Support Us

ބައިޑަންގެ ބޮޑުބޭބެ މިނިކާމީހުން ކާލީކީ ނޫން

ޕެސިފިކް ކަނޑުގައި އޮސްޓްރޭލިޔާ ބައްރާ ގާތުގައި އޮންނަ ޖަޒީރާއެއް ކަމަށްވާ ޕެޕުއާ ނިއު ގިނީގެ ރައްޔިތުން މިހާރު ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އަދި އެ ގައުމުގެ ބޮޑު ވަޒީރު ޖޭމްސް މަރޭޕް ވަނީ ރުޅިގަދަވެފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ޕެޕުއާ ނިއު ގިނީގެ ރައްޔިތުންގެ ކާބަފައިންނާ މެދު ވިދާޅުވި ވާހަކައަކުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ބައިޑަން މިހާރު ފައްޓަވާފައިވާ ކެމްޕޭންގައި އެމެރިކާގެ ޕެންސިލްވޭނިޔާ ސްޓޭޓްގެ ޕިޓްސްބާގް ސިޓީގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ އޭނާގެ ބޮޑުބޭބެ އެމްބްރޯސް ފިނިގަން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ގެއްލުނީ ޕެޕުއާ ނިއު ގިނީގެ މިނިކާމީހުން އޭނާ މަރާލާ، އޭނާ ކާލުމުން ކަމަށެވެ.

ބައިޑަން ވިދާޅުވެފައިވަނީ ބޮޑުބޭބެ ދަތުރުކުރި މަތިންދާބޯޓު ވަނީ ޕެޕުއާ ނިއު ގިނީ ޖަޒީރާގެ އަނެއް ބައި ކަމަށްވާ ނިއު ގިނީގެ މަތިން ވައްޓާލާފައި ކަމަށެވެ.

"ބޮޑުބޭބެގެ ހަށިގަނޑަށް ވީ ގޮތެއް އަދިއަދަށްދާންދެން ވެސް ނޭނގޭ. ސަބަބަކީ ވަރަށް ގިނަ އަދަދަކަށް މިނިކާމީހުން ޕެޕުއާ ނިއު ގިނީގައި އުޅުނު،" ބައިޑަން ވިދާޅުވެފައިވެއެވެ.

ބައިޑަންގެ މި ވާހަކައާ ވިދިގެން މަރޭޕް މިހާރު ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ބައިޑަންގެ މި ވާހަކައިގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ޕެޕުއާ ނިއު ގިނީގެ އަގުވެއްޓިފައިވާ ކަމަށެވެ.

"ބައިޑަންގެ ވާހަކައިން ދޭހަވީ އޭނާގެ ބޮޑުބޭބެ ޕެޕުއާ ނިއު ގިނީގެ މިނިކާމީހުން ކާލީ ކަމަށް،" މަރޭޕް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުމުރުން 81 އަހަރުގެ ބައިޑަންގެ އުމުރުން އެންމެ އަހަރެއް ވެފައިވަނިކޮށް އެމްބްރޯ ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން މަރޭޕްގެ ގާތުގައި ބައިޑަން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ.

"އަޅުގަނޑާ ބައިޑަން މިހާރު ހަތަރު ފަހަރު ބައްދަލުވެފައިވޭ. ނަމަވެސް އަޅުގަނޑުގެ ގައުމުގެ މިނިކާމީހުން ބައިޑަންގެ ބޮޑުބޭބެ އެމްބްރޯސް ކާލީ ކަމަށް އަޅުގަނޑު ގާތުގައި ދަންނަވައިފައެއް ނެތް،" މަރޭޕްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ބައިޑަންގެ މި ވާހަކައިގެ ސަބަބުން އޭނާ އާއެކު މަސައްކަތް ކުރައްވާ އެމެރިކާގެ އޮފިޝަލުން ލަދުގަތްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ތާރީހީ ގޮތުން ލިބެން ހުރި ހެކިތަކަށް ބަލާއިރު ޕެޕުއާ ނިއު ގިނީގައި ކުރިން މިނިކާމީހުން އުޅެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *