Support Us

ކޭމްޕް ޑޭވިޑް އިޢުލާން ޗައިނާއިން ކުށްވެރިކޮށްފި

އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެޔާގެ ޒަޢީމުން ކޭމްޕް ޑޭވިޑްގައި ބައްދަލުކުރައްވައި އޭޝިޔާއާއި ޕެސިފިކް ސަރަޙައްދުގެ ކަނޑުގެ އަރާރުންތަކާ ބެހޭގޮތުން ކުރެއްވި އިޢުލާނަކީ "ވަރަށް ނުރައްކާތެރި ޢުދްވާނީ ޢަމަލެއް ކަމަށް" ބޭޖިންގުން ސިފަކޮށް އެކަން މިއަދު ކުށްވެރިކޮށްފިއެވެ. 

ފްރާންސް ޕްރެސް އިން ޚަބަރުދިން ގޮތުގައި ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ވާންގް ވެންބިން ވިދާޅުވިއެވެ. "ކޭމްޕް ޑޭވިޑް ސަމިޓްގައި އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެޔާގެ ޒަޢީމުން  ޗައިނާގެ ބުރުސޫރަ ވަނީ ހުތުރުކުރައްވައި ޙަޤީޤަތް އޮޅުވައިލައްވައިފައެވެ. ތައިވާނުގެ މަސްއަލައާއި ކަނޑާ ބެހޭ މަސްއަލަތަކުގައި ވަނީ ޗައިނާއަށް ޙަމަލާދެއްވައިފައެވެ. ވަރަށް ސާފު ގޮތަކަށް އެ ބޭފުޅުން ވަނީ ޗައިނާގެ ދާޚިލީ މަސްއަލަތަކާ ބެހިވަޑައިގަންނަވައިފައެވެ. ޗައިނާއާއި އަވަށްޓެރީންނާ ދެމެދުގައި މިވަނީ ދެބަސްވުން އުފައްދަވައިފައެވެ. ޗައިނާ އެ އިޢުލާނާމެދު ވަރަށް ބޮޑަށް ދެކޮޅު ހަދައެވެ. ޗައިނާއިން ވާނީ ކަމާބެހޭ ފަރާތްތަކަށް ރަސްމީ އިޙްތިޖާޖުތައް ފޮނުވައިފައެވެ."

ހުކުރުދުވަހު ކޭމްޕް ޑޭވިޑްގައި އެމެރިކާގެ ރައީސާއި ޖަޕާނުގެ ބޮޑުވަޒީރާއި ދެކުނު ކޮރެޔާގެ ރައީސް ވަނީ އެ ޤައުމުތަކުގެ މެދުގައި ޢަސްކަރީ މައިދާނުގައި ގުޅުންތައް ފުންކޮށް ވަރުގަދަކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ޢަމަލުކުރަމުންދާ ގޮތާ ދެކޮޅު ހައްދަވާ އެ ކަން ވަނީ ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފައެވެ.

މި ބޭފުޅުންގެ މި ސަމިޓްގެ އަމާޒަކީ ޗައިނާގެ ގަދަވަމުންދާ ބާރާއި އުތުރު ކޮރެޔާގެ ނިޔުކްލިޔަރ ބިރުދެއްކުންތަކުގެ ކުރިމަތީގައި އެ ތިން ޤައުމުގެ އެއްބައިވަންތަކަން ހާމަކުރުމެވެ.  

މަސްއަލައެއް ކުރިމަތިވުމުން ވަގުތުން އެ ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށާއި ސަރަޙައްދީ ގޮންޖެހުންތަކަށް އިޖާބަ ދިނުމުގައި ވިލަރެސް ކުރުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. 

ކޮންމެ އަހަރަކު ގުޅިގެން ޢަސްކަރީ ތަމްރީނުތައް ބޭއްވުމަށާއި އުތުރު ކޮރެޔާއިން ކުރަމުންދާ ނިޔުކްލިޔަރ ތަޖްރިބާތަކާބެހޭ މަޢުލޫމާތުތައް ވަގުތުން ޙިއްސާކުރުމަށާއި އަހަރަކު އެއްފަހަރު އެ ތިން ޤައުމުގެ ޒަޢީމުންގެ ސަމިޓް ބައްދަލުވުމެއް ބޭއްވުމަށް ވެސް ތިން ޒަޢީމުން އެއްބަސްވެ ވަޑައިގެންނެވިއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *