Support Us

ޑރ. މުއިއްޒު: ޚަޠީބު ތަކުރުފާނު އާއިލާއިން މުލީއާގެއަށް

ފާއިތުވި ދޮޅަހަކަށް އަހަރުތެރޭ ރާއްޖޭގައި ވަޒީރުކަންކުރެއްވި ބޭފުޅުންގެ ތެރެއިން މުރާލިކަން ދަރަޖަކޮށްލާން ހަވާލުކޮށްލައިފި ނަމަ، ހަމަގައިމު ވެސް ގިނަ ބަޔަކު ލިސްޓްގެ އެއްވަނައަށް ޖަހައިލާނީ ހަމަ އެ ނަންފުޅެވެ. އެއީ ނުހަނު ޒުވާން އުމުރުގައި ވަޒީރުކަން ލިބިވަޑައިގަތް މުރާލި، ކެރޭ، ހީވާގި ހިކުމަތްތެރި ވަޒީރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. އެއީ ޑރ. މުޙަންމަދު މުޢިއްޒެވެ. ތިލަދުންމަތީ ވަށަފަރު އަލްޙާއްޖަ ޙުސައިން ޚަތީބު ތަކުރުފާނުންގެ ފުތް ވަށަފަރު ތަކުރުފާނު ޢަބްދުއްރަޙުމާންގެ ފުތް އައްޝައިޚް ޙުސައިން ޢަބްދުއްރަޙުމާން، ޙުސްނާ އާދަމާ ކާވެނިފުޅުބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލުން ޑރ. މުޙަންމަދު މުޢިއްޒެވެ. އާންމު ނަމުން ނަމަ، އެއީ ޑރ. މުޢިއްޒެވެ.

އެހެންގޮތަކަށް ދަންނަވާނަމަ، އެއީ އުތީމު މުހަންމަދު ތަކުރުފާނު ފަދައިން ޚަޠީބު ދަރިކޮޅަކުން ވަޑައިގެން ހުންނެވި މުޙަންމަދު ތަކުރުފާނެކެވެ. ތަފުޞީލުކޮށް ދަންނަވާނަމަ، އެއީ ތިލަދުންމަތީ ވަށަފަރު އަލްޙާއްޖަ ޙުސައިން ޚަޠީބުތަކުރުފާނުގެ ދަރިކަލުން އަލްމުޙުތަރަމް ޢަބްދުއްރަޙުމާނު ތަކުރުފާނުގެ ދަރިކަލުން ޙުސައިން ތަކުރުފާނު (އައްޝައިޚު ޙުސައިން ޢަބްދުއްރަޙުމާން)ގެ ދަރިކަލުން ޑރ. މުޙަންމަދު ތަކުރުފާނެވެ. އާދޭހެވެ! އަޅުގަނޑުމެން ކިޔާ ޑރ. މުޙަންމަދު މުޢިއްޒެވެ. އުތުރުކަރައިގެ އަޅުވެތިކަމުން މި ރާއްޖެ ސަލާމަތްކުރެއްވުމަށް ޓަކައި މި ފަހަރު މާތްﷲ މެދުވެރިކުރެއްވި މުހަންމަދު ތަކުރުފާނަކީ އެ މަނިކުފާނެވެ. ޑރ. މުޙަންމަދު މުޢިއްޒެވެ.

ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ރާއްޖެއަށް ލިބުނު ރަން ފަސް އަހަރުގެ ރަން ވަނަތަކުގައި ޑރ. މުޢިއްޒުގެ ހިއްސާ ބޮޑެވެ. ތަރައްޤީއާއި ތަމައްދުންގެ އެ އަހަރުތަކުގައި ބިޔަ މަޝްރޫޢުތަކުގެ މޭސްތިރިއެއްގެ ގޮތުގައި ރައީސް ޔާމީންގެ މަދަދުގާރަކަށް ހުންނެވީ ޑރ. މުޢިއްޒެވެ. ހަވާލުކުރެއްވި ބިޔަ އެތައް ސަތޭކަ މަޝްރޫޢުއެއް އެއް ފަހަރާ ކުރިއަށް ގެންދެވީ ނުހަނު ހަލުވިކަމާއެކު ބަސްބުނާހާ ހިނދުކޮޅަކުން މަޝްރޫޢުތަށް ނިމެމުންދާ ބީދައަކުންނެވެ.

ކަނޑު ހުރަސްކޮށް ރާއްޖޭގައި އެޅި ފުރަތަމަ ބުރިޖު އެޅި ދުވަސްވަރު ޑރ. މުޢިއްޒު ސޭފްޓީ ހެލްމެޓު އަޅުއްވައިގެން އެ ތަނުގައި އުޅުއްވީ ވަޒީރުގެ ޒިންމާ އަދާކުރެއްވުމަށް މޭސްތިރިއެއްގެ ގޮތުން މަސައްކަތް ބެއްލެވުމަށް ޓަކައެވެ. ރާއްޖޭގެ ވެލި ބިމުގައި ފުރަތަމަ އެޅުނު 25 ބުރީގެ އިމާރާތްތައް ކަމަށްވާ ދަރުމަވަންތަ ހަސްފަތާލާއި ހިޔާ ފުލެޓުތައް އެޅުމުގައި ވެސް ޑރ. މުޢިއްޒުގެ ބަސްކިޔުން އޮތެވެ. ހުޅުމާލެއިން ބްރިޖަށް ދާ ހަލިމަގާއި ހުޅުލެއަށް ދާ މަގާއި މާލޭ ދެކުނު ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި ނިންމީ ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެ މަނިކުފާނުގެ ބައިވެރިވުން ނުހިމެނޭ މަޝްރޫޢުއެއް ވަރަށް ވެސް ނޯންނާނެއެވެ. ރަށްރަށުގެ ބަނދަރު ހެދުމާއި ހިޔާވަހިކަމުގެ މަޝްރޫޢުތަކާއި މަގު ހެދުމާއި ފެނާއި ނަރުދަމާ ގާއިމުކުރުމާއި އިމާރާތްތަކާއި ކުޅިވަރު މައިދާންތަކާއި ޕާކުތަކާއި މައިޒާންތައް ހިތްގައިމު ތަފާތު ފަރުމާތަކާ އެކީގައި ވުޖޫދަށް ގެންނެވުމަކީ އެ މަނިކުފާނުގެ ޝައުގެކެވެ.

ޑރ. މުޢިއްޒު ފާހަގަވަނީ ރަށްވެހިކަމަށް ވެސް ނުހަނު ފަރިތަފުޅު ބޭފުޅެއްގެ ގޮތުގައެވެ. ވުޒާރާ ހިންގެވި ދުވަސްވަރު ސިޓީ ކައުންސިލްތަކުގެ ރަށްވެހި ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަވާނޭ ބީދައަކުން ދެއްވަމުން ގެންދެވީ އެ ޚިދުމަތާމެދު ރައްޔިތުން ހިނިތުންވާނެ ބީދައަކުންނެވެ. ވަޒީރެއްގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތަކީ ރައްޔިތުންނާ ނުހަނު ގާތުން މަސައްކަތްކުރާން ޖެހޭ ކަންކަމަށް ވީ ހިނދު މަޝްވަރާގެ އުސޫލަށް ޖާގަދެއްވައި، ރައްޔިތުންގެ އަޑުއައްސަވައި، ދެ ފަރާތަށް ގަބޫލުކުރެވޭ ބަދަލުތައް ގެންނަވަމުން ގެންދެވިއެވެ. އެއްވެސް ކަމެއް މަޑުޖެހިފައި އޮތުމަކީ ހިތްޕުޅާވާ ކަމަކަށް ނުވާތީ މަސައްކަތާ ހަވާލުވި އިރު ނުނިމި ގިނަ ޒަމާންވެފައި ހުރި ބިމުގެ މައްސަލަތައް ނިންމެވީ ހިކުމަތްތެރިކަމާއެކުގައެވެ.

ޑރ. މުޢިއްޒުގެ ހަތަރު ޚާއްސިއްޔަތެއް ވެސް އެބަ އޮތެވެ. މާލޭ ސިޓީގެ ރައްޔިތުންގެ ވޯޓުން ފުރަތަމަ ހޮވުނު މޭޔަރުގެ ލަގަބާއެކު އެ މަނިކުފާނު ތާރީޚުގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކުރި މާލޭ ސިޓީގެ ފުރަތަމަ މޭޔަރުގެ ލަގަބު ވެސް ލިބިވަޑައިގަތީ ޚުދު ޑރ. މުޢިއްޒަށެވެ. އެވަރަކުން އަދި ނުނިމެއެވެ. ކައުންސިލްތައް އުފެދުނީއްސުރެ މާލޭ ސިޓީއަށް އޮތް އެމް.ޑީ.ޕީގެ އަޣުލަބިއްޔަތު އެކޮޅުކޮޅުން ޖެއްސެވި ހިކުމަތްތެރިއަކަށް ވެސް އެ މަނިފާނު ވެވަޑައިގަތީއެވެ. މިހާތަނަށް އެންމެ ގިނަ ވޯޓާއެކު ވަޑައިގެން ކައުންސިލް ގޮނޑީގައި އިށީދެވަޑައިގަތް ބޭފުޅަކީވެސް ހަމަ އެމަނިކުފާނެވެ. މޭޔަރު ކަމަށް ވަޑައިގެން ތާވަލްކުރައްވައިގެން ދާއިރާތަކުގެ ގޭގެއަށް ވަޑައިގެން ރައްޔިތުންނާ އެކު، އިށީނދެވަޑައިގެން އެ ރައްޔިތުންގެ އިހުސާސްތައް އަޑުއެއްސެވި ފުރަތަމަ ބޭފުޅަކީ ވެސް ހަމަ ޑރ. މުޢިއްޒެވެ. އެކި ރައްޔިތުންގެ ގޭގެއަށް ވަޑައިގަތުމާއި ބައްދަލުކުރާން ބޭނުން ފަރާތްތަކަށް ރަސްމީ ގަޑީގައި އޮފީހުން ޖާގަދެއްވުމަކީ އެ މަނިކުފާނުގެ ޝައުގެކެވެ.

ހިތްޕުޅުތިރި، މަޑުމައިތިރި ޚުލްޤު ހެޔޮ، ސާދާ މިޒާޖުގެ ޑރ. މުޢިއްޒު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1978 ވަނަ އަހަރު ޖޫންމަހު 15ވަނަ ދުވަހު ފުރަމާލޭގައެވެ. އުމުރުފުޅުން 45 އަހަރުގެ ޑރ. މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ 18 އަހަރުގެ ދަރިކަނބަލުން ޔަސްމީން މުޙައްމަދު މުޢިއްޒު (ޔަތޫ) އާއި 15 އަހަރުގެ ޢުމައިރު މުޙައްމަދު މުޢިއްޒާއި ހަތް އަހަރުގެ ޒައިދު މުހައްމަދު މުއިއްޒު (ދާދު) އެވެ.

މާލޭ މޭޔަރުކަމުގައި ހުންނަވާއިރު ވެސް ދަރިކަލުން ސްކޫލަށް ގެންދަވައި ގެންނަވައިހެއްދެވުމާއި އަނބިކަނބަލުން އޮފީހަށް ގެންދަވައި ގެންނެވުން ފަދަ ކަންކަން ކުރައްވަނީ ޑރ. މުއިއްޒު އަމިއްލަފުޅަށެވެ. މި ކަމުން ރަމްޒުކޮށްދެނީ އެ މަނިކުފާނަކީ ޢާއިލީ ދިރިއުޅުއްވުމަށް ލޯބިކުރައްވާ ސާދާ ބޭފުޅެއްކަމެވެ. މަސައްކަތުގެ މާހައުލުގައި އެ މަނިކުފާނުގެ އަރިހު، މަސައްކަތްޕުޅުކުރެއްވި ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ޢާއިލީ ކަމެއް އޮވެއްޖެ ނަމަ، އެ ކަން އަވަހަށް ނިންމުމަށް އިސްކަންދޭން އަބަދު ވެސް އެ މަނިކުފާނު ވިދާޅުވާކަމަށެވެ.

ދުނިޔޭގައި ދެވޭ ތައުލީމީ އެންމެ މަތީ ފާސް ކަމަށްވާ ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލްކުރައްވައިފައިވާ ޑރ. މުޢިއްޒު ސާނަވީ ތައުލީމު ހާސިލުކުރެއްވީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޝަރަފުވެރި މަދަރުސާ މަޖީދިއްޔާ ސްކޫލުންނެވެ. މަތީސާނަވީ ނިންމެވީ ސައިންސް އެޑިޔުކޭޝަން ސެންޓަރުންނެވެ. މަތީ ތައުލީމަށް ވަޑައިގަތީ އިނގިރޭސިވިލާތަށެވެ. ލަންޑަނުގެ ޔުނިވަރސިޓީން، ކޮލެޖުން، ސްޓްރަކްޗަރަލް އިންޖިނިއަރިންގ ދާއިރާއިން ބެޗްލާސް ހެއްދެވުމަށްފަހު، ހަމަ އެ ޔުނިވަރސިޓީއިން މާސްޓަރސް ހެއްދެވިއެވެ. ސިވިލް އިންޖިނިއަރިންގ ރޮނގުން ކިޔަވައިވިދާޅުވެގެން ޕީއެޗްޑީ ހެއްދެވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްއިންނެވެ.

އެ މަނިކުފާނަކީ ބަހަނާ ގަބޫލުކުރައްވާ ބޭފުޅެއް ނޫނެވެ. ކޮންމެ ކަމެއް ވެސް ވަރަށް ރަނގަޅަށް ބައްލަވައި، ހިންގުމުގެ އިރުޝާދުތައް ދެއްވަމުން ގެންދަވައެވެ. ދުވަހަކު ވެސް މުވައްޒަފަކަށް ބަރު ބަހެއް ވިދާޅުނުވެ، އެކި ކަންކަމަށް މަގުދެއްކެވުމުގައި ދެމި ހުންނަވާކަމަށް ވެއެވެ.

އެމަނިކުފާނަކީ ހަގީގީ އިސްވާރެކެވެ. މާޒީގައި އެ މަނިކުފާނު ވަނީ އެ ކަން ސާބިތުކޮށްދެއްވައިފައެވެ. މަދަރުސީ ހަޔާތަށް ބެލިކަމުގައި ވިއަސް އަދި އަމަލީ މައިދާނަށް ބެލިކަމުގައި ވިއަސްމެއެވެ. މަޖީދިއްޔާ އިސްކޫލުގައި އުޅުއްވި ދުވަސްވަރު ސްކޫލަށް ވަޑައިގަންނަވާން ތުރުކުރައްވައި އުޅުއްވި ހުދު ޔުނިފޯމްކޮޅުގެ ޖީބުމަތީގައި ހަރުކޮށްފައި ހުރީ ޑިޕިއުޓީ ހެޑް ޕްރެފެކްޓްގެ މާކޯޅިއެވެ. އިނގިރޭސިވިލާތަށް ވަޑައިގެން އެ ތަނުގައި އޮންނަ ދިވެހި ދަރިވަރުންގެ ޖަމުއިއްޔާގެ ޗެއރަޕާސަންކަމަށް އިންތިޚާބުވެވަޑައިގަތެވެ. ހަމަ އެއާއެކު އެތާނގައި އޮންނަ ދިވެހި ދަރިވަރުންގެ ޖަމުއިއްޔާގެ ލަފާދޭ މަޖުލިސްގެ ޗެއަރޕާސަންކަން ވެސް ކުރެއްވިއެވެ. އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޑެޕިއުޓީ ލީޑަރުކަންވެސް އެ މަނިކުފާނު ވަނީ އަދާކުރައްވައިފައެވެ. މީގެ ކުރީން ޑރ. މުޢިއްޒު ވަނީ އޭޝިއަން އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ބޭންކް (އޭއައިޑީބީ) އަށް ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ގަވަރުނަރުގެ މަގާމުގެ ނުހަނު ގާބިލުކަމާއެކު އަދާކުރައްވައިފައެވެ.

މި ކަންކަމުން އަންގައިދެނީ އެ މަނިކުފާނަކީ ޙިކުމަތްތެރިކަމާއެކު އަމާޒަށް ވާސިލުވެވަޑައިގަންނަވާ ގާބިލު އިސްވާރެއްކަމެވެ. އާދޭހެވެ! މިހާރު އެއީ ދިވެހިރާއްޖޭގެ މުންތަޚަބު ރައީސުލްޖުމްހޫރިއްޔާއެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ ދެނެވަޑައިގެން ހުންނަވައި، އެ ނުރައްކަލުން ދިވެހި ގައުމު ސަލާމަތްކުރައްވުމުގެ ތަޞައްވުރާއެކު ޤައުމުގެ ރިޔާސަތަށް، މުލީއާގެއަށް ވަޑައިގަންނަވާ މާދަމާގެ ރައީސެވެ. ދިވެހި ދައުލަތް ވެއްޓިފައިވާ އިގުތިސާދީ ފުން ވަޅުގަނޑުން ސަލާމަތްކުރެއްވުމުގެ ވަރުގަދަ ޢަޒުމުގައި ސާބިތުވެ ހުންނެވި މަޑުމައިތިރި މުދައްބިރެވެ. ދިވެހި ޤައުމުގެ އިސްލާމީ ވަޙުދަތާއި ގައުމިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލައްވައި، ގައުމުދެކެ ލޯބިވާ ދީނަށް ޙުރުމަތްތެރިކޮށް ހިތާ ޢަގީދާ ވަރުގަދަ ޖީލެއް ބިނާކުރެއްވުމަށް ޓަކައި ގައުމީ ނަވުގެ ހުންގާނުގައި އަންނަ ނޮވެންބަރުމަހު 17ން ފެށިގެން ހިއްޕަވާނެ ކުޅަދާނަ މާލިމީއެކެވެ. ރައީސް ޔާމީންގެ ތަޞައްވުރީ ވިސްނުންފުޅުން ފިލާވަޅު ލިބިވަޑައިގެން ދަރިވަރުވެވަޑައިގެން ހުންނެެވި، ތަޢުލީމީ ގާބިލު، ތަޖުރިބާކާރު މާހިރެކެވެ. މި ޒަމާނުގެ ބަހުރިވައިންނަމަ އެއީ "މޭން"އެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *