Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ޕަވާ ނެޕް- މެންދުރު ކައިގެން ކުޑަ އިރުކޮޅަކު ނިދާލުމުގެ މުހިންމުކަން

މެންދުރު ކެއުމަށް ފަހު ހަށިގަނޑަށް ލޮޑުކަމެއް އައިސް ކުޑަކޮށް ނިދޭ ގޮތް ވާކަން މިއީ އެތައް ބަޔަކަށް ފާހަގަކުރެވިފައިވާ ކަމެކެވެ. މިހާރު ޖަޕާނު ސަރުކާރާއި އެ ގައުމުގެ ވިޔަފާރިތަކުން އަންނަނީ މުވައްޒަފުންނަށް ކުރިމަތިވާ މި ހާލަތަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން ޖަޕާނުގެ އަމިއްލަ ކުންނިތަކުން އަންނަނީ އޮފީހުގައި ވަކި ކޮޓަރިތަކެއް ގާއިމު ކުރަމުންނެވެ. "ސައުންޑް ޕްރޫފް" ނުވަތަ އެތެރެއަށް އަޑު ނުވަންނަ ގޮތަށް ހަދާ މި ކޮޓަރިތަކުގައި މުވައްޒަފުންނަށް ފަސޭހަކަމާއެކު، މެންދުރުގެ ކެއުން ނިންމާލާފައި ތިރީހަކަށް މިނެޓު ނިދާލެވެއެވެ.

ޖަޕާނު މީހުންނަށް ހަމަނިދި ނުލިބޭކަން މީގެ ކުރިން ވެސް ވަނީ ހާމަވެފައެވެ. އެ ގޮތުން ހަމަނިދި ނުލިބޭ މުވައްޒަފުންގެ ސަބަބުން އެ ގައުމުގެ އިގުތިސާދަށް ކޮންމެ އަހަރަކު 138 ބިލިއަން ޑޮލަރުގެ ގެއްލުންވާ ކަމަށް ވަނީ ހޯދިފައެވެ.

މެންދުރު ކައިގެން އެ އަންނަ ލޮޑުކަމުގައި ތާއްޔާ ޖެހޭ މުވައްޒަފުންނަށް، ޕަވާ ނެޕްކޮށްލަން ފުރުސަތު ދިން އެއް ކުންފުންޏަކީ އިންފޮމޭޝަން ޓެކްނޯލޮޖީ ހިދުމަތް ދޭ ނެކްސްޓްބީޓް ނަމަކަށް ކިޔާ ކުންފުންޏެވެ. އަދި އެ ކުންފުނިން ވަނީ މި ފަދަ ސައުންޑް ޕްރޫފް ކޮޓަރިތައް އޮފީހުގައި ހަދައި، ރޭގަނޑު ނުވައެއްގެ ފަހުން މަސައްކަތް ކުރުން މުވައްޒަފުންނަށް މަނާކޮށްފައެވެ.

ދުވާލަކު ހަ ގަޑިއިރަށްވުރެ ގިނައިން ނިދާ މުވައްޒަފުންނަށް ކޫޕަން ދޭ ކުންފުންޏެއް ވެސް ޖަޕާނުގައި ހުރެއެވެ. ސްމާޓްފޯނަށް އަޅާ އެޕަކުން ކޮންމެ މުވައްޒަފަކު ނިދަނީ ކިހާ އިރަކުތޯ ބަލައިލެވެއެވެ. އަދި މި ގޮތަށް ހަ ގަޑިއިރަށްވުރެ ގިނައިން ނިދާ މުވައްޒަފުން އެ ކޫޕަންތައް ދެއްކުމުން އޮފީހުގެ ކެންޓީނުން ހެޔޮ އަގުގައި ކާބޯތަކެތި ލިބެއެވެ. މި ގޮތަށް ލިބޭ ކޫޕަންތަކުގެ އަގު ބައެއް ފަހަރަށް އަހަރަކު 589 ޑޮލަރަށް އަރައެވެ.

އަށާވީސް ގައުމު ހިމެނޭ ގޮތަށް ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ޖަޕާނު މީހުން އާއްމު ގޮތެއްގައި ދުވާލަކު ނިދަނީ ހަ ގަޑިއިރާއި 35 މިނެޓެވެ. މިއީ ބައިނަލް އަގުވާމީ ނިސްބަތަށްވުރެ 45 މިނެޓް މަދު ނިސްބަތެކެވެ. މިއާ ހިލާފަށް، މިސާލަކަށް، ފިންލެންޑް ފަދަ ގައުމުތަކުގައި މީހުން ނިދުމުގެ މިންވަރު އުޅެނީ ދުވާލަކު ހަތް ގަޑިއިރާއި 45 މިނެޓްގައެވެ. މީގެ އިތުރުން، އެސްޓޯނިއާ އާއި ކެނެޑާ އާއި ބެލްޖިއަމް އާއި އޮސްޓްރިއާގެ އިތުރުން ނެދަލެންޑްސްގެ ރައްޔިތުން ނިދާ މިންވަރު، ދުނިޔޭގެ ނިސްބަތަށްވުރެ މައްޗެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ހަމަނިދި ނުލިބުމާއި ސިއްހަތަށް ނުކަތާ ވަރަށް މަސައްކަތް ކުރުމުން ޖަޕާނު މީހުންގެ ސިއްހަތަށް ނުރައްކާވެފައިވެއެވެ. އެ ގޮތުން 2013 ވަނަ އަހަރުގެ ޖުލައި މަހު، "އޯވާ ޓައިމް" ނުވަތަ އޯޓީގެ ގޮތުގައި 159 ގަޑިއިރު މަސައްކަތްކޮށް، އޭގެ ތެރެއިން އެއް މަސް ދުވަހުގެ ތެރޭގައި ހަމައެކަނި ދެ ދުވަސް ޗުއްޓީގެ ގޮތުގައި ނެގި، އުމުރުން 31 އަހަރުގެ ނޫސްވެރިޔާ މީވާ ސާޑޯ ވަނީ ހިތް ހުއްޓިގެން މަރުވެފައެވެ.

މި ފަދަ ކަންތައްތަކާ ހުރެ ޖަޕާން ސަރުކާރުން ވެސް މިހާރު ވަނީ، އަމިއްލަ ކުންފުނިތަކުން އެ ތަންތަނުގެ މުވައްޒަފުންނަށް ދޭ 30 މިނެޓްގެ ޕަވާ ނެޕް ސިޔާސަތަށް ތާއީދު ކުރަން ފަށައިފައެވެ.

މި ސިޔާސަތު ތަންފީޒު ކުރާ ކުންފުނިތަކުން ބުނާ ގޮތުގައި މި ފަދަ ޕަވާ ނެޕް އަށް ފުރުސަތު ދިނުމުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެގެންދާކަން ފާހަގަކުރެވެއެވެ.

އެ ގޮތުން އެއް ކުންފުންޏަކުން ވަނީ މުވައްޒަފުން ކޮޅަށް ހުރެގެން ވެސް ނިދޭނެ ގޮތަށް "ފޮއްޓެއް"ގެ ސިފައިގައި އާލާތެއް ހަދައިފައެވެ. އެހެން ކުންފުންޏަކުން ބުނީ އެ ތަނުން ހަދާ އާލާތުގެ ބޭނުން ކުރުމުން ހަށިގަނޑުގެ މަސްތަކަށް ލިބޭ ގެއްލުން ކުޑަ ވާނެ ކަމަށެވެ. އަދި މިހެންވުމުން ނިދަން ފަސޭހަވާނެ ކަމަށެވެ.

މި ފަދަ އަމިއްލަ ކުންފުނިތަކުން މިހާރު އަންނަނީ އޮފީހުގައި ޕަވާ ނެޕްގެ ނިދި ނިދާލެވޭނެ އެތައް ޑިޒައިނެއްގެ އާލާތްތައް އުފައްދަމުންނެވެ.

ކޮޔޮޖޫ ޕްލައިވުޑް ކުންފުނިން ވަނީ މީހާ ކޮޅަށް ހުރެ ވެސް ނިދާލެވޭނެ ފަދަ އާލާތެއް އުފައްދައިފައެވެ. މީގެ ތެރޭގައި ނިދާލުމަށް ބޮލާއި ތަނބިކައްޓާއި އަދި ފުންނާބަށް އަރާމު ލިބޭ ގޮތަށް މަގުފަހި ކޮށްދީފައިވެއެވެ.

އެ ކުންފުނިން ބުނީ ހަކައިޑޯ ޔުނިވާސިޓީ އާ ގުޅިގެން އުފައްދާ މި ފަދަ އާލާތެއްގެ ބޭނުމަކީ 30 މިނެޓްގެ "ލުއި ނިންޖަކުން" މުވައްޒަފު ނިދާލުމަށް މަގުފަހި ކޮށްދިނުން ކަމަށެވެ. "ފުން ނިންޖަކަށް" ނުދާނޭ ގޮތަށް މި ފަދަ އާލާތްތައް ތައްޔާރު ކުރަނީ ލުއި ނިދިން ހޭލައިގެން އެނބުރި މަސައްކަތަށް ވާސިލު ވާން ފަސޭހައަކަށެވެ.

ފޯން ބޫތެއްގެ ސިފައިގައި އުފައްދާ މި ފަދަ ބޫތަކަށް ބޭނުންވަނީ އާދައިގެ އެނދަކަށް ނަގާ ޖާގައިގެ ދެބައިކުޅައެއްބައި ޖާގައެވެ. އޮފީސްތަކާއި ސިއްހީ އިދާރާތަކާއި އަދި ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ހަދާ މި އާލާތްތައް ވަނީ މިދިޔަ ޖަނަވަރީ މަހު އާއްމުކޮށް ވިއްކަން ފަށައިފައެވެ. ވިއްކަނީ ތިން މިލިއަން ޔެން ނުވަތަ 20،000 ޑޮލަރަށެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މެޓްރޯނެޕްސް އިން އެނދެއްގެ ސިފައިގައި އުފައްދާފައިވާ "އެނަޖީޕޮޑް"ގައި ފައިދަމާލައިގެން އޮށޯވެވެއެވެ. ހަށިގަނޑަށް ވުރެ ތަންކޮޅެއް މައްޗަށް ވާނެ ގޮތަށް ފައި އުފުލާލައި ގޮތަށް ހަދާފައިވަނީ ހިތަށާއި ލޭ ނާރުތަކަށް ޕްރެޝަރެއް ނާންނާނެ ގޮތަށެވެ. އަދި ފައި ގޮނިކޮށްލެވޭ ގޮތަށް އޮތުމުން ބުރަކަށީގެ މަސްގަނޑަށް އަރާމުކަން ލިބެއެވެ.

އެނަޖީ ޕޮޑް ޑިޒައިން ކޮށްފައިވަނީ ނިންޖަށް ފަހު މީހާގެ ސަމާލުކަން އިތުރުވާނެ ގޮތްތައް ހިމަނާފައެވެ. އެ ގޮތުން އަރާމުކޮށްދޭ މިއުޒިކް އިއްވައިދޭ ހެޑްފޯން ހަރުކޮށްފައިވެއެވެ. އަދި ނިދާތާ 20 މިނެޓް ފަހުން މި ޕޮޑް މަޑުމަޑުން "ވައިބްރޭޓް" ވާން ފަށައެވެ. މީހާ ހޭލައްވާލުމަށެވެ.

މި އެނަޖީ ޕޮޑް އުފެއްދި ކުންފުނިން ބުނީ މަސައްކަތު ގަޑީގައި ވެސް ކޮންމެވެސް އަރާމެއް ކޮށްލަން ބޭނުންވާ މުވައްޒަފުން ތިބޭ ކަމަށާއި ނަމަވެސް އެ މީހުންނަކީ ކަންނެތް މީހުން ކަމަށް އެހެން މުވައްޒަފުން ދެކިދާނެތީ ޕަވާ ނެޕް ނިދިން ނިދާލަން ނުކެރެނީ ކަމަށާއި ނަމަވެސް މި އެނަޖީ ޕޮޑް ތައާރަފު ކުރުމުން މި ކަމުން ހުރިހާ މުވައްޒަފުންނަށް ފައިދާ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޖަޕާނުގެ ސިއްހީ މިނިސްޓްރީން 2022 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، މަސައްކަތް ކުރާ އާބާދީގެ ތެރެއިން 40 ޕަސެންޓް މަސައްކަތްތެރިން މެންދުރު ކެއުމަށް ފަހު ލޮޑުވެ، ޕަވާ ނެޕް ނިދިން ނިދާލަން އެދެއެވެ. މިހެންވެ، ޕަވާ ނެޕް ނުނަގާ ނަމަ މަސައްކަތްތެރިންގެ ފަރާތުން ލިބޭ އުފެއްދުންތެރިކަމަށް މި ކަމުން ހުރަސް އެޅޭތީ ވަޒީފާ ދޭ ފަރާތްތަކުން ޕަވާ ނެޕްގެ ހިދުމަތް ދޭން ބޭނުންވާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ގާއިމު ކޮށްފައިވާ ވެދާލީ ކުންފުނިން މިހާރު ވަނީ ޑްރީމްލައިޓް ހީޓް ލައިޓް ނަމަކަށް ކިޔާ ލޯމަތީގައި އަޅާ ކަހަލަ "އައިނެ"އް އުފައްދައިފައެވެ. ލޮލުގެ ކައިރީގައި ނުޖެހޭ ގޮތަށް ހަދާފައި މި އައިނަކީ ލޮލަށް 40 ޑިގްރީ ސެލްސިއަސްގެ ހޫނު ކަމެއް ފޯރުކޮށްދޭ އާލާތެކެވެ. މި އައިނު ބަރުދަނުގެ ގޮތުން ވަރަށް ލުޔެވެ. އަދި މޫނުގެ ބައްޓަމަށް ފެތި، ލޯ ކައިރިއަށް އަލި ނުވަންނަ ގޮތަށް ހަދާފައިވާތީ އޮފީހުގެ މޭޒުދޮށުގައި އިނދެގެން ކުޑަ ވަގުތު ކޮޅަކަށް ވެސް ޕަވާ ނެޕް ނިންޖަކުން ނިދާލަން ފަސޭހައެވެ.