Support Us

ކުދި ފިރްޢައުނުން

ޙަކީމުންނާއި ފިލޯސަފަރުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ފިރްޢައުނަކީ ވަކި މީހަކަށް ޚާޢްޞަ ނަމެއްނޫނެވެ. މިޞްރުގައި ޤަދީމީ ޒަމާނުގައި ވެރިކަންކުރި ވެރީންނަށް މި ލަޤަބު ދީފައި ވެއެވެ. އަޅުގަނޑުމެންގެ ގާތުގައި މަޝްހޫރުވެފައިވާ ފިރްޢައުނަކީ މޫސާގެފާނުގެ ފިރްޢައުނެވެ. އެއީ، އެކަލޭގެފާނުގެ ޒަމާނުގައި ކަލާނގެވަންތަކަމަށް ދަޢުވާކޮށް މިޞްރުގައި ވެރިކަންކުރި އަނިޔާވެރި ޖައްބާރެކެވެ. މާތްﷲ އޭނާ ޣަރަޤުކުރައްވައި ނައްތައިލެއްވިއެވެ. އަދި އޭނާގެ ހަށިގަނޑު މީސްތަކުން ޢިބްރަތް ލިބިގަތުމަށް ޓަކައި ރައްކައުތެރިކޮށް ދެއްވިއެވެ.

މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِّنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ- ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ، ކަލޭގެ ފަހުން އަންނަ ބަޔަކަށް، عبرة އެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަ މީހުން ވަނީ ތިމަންރަސްކަލާނގެ آية ތަކާމެދު (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ހެކިތަކާމެދު) غافل ވެގެންކަން ކަށަވަރެވެ.))

ޙަކީމުންނާއި ފިލޯސަފަރުން ވިދާޅުވާގޮތުގައި މީހެއްގެ ގައިގައި ވަކި ސިފަތަކަކާއި ސުލޫކެއް ހުރެއްޖެނަމަ އެ މީހާއަކީ ފިރްޢައުނެކެވެ. އިންސާނާ ފިރްޢައުނުވަންތަކަމުގައި ބޮޑުވެ ކުޑަވެގެންދަނީ އޭނާގެ ކިބައިގައި ހުންނަ ނޭދެވޭ ސިފަތަކާއި ލެނބުންތައް ބޮޑުވެ ކުޑަވުމުންނެވެ.

ބޮޑެތި ފިރްޢައުނުން

ބޮޑެތި ފިރްޢައުނުންގެ ތެރޭގައި ހިމެނޭ މީހުންނަކީ ﷲގެ ސިފަފުޅުތަކާއި އެކަލާނގެއަށް ޚާއްޞަ ވެގެންވާ މަސައްކަތްޕުޅުތައް "މަށަށް ވެސް ކުރެވިދާނެޔޭ" ކިޔައި އިލާހުވަންތަކަމުގައި ﷲއާ ވާދަކުރެވޭތޯ އުޅުނު ނުބައި ޖައްބާރުން ވެއެވެ. އެފަދަ މީހުން ބުނެއެވެ. ((أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ أَنْ آتَاهُ اللَّهُ الْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّيَ الَّذِي يُحْيِي وَيُمِيتُ قَالَ أَنَا أُحْيِي وَأُمِيتُ- اللَّه، އޭނާއަށް ރަސްކަންދެއްވާފައިވާތީ، إبراهيم ގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ جدل ކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ (އެއީ) إبراهيم ގެފާނު ވިދާޅުވި ހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހަރެންވެސް ދިރުވައި އަދި މަރަމެވެ.))
އެފަދަ އެހެން ޖައްބާރަކު ބުންޏެވެ. ((أَنَا رَبُّكُمُ الْأَعْلَىٰ – ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.))

ބޮޑެތި ފިރްޢައުނުންނާއި ކުދި ފިރްޢައުނުންގެ ބައިވެރިވާ އެންމެ މުހިއްމު ބަހާއަކީ ((مَا أُرِيكُمْ إِلَّا مَا أَرَىٰ وَمَا أَهْدِيكُمْ إِلَّا سَبِيلَ الرَّشَادِ – ތިމަންނާއަށް ފެންނައެއްޗެއް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ. އަދި ރަނގަޅު މަގަށް މެނުވީ، ތިޔަބައިމީހުންނަކަށް މަގެއް ނުދައްކަމެވެ.))

ބޮޑެތި ފިރްޢައުނުންނާއި ކުދި ފިރްޢައުނުން ވެސް ދެކޭގޮތުގައި ކޮންމެ މުސްލިޙަކީ ފާސިދެކެވެ. ކޮންމެ މުރްޝިދަކީ ފުރެއްދުންތެރިއެކެވެ. އެމީހުންނަށް ނަސޭހަތްދޭން އުޅޭ މީހާ ވެގެންދާނީ މޮޔައަކަށެވެ. އެމީހުންނާ ދެކޮޅަށް ތެދުވާ މީހާގެ ކަރަށް ވައްޓައިލެވޭނީ މަރުގެ ވައުގަނޑެވެ.

ބޮޑެތި ފިރްޢައުނުންނަކީ ކުފްރާއި މަގުފުރެދުމުގައި ގެއްލެނިވެފައިވާ ބައެކެވެ. އެމީހުންނަކީ ޤަތުލުޢާންމުތަކާއި ނިރުބަވެރި ޢަމަލުތަކުގެ ތެރެއަށް ގެނބިފައިވާ ބައެކެވެ. އެމީހުންގެ މަންހަޖަކީ އަނިޔާވެރިކަމާއި ޙައްދުފަހަނަޅައިދިޔުމެވެ. އެމީހުން ވަނީ ރަސޫލުބޭކަލުންގެ މައްޗަށް ބޮޑާވެގެންފައެވެ. އެމީހުން ވަނީ މީސްތަކުންގެ މައްޗަށް ކަލާނގެވަންތަ ވެފައެވެ. އެމީހުން ވަނީ ކައުނު ފަސާދަކޮށް ވިސަޑުކޮށްފައެވެ. އެންމެފަހުން އެމީހުން ވެފައިވަނީ ތާރީޚުގެ ކުނިގޮނޑުތަކުގައި ވަޅުލެވިފައެވެ.

ކުދި ފިރްޢައުނުން

ކުދި ފިރްއައުނުން އެމީހުންގެ ފިކްރީ އިސްތިބްދާދާއި ޢަޤްލީ ނިރުބަވެރިކަން ފެތުރުމަށް ޓަކައި ދީން ނިވާފަތްގަނޑަކަށް ހަދައެވެ. އެމީހުން ދަޢުވާ ކުރާގޮތުގައި ފައިދާހުރި މަޞްލަޙަތުހުރި ވިސްނުން ލިބިގެން ވަނީ އެމީހުންނަށެވެ. އެމީހުންގެ ރައުޔަކީ މުޤައްދަސް އެއްޗެކެވެ. އެމީހުންގެ ސުލޫކިއްޔާތަކީ ކަރާމަތެވެ. އެމީހުންގެ ހަށިތައް ނަޖިހެއް ނުވާނެއެވެ. އެއީ އަބަދު ވެސް ޠާހިރު މުޠައްހިރު އެއްޗެކެވެ.

ބައެއް މުފައްކިރުން ވިދާޅުވާ ގޮތުގައި ކޮންމެ މީހެއްގެ ނަފްސުގައި "ފިރްޢައުނެއް" ވެއެވެ. މި ފިރްޢައުނުވަންތަކަން ވަންހަނާވެގެން ވަނީ އޭނާގެ ތަރްބިޔަތާއި އަދަބުވެރިކަމާއި މަޝްވަރާކުރުމާއި އެހެން މީހުންނަށް ކުރާ އިޙްތިރާމުގެ ތެރޭގައެވެ. މި ފިރްޢައުނުވަންތަކަން އޭނާގެ މަޤާމާއި ވަޒީފާއާއި އޭނާގެ ތަނަވަސްކަމާއި ޙަސަބާއި ނަސަބާއި ރީތިކަމާއި ބުރުސޫރައާ ގުޅި ބޮޑުވެ ކުޑަވަމުން ދެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ ‎﴿٦﴾‏ أَن رَّآهُ اسْتَغْنَىٰ – ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ))

ކުދި ފިރޢައުނުންނަކީ އެމީހުންގެ ބާރުގެ ދަށުގައި ތިބޭ (އަނބިދަރީންނަށާއި މުވައްޒަފުންނަށާއި ދަރިވަރުންނަށާއި އަވަށްޓެރީންނަށާއި ގާތްތިމާގެ މީހުންނަށް) ސިންގާވެގެން އުޅޭ ބަޔެކެވެ. އެހެނަސް އެމީހުންގެ ސާހިބުންގެ ކުރިމަތީގައި ކުޑަކަކޫޖަހައިގެން ނިކަމެތިކަން ދައްކައިގެން އުޅޭނެތެވެ. ހަތުރުވެރީންނާއި ވާދަވެރީންނާއެކު މުޢާމަލާތު ކުރާނީ މަޑުމައިތިރިކަމާއި އޯގާވެރިކަމާއެކުގައެވެ. ގާތްތިމާގެ މީހުންނާއި އެމީހުންގެ ބެލުންތެރިކަމުގެ ދަށުގައިވާ މީހުންނާއެކު މުޢާމަލާތު ކުރާނީ ހަރުކަށިކަމާއި ދޫނުކުރުމާއެކުގައެވެ.

ފަނި އަޅައިފައިވާ ކުދި ފިރްޢައުނުންނަކީ ބޮޑުންގެ ކުށްތަކަށް ފަސްއަޅައި ފޮރުވައި މީހުންނެވެ. އެމީހުންނަކީ ފިޑީން ހިތްވަރުގަދަ މީހުންކަމަށް ހަދައި އެމީހުންނަށް ސަނާ ކިޔާ މީހުންނެވެ. ވަގުން ނަޒާހަތްތެރީން ކަމުގައި ދައްކާ މީހުންނެވެ. ދޮގުވެރީން ތެދުވެރީންކަމަށް ބުނެ އެކަމަށް ޙުއްޖަތު ދައްކާ މީހުންނެވެ. މުޖްރިމުންނަށް މަގު ކޮށައިދިނުމަށް ޓަކައި އަޚުންނާއި ލޯބިވާ މީހުންނަށް އަނިޔާވެރިވުމަށް އެހީވެދޭ މީހުންނެވެ. ދީނާއި ޢުރްފާ ޚިލާފުވާ މީހުންނަށް ޓަކައި އުޞޫލުތަކާއި އަގުތައް ވަޔަށް ބުރުވައިލާ މީހުންނެވެ.

ކުދި ފިރްޢައުނުންނަކީ ޙަލާލު ޙަރާންކުރާ މީހުންނެވެ. ރަނގަޅު، ނުރަނގަޅަށް ފުރޮޅައިލާ މީހުންނެވެ. މިއަދު މަޞްލަޙަތުކަމަށް ދުށް ކަންތައްތައް މާދަމާ މަފްސަދަތަށް ބަދަލު ކުރާ މީހުންނެވެ. މިތުރުން ހަތުރުންނަށް ހަދާ މީހުންނެވެ. އެންމެ ނުބައި މީހަކީ އޭނާގެ ދީން ދުނިޔެއަށް ޓަކައި ވިއްކާލައި މީހާއެވެ.

ކުޑަ ފިރްޢައުނަކީ ބުޅާ މިނިކާވަގަށް، ކުއްތާ ސިންގާއަށް ޢިއްޒަތާއި ޤަދަރުވެއްޓިފައިވާ މީހާ މާތް ޒަޢީމަކަށް ހަދާ މީހާއެވެ. ކުޑަ ފިރްޢައުނަކީ އޭނާގެ އިސްވާރުގެ ގާތުގައި މުޅި ދުނިޔެ ނިކަމެތކޮށް ދެރަކޮށްލާ މީހާއެވެ.އޭނާއަކީ ދައުލަތެވެ. ދައުލަތަކީ އޭނާއެވެ. އޭނާއަކީ އުންމަތެވެ. އުންމަތަކީ އޭނާއެވެ. އޭނާއަކީ ޖަމާޢަތެވެ. ޖަމާޢަތަކީ އޭނާއެވެ.

ކުދި ފިރަޢައުނުންގެ އެންމެ ނުބައި އެއް ސިފައަކީ މަޞްލަޙަތުތަކަށާއި މަފްސަދުތަކަށް ބަހަނާ ދެއްކުމަށް ޓަކައި ﷲގެ ބަސްފުޅުތައް ކުޅޭކުޅޭ އެއްޗަކަށް ހެދުމެވެ. އެއީ ދީނުގެ ނަމުގައި ކިޔަމަންތެރިކަމުގެ ނަމުގައި އިތުބާރުގެ ނަމުގައި އިންސާނުން ކަލާނގެއަށް ހަދާ މީހުންނެވެ. އެމީހުންނާ ދެކޮޅަށް ތެދުވާ މީހާ ފައްސައިލައި ދުރަށް ލާނެއެވެ. ދައުލަތަކީ އެމީހުންނަށް ވާރުތައިން ލިބިފައިވާ އެއްޗެއްފަދަ އެވެ.

ޢުމަރުގެފާނުގެ ޚުޠުބާ ދެއްވަމުން "ތިޔަބައިމީހުން އަޑު އަހައި ކިޔަމަންވާށޭ" ވިދާޅުވުމުން "އަޑު އަހައި ކިޔަމަން ވާނީ ކަލޭގެފާނުގެ ލިބާސްކޮޅު ދިގުވީ ކިހިނަކުންކަން ބަޔާންކޮށް ދެއްވީމައޭ" ދެންނެވުނެވެ. އެހެންވީމާ ދައުލަތް ވިއްކައިލެވޭއިރު، ނުވަތަ މުޅި ޤައުމު ގަނޑުކޮށްލެވޭއިރު، ނުވަތަ މުޅި ތާރީޚު ވީރާނާކޮށްލެވޭއިރު ނުވަތަ އަގުތައް ބަރުބާދުކޮށްލެވޭއިރު މީސްތަކުންގެ ޙާލަކީ ކޮބައި ހެއްޔެވެ؟

ކުދި ފިރްޢައުނުންނަކީ ވަރަށް ގިނަ ބައެކެވެ. އެމީހުން ސިޔާސީ މައިދާނުގައްޔާއި، މީޑިއާގައްޔާއި ދީނީ ވެށީގެ ތެރޭގައި އުޅެއެވެ. ވަރަށް ކުޑަގޮތަކަށް ބޮޑުވަމުން ގޮސް ބޮޑު ކޮށްޓަށް ވަންނަނީއެވެ. ސިޔާސީ ޙަރަކާތްތެރިއެއްގެ ގޮތުގައި ފަށައިގެން ގޮސް ނިންމާއިލާނީ ބޮޑު މުނާފިޤެއްގެ ގޮތުގައެވެ. އޭނާއަށް ވާހަކަދައްކަންވީ ވަގުތާއި ހަނު ހުންނަންވީ ވަގުތު އެނގެއެވެ. ހުރިހާ ވައުތަކެއްގެ ވަށައިގެން އެނބުރެން އެނގެއެވެ. ހުރިހާ ރާގުތަކަކަށް ނަށަން އެނގެއެވެ.

އޭނާއަކީ ކޭކު އޮތް މީހާއަށް އަޅުވެތިވެފައިވާ މީހެކެވެ.
އޭނާއަކީ ގަރަހިތައެއް ގޮތަށް އެކި ވަގުތު އެކި ކުލައިގައި ފާޅުވާ މީހެކެވެ.
އޭނާއަކީ ގަނޑުތައް ކަނޑަން ދަންނަ މީހެކެވެ.
އޭނާއަކީ ނައްޞުތަކާ ކުޅެން ދަންނަ މީހެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَاشْتَرَوْا بِهِ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ- އަދި، އެއުރެން އެ ފޮތަށް ކުޑައަގެއް ގަތެވެ. ފަހެ، އެއުރެން އެ ގަންނަ ތަކެތީގެ ނުބައިކަމާއެވެ.))

ސަލާމަތް ވުމަށް އޮތް ނަމޫނާ މަގު

ޝަޚްޞާއި އަގު، ފަރްދާއި މުއައްސަސާ، ސުލޫކާއި ޙަޤީޤަތުގެ ތަފާތު ދެނެގަތުމަށް ޓަކައި އަޅުގަނޑުމެންނަށް ލިބިގެންވާ އެންމެ ފުރިހަމަ ނަމޫނާއަކީ ކީރިތި ރަސޫލާ އެވެ. އެކަލޭގެފާނަށް ނުރަނގަޅު ގޮތަކަށް ކަމެއް ކުރެއްވިޖެކަން ހަމަ އެނގިވަޑައިގަންނަވާ އިރަށް އެކަމުން ސަލާމަތްވެ ވަޑައިގަތުމަށް އަވަސްވެ ވަޑައިގަންނަވައެވެ. ބަދްރު ހަނގުރާމައިގެ ދުވަހުގައި އަޞްޙާބު ބޭކަލުންގެ ސަފުތައް އެއްވަރުކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ ދުނިދަނޑިކޮޅު ބޭނުން ކުރައްވައިގެންނެވެ. މި ދުނިދަނޑިކޮޅުގެ ކޮޅު ސަވާދުގެފާނުގެ ބަނޑުފުޅުގައި ޖެހުމުން ތަދުފުޅުވި ކަމަށް ހައްދަވާ ރަސޫލާއަށް ދެންނެވިއެވެ. "އަޅުގަނޑުގެ ބަނޑަށް ތަދުވެއްޖެއެވެ. ޤިޞާޞު ހިފަން ކަލޭގެފާނުގެ ބަނޑުފުޅު ދައްކަވާށެވެ." އެހިނދު ސަވާދުގެފާނަށް މި ލިބިވަޑައިގެން ފުރްޞަތުގެ ބޭނުން ރަނގަޅުގޮތުގައި ހިއްޕަވާ ރަސޫލާގެ ބަނޑުފުޅުގައި ދޮނެއް ދެއްވިއެވެ. ތިޔަ ކުރެއްވީ ކޮން ކަމެއް އެއްސެވުމުން ސަވާދު ދެންނެވިއެވެ. އަޅުގަނޑު ދުނިޔެއިން ވަކިވެދިޔުމުގެ ކުރީން ކަލޭގެފާނުގެ ގައިކޮޅުގައި ބީހިލާން ބޭނުންވާތީއެވެ.

ރަސޫލާ ސުވަރުގެ ވަޑައިގެންނެވުމުގެ ކުރީން މީސްތަކުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށް މީހެއްގެ ބުރިކަށީގައި ޖެއްސެވިފައިވާނަމަ ތިމަންކަލޭގެފާނުގެ ބުރިކަށިފުޅުން އެކަމަށް ޤިޞާޞު ހިފުމަށް ބުރަކަށިފުޅު މި އޮތީއެވެ. ތިމަންކަލޭގެފާނަށް މީހެއްގެ މުދަލުން އެއްޗެއް ނެންގެވިފައިވާނަމަ އެއިން ބަދަލު ނެގުމަށް ތިމަންކަލޭގެފާނުގެ މުދާ މި ހުރީއެވެ." މި ނަމޫނާ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުން އެނގެނީ އަގުތަކުގެ ކުރިމަތީގައި ޝަޚްޞަށް އިޙްތިރާމެއް ނެތްކަމެވެ. ކުރިއަށް ނުކުމެ ޤުރްބާން ވިޔަސް އިސްވާރުންނަށް ސަޖިދަ ކުރުމެއް ނެތް ކަމެވެ. އެބައިމީހުންނަށްވުރެ މާ ރަނގަޅު މީހުންގެ ކިބައިން ފެނިފައިވާ ނަމޫނާތައް މާ މޮޅެވެ. މާތް ރަސޫލާ ފަރިއްކުޅުއްވާނެ އެއްޗެއް ލިބިވަޑައި ނުގަންނަވައިގެން ބަނޑުފުޅުގައި ދެ ހިލަގަނޑު ބަންނަވައިފައި ވެއެވެ. ޙުނައިނުގެ ދުވަހު ހަނގުރާމައިގެ މައިދާނުން އެންމެން ފިލާން ދުވި ވަގުތު އެކަލޭގެފާނު ކުރިއަށް ނުކުމެވަޑައިގެން ގަދަ އަޑުފުޅުން ވިދާޅުވެފައި ވަނީ ((أنا النبي لا كذب أنا ابن عبد المطلب – ތިމަންކަލޭގެފާނަކީ ނަބިއްޔާއެވެ. އެކަމުގައި އެއްވެސް ދޮގެއް ނެތެވެ. ތިމަންކަލޭގެފާނަކީ ޢަބްދުލް މުއްޠަލިބުގެ ދަރިކަލަކީމުއެވެ.))

އައްޞިއްދީޤާއި އަލްފާރޫޤު ދަސްވެނިވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ އަރިހުންނެވެ. އެބޭކަލުން ހަނގުރާމައިގެ މައިދާނުގައި ނަޞްރު ހޯއްދެވި ގޮތަށް ނަފްސުގެ މައިދާނުގައި ވެސް ކާމިޔާބާއި ފަލާޙު ހޯއްދެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *