނދާން ބަލި މީހާ ކަންނޭނގެއެވެ! އަހަރެންގެ އަތުގައި އެއްވެސް ވަރަކަށް ލާރިއެއް ނެތްކަން ހަނދާންނެތުނީއެވެ. އަހަރެން ވަނީ ބަނގުރޫޓުވެފައެވެ. މިހެންވެ ތިބާއަށް ދޭނެ ފައިސާއެއް އަހަރެންގެ އަތަކު ނެތެވެ. އަހަރެން މި ކަމާ ހިތާމަކުރަމެވެ. މައާފުކުރާށެވެ. ތިބާ ގެއަށް ދާންޖެހޭނީ ހުސްއަތާއެވެ! ތިބާއަށް ދޭނެ އެއްވެސް އެއްޗެއް އަހަރެންގެ އަތުގައި ނެތެވެ!"
މި ޖަވާބު އިވިފައި ފިރިހެން ކުއްޖާގެ މޫނުމަތީގައި ހުރި ހިނިތުންވުން ގެއްލުނެވެ. އޭގެ ބަދަލުގައި މޫނުމައްޗަށް ވެރިވީ ހިތާމައިން ފުރިފައިވާ ހައިރާންކަމެކެވެ. އޭނާގެ ކިބައިން ހުރިހާ އުފަލެއް ގެއްލުނެވެ. އޭގެ ބަދަލުގައި އޭނާއަށް ލިބުނީ ހިތާމަވެރިކަމެވެ.
އެ ވަގުތު ނުވިސްނައި ހުއްޓައި މުސްކުޅި މީހާ ކުޑަ ވަގުތުކޮޅަކަށް އޭނާގެ ގައިގައި ބައްދައިލިއެވެ. އަދި ހިނިތުންވަމުން ބުންޏެވެ: "ހާސްނުވާށެވެ! ތިބާއަށް ދޭނެ ލާރި އަހަރެންގެ އަތުގައި އެބަހުއްޓެވެ! އަހަރެން މި ކުރި ހުރިހާ ކަމެއް ވެސް ކުރުމުގެ ބޭނުމަކީ ތިބާއަށް ހަޔާތުގެ އަގުހުރި ފިލާވަޅެއް ދޭހަކޮށްދިނުމެވެ."
މުސްކުޅި މީހާ ފިރިހެން ކުއްޖާގެ ގާތުގައި ބުނީ، އުފާވެރިކަން ނައްތައިލައި އެންމެ ބޮޑު ސަބަބަކީ ކޮބައިކަން އެހުމުން، ފިރިހެން ކުއްޖާއަށް ހިތާމަވެރިކަން ގެނެސްދެވިދާނެ ރޭވުމެއް ރައިވައިލީ ކަމަށެވެ. އެއީ އެ ފިލާވަޅު ރަނގަޅަށް އަނގައިލަދިނުމަށެވެ.
މުސްކުޅި މީހާ ފިރިހެން ކުއްޖާއަށް ބުންޏެވެ: "އަޑުއަހާށެވެ. އުފާވެރިކަން ނައްތައިލައި އެންމެ ބޮޑު ކަމަކީ 'އެކްސްޕެކްޓޭޝަންސް' ނުވަތަ ކަމަކަށް އެދެވުން ކަމެވެ. ތިބާ ދެރަވީ އަހަރެންގެ އަތުން ހަ ލާރި ލިބޭނެ ކަމަށް އުއްމީދުކޮށް، ނަމަވެސް އެ ފައިސާ ނުލިބުމުންނެވެ. އެހެން މީހަކަށް ކަމެއް ކޮށްދޭއިރު އެ މީހުންގެ ފަރާތުން ކޮންމެވެސް އެއްޗެއް އަހަރެމެންނަށް އަނބުރާ ލިބޭނެ ކަމަށް އަހަރެމެންނަށް އެދެވެއެވެ. ނޫނީ ކޮންމެވެސް ކަހަލަ ޖަޒުބާތެއް ފާޅު ކުރާނެ ކަމަށް އުއްމީދުކުރެވެއެވެ. ނަމަވެސް އެ ގޮތަށް ކަންތައްތައް ނުވެދާނެއެވެ."
މުސްކުޅި މީހާ ބުނީ އަހަރެމެންގެ އެކްސްޕެކްޓޭޝަންސް ނުވަތަ ކަންތައްތައް ލިބިގަތުމަށް ކުރެވޭ އުއްމީދު ގިނަ ފަހަރަށް މާ މައްޗަށް އަރައިގެންދާ ކަމަށެވެ. ނޫނީ އެއީ "އަންރިއަލިސްޓިކް" ނުވަތަ ހަގީގީ ދިރިއުޅުމުގައި އަސްލެއް ނެތް ފަދަ ކަމަކަށް ވެދާނެ ކަމަށެވެ.
މުސްކުޅި މީހާ ބުންޏެވެ: "އަހަރެމެން އެހެން މީހުން ދެކެ ލޯބިވުމުން އަހަރެމެންނަށް އެދެވެނީ އެ މީހުން ވެސް އަނބުރާ އަހަރެމެން ދެކެ ލޯބިވުމަށެވެ. އަހަރެމެން އެހެން މީހުންނަށް ރަނގަޅަށް ކަންތައްތައް ކޮށްދިނުމުން އަހަރެމެންނަށް އެދެވެނީ އެ މީހުން ވެސް އަހަރެމެންނަށް ރަނގަޅަށް ކަންތައްތައް ކޮށްދިނުމަށެވެ. އަހަރެމެންނަށް އަބަދުވެސް އެދެވެނީ އަހަރެމެން އެދޭ ގޮތަށް ކަންތައްތައް ވުމަށެވެ. މި ފަދަ އެދުންތައް ހުރުމުގެ ސަބަބުން މާޔޫސްކަމާއި ދެރަވުމާއި ހިތްވަރު އެލޭގޮތްވުމާއި ސްޓްރެސް އާއި ރުޅި އަދި ނަފުރަތު އަހަރެމެންގެ އިހުސާސްތަކަށް އަސަރު ފޯރުވަން ފަށައެވެ. ނަމަވެސް އެހެން މީހުންގެ ފަރާތުން އަހަރެމެން އެދޭ ކަންތައްތައް ދޫކޮށްލުމުންނާއި އެހެން މީހުންނަކީ އަހަރެމެން އެންމެ ހިތްހަމަޖެހޭނެ ބަޔަކަށް ނުވުމުގެ ފުރުސަތު އޮތްކަން އަހަރެމެންނަށް ފަހުމްވާ ނަމަ، ހަޔާތުގައި އަހަރެމެންނަށް އުފާވެރިކަން މަތީގައި ދެމިތިބެވޭނެއެވެ."
ނޯޓު: ތަރުޖަމާއެއް
