Support Us

ކޮންމެހެން ވެސް ކިޔާލަން މުހިންމު: މިއީ ފޭކް ކޯލެއް ކަމަށް އެކަކަށް ވެސް ގަބޫލްކުރެވޭތަ؟

ފުރަތަމަ ކޯލް އަންނަނީ ރޭ 10.16 ގައެވެ. ނުދަންނަ ނަންބަރަކުންވީމާ ޖަވާބެއް ނުދެމެވެ. އެކަމަކު ވެސް ތަކުރާރުކޮށް ގުޅަންފެށުމުން ނެގީއެވެ. އެއީ ރައްޓެއްސެކެވެ. ރޮމުންރޮމުން އޭނާ ބުނީ ވަރަށް ބޮޑު ކަމަކު ގުޅާލަދިނުމަށެވެ. އެހެންވެ ގުޅައިފީމެވެ.

އަނެއްކާ ވެސް ރޮމުންރޮމުން އޭނާ ބުނީ، ގުޅީ ވަރަށް ބޮޑު ކަމަކު ކަމަށާއި އޭނާގެ އަންހެނުންނަށް ސްޓްރޯކެއް ޖެހިގެން އޭ.ޑީ.ކޭ އަށް ގެންގޮސްގެން އުޅެނިކޮށް ނިޔާވި ވާހަކައެވެ. އެހެންވެ ދުވަހަކުވެސް ކަމެއް ކޮށްދެންޏާ އޭ.ޑީކޭއާ ހިސާބަށް ޖައްސާލަދީ، ފަހުން ދޭ ގޮތަށް، 200ރ. ދިނުމަށް އޭނާ އެދުނެވެ. އަޅުގަނޑު މިހުރީ ރަށުން ބޭރުގައޭ ބުނުމުން އޭނާ އެދުނީ އެކައުންޓް ނަންބަރެއް ފޮނުވައިދިނީމަ ފައިސާ ޓްރާންސްފަރކޮށްދިނުމަށެވެ. އަދި ދެން ދިމާވާ ފަހަރަކުން އެ ފައިސާ އަނބުރާ ދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެކައުންޓް ނަންބަރު ފޮނުވިތާ ކުޑަ އިރުކޮޅެއް ތެރޭގައި އެހެން މެސެޖެއްވެސް އޭނާ ފޮނުވިއެވެ. އެކަމަކު އެއީ އެހެން މީހަކަށް ފޮނުވަން އުޅުނު މެސެޖެއް ކަމަށް ގަބޫލްކުރީމެވެ.

"އަލިބޭ. ފަތިސް ނަމާދަށް ހަދަނީ މި. އެބަ ގުޅަން،" އެ މެސެޖްގައި ލިޔެފައި އޮތެވެ.

ޖަނާޒާގެ ވާހަކަ އަޅުގަނޑު ނާހަނީސް، އޮޅިގެން ނަމަވެސް އެ މެސެޖް ލިބުމުން، ޖަނާޒާގެ ވަގުތު ވެސް އެނގި، އަންހެނުން މަރުވެގެން އުޅޭކަން ޝައްކެއް ނެތް މިންވަރަށް އަޅުގަނޑަށް ކަށަވަރުވިއެވެ. އެހެން ނޫނަސް، އަންހެނުން މަރުވެގެން އުޅޭ ވާހަކަ ބުނުމުންނާއި އޭނާ ރޮއެރޮއެފައި ވާހަކަ ދެއްކި ގޮތުން، އަދި ބޭނުންވަނީ އެންމެ 200ރ. ކަމަށް ބުނުމުން، އެކަމާ ދޭތެރޭ ކުޑަކޮށްވެސް ޝައްކެއް ނުކުރަމެވެ.

އަނެއްކާ އޭނާ އަށް އަޅުގަނޑު ގުޅި ވަގުތު، އޭނާގެ މަންމައާ ވާހަކަ ދައްކާ އަޑުވެސް އިވުނެވެ.

"މަންމަ އެތާ މަޑުކޮށްލައިގެން ހުރޭ…." އޭނާ ހަލޯއޭ ބުނުމުގެ ކުރިން އެހެން ބުނެއެވެ. އެހެންކަމުން، އަންހެނުން މަރުވެގެން އުޅޭއިރު، އޭނާގެ މަންމަވެސް އެތަނުގައި ހުރިކަން ވަރަށް ރަނގަޅަށް އެނގެއެވެ.

އޭގެ ފަހުން އެހެން މެސެޖެއްވެސް އޭނާ ފޮނުވިއެވެ.

"ތޭންކްސް ބްރަދަރ. جَزَاكَ ٱللَّٰهُ. ގުޅާތި ޖަމާކޮށްފައި. إِنْ شَاءَ اَللَّه‎ އަދި ކޫރޭ ދޭނަން އިނގޭ."

އެ ކޯލްގައި ވާހަކަ ދައްކަމުން އަޅުގަނޑު إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ އޭ ކިޔައިފައި ވާހަކަ ދެއްކުމުން، ކާކު މަރުވީތޯ އަހައި، އެ ވަގުތު އަޅުގަނޑު ކައިރީގައި ތިބި މީހުން ސުވާލުކުރިއެވެ. ގާތް ރައްޓެއްސަކު އެ ގުޅީ އޭނާގެ އަންހެނުން ސްޓްރޯކެއް ޖެހިގެން އޭ.ޑީ.ކޭގައި ނިޔާވެގެން ކަމަށާއި އޭނާއަށް 200ރ. ފޮނުވައިދިނުމަށް އެދުނު ވާހަކަ ބުނުމުން، އަޅުގަނޑު ކައިރީގައި ތިބި ފަސް މީހުން ވެސް އެއް އަޑަކުން ބުންޏެވެ.

"ތިޔައީ ފޭކެއް، ތިޔައީ ފޭކެއް، ލާރި ނުފޮނުވާތި!"

އެ މީހުން އެހެން ބުނުމުން، އެ ކޯލް އެ މީހުންނަށް އަޑު އިއްވައިފީމެވެ. ރޮއެރޮއެފައި ގިސްލަމުން އެހާމެ އަސަރާއެކު އޭނާ ވާހަކަ ދެއްކި އަޑު އިއްވުމުން ވެސް އެ މީހުން ގަބޫލެއް ނުކުރިއެވެ. އެ މީހުން ބުނަމުންދިޔައީ އަންހެނުން މަރުވެގެން އުޅޭތޯ ޗެކްކޮށްލަން، އޭނާގެ އެހެން ރައްޓެއްސަކަށް ގުޅާލައި ބަލައިލުމަށެވެ. ނަމަވެސް އަންހެނުން މަރުވެގެން އުޅޭ ވާހަކަ ބުނެފައި 200ރ. އަށް އެދުމުން، އިތުރު މީހެއް ކައިރިން ޗެކްކުރަން ވަގުތު ބޭކާރުނުކޮށް، އަވަހަށް އެ ފައިސާ ފޮނުވައިދިނުން މުހިންމު ކަމަށް އަޅުގަނޑަށް ގަބޫލްކުރެވުނެވެ. ޖަނާޒާގެ ކަންތައް އަވަސްކުރެވޭނީ ވެސް އޭރުން ކަމަށް ވާތީއެވެ.

އެހެންވެ، އެއީ ފޭކެއް ކަމަކަށް އަޅުގަނޑަކަށް ކުޑަކޮށްވެސް ގަބޫލެއް ނުކުރެވުނެވެ. އަނެއްކާ އޭނާ ބުނީ ވެސް 200ރ. ހިފައިގެން އޭ.ޑީ.ކޭ ކައިރިޔަށް އަޅުގަނޑު ގޮސްދިނުމަށެވެ. މާނައަކީ އެތަނަށް ވަދެ މައްޔިތާ ބަލައިލުމުގެ ފުރުސަތުވެސް އަޅުގަނޑަށް އޮތެވެ. އެ ފުރުސަތު ދޫކޮށްލީ ވެސް އަޅުގަނޑެވެ. މާލެއިން ބޭރުގައި ހުރުމުންނެވެ. ފައިސާ ހަވާލުކުރަން އެހެން ދިމާލަކަށް ދާން ބުނި ނަމަވެސް ސުވާލު އުފެދުމުގެ ފުރުސަތެއް އޮތީހެވެ.

"އަންހެނުން މަރުވެގެން ފިރިޔަކު ނުރޯނެ ތިވަރަކަށް ޔަގީން،" އެތަނުން އަންހެނަކު ބުންޏެވެ.

ފޯނުކުރީ ދަންނަ، ރައްޓެއްސެއް ކަމުންނާއި އަމުދުން ކުއްލިއަކަށް އަންހެނުން ނިޔާވި ހިތާމަވެރި ދަނޑިވަޅު، 200ރ. ދޭން އެދުމުން، އެއީ ފޭކެއް ކަމަށް ބަލައި، ލާރިއެއް ނެތޭ ބުނެ، ދޮގެއް ހަދާކަށް އަޅުގަނޑަކަށް ނުކެރުނެވެ. އަދި އޭނާ ބޭނުންވަނީ މާ ބޮޑު އަދަދެއް ކަމަށް ވެސް ނުވާތީ، އޭނާ ފޮނުވި އެކައުންޓް ނަންބަރަށް 200ރ. ވަގުތުން ފޮނުވައިދިނީއެވެ. ކައިރީގައި ތިބި އެންމެން، "ލާރި ނުފޮނުވާށޭ" ގޮވަގޮވާ ތިއްބައެވެ.

އޭގެ 54 މިނިޓް ފަހުން، 11.10ގައި، އަނެއްކާވެސް އޭނާ ގުޅިއެވެ. އެ ފަހަރު ބުނީ އަދި ކުޑަކުޑަ ވާހަކައެއް ބުނެލަން ބޭނުން ކަމަށާއި ލާރި ހަމަނުވެގެން އިތުރު 200ރ. ފޮނުވައިދިނުމަށެވެ. ލާރި ބޭނުންވަނީ ކޮން ކަމަކަށްތޯ އެހުމުން އޭނާ ބުނީ ޑިސްޗާޖުކުރުމަށް ދައްކަންޖެހޭ އެއްޗެއް ހަމަނުވެގެން ކަމަށެވެ. (އޭ.ޑީ.ކޭ އިން ފަރުވާ ހޯދާ މީހުންނަށް އާސަންދައިން ކަނޑާފައި، ބާކީވާ ބައި އަތުން ދައްކަންޖެހެއެވެ. އެހެންވެ އެ ވަރުގެ އަދަދެއް ޖީބުން ދައްކަންޖެހިދާނެއެވެ.) ރޮމުންރޮމުން އޭނާ ބުނީ އެ މީހުން ދައްކަންޖެހެނީ 595ރ. ކަމަށާއި އެބައި އަދި ހަމަނުވާ ކަމަށާއި އެބައި ހަމަވާނީ 200ރ. ލިބިގެން ކަމަށެވެ. އޭނާ ހުރީ ވާހަކަ ވެސް ދެއްކޭ ވަރެއްގައި ނޫންކަން އަޑުން އެނގެއެވެ.

ދެ ވަނަ ކޯލްގައި ވެސް އޭނާ އަޅުގަނޑާ ވާހަކަ ދެއްކުމުގެ ކުރިން، "މަންމަ އެކަމާ އަނެކަތިނުކޮށްބަަލާށޭ….." ކިޔައި، މަންމައާ ކޮންމެވެސް ވާހަކައެއް ދެއްކި އަޑު، އޭނާ ހަލޯއޭ ބުނުމުގެ ކުރިން އިވުނެވެ.

ދެ ވަނަ ކޯލްގައި އެދުނު ގޮތަށް އިތުރު 200ރ. ވެސް ވަގުތުންވަގުތަށް ފޮނުވައިފީމެވެ.

އަޅުގަނޑު ރޭ ނިދީ، ހާލުގައި ޖެހުނު ދުވަހު ރައްޓެއްސަކަށް އެހީވެވުނީތީ އުފާކުރަމުންނެވެ. އަދި ރައްޓެހި މީހާގެ އަންހެނުންގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާކުރަމުންނެވެ.

މިއަދު ހެނދުނު ތެދުވެ ފުރަތަމަވެސް ބަލައިލީ ކަށުނަމާދު ވައިބަރ ޕޭޖެވެ. ރޭ ވެސް އަދި މިއަދުވެސް އަންހެނެއް މަރުވެގެން އުޅޭ ކަމަކަށް އެއަކުން ނުފެނުނެވެ. އެހެންވެ، އެ އާސަހަރާގައި ކަށުކަމާކެމީގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކާ ގުޅައިފީމެވެ. އޭނާ ވެސް ބުނީ ރޭގައި ވެސް އަދި މިއަދުގެ މެންދުރާ ހަމައަށް ވެސް މާލޭގައި އަންހެނެއް މަރުވެގެން ސަހަރާއަށް ނުގެންދާ ކަމަށެވެ. މިއަދު އިރުއޮއްސުމާ ހަމައަށް ވެސް އަންހެނަކު މަރުވެގެނެއް އާސަހަރާއަކަށް ނުގެންދެއެވެ.

"ތިޔަ ވާނީ ގޭމެއް ޖެއްސީ ކަމަށް،" އޭނާ ބުންޏެވެ. އަދި އިތުރުކޮށްލިއެވެ. "ގޭމް ޖައްސާ މީހުން ވަރަށް ގިނަ ތި ޒާތުގެ. ހުސްވި މަހުވެސް އެކި ފަރާތްތަކުން ފަސް ކޯލް އައި މީހަކު މަރުވެގެންނޭ ކިޔާފަ ފައިސާ ހޯދަން ގޮސްގެން ތެދެއްތޯ ބަލަންވެގެން."

އޭ.ޑީ.ކޭގައި ވެސް ރޭ މީހަކު މަރުނުވާ ކަމަށް އެ ހޮސްޕިޓަލުން ކަށަވަރުކޮށްދެއެވެ.

ރޭ މަރުވި މީހަކު މިއަދު މެންދުރުވި އިރުވެސް ވަޅުނުލާތީ، ވެގެން އުޅޭ ގޮތް ބަލައިލަން އަޅުގަނޑުގެ ރައްޓެހި މީހާއަށް ގުޅަން އުޅުނީމެވެ. އޭނާ ރޭ ގުޅައި މެސެޖްކުރަމުންދިޔަ، 7647295 ނަންބަރު ފުރަތަމަ އޮތީ ނިއްވާލައިފައެވެ. ފަހުން ފޯނެއް ނުނަގައެވެ. އެހެން މީހުންގެ ފޯނުން ގުޅުމުން ވެސް ފޯނެއް ނުނަގައެވެ. ދެން، އޭނާ ކުރިން އަޅުގަނޑަށް ދީފައި އޮތް ނަންބަރުތަކަށް ވެސް ގުޅައިފީމެވެ. އެއް ނަންބަރުން ނެގިއެވެ. ބުނީ އެއީ އެހެން މީހެއް ކަމަށެވެ.

ކޫރޭ ކުރިން ގުޅާފައި ހުރި ބައެއް ނަންބަރުތައް

އެއީ ހދ. ކުޅުދުއްފުށި، ހޯރަ، އަބްދުއްރަހީމު ހަސަނެވެ. އޭނާގެ ރައްޓެހިން އޭނާއަށް ކިޔަނީ ކޫރޭއެވެ. ކުޅުދުއްފުށީގައި 2011 ގައި ބޭއްވި ނޫސްވެރިކަމުގެ ކޯހެއްގައި ބައިވެރިވެ، ފަހުން ރާއްޖެ ޓީވީގައި ވެސް ކޫރޭ މަސައްކަތްކުރިއެވެ. އޭނާ ބުނާގޮތުން ނަމަ، ފަހުން އޭނާ މަސައްކަތް ކުރަނީ ސިކްސްސެންސް ލާމު ރިސޯޓުގެ ޑައިވް ސްކޫލްގައެވެ. ދޭތެރެދެތޭރެއިން މާލެއިން އޭނައާ ދިމާވެ ކޮފީވެސް ބޯތީ، އަދި ލާރިއެއް ދޭށޭ ދުވަހަކުވެސް ނުބުނާތީ، އޭނާގެ މައްޗަށް އެއްވެސް ޝައްކެއް ނުކުރެވެ އެވެ. އަނބި ދަރީންނާ އަޅުގަނޑު ރައްޓެހި ނޫން ނަމަ، އެ މީހަކު އިސްވެ ސުރުހީ ނާޅާހާ ހިނދަކު އެ މީހެއްގެ އަނބި ދަރީންގެ ވާހަކަ އަޅުގަނޑު ދުވަހަކު ވެސް އަހައި ނޫޅެމެވެ. ޝައުގުވެރިކަމެއް ނުހުރެއެވެ.

ރޭގައި ދެ ފަހަރު މަތިން ޖުމްލަ 400ރ. ފޮނުވި ފަހުން، ކޫރޭގެ ހަބަރެއް ނުވުމުން، އޭނާގެ ރަށުގެ އެހެން ރަހުމަތްތެރިޔަކާ ގުޅައިގެން މިއަދު ހަބަރު ބެލިއިރު، އޭނާ މީހަކާ އިނީ ވަރަށް ކުރިންނެވެ. މިހާރު އަނތްބެއް ނުހުރެއެވެ. މާލޭގައި އޭނާ އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ އަކީ މިހާރު "ޒުވާނެއް" ކަމަށާއި މިހާރު އަބަދު އުޅެނީ މީހުން އަތުން އެ ގޮތަށް ލާރި އަތުލައިގެން ކަމަށް ބައެއް މީހުން ބުންޏެވެ. ވަރަށް ގިނައިން އޭ.ޑީ.ކޭ ކައިރިން ފެންނަ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ފޭކް ކޯލްކޮށްގެން މީހުން އަތުން ފައިސާ އަތުލަމުންދާކަން އެންމެނަށް ވެސް އެނގެއެވެ. އަޅުގަނޑަށްވެސް ކިތަންމެ ކޯލެއް އާދެއެވެ. އަދި ފައިސާއަށް ސަލާންޖަހާ ކިތަންމެ ބަޔަކު މަގުމަތިންވެސް ދިމާވެއެވެ. އެކަމަކު ދުވަހަކުވެސް އަތަކަށް ލާރިއެއް ނުދެމެވެ. ބޭނުންވާ މުހުތާދެއް ފުއްދައިދެވޭތޯ ބަލަނީއެވެ. ބަނޑުހައިވެގެން އުޅެންޏާ ހޮޓަލަކަށް ވައްދައިފައި ބިލް ކަނޑައިދެނީއެވެ. ބޭސް ސިޓީ ގެންގުޅެންޏާ ބޭސް ނަގައިދެނީއެވެ. ގޭމް ޖައްސައި، މަކަރު ހަދާ މީހުން ގިނަކަމުންނެވެ. އެކަމަކު އަމިއްލަ އަނބިމީހާ މަރުވެގެން އުޅޭ ކަމަށް ބުނެ، ރައްޓެއްސަކަށް ގުޅައި، އޮޅުވާލައިގެން މި ގޮތަށް ފައިސާ އަތުލަފާނެ ކަމަކަށް އަޅުގަނޑަކަށް މީގެ ކުރިން ގަބޫލެއް ނުކުރެވެއެވެ. އެހެން ހަދާފާނެ ކަަމަކަށް ހިތަކަށް ވެސް ނުގެނެވެއެވެ. އެހެންވެ އަޅުގަނޑު އަދިވެސް މީނީ ހަމަ ހައިރާންވެ އަންތަރީސްވެފައެވެ.

ތިރީގައިވާ މި ދެ ފޯނުކޯލް އަޑު އަހައިފައި ތިޔަ ބޭފުޅުން ގޮތެއް ނިންމަވާށެވެ. والله أعلم 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3135
ޚިޔާލު ފާޅުކުރައްވާ!

6 Responses

  1. ތިއީ ފޯން ކޯލެއް ، އަޅުގަނޑާ ތިޔަބުނާ ކޫރޭ އާ ދިމާވީ މި ނޮވެމްބަރ 3 ވަނަ ދުވަހު މަގުރިބު ނަމާދު ވަގުތު އިބުރާހީމު މިސްކިތުން ، މިސްކިތުތެރޭހުރެ ބުނީ މިއުޅެނީ ދަރިފުޅުގެ ބޮލުގައި އިން ޓިއުމަރެއް ނެގުމަށް އޭ ޑީ ކޭ ގައި ބާއްވައިގެންނޭ ބޭހެއްގަންނަން 90 ރުފިޔާ ދެވިދާނެހޭ އަޅުގަނޑު އޭނަ އެހެދީ ދޮގެއްކަމަށް ގަބޫލު ނުކުރެވުނު އަހަރެންގެ އަންހެނުން ވެސް އޭނަދަނޭ ނަމާދުކޮށް ނިމިގެން އޭނަޔަށް ދިނިން 500 ރުފިޔާ އޭނަގެ އެބުނާ ބަލި ދަރިފުޅަށްޓަކާ ، މިރޭ ގުޅާފަ ބުނީ ދަރިފުޅު ނިޔާވެއްޖެޔޭ ޖަނާޒާ ކަންތަކަށް 500 ރުފިޔާ ދެވިދާނެހޭ އަހަރެން ދިނިން ފަތިހު ކަށުނަމާދުގައި ބައިވެރިވުމަށް އެދުމުން ، ނިދަން އޮށޯވެ މި ހަބަރު މި ކިޔާލީ ބަލިމީހަކަށް ޓަކާ 1000 ރުފިޔާ ހޭދަކޮށްފިން ﷲ އޭގެ ހެޔޮބަދަލު ދެއްވާނެ

  2. ދެން އަޅުގަނޑުމެންގެ ނޫހުގެ އެޑިޓަރު އެންމެން ދަންނަ މަޝްހޫރު ނޫސްވެރިޔާ ޝަހީބަށް ވެސް ތި އުޅެވެނީ މާ މަތީ ފެންވަރުގައި ނޫންބާ؟

    ތިޔަވަރުގެ ކަންކަން އެންމެ އާދައިގެ ރައްޔިތާ އާއި އިއްޔެ ނޫސްވެރިކަމަށް ވަންނަ ކުއްޖާ އަށް ވެސް އެނގޭ އިރު މަނިކުފާނު ފަދަ ހަރުދަނާ ފުންނާބުއުސް ބޭފުޅަކު ނުވިސްނީތީ ޙައިރާން ވާން.

    ފުރަތަމަ ކުރަން ޖެހޭ ތަޙްޤީޤު ތިޔަ ކުރެއްވީ އެންމެ ފަހުން. އެހެންވީމަ ޖާރނަލިޒަމްގެ އިންވެސްޓިގޭޝަން ބައިވެސްއެބަ ޖެހޭ ޙަޔާތުގައި ކޮންމެވެސް ވަރަކަށްއެޕްލައި ކުރައްވަން.

  3. ތިޔައީ މާ ވިސްނޭ މީހަކަށްވެ ހުރެ ފޭކު ކޯލެކޭ، ރައްޓެހިން ތިކަން ނުކުރާށޭ ބުނެބުނެ އޮއްވާވެސް ކުރީމަ ވީގޮތް. ތިމާއަށް ތިމާ ފެނުނީ. މާމޮޅީ ދޯ؟؟؟ލަނޑު ލިބުނުވާހަކަ ބުނުމަކީވެސް ހިތްވަރުގަދަކަން ދެއްކުމެއްނު ދޯ!!

  4. I have also given him money in for the same request but at that time he told me that his wife was admitted in the hospital, I am ashamed of such friends

  5. ތި ކުރޭ ނުވަތަ ހޫރޭ ތިވީ ހިރޯޔަކަށް.. ތީ އޭނާގެ ހުރި މޮޅު ހުނަރެކޭ ކިޔާނީ.. ޒަމާން މިއޮތީ ފަސާދައިގެ ގައުމަކަށް ވެފަ. އިތުރު މީހުން ތި ޑްރާމާ ކުޅެން ފަށާނެ. އަންހެނުން ވެސް މިހާރު ގޭގޭ ދޮށަށް ހިނގާ ތިފާޑުގެ ވާހަކަތައް ދައްކަމުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *