...

Support Us

ރައީސް ޢަބްދުﷲ ޔާމީނު: ގައުމުގެ އަމިއްލަވަންތަކަން ދަމަހައްޓަވަން ގުރުބާންވެވަޑައިގެންނެވި

ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމަކީ ދިވެހިރާއްޖޭގެ ފަސް ވަނަ ރައީސުލްޖުމްހޫރިއްޔާ އެވެ. ބައްޕާފުޅަކީ، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުގެ ގޮތުން ފަނޑިޔާރުގޭގެ ބޮޑު ނާއިބްކަމުގެ އިތުރުން ދައުލަތުގެ ބަންޑާރަ ނާއިބްކަމާއި ރައްޔިތުންގެ މަޖްލިސްގެ މެމްބަރުކަން ކުރައްވާފައިވާ އައްޝައިޚް ޢަބްދުލްޤައްޔޫމު އިބްރާހީމް، މާފަތްގޭ ދޮންސީދީއެވެ. މަންމާފުޅަކީ ނ. ވެލިދޫއަށް ނިސްބަތްވެވަޑައިގަންވާ ބޭކަނބަލެއް ކަމަށްވާ ފާތިމަތު ހަސަންއެވެ. ކާފާފުޅަކީ 1920ގެެ އަހަރުތަކުގެ ތެރޭގައި ގައުމުގެ ވަޒީރުކަން ކުރެއްވި އަލްވަޒީރު އިބްރާހީމް މާފަތް ތަކުރުފާނެވެ. އެތަކުރުފާނު ހިމެނިވަޑައިގެންނެވީ ޢަމަލީ ގޮތުން ގައުމު ހިންގެވުމުގައި ބޮޑުބަނޑޭރިގޭގައި މަސައްކަތްކުރެއްވި ގައުމީ ޚާދިމެއް ކަމުގައެވެ.

ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ބޮޑުސިޔާސީ ތަޖުރިބާކާރު، ރާއްޖޭގެ ރައީސްކަން 30 އަހަރު ދުވަހުކުރެއްވި ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަކީ ޔާމީނުގެ އެއްބަފާ ބޭބޭފުޅެވެ. އެހެންކަމުން އައްޝައިޚް ޢަބްދުލްޤައްޔޫމު އިބްރާހީމްގެ ދެ ދަރިކަލުން މި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފަ އެވެ.

ރައީސް ޔާމީނަކީ، ދިވެހި ގައުމުގެ އަމިއްލަވަންތަކަން ދަމަހައްޓައިި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ވަރަށް ބޮޑެތި މަޝްރޫޢުތަކާއި ގިނަ މަސައްކަތްތަކެއް ކުރެއްވި ވެރިއެކެވެ. ސިޔާސީގޮތުން އެންމެ ގިނަ ތަޖުރިބާތަކާއެކު ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންނެވި ރައީސެކެވެ. ވުޒާރާ ހިންގެވުމުގެ 22 އަހަރުގެ ތަޖުރިބާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ 20 އަހަރުގެ ތަޖުރިބާއެވެ.

ރައީސް ޔާމީނު ސިޔާސީ ގޮތުން ފާހަގަވާން ފެށީ، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު 1991ވަނަ އަހަރު މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުގެ ޑިރެކްޓަރ ޖެނެރަލް (އެކްޓިންގ މިނިސްޓަރ)ގެ ހައިސިއްޔަތުން އެ މިނިސްޓްރީ ހިންގެވުމާ  ހަވާލުކުރެއްވި ހިސާބުންނެވެ. އޭގެ ފަހުން އެ މިނިސްޓްރީގެ މިނިސްޓަރު ކަމަށް 1993ގައި އިސްކުރެއްވިއެވެ.

މިނިސްޓަރ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރކަންވެސް ރައީސް ޔާމީނު ކުރެއްވިއެވެ. އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއީމެންޓް އެންޑް ސޯޝަލް ސެކިއުރިޓީ، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަން، މިއީވެސް އެމަނިކުފާނު ހިންގެވި ވުޒާރާތަކެވެ.

ސިޔާސީ އެންމެ ހަލަބޮލި ދުވަސްވަރު ސަރުކާރާ ވާދަވެރިކޮޅުގައި ހުންނަވައި ރައްޔިތުންގެ މަޖްލިސްގެ މުލަކު ދާއިރާގެ ގޮނޑި ހޯއްދަވައި ރާއްޖޭގެ ވަލިއްޔުލް އަމްރުގެ މަސްއޫލިއްޔަތާ ހަވާލުވެ ވަޑައިގެން ރާއްޖޭގެ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެއްސުމާ ހަމައަށް ހުންނެވީ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރައްވާށެވެ. ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން 1994އިން 2013އަށް 20 އަހަރު ކުރެއްވިއެވެ. މަޖުލީހުގެ ދިގު ތާރީޚުގައި ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުޤައްރިރުކަމާއި ޔާމީނުގެ ޚާއްޞަ ދާއިރާ ކަމުގައިވާ އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރުކަށް ޔާމީނު ކުރެއްވި އެވެ.

ދައުލަތުގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ޗެއަރމަންކަން ރައީސް ޔާމީނު ކުރެއްވިއެވެ. އެގޮތުން އެސް.ޓީ.އޯ އާއި ސްޓެލްކޯގެ އަދި އައިލެންޑް  އޭވިއޭޝަން  ޗެއަރމަންކަން މިނިސްޓަރުކަމާއެކު އެއްފަހަރާ ކުރެއްވިއެވެ. މައްޗަންގޮޅީ އަވަށުގެ އޮފީހުގެ ވެރިކަންވެސް ކުރެއްވިއެވެ.

ރައީސް ޔާމީނު 1978ގައި ސަރުކާރުގެ ޚިދުމަތް ފަށްޓަވައި އަދާކުރެއްވި ބައެއް ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ އިނގިރޭސީ ސެކްރެޓަރީކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިސަރޗް އޮފިސަރކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީގެ ފޮރިން ޓްރޭޑް ޑިވެލޮޕްމަންޓް އޮފިސަރ ކަމުގެ މަގާމާއި، އެމިނިސްޓްރީގެ ވަކީލުކަމާއި، އެ މިނިސްޓްރީގެ ފޮރިން އިންވެސްޓްމަންޓް ސަރވިސަސް ބިއުރޯގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރކަން ހިމެނެއެވެ. އައްޑޫ ޑިވެލޮޕްމަންޓް އޮޓޯރިޓީގެ ވައިސް ޗެއަރމަންކަން ދެފަހަރުމަތިން ކުރެއްވިއެވެ.

ރާއްޖޭގައި ވެސް ސިޔާސީ ޕާޓީތައް އުފެދެން ވެއްޖެ ކަމަށް 2005 ވަނަ އަހަރު މުޖުތަމަޢު ދުށް ހިނދު، ރާއްޖޭގެ އެންމެ ވަރުގަދަ އެއް ސިޔާސީ ޕާޓީ "ދިވެހި ރައްޔިތުންގެ ޕާޓީ" ނުވަތަ ޑީ.އާރްޕީ އުފެއްދެވުމުގައި ބޭބޭފުޅު ރައީސް މައުމޫނުގެ އަރިހުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އޭގެ ފަހުންވެސް އަމިއްލަ އުޞޫލު ހިފެހެއްޓެވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ޔާމީންގެ އަމިއްލަ ޕާޓީއެއް ވުޖޫދަށް އައުމެވެ. "ޕީޕަލްސް އެލަޔަންސް" ނުވަތަ ޕީ.އޭ އުފަންކުރުވައި އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތިލަފަތް ހެޔޮކުރައްވަމުން ގެންދެވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙް ބަދަލުވެގެންދިޔަ ދިއުމުގައި ބޭބޭފުޅު ރައީސް މައުމޫނާ އެއްފަނަށް އަރުއްވައި "ޕްރޮގްރެސް ނުވަތަ (ޕީ.ޕީ.އެމް) ވުޖޫދަށް ގެންނެވުމުގައި އަވަދިނެތި މަސައްކަތްކުރެއްވުމުން ދޭހަވާ އެއް ކަމަކީ ސިޔާސީ ބުއްދި ފުރިހަމަކަމެވެ. އެކަމަށް ބާރުލިބިދޭ ހެއްކަކީ ޔާމީންގެ މި ފިޔަވަޅުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވުމެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ފުރަތަމަ ލީޑަރުކަމުގެ ޝަރަފު ލިބިވަޑައިގަތީ ވެސް އެމަނިކުފާނަށެވެ.

ރައީސް ޔާމީނުގެ ފަސް އަހަރުގެ ޒައާމަތުގައި، އަގުނުކުރެވޭ ބޮޑު ތަރައްގީއެއް ރާއްޖެއަށް ގެނެސްދެއްވި އެވެ. ގިނަ ރަށްތަކެއްގެ މަގުތަކުގައި ތާރު އަޅައި، ހުރިހައި ރަށެއްގައި ކަރަންޓު 24 ގަޑިއިރަށް ޔަގީންކޮށްދެއްވައި، ފެނާއި ނަރުދަމާ އާއި ބަނދަރު ހެއްދެވުމުގެ އިތުރުން، ޒުވާނުންގެ މަރުކަޒުތަކާއި، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމާއި ސަރަހައްދީ ގިނަ ވައިގެ ބަނދަރުތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި ފްލެޓްތަކާއި އޮފީސްތައް ގާއިމުކުރެއްވި އެވެ. އަދި ހުޅުމާލެ-މާލެ ގުޅުވައިދޭ ބުރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކަވައި، ފްލެޓްތައް އެޅުމާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓުފަހަރު ޖެއްސޭ ގޮތަށް ތަރައްގީ ކުރެއްވުމާއި މާލޭ ރިންގް ރޯޑުގައި ތާރު އެޅުއްވުމާއި މާލޭ ދެކުނު ފަރާތު ފަޅު ހިއްކައި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ހެއްދެވުމާއި، މާލޭ ހުޅަނގު ފަރާތުގައި ރަސްފަންނު ހެއްދެވުން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ޔާމީން ހުންނެވީ 17 ނޮވެމްބަރު 2013 އިން ފެށިގެން 17 ނޮވެމްބަރު 2018 އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31121
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *