Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މަތިންދާބޯޓުގެ "ފަޅުވެރިން" އަތްމަތީގައި އިށީންނަނީ ކީއްވެ؟

މަތިންދާބޯޓުގައި ދަތުރުކުރާ ބައެއް މީހުންނަށް ފާހަގަކުރެވިފައި އޮވެދާނެ ކަމެއްގެ ވާހަކަ ބުނެލަން ހެއްޔެވެ؟ ފްލައިޓްގެ "ފަޅުވެރިން"، (ނުވަތަ "ފްލައިޓް އެޓެންޑެންޓު"ން ނުވަތަ "އެއާ ހޮސްޓުން" ނުވަތަ "ކެބިން ކްރޫ"ން) މަތިންދާބޯޓު ނައްޓާލާއިރާއި ޖައްސާއިރު، ފަލަމަސްގަނޑު ދަށުގައި ނުވަތަ ކަކޫމަތީގައި އަތްތިލަ ބާއްވަނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ ކުއްލި ހާލަތެއްގައި ބޯޓަށް ލޮޅުމެއް އަރާފާނެތީއެވެ. އެ ގޮތުން، އާދައިގެ ފަސިންޖަރުންނާ ޚިލާފަށް ފަޅުވެރިން ތިބެން ޖެހެނީ ބުރަކަށި ސީދާކޮށް، ބޯޓުގެ ޕާޓިޝަނެއްގައި ހަރުކޮށްފައިވާ "ޖަމްޕް ސީޓެއް"ގައި، ބުރަކަށި ތެދުކޮށް، ސީޓުގައި ބޮލާއި ކަނދުރާ ޖެހޭނެ ގޮތަށް އިށީނދެގެންނެވެ.

މީގެ އިތުރުން، ދެ ކަކޫ އެއް ކަކޫ އަނެއް ކަކުލުގައި ޖެހޭ ގޮތަށް، އަދި ފައިތިލަ ވެސް އެއް ފައިތިލަ އަނެއް ފައިތިލާގައި ޖެހޭ ގޮތަށް ތިބެން ޖެހެއެވެ. އަދި ދެ އަތް ވެސް ބަހައްޓަން ޖެހެނީ އުޅަނބޮށި ހަށިގަނޑުގެ "އެތެރެ"އާ ދިމާވާ ގޮތަށެވެ. އަދި ބޯޓުގެ "ފްލޯ" (ނުވަތަ "ބިންމަތި") ގައި އެއްކޮށް ފައިތިލަ ޖެހޭ ގޮތަށެވެ.

މި ގޮތަށް ތިބުމުން "އެމަޖެންސީ"އެއް ކުރިމަތިވެއްޖެ ނަމަ، ހަށިގަނޑަށް ލޮޅުމެއް އަންނަ ވަރު ކުޑަކޮށްދެއެވެ. މިހެން ވުމުން، ހަށިގަނޑަށް ޒަހަމެއް ލިބުމުގެ ފުރުސަތު ކުޑަވެއެވެ.

ޕައިލެޓުން ތިބޭ "ކޮކްޕިޓް" އާ ކުރިމަތިވާ ގޮތަށް އިށީނދެގެން ތިބޭ ފަޅުވެރިން ފައިތިލަ ބަހައްޓަން ޖެހެނީ ކަކުލަށް ވުރެ އެތެރެއަށެވެ. އަދި ބޯޓުގެ ފަހަތްކޮޅާ ކުރިމަތިވާ ގޮތަށް ތިބޭ ފަޅުވެރިން ފައިތިލަ ބަހައްޓަން ޖެހެނީ ކަކުލަށް ވުރެ ކުޑަކޮށް ބޭރަށެވެ.

އިތުރަށް ފާހަގަކޮށްލަން ޖެހެނީ ކޮކްޕިޓާ ދިމާއަށް މޫނު ކުރިމަތިވާ ގޮތަށް ތިބޭ ފަޅުވެރިންގެ ދަތްދޮޅި، މެއާ ދިމާއަށް ތިރިކުރަން ޖެހޭކަމެވެ. އެއީ ހަށިގަނޑަށް ލޮޅުމެއް އަރައިފި ނަމަ، ސީޓުގައި ކަނދުރާ ޖެހި، ކަރަށް ގެއްލުމެއް ލިބިދާނެތީއެވެ.

މި ގޮތަށް އަމަލު ކުރަން ޖެހެނީ ފްލައިޓް ނައްޓާލާ ވަގުތާއި ފްލައިޓް ޖައްސަން ކައިރިވާ ވަގުތު، ޕައިލެޓް އެކަން، ބޯޓުގެ "އަޑުގަދަކުރާ"އިން އެންމެންނަށް އިވޭ ގޮތަށް "އެނައުންސް" ކުރުމުންނެވެ.

އެ ގޮތުން، ފްލައިޓް އުދުއްސާލުމަށް ފަހު ދޭ އެނައުންސްމަންޓް އިވުމުން ފަޅުވެރިން ސީޓުން ތެދުވެއެވެ. ދެން ލިބޭ ވަގުތުކޮޅު ފަޅުވެރިން ބޭނުން ކުރަން ޖެހެނީ ބޯޓުގައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެ މީހުންގެ މެދުގައި މުރާޖައާ ކުރުމަށެވެ.

މި މުރާޖައާ ކުރުމަށް ކިޔަނީ "ސައިލެންޓް ރިވިޔު"އެވެ. މިއީ ބޯޓު ނައްޓާލުމަށް ފަހު ލިބޭ ވަގުތުކޮޅުގައި ބޯޓުގައި ހުރި ސަލާމަތީ އާލާތްތައް ފަދަ ކަންތައްތައް އަލުން "މުރާޖައާ" ކުރުމަށް ދެވޭ ފުރުސަތެކެވެ. އިމަޖެންސީ ދޮރުތައް ހުރީ ކޮން ތަންތާކު ކަމާއި، އެމަޖެންސީއެއްގައި ފަޅުވެރިންނަށް އެހީއެއްވެވިދާނެ، ސިއްހީ ގޮތުން ރަނގަޅު ފަސިންޖަރުން ދެނެގަތުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ކުއްލި ބައެއް ހާލަތްތަކުގައި، ބޯޓުގެ ފަހަތުކޮޅަށް ކުރިމަތިލައިގެން ތިބޭ ފަޅުވެރިންނަށް ޖެހެނީ އެއް އައްތިލަ އަނެއް އަތްތިލައިގެ މަތީގައި ބާއްވައި، ބޮލުގެ ފަހަތަށް ދެ އަތްތިލަ ލައި، ދެ އުޅަނބޮށި މޫނާ ދިމާއަށް ގެނެސް، ސީޓުގައި ކަނދުރާ ރަނގަޅަށް "ހިއްޕާލާ"ށެވެ. މިހެން ހެދުމުން، ބުރައިގެން އަންނަ އެއްޗެއް މޫނަކު ނުޖެހޭނެއެވެ. އަދި ވާހަކަ ދެއްކުމަށް ވެސް ހުރަހެއް ނޭޅޭނެއެވެ.

މި އިރުޝާދުތަކަކީ ފަޅުވެރިންގެ ތަމްރީން މަރުހަލާގައި ކިޔައިދީ، އެތައް ފަހަރަކު ފަރިތަ ކުރުވާފައި ހުންނަ ކަންތައްތަކެވެ. ބޭނުމަކީ އެއްވެސް ފަސިންޖަރަކު ނުވަތަ ފަޅުވެރިއަކު ވެސް ނުރައްކަލަކަށް ހުށަހެޅުމަށް އޮތް ހުރިހާ ފުރުސަތެއް ބަންދުކޮށްލުމަށް މަސައްކަތް ކުރުމެވެ.