ލޯބި "މަރައިލަނީ" ކޮން ކަންތައްތަކަކުން ހެއްޔެވެ؟ އެ ކަމުގައި މައިގަނޑު 12 ސަބަބެއްވެއެވެ.
1. މުވާސަލާތްނުކުރުން:
ތިޔަ ދެމަފިރިން މުވާސަލާތްކުރާލެއް މަދުވާ ވަރަކަށް، ދެ މީހުން ދެ މީހުންނާ ވަކިން އުޅުން އާއްމު ކަމަކަށްވެދެއެވެ. ދެ މީހުންގެ މެދުގައި ދުރުކަމެއް އުފެދެން ފެށުމުން، ދެ މީހުންގެ މެދުގައި އޮތް ލޯބި މަރުވެދެއެވެ.
2. ހުއްޓުމެއް ނެތި އަރައިރުންވުން:
މިކަމުގެ ނަތީޖާއަކީ ޒުވާބުކުރުމުން ދުރުވުމަށްޓަކައި ދެމަފިރިން ދުރުދުރުން އުޅެން ފެށުމެވެ. މިހެންވުމުން ދެމަފިރިން އެކަކު އަނެކަކާ ދުރަށް ދާން ފަށައެވެ.
3. އެކުގައި ކުރާނެ ކަންތައްތައް ނެތުން:
އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތާއި ކުރިއަށްދާ ކެރިއަރަކީ ތަފާތު ދެ ކަމެއް ކަމަށްވެދާނެއެވެ. އަދި އެކަކަށް ކަމުދާ ކަންތައްތައް އަނެކަކަށް ކަމުނުގޮސްފާނެއެވެ. މިހެންވެ، އެކުގައި ކުރެވިދާނެ ކަންތައްތަކެއް ނެތް ނަމަ، ދެމަރިފިންގެ ގުޅުން މަޑުމަޑުން ރޫޅޭނެއެވެ.
4. ބޭވަފާތެރިވުން:
ދެމަފިރިން އެހެން މީހުންނާއެކު ލޯބީގެ ގުޅުން ބާއްވަން ފަށައިފި ނަމަ، ދެމަފިރިންގެ ދެމެދުގައި އޮތް ލޯބި ފަނޑުވެގެންދާނެއެވެ.
5. ދެވިހިފާ ކަންތައްތަކުން ދުރުނުވެވުން:
ބަރަހަނާ ފިލްމް ބެލުމާއި ބަނގުރާ ބުއިން ފަދަ ދެވިހިފާ ކަންތައްތަކަކީ ދެމަފިރިންގެ މުހިންމު އެތައް ވަގުތެއް ނަގާލާނެ ކަންތައްތަކެވެ. ދެން ފެނިގެންދާނީ ދެމަފިރިންގެ ގުޅުން ދިފާއުކުރުމުގެ ބަދަލުގައި މި ފަދަ ދެވިހިފާ ކަންތައްތައް ދިފާއުކުރަން އުޅޭ ތަނެވެ. ދެމަފިރިންގެ ގުޅުމަށް ސަމާލުކަން ނުދެވި އަދި އެކަކު އަނެކަކަށް ޖަޒުބާތީ ގޮތުން އަނިޔާވެރިވެވި، އެކަކު އަނެކަކުގެ ކަންތައްތަކުގައި އިހުމާލުވެވޭ ތަނެވެ.
6. ތިންވަނަ ފަރާތްތަކަށް ޖާގުދިނުން:
ދެމަފިރިންގެ ދެމެދުގައި ނިންމަންޖެހޭ ކަންތައްތަކަށް "އަތްބޭނުމަށް" ތިންވަނަ ފަރާތްތަކަށް ޖާގަ ދީގެން ނުވާނެއެވެ. އެއީ މައިންބަފައިން، ރަހްމަތްތެރިން، އަދި އެއްބަނޑުއެއްބަފާ މީހުން ކަމަށް ވިޔަސްމެއެވެ. ދެމަފިރިންގެ ކަންތައްތަކާ "ބެހެން" އެހެން މީހުންނަށް ޖާގަ ދީފި ނަމަ، ދެމަފިރިންގެ ގުޅުން ދާނީ ހީނަރުވަމުންނެވެ.
7. ރަނގަޅު ސިފަތައް ބަލައިނުގަތުން:
ދެމަފިރިންގައި ހުރި ރަނގަޅު ސިފަތައް އެކަކު އަނެކަކު ބަލައިނުގަންނަ ނަމަ، ލޯތްބަކީ ގަދަކަމުން އުފުލާ ބުރައަކަށް ވެދާނެއެވެ. މިކަމުން ނުކުންނާނެ ނޭދެވޭ ނަތީޖާއަކީ އެކަކު އަނެކަކަށް ކޮށްދޭ ކަންތައްތައް ކޮށްދިނުމުގައި އެކަކު އަނެކަކަށް ލިބެން ޖެހޭ އުފަލުން ދެ މީހުން ދެ މީހުން ވެސް މަހްރޫމްވުމެވެ. މިހާ ހިސާބުން އެކަކު އަނެކަކަށް ކޮށްދޭ ކަންތައްތައް އިހުސާސް ކުރެވެން ފަށާނީ މަޖުބޫރުން ކޮށްދޭން ޖެހޭ "ޑިއުޓީ"ތަކެއްހެންނެވެ.
8. އަފޫނުކުރުން:
މައާފު ނުކުރާ ހިތެއްގައި ލޯބި އޮތުމަށް ޖާގައެއް ނޯންނާނެވެ. އަފޫ ނުކުރާ ނަމަ، ލޯތްބެއް ވެސް ނުވެވޭނެއެވެ.
9. ދެމަފިރިން ޖިސްމާނީ ގޮތުން ދުރުވުން:
ޖިސްމާނީ ގޮތުން ދުރުވުމުގެ އިތުރުން ޖަޒުބާތީ ގޮތުން ދުރުވުމުން ވެސް ދެމަފިރިންގެ ދޭތެރޭގައި ބާގަޑެއް އުފެދޭނެއެވެ. ދެމަފިރިންގެ ދޭތެރޭގައި ވީހާވެސް ބޮޑަކަށް ގުޅުންތައް ބޭއްވުމަށް ސަމާލުކަން ދޭށެވެ.
10. މަސައްކަތުގައި މާބޮޑަށް އަވަދިނެތި އުޅުން:
ދެމަފިރިން ވަޒީފާ އަދާކުރާއިރު ނުވަތަ ވިޔަފާރިއެއް ހިންގާއިރު، އެ ކަމަށް ހުސްކުރަން ޖެހޭ ވަގުތު މާބޮޑަށް އިތުރުވެގެންދާ ނަމަ ޒަވާޖީ ހަޔާތެއްގައި ގެންގުޅެން ޖެހޭ "ބެލެންސް" ކަޓައިފާނެއެވެ. މީގެ އެއް ސަބަބަކީ ލޯތްބަކީ މާލީ އަގެއް ނެތް އެއްޗަކަށްވާތީ ޒަވާޖީ ގުޅުމަށް ދޭން ޖެހޭ ސަމާލުކަން ނުދެވުމެވެ. ނަތީޖާއެއްގެ ގޮތުން ދެމަފިރިކަމުގެ ގުޅުމަށް ނޭދެވޭ އަސަރުކުރާނެއެވެ.
11. އިލްޒާމް އެޅުވުން:
އެކަކު އަނެކަކުގެ ކުށް ދައްކައި، އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމް އަޅުވަން ފަށައިފި ނަމަ، ދެމަފިރިންގެ ދެމެދުގައި އޮންނަ ގާތްކަން ނެތިގެންދާނެއެވެ.
12. ލޯބީގެ ބަގީޗާ ނުބެލެހެއްޓުން:
ލޯތްބަކީ ހަމަ ހުރެލައިފައިވާ ކަމެއް ނޫނެވެ. އެއީ ހަމަ ހުރެލައިފައި ފޯދޭ އެއްޗެއް ވެސް ނޫނެވެ. ބަގީޗާއެއް ފަދައިން ލޯތްބަށް ވެސް ފެން ދޭން ޖެހެއެވެ. ރަނގަޅަށް ބަލަހައްޓައި ސަމާލުކަން ދޭން ޖެހެއެވެ. ދެމަފިރިން އެކުގައި މި ކަމުގައި ބައިވެރިވެގެން މެނުވީ ލޯބި ނުދެމެހެއްޓޭނެއެވެ. އިސާހިތަކު އެ ލޯބި މަރުވެގެން ހިނގައިދާނެއެވެ.
މި ހުށަހަޅައިލި 12 ނުކުތާއާމެދު ސަމާލުކަންދީ، މި ގޮތުގެ މަތިން އަމަލުކޮށްފި ނަމަ، ކޮންމެ ދެމަފިރިއަކަށް ވެސް ލޯތްބާއި ޒަވާޖީ ހަޔާތުގައި ކާމިޔާބު ލިބޭނެއެވެ.
ނޯޓް: ތަރުޖަމާއެއް
