Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ގައުމިއްޔަތާއި ޓްރެފިކް ލައިޓް

ގައުމިއްޔަތު ނޭނގިގެން މި އުޅެނީ އަމިއްލަ ވިސްނުން ބޭނުން ކުރަން ނޭނގޭތީ ހެއްޔެވެ؟

އަހަރެންގެ ތިމާގެ މީހަކު ކިޔައިދިން ހާދިސާއަކަށް ބަލައިލާނަމެވެ. ދިވެހި ރާއްޖޭގެ ވެރިރަށް މާލޭގެ އެތެރޭ މަގުތަކުގައި ޓްރެފިކް ލައިޓް ބޭނުން ކުރި ޒަމާނުގެ ވާހަކައެކެވެ.

އެއް ދުވަހަކު ޓްރެފިކް ލައިޓާ އަރާ ހަމަވަނިކޮށް ކުއްލިއަކަށް "ފެހި"ވެފައި ހުއްޓާ "ރީނދޫ"ވެއްޖެއެވެ. މާނަ އަކީ ފަޅި ސިކުންތެއް ފަދަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި "ރަތް"ވާނެ ކަމެވެ.

ސައިކަލެއްގައި ކައިރިން އަރާ ހަމަކުރި ފިރިހެނަކު ހިފާލީ ޓްރެފިކް ލައިޓް ފަޅާލާފައި ދިއުމަށެވެ. ނަމަވެސް އޭނާގެ ފަހަތުގައި އިން އޭނާގެ ކުޑަ ފިރިހެން ދަރިފުޅު އޭނާގެ ފައިގައި ދެތިން ފަހަރަކު އަވަސް އަވަހަށް ޖަހާލިއެވެ.

އަދި އެހާމެ އަވަސް އަވަހަށް ބުންޏެވެ: "ބައްޕާ! ބައްޕާ! އެ ރަތް ވަނީ! ނުދޭ! ނުދޭ!"

ފިރިހެން މީހާ އޭނާގެ ދަރިފުޅަށް ކޮންމެވެސް އެއްޗެއް ބުނެލިއެވެ. (އަހަރެންގެ ތިމާގެ މީހާ އަށް ސާފެއް ނުވިއެވެ.) އަދި ޓްރެފިކް ލައިޓް "ރަތް" ވިޔަސް، އެއްވެސް އަޅާލުމެއް ނެތި އެ މީހާ ދިޔަ ގޮތަށް ދިޔައީއެވެ. ދަރިފުޅަކާ ދަރިފުޅެކެވެ.

އޭނާގެ ކުޑަ ދަރިފުޅަށް މި ދައްކައިދިނީ ކޮން ކަހަލަ މިސާލެއް ހެއްޔެވެ؟ ގާނޫނާއި ގަވައިދުތައް ބައްޕަ މުގުރާލުމުން ދަރިފުޅަށް ލިބޭނީ ކޮން ކަހަލަ ނުރަނގަޅު ފިލާވަޅެއް ހެއްޔެވެ؟

ގްރޭޑް ހަތަރެއްގެ ދަރިވަރުން ސްކޫލްގައި އެއްކޮޅުން ގައުމިއްޔަތު މާއްދާއެއްގެ ގޮތުގައި މިހާރު ކިޔަވަމުން އަންނައިރު، އަނެއްކޮޅުން އެ ކުދިންގެ ބޮޑަށް ތިބޭ މައިންބަފައިންނާއި އެހެނިހެން މީސްތަކުން ގައުމިއްޔަތާ ހިލާފު ގޮތްގޮތަށް އަމަލު ކުރުމުން އެ ކުދިންނަށް އެ ދެވެނީ ކޮން މެސެޖެއް ހެއްޔެވެ؟ އަދި ގާނޫނާއި ގަވައިދަށް އިހްތިރާމް ކުރާ ބައެއްގެ ގޮތުގައި އެ ކުދިން ބޮޑުވާނެ ހެއްޔެވެ؟

ޓްރެފިކް ލައިޓަށާއި އަމިއްލަ ދަރިފުޅުގެ ރައްކާތެރި ކަމަށް ނުބެލި މި ދެންނެވި މީހާ އަކީ މަޝްހޫރު ހާފިޒެކެވެ. އާދެ، ގުރުއާން ހިތުދަސް މީހެކެވެ. އިލްމެއް ނެތް މީހެކޭ ގައިމު ނުބުނެވޭނެއެވެ. މިހާރު ވެސް ދިވެހި މުޖުތަމައުގެ އިސް ސަފުތަކުގައި ހަރަކާތްތެރިވާ މީހެކެވެ.

ކިތައްމެ ވަރަކަށް ގައުމިއްޔަތު ކިޔަވައިދިނަސް، މި ކަހަލަ މުޖުތަމައެއްގައި އެއަކުން ފައިދާއެއް ވާނެ ހެއްޔެވެ؟ މި ހާފިޒު އަކީ ކުޑައިރުއްސުރެ ގައުމިއްޔަތު ނުކިޔަވައިދިނީމާ ހަމަ މަގުން ނައްޓާލާފައިވާ މީހެއް ކަމަށް ބުނެވިދާނެ ހެއްޔެވެ؟ އޭނާ އަކީ ހަމަބުއްދި ފިލާފައިވާ މީހެއް ހެއްޔެވެ؟ އަދި އޭނާގެ ދަރިން ތަރުބިއްޔަތު ކުރުމުގައި މިސާލު ދައްކަން ޖެހޭނެ ކަމަށް ގަބޫލު ނުކުރުމަކީ ކޮން ކަހަލަ ހިލްމެއް ނެތް މީހެއް ކަމަށް ވާތީ ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. މައްސަލައަކީ ދީނާ މެދު ބައެއް ދިވެހިންނަށް ކުރެވިފައިވާ ކުށްހީއެކެވެ. އެ މީހުން ދެކޭ ގޮތުގައި ދީންވެރިވުމަކީ ހަމައެކަނި އަޅުކަން ކުރަމެވެ. ސުލޫކަކީ ވަކި އެއްޗެއް ކަމެވެ. އެހެންކަމުން ބައެއް ދިވެހިން ކިތައްމެ ދީންވެރިިވިޔަސް ރަނގަޅު އަޚުލާގެއް އެ މީހުންގެ ކިބައަކުން ނުފެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *