Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ޖަޕާނު މީހުން ތަޅުންގަނޑުމަތީގައި ނިދަނީ ކީއްވެ؟

ޖަޕާނު މީހެއްގެ ނިދާ ކޮޓަރިއަށް ވަދެފިއްޔާ އަހަރެމެންނަށް ހައިރާންކަމެއް ލިބިދާނެއެވެ. ސަބަބަކީ ނިދާ އެނދެއް ނެތުމެވެ. މިއީ އެ ގައުމުގެ ސަގާފަތާ ގުޅުން ހުރި ކަމެއް ނޫނެވެ. އަދި ކުދިކުދި ފްލެޓްތަކުގެ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބަކުން ވެސް ނޫނެވެ. ވާގޮތަކީ ތަޅުންގަނޑު ކަހަލަ ސީދާ ތަނެއްގެ މަތީގައި އޮށޯވެ ނިދުމުން ލިބޭ ސިއްހީ ފައިދާތަކެވެ. ހަނދާނުގައި ބަހައްޓާލަން ޖެހެނީ ދުނިޔޭގައި އެންމެ އުމުރު ދިގު މީހުން އުޅެނީ ވެސް ޖަޕާނުގައި ކަމެވެ.

ޖަޕާނު މީހުން މި ގޮތަށް އަމަލު ކުރުމުގައި ފަސް ސަބަބު

ފުރަތަމަ ސަބަބަކީ ބުރަކަށީގައި ރިހުން ފަދަ ވޭންތަކުން ސަލާމަތްވުމެވެ. އެތައް އަހަރެއްގެ ވޭނެއް ވެސް މި ގޮތަށް ތަޅުންގަނޑު މަތީގައި ނިދަން ފެށުމުން ފިލައިގެންދެއެވެ. މަޑު ގޮދަޑިއެއް މަތީގައި ނިދުމުން ހަށިގަނޑަށް އަރާމުވެދާނެއެވެ. ނަމަވެސް ގޮދަޑިއެއް ބޭނުން ކުރަން ފެށުމުން އެ ގޮދަޑި ލެނބެން ފަށައެވެ. އަދި މިހެންވެ ބުރަކަށީގެ ސީދާ ކަންވެސް ގެއްލި، ބުރަކަށި ލެނބެން ފަށައެވެ. އަދި ނަތީޖާއަކީ ބުރަކަށީގައި ރިއްސަން ފެށުމެވެ. މިހެންވެ، ބައެއް ސިއްހީ މާހިރުން ލަފާދެނީ މާ މަޑު ގޮދަޑިއެއްގައި ނިދާ ނަމަ، އޭގެ ދަށަށް ޕްލައިވުޑް ފިލައެއް ލެއްވުމަށެވެ. ތަޅުންގަނޑު މަތީގައި ނިދުމުން ވެސް މައިބަދަ ނުލެބޭނެ މިސާލަށެވެ.

ދެވަނަ ސަބަބަކީ ހަށިގަނޑު ސީދާ ވާ ގޮތަށް ނިދުމުން، ހެލިފެލިވެ އުޅޭއިރު ހަށިގަނޑު ސީދާކޮށް ހުންނާނެތީއެވެ. މި ގޮތުގެ މަތިން މައިބަދަ ސީދާކޮށް ބެހެއްޓުމަށް ފަސޭހަވާނެތީ، އާދައިގެ މަތިން ހެލިފެލިވެ ދުވާލު އުޅޭއިރުވެސް ހަށިގަނޑުގެ ބައްޓަން ހުންނާނީ ސީދާކޮށެވެ. މިހެންވެ، އެނދު ދޫކޮށްލާފައި ކޮޓަރީގެ ތަޅުންގަނޑު މަތީގައި ނިދަން ފެށުމުން ހަށިގަނޑުގެ ސީދާކަން އަލުން ލިބި، ބުރަކަށީގައި ހުންނަ ރިހުން ފިލައިދިއުމުން، ހަށިގަނޑު ކުރުގެޅިގެން ކޮޅަށް ހުންނާކަށް ނުޖެހޭނެއެވެ.

ތިންވަނަ ކަމަކީ ލޭ ދައުރު ކުރުމުގެ ނިޒާމު ހަރުދަނާވުމެވެ. ތަޅުންގަނޑުމަތީގައި ނިދަން ފެށުމުން، މީހާގެ ބަރުދަން ހަމަހަމަ ގޮތެއްގައި މުޅި ހަށިގަނޑުގައި ފެތުރިގެންދާތީ، ހަށިގަނޑުގައި ލޭ ދައުރު ކުރުން ރަނގަޅުވެ، ހަށިގަނޑުގެ އެކި ގުނަންތަކަށް ލިބޭ ޕްރެޝަރުތައް ވެސް ކުޑަވާނެއެވެ. އަދި މިހެންވެ، ގުދުރަތީ ގޮތުން ހަށިގަނޑު އުފެދިފައިވާ ސީދާ ކަމުގައި ނިދާ ނަމަ، ހަށިގަނޑުގެ އެކި ހިސާބު އައްސިވުމުން ދުރުކޮށްދެއެވެ. ސަބަބަކީ ލޭ ދައުރު ކުރުން ރަނގަޅުވުމަށް މަގުފަހިވާތީއެވެ. މިއާ ޚިލާފަށް، ހަށިގަނޑު ގޮނިކޮށްގެން އަރިމައްޗަކަށް ނިދާ ނަމަ، "ބްލަޑް ކްލޮޓް" ނުވަތަ ލޭ ގަނޑުވުން ކުރިމަތިވެދާނެއެވެ. އަދި މީގެ އިތުރުން "ވެރިކޯސް ވެއިންސް" ނުވަތަ ފަޔާއި ފައިތިލަ ދުޅަވުން ކުރިމަތިވެދާނެއެވެ.

ހަތަރު ވަނަ ސަބަބަކީ ނިދިން ހޭލަން ފަސޭހަވުމެވެ. މަޑު ގޮދަޑިއެއްގައި، މަޑު ބާލީސްތަކެއްގެ މެދުގައި އަރާމުކޮށް ނިދާ ނަމަ، ނިދިން ހޭލާ ހިތެއް ނުވާނެއެވެ. ގިނަ މީހުންނަށް ވާ ގޮތަކީ ސޯނާ ގަޑި ސޯނާ ވާން ފެށުމުން، ސޯނާ ކަނޑާލާފައި އަނެއްކާވެސް ނިންޖާ ދިމާއަށް ދެވެނީއެވެ. މިއާ ހިލާފަށް ތަޅުންގަނޑުމަތީގައި ނިދާ ނަމަ، ރަނގަޅު ފެންވަރެއްގެ ނިދި ލިބެއެވެ. އަދި މުޅި ދުވަހު އެނދުގައި ކަންނެތް ކަމުގައި އޮންނަ ހިތްވާ ގޮތަށް އަމަލު ކުރަން ހިތްވަރެއް ނުލިބޭނެއެވެ.

ފަސް ވަނަ ކަމަކީ މިއީ އަތްފޯރާފަށުގައި ވާ ކަމަކަށް ވާތީއެވެ. ގޮދަޑިއެއް ގަންނަން އާއްމު ގޮތެއްގައި އެއްހާސް ޑޮލަރު ހޭދަކުރަން ޖެހެއެވެ. އަދި ފަހުން އެއީ ހިތްހަމަޖެހޭ ފަދަ ގޮދަޑިއަކަށް ނުވެގެން، އާ ގޮދަޑިއެއް ހޯދުމަކީ ވެސް ތިމާގެ ވަގުތާއި ހަކަތަ ގެއްލޭނެ ކަމެކެވެ. ތަޅުންގަނޑުމަތީގައި ނިދަން ހިޔާރު ކުރުމުން އެތައް ހާސް ފައިސާއެއް ސަލާމަތް ކުރެވެއެވެ. ސަބަބަކީ އެނދަކާއި ގޮދަޑިއެއް ގަންނަން ނުޖެހުމެވެ.

ކަންމިހެން ހުރި ކަމުގައި ވިޔަސް، ތަޅުންގަނޑުމަތީގައި ނިދަން ނުވާނެ މީހުންވެސް ތިބެއެވެ. މިސާލަކަށް އެލާޖީ ހުންނަ މީހުންނަށް ކެއްސުމާއި އަރިދަފުސް ރޯގާ ޖެހިދާނެއެވެ. ސަބަބަކީ ތަޅުންގަނޑަކީ ހިރަފުސް ކަހަލަ ނުތާހިރު އެއްޗެހި ޖަމާވާ ތަނަކަށް ވާތީއެވެ.

ކަށީގެ މައްސަލަ ހުންނަ މީހުން ވެސް ތަޅުންގަނޑު މަތީގައި ނިދުން ރަނގަޅެއް ނޫނެވެ. ސަބަބަކީ ހަށިގަނޑުގެ ހުޅުތަކަށް އިތުރު ޕްރެޝަރެއް ލިބިދާނެތީއެވެ.

އުމުރުން ދުވަސްވީ މީހުން ވެސް ތަޅުންގަނޑު މަތީގައި ނިދުން ރަނގަޅެއް ނޫނެވެ. ހަށިގަނޑުގެ ހެލިފެލިވެއުޅުން މުސްކުޅިވުމުން ކުޑަވާތީ ތަޅުންގަނޑު މަތީގައި އޮށޯތުމަށް ދަތިވެދާނެތީއެވެ.

އަނެއް ކަމަކީ ނިދިން ހޭލާއިރު ހަށިގަނޑަށް ފިނިކަމެއް އިހުސާސް ކުރެވޭ މީހެއް ނަމަ، ތަޅުންގަނޑު މަތީގައި ނިދުމުން ހަށިގަނޑަށް އިތުރު ފިނިކަމެއް ލިބޭތީއެވެ.

މިހެންކަމުން، މި ހުރިހާ ސަބަބުތަކަށް ބަލައިލުމަށް ފަހު، ތަޅުންގަނޑު މަތީގައި ނިދަން ނުވަތަ ގޮދަޑިއެއްމަތީގައި ނިދުން އިހުތިޔާރު ކުރެވިދާނެއެވެ.