Support Us

ހަމަ އެ ވާހަކަ: އަދިވެސް ކިޔައިލަން ބޭނުންތަ؟

ނޯޓް:

ލިޔުންތެރިކަމުގެ ކޮންމެ ވައްތަރަކީ ވެސް އޭގެ ޒާތުން ޝައުގުވެރި ގޮތަކަށް ހުށަހެޅިއްޖެ ނަމަ ޝައުގުވެރިވާ އެއްޗެކެވެ. ލިޔުމުގެ އުސްލޫބާއި ހުށަހަޅާ އުސްލޫބު މޮޅު ނަމަ އެ ލިޔުމެއް ހިނގާނެއެވެ. މީހުންގެ މެދުގައި މަޤުބޫލު އެއްޗަކަށް ވާނެއެވެ. ދިވެހިބަހުން ލިޔެފައިވާ ފީޗަރ ރިޕޯޓުތަކުގެ ތެރެއިން މިހައިތަނަށް އަޅުގަނޑަށް އެންމެ ކަމުދާ އެއް ރިޕޯޓަކަށް ފެނިފައިވަނީ 27 ޖުލައި 2001 ގައި ނުކުތް "ހުވާސް" މަޖައްލާގައި ޝާއިއުކޮށްފައިވާ ފީޗަރ ރިޕޯޓެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެފަދަ ދެވަނަ ލިއުމެއް ފެންނާން ނެތް، އާދަޔާޚިލާފު މޮޅު ރިޕޯޓެކެވެ. މި ރިޕޯޓް ލިއުއްވައިފައި ވަނީ ދިވެހި ނޫސްވެރިކަމުގައި މުޅީން ތަފާތު ރަހަތަކެއް ގެނެސްދެއްވި ތަޖުރިބާކާރު ލިއުންތެރިޔާ މުހައްމަދު ޝަހީބެވެ. ހަވީރު ނޫހުގެ މެނޭޖްމަންޓުގެ ފަރާތުން 2000ވަނަ އަހަރު ނެރެން ފެށްޓި ހުވާސް މަޖައްލާގެ އެޑިޓަރަކީ ވެސް ޝަހީބެވެ. ޝަހީބު ވަނީ ހަވީރު އޮންލައިންގެ އެޑިޓަރުކަން ވެސް ކުރައްވައިފައެވެ. ނޫސްވެރިކަމުގައި 30 އަހަރު ހޭދަކުރައްވައިފައިވާ ޝަހީބަކީ މިހާރު "އަދިވެސް" އޮންލައިންގެ ސީ.އީ.އޯ އަދި އެޑިޓަރ އިންޗީފެވެ.

ޝަހީބުގެ މި ރިޕޯޓު ވުޖޫދުވިތާ 20 އަހަރު ވީއެވެ. މިއީ އަލަށް ނޫސްވެރިކަމުގެ ދާއިރާއާ ގުޅޭ ނޫސްވެރީންނާއި ލިޔުންތެރިކަމަށް ލޯބިކުރާ ކޮންމެ ދަރިވަރަކު ވެސް ނަޒަރު ހިންގައިލަން މުހިންމު ލިޔުމެކެވެ. ވިހި އަހަރަށް ފަހު މި ރިޕޯޓު "އަދިވެސް"ގައި ގެނެސްދިނުމުގެ އެއް ބޭނުމަކީ ދިވެހި ނޫސްވެރިކަމުގައި ކޮށްފައިވާ ތަފާތު ތަޖުރިބާއެއްގެ ރަހަ މިއަދުގެ ޒުވާނުންނަށާއި ލިއުންތެރިކަމަށް ޝައުގުވެރިކަން ހުންނަ އެންމެ ބޭފުޅުންނަށް ފޯރުކޮށްލަދިނުމެވެ. އަނެއް ބޭނުމަކީ އެއްވެސް ވެބްސައިޓެއްގައި މި ރިޕޯޓު އޮންލައިންކޮށް މީގެ ކުރިން ޝާއިއުކޮށްފައި ނުވާތީ، މިފަދަ ލިއުމެއް ކިޔައިލަން ބޭނުންވެދާނެ އަދުގެ ދަރިވަރުންނަށް ވެސް ފަސޭހައިން ބަލައިލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

މިއީ އަދުގެ ފަހިވަމުން އަންނަ ނޫސްވެރިކަމުގައި ކޮންމެހެން ވެސް ނަޒަރުކޮށް އިސްކަން ދޭންވީ ޒާތު ލިޔުމެކެވެ. މި ފަދަ ލިޔުންތައް އެބަ އިތުރުވާން ޖެހެއެވެ. ވަރަށް ގިނަ ނޫސްތަކުން މިހާރު އެންމެ އިސް ޖާގަ ހޯދަނީ ސިޔާސީ ވާހަކަތަކާއި ކަބަރުތަކެވެ. މުޖުތަމައުގެ އިސްލާހުގައި ހަމަ އެކަނި އެއްޗަކީ ސިޔާސީ ކަންކަމަށް ފާޑުކިޔުމައި ސިޔާސީ މީހުންގެ ހަޔާތުގެ ވާހަކަތައް ހިއްސާކުރުމެއް ނޫނެވެ. މުޖުތަމަޢުގައި ހުރި ކެކުޅުންތަކާއި މީސްތަކުންގެ ފިޠުރަތާއި ދިރިއުޅުމަށް ކުރާ ތަފާތު މަސައްކަތްތަކާއި ތަޖުރިބާތަކާއި ހާދިސާތަކާއި އެކި މީސްމީހުންގެ ކާމިޔާބީގެ ދަތުރުތަކާއި ޖަމާއަތުގެ ކުރިއެރުމާއި ތަރައްގީގައި އެކި ޒަމާންތަކުން ފެންނަ މަންޒަރާއި ފޮޓޯ ސިފަކޮށްދީ ކަންކަން އާންމު ވިސްނުންތަކަށް އުފެއްދުންތެރި ލިއުންތެރިކަމުގެ ނުވަތަ ފީޗަރ ލިއުންތެރިކަމުގެ ތެރެއިން ތިލަކޮށްދެވިދާނެއެވެ. ޝަހީބުގެ މި ލިޔުން ނިކަން ވިދާޅުވާށެވެ. ދިވެހި މުޖުތަމަޢުގައި ވެސް ހިތްތިރިކަމާއި ކެތްތެރިކަމާއި އަދަބު އިހުތިރާމާއި އޯގާވެރިކަމާއި ކުލުނުވެރިކަމާއި ލޯބިވެތިކަމަކީ ދާއިމުވެ ގާއިމުވެފައި ހުރި ރިވެތި ތަހުޒީބު ސިފަތައް ކަމުގައި އަޅުގަނޑުމެންނަށް ކަށަވަރުވާނެއެވެ. ވިދާޅުވާށެވެ. ޝުކުރިއްޔާ!

ހދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހޮނޑާފުށިން: މުޙައްމަދު ޝަހީބު

ދަތުރު ސަލާންކޮށްފައި ވެސް އަންހެނުންގެ ގާތު ބުނީމެވެ: "ކުރިއަށް އޮތް ދެ ދުވަހު އަހަންނަކާ ނުގުޅޭނެއެވެ. މިއީ ވަރަށް ބޮޑު މިޝަންއެކެވެ. ނޫސްވެރިކަމުގައި އަހަރެން ކުރާ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އަހަރެން މިދަނީ ހަނިމާދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށެވެ. އެ ރަށުގައި ދިރިއުޅޭ އާދަޔާޚިލާފު ދެމަފިރިއަކާ ބައްދަލުކޮށްލައި އެރަށުގައި ރޭކުރާށެވެ. އެރަށުގައި ކަރަންޓެއް، ފޯނެއް ނުހުންނާނެއެވެ. ނަމަވެސް ހޮނިހިރުގެ ނިޔަލަށް ޚަބަރެއް ނުވެއްޖެނަމަ ވީކީއްތޯ ބަލާށެވެ."

އެއީ 2001 ޖުލައި މަހުގެ 12ވީ ބުރާސްފަތި ދުވަހެވެ. މަތިންދާބޯޓުގައި ހަނިމާދޫއަށް ދާކަށް ގިނައިރެއް ނުނެގިއެވެ. ހެނދުނު 10 ނުޖަހަނީސް ބޯޓު ޖެއްސިއިރު އަހަރެންގެ ރައްޓެހި މަޢުރޫފު އެއާޕޯޓުގައި ހުއްޓެވެ. އޭނާ އޮތީ ހޮނޑާފުއްޓަށް އަހަރެން ދަތުރުކުރާނެ ދޯންޏެއްގެ ކަންތައްވެސް ހަމަޖައްސައިފައެވެ. ހަނިމާދޫގެ އަތިރިމައްޗަށް ނުކުތުމުން ވަރަށް ކައިރިން އެރަށުގެ ވެލި ފެނެއެވެ. ގިނަ އިރުތަކެއްނުވެ އަހަރެމެން އެރަށަށް ފުރައިފީމެވެ.

އަނގަމަތި މަސްދޯނީގެ އިންޖީނުގެ ސްޕީޑާ އެއްވަރު ނުވިއަސް، އަހަރެންގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެވެ. އެންމެ ބޮޑު ސަބަބަކީ އަހަރެން މިރޭ ރޭކުރަން ނިންމާފައި މިވަނީ މާސިންގާ ބޮޑު ފަޅުރަށެއްގައި ކަމަށްވެފައި އެތާ ތިބީ ކޮން ކަހަލަ މިޖާޒެއްގެ ދެމަފިރިންނެއްކަން ނޭނގޭތީއެވެ. އަދި ފަޅުރަށްރަށުގައި ހިނގައިފައިވާ މަރުގެ ހާދިސާތަކާއި ބިރުވެރި ހާދިސާތަކުގެ މަތިން ހަނދާންވާތީއެވެ.

ކޮންމެ ގޮތެއްވިއަސް އެރަށުގައި ރޭނުކޮށް އަހަރެންގެ ދަތުރު އެންމެ ފުރިހަމައެއް ނުވާނެއެވެ. ދެން ފިކުރުބޮޑުވި އަނެއް ކަމަކީ މަޖައްލާއެއްގައި ޖަހަން، އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ކިޔައިނުދީފާނެތީއެވެ. އެހެންވެއްޖެނަމަ އަހަރެންގެ މުޅި މިޝަން ނާކާމިޔާބުވީއެވެ. އެކަމަކު ނާކާމިޔާބު ވާނެއެކޭ އެންމެ ފަހަރަކުވެސް އަހަރެންގެ ހިތަކަށްނާރައެވެ. ކޮންމެއަކަސް ބައިގަޑިއިރު ދުއްވާލިތަނާ ހޮނޑާފުށީ ފަޅަށް ވަދެވިއްޖެއެވެ.

ކުރިން އެނގިފައި އޮތީ މި ރަށުގައި އުޅޭނީ ހަމައެކަނި ދެމަފިރިން ކަމަށެވެ. އެކަމަކު އަތިރިމަތިން އެއަށްވުރެ ގިނަ މީހުން ފެނުނެވެ. ކައްޕި ބުނީ އެއީ ހުއިފިލަނޑާ ނަގަން ބަނޑަހަ ޖަހައިގެން ތިބޭ، ކައިރި އަތޮޅުތަކުގެ މަސްވެރިންކަމަށެވެ.

ފަޅުގައި އޮތް ކެނޯއަށް އަރައިގެން އަހަރެން މިރަށަށް ފައިބައިފީމެވެ. ކެނޯ ބަންޑުން ޖަހައިލަފާނެ ކަމަށް ބިރުން ފޮށިވެސް ބެހެއްޓީ ފަހުން ގެންނާށެވެ. ދޮންވެލިގަނޑު ބޮޑު ރަށަށް ފޭބި ވަގުތު، ހުއިފިލަނޑާ ފެނުކައްކަން ތިބި މީހުންގެ ތެރެއިން އެކަކު އައިސް ހިނިތުންވެފައި އަހަންނާ ސަލާންކޮށްލިއެވެ.

"ކޮން ދަތުރުފުޅެއްތޯ މިރަށަށް؟" ބާ ޓީޝާޓަކާއި ސޯޓެއްލައިގެން ހުރި ވަރުގަދަ ޒުވާނާ އަދަބުވެރިކަމާއެކު އެހިއެވެ. އޭނާގެ ވަރުގަދަ ތުނބުޅިއެއްވެސް ހުއްޓެވެ. ދަތުރުގެ ތަފްސީލު އޭނާއަށް ދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންވެ ކުރު ޖަވާބަކުން ނިންމާލީއެވެ.

"ކޮފީއެއް ބައްލަވަންވީނޫންތޯ؟" އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ނަމަވެސް އަހަރެން ބުނެލީ ހަމައެކަނި ޝުކުރިއްޔާއޭއެވެ.

ފޮށި ހިފައިގެން ކައްޕި އަންނަންދެން އަހަރެން ހުރީ، ތާނގީ ބުރިއެއްގައި ހުއިފިލަނޑާ ފެނުކައްކާތަން ބަލާށެވެ. އެތަނުގައި ދެތިން މީހަކު ތިއްބެވެ. ކައްޕި އައުމުންވެސް އެމީހާ ސަލާންކުރިއެވެ. އޭރު އަހަރެންގެ ފޮށި ހުރީ ކައްޕީގެ ކޮނޑުގައެވެ. އެވަގުތު ކައްޕި އައިސް ބުންޏެވެ. "ރަށްވެރިއަކީ އެއީއެވެ. ވާހަކަ ދައްކަންވީ އޭނައާއެވެ." އަހަރެން ދިޔައީ ސިހިގެންނެވެ. އަދި ބުނީމެވެ. މިވީ ހާދަ ދެރަ ގޮތެކެވެ. ރަށްވެރިއާއާ މެދު ކަންތައް މިކުރެވުނީ ވަރަށް ހަރުކަށިކޮށެވެ. އޭނާ މިތަނުގައި ހުންނާނެ ކަމަށް އަހަރެން ކުޑަކޮށްވެސް ހިއެއްނުކުރަމެވެ. އަދި އެކަހަލަ ހިތްހެޔޮ މިޒާޖެއްގެ ވެރިއަކަށް އޭނާ ވާނެ ކަމަކަށްވެސް ހިތަކަށްނާރައެވެ. އެވަގުތު ކައްޕި ބުންޏެވެ. ރަށުތެރެއަށް ހިނގައިގަންނާށެވެ. އޭނާ ގޮވައިގެން ތިމަންނާ މިދަނީއެވެ.

އެއްގަމަށް ދާން އޮތް ހަނިމަގުން އަހަރެން ހިނގައިގަތީ ކައްޕިގެ ދަރިފުޅާއެކުގައެވެ. ނަމަވެސް އެއީ މީގެ ކުރިން މިރަށަށް އައި ކުއްޖެއްނޫނެވެ. އިރުކޮޅަކު ހިނގާލިތަނާ ފަން ޖިފުޓިތަކެއް ފެންނަން ފަށައިފިއެވެ. އެތާ ހުރީ ދެތިން ހަތަރު ޖިފުޓިއެކެވެ. ކަނާތްފަރާތުން ފުރަތަމަ ޖެހުނު ޖިފުޓިއަށް ބޯދިއްކޮށްލިއިރު އެއީ ކުޑަކުޑަ މިސްކިތެކެވެ. ގޮނޑިއެއް މަތީގައި ޚަތިމެއްވެސް އޮތެވެ. އަހަރެން ވިންދު އަވަސްވެފައިވާ ހިތަށް ހަމަޖެހުން ލިބި، މި ރަށުގައި އުޅޭ ދެމަފިރިންނާ މެދު އިތުބާރެއް އުފެދެން ފެށީ އެވަގުތުއެވެ. ވާތްފަރާތުގައި ހުރީ އެއަށްވުރެ ތަންފުކެއް ބޮޑު ޖިފުޓިއެކެވެ. އެއީ ނިދާ ތަނެވެ.

އަތިރިއާ ކައިރީގައި ހުރި ބޮޑު ގަހެއްގެ ހިޔަލުގައި އަންހެނަކު އިށީނދެގެން މަދުފަޅަން އިނެވެ. އޭނާއާ އަރައި ހަމަވާންވާއިރަށް ދެތިން ހަތަރު ފޮޓޯ ނަގައިފީމެވެ. ފޮޓޯ ނަގަން ފެށުމުން އެދައިތަ ގަޔާވެލިއެވެ. އެއީ ދުވަސްވެފައިވާ އަންހެނެއްކަން އެނގެނީ ހަމައެކަނި މޫނުމަތިންނެވެ. އަނދެފައި އިނީ ކަނޑިއްކެއް ނަމަވެސް ލައިގެން އިން އަތްދިގު ރަތް ޓީޝާޓުގެ ސަބަބުން އޭނާ އަދިވެސް ޒުވާންކަމާއި މިނިވަން ކަމަށް ލޯބިކުރާކަން އެނގުނެވެ.

އެއީ ހދ. ހޮނޑައިދޫއަށް އުފަން ފާތުމަތު މުހައްމަދު (ބޮޑުދައިތަ) އެވެ. ލިޔެކިއުންތަކުން އެނގޭގޮތުގައި އުމުރަކީ 67 އަހަރެވެ. އޭނާގެ ހަތަރު ކުދިންނާއި 26 މާމަ ދަރިންނާއި ދެ މުނިމާމަ ދަރިން ތިބެއެވެ. ބޮޑުދައިތަގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރަކީ 52 އެވެ. ނަމަވެސް މިހާރު ބޮޑުދައިތަ އަކީ މިރަށުގެ ޒުވާން ރަށްވެރިޔާ ކަމަށްވާ އުމުރުން 37 އަހަރުގެ އިސްމާއިލް (އިއްސޭ)ގެ އަލަތު އަނބިމީހާއެވެ. އިއްސޭއަކީ ބޮޑުދައިތަގެ ދޮށީ ދަރިފުޅަށްވުރެ 15 އަހަރު ހަގު މީހެކެވެ.

އިރުކޮޅެއްނުވެ އިއްސޭ އަތުވެއްޖެއެވެ. އަހަރުމެން ދެމީހުން ވާހަކަ ދައްކަން ތިބީ އުނދޯލިގޭގައެވެ. އެއީ ދަނޑިފަނުން ހަދައިފައިވާ، ދުވަސްވެފައިވާ ތަނެކެވެ. ފުރަތަމަވެސް، އަހަރެން މާފަށްއެދުނީމެވެ. ކަންތައް ކުރެވުނު ގޮތުންނެވެ. ނަމަވެސް އެއީ އެއްވެސް ކަމެއް ނޫންކަމަށް އިއްސޭ ބުންޏެވެ.

އަހަރެންގެ މަގްސަދު އިއްސޭއަށް ބުނެދީފީމެވެ. އަދި މިރަށުގައި ރޭކުރަން ބޭނުން ކަމަށްވެސް ބުނެފީމެވެ. އިއްސޭ އެކަމަށް މަރުޙަބާކިއެވެ. އެހެންވެ އަހަރެން އުޅުނީ ދޯނި ފޮނުވާލައިފައި ހުކުރު ދުވަހުގެ 10 ޖަހާއިރަށް އަލުން ގެންނާށެވެ. ނަމަވެސް އިއްސޭ ބުނީ ދޯނި ނައި ނަމަވެސް، ހުއިފިލަނޑާ ނަގާ ދޯންޏެއްގައި ހަނިމާދުއަށް ފޮނުވައިދެވިދާނެ ކަމަށެވެ. އެހެންވެ ކައްޕި މާދަމާ ނަޔަސް ހެވޭ ބުނެފީމެވެ. އެކަމަކުވެސް ސިއްރުސިއްރުން ބުނެލީމެވެ. "މާދަމާ 11 ޖަހާއިރު ޚަބަރެއް ނުވިއްޔާ މިކޮޅަށް އަންނާތި!"

ކައްޕި ފުރައިގެން ދިޔައީ އިއްސޭ އާއި އަހަރެން ބަނޑަހައެއްގައި ކޮފީބޯން ތިއްބައެވެ.

ހޮނޑާފުށީގެ އަނެއްފުށް:

އުތުރުގައި އެއާޕޯޓު އޮންނަ ހަނިމާދުއާ ޖެހިގެން އޮންނަ ބޮޑު ހޮނޑާފުއްޓަކީ ފަޅުރަށެކެވެ. ނަމަވެސް މިއީ ތާރީޚުގައި ލިޔެވިފައިވާ ނަމެކެވެ. ބޮޑުތަކުރުފާނުގެ ވާހަކައިގައިވެސް މިރަށުގެ ވާހަކަ އާދެއެވެ. އެއީ އެދުވަސްވަރު ރާއްޖެ އަންނަ ބޭރުގެ އޮޑިފަހަރު ބަނދަރުކޮށްފައި އޮންނަނީ މިރަށު ފަޅުގައި ކަމަށްވާތީއެވެ.

ހއ. ދިއްދޫ މީހުން އެންމެ ފުރަތަމަ ވަޒަންވެރިވީވެސް ހޮނޑާފުށީގައެވެ. ނަމަވެސް އޭރުގެ އެއްވެސް އަސަރެއް މިރަށުގައި މިހާރު ފެންނާކަށް ނެތެވެ. މިހާރު ފެންނާން ހުރީ ރަށްވެރިންގެ ގޮތުގައި މިރަށުގައި ދިރިއުޅޭ ދެމަފިރިންގެ، ބާވެފައިވާ ކުޑަކުޑަ ދެތިން ޖިފުޓިއަކާއި އުނދޯލިގެއަކާއި ކުޑަކުޑަ މިސްކިތެކެވެ. ރުކާއި ކަނަމަދު ފިޔަވައި، އެއްވެސް ކާއެއްޗެއް އަޅާ ގަހެއްވެސް ނެތެވެ.

އިއްސޭ ހޮނޑާފުއްޓަށް އައުން:

ހޮނޑާފުއްޓަކީ ވަރަށް ކުރިއްސުރެ އިއްސޭގެ ބައްޕަގެ ރަށެކެވެ. އިއްސޭމެންގެ އާއިލާ އަކީ މާލޭގެ، ގަދަރުވެރި އާއިލާއެކެވެ. މަޖީދިއްޔާއިން ކިޔެވުމަށްފަހު ސަރުކާރަށް ވަނީ 1980 ގައެވެ. އިއްސޭ އެންމެ ފުރަތަމަ މިރަށަށް އައީ 1992ގައި އާއިލާއާއެކު ޗުއްޓީއެއްގައެވެ. މި ރަށުގައި ދަނޑުވެރިކަންކޮށް ރަށް ތަރައްޤީ ކުރުމަށް ބައްޕައާއެކު އޭނާ މަސައްކަތްފެށީ 1993 ގައެވެ. ހޮނޑާފުށީގެ ތަރައްޤީއަށް ވަރަށް ބުރަ މަސައްކަތް ކުރައްވަނިކޮށް އިއްސޭގެ ބައްޕަ ނިޔާވީ 1994 ގައެވެ. އެހެންވެ ސަރުކާރުން ވަކިވެގެން އޭނާ މިރަށް ފެހިކުރެވޭތޯ މަސައްކަތް ފެށީއެވެ.

ހޮނޑާފުށީގައި މަސައްކަތް ކުރަން ދެތިން މުވައްޒަފުންވެސް އޭނާ ގެންގުޅުނެވެ. ނަމަވެސް ރަށުން އެއްޗެއް ނުލިބޭތީ، އެމީހުންނަށް މުސާރަ ދެވޭވަރުވެސް ނުވެގެން ވަޒީފާއިން ވަކިކުރީއެވެ.

އިއްސޭއާއި ބޮޑުދައިތަ ބައްދަލުވުމާއި ކައިވެނި:

ބޮޑުދައިތަ މި ރަށަށް ގެނައީ 1994 ގައި އިއްސޭއަށް ކައްކައިދީ ހެދުމަށެވެ.

"އަހަރެންނާއި އަދި އެހެން އަންހެނަކާ އެއް ދުވަހަކު ގާދިރާ އެކީގައި ހަނިމާދުއަށް ގޮސްފައި މިރަށަށް ލެފީ ފެންބޯށޭ ކިޔައިފައި. އޭރު އަހަރުމެން ދިރިއުޅެނީ ހޮނޑައިދޫގައި. ގާދިރަކީ މިރަށުގައި އުޅޭ މީހެއް. ފެންބޯށޭ ކިޔައިފައި ލެފިއިރު އިސްމާލު ބުނީ ކެރިދާނެހޭ އަހަރުމެންނަށް ކާއެތިކޮޅު ކައްކާލަދީހަދަން އަންނަން މުސާރަދިނިއްޔާ. އެކަމަކު އޭރު އެއްޗެއް ނުބުނެ އަހަރެން ދިޔައީ،" ބޮޑުދައިތަ ކިޔައިދިނެވެ. "ގޮސް ރަށުގައި ހުއްޓައި، އިސްމާލު އެއްބަނޑު ޔޫސުފެއް ކިޔާ ސޮރަކު ގޮސް ބުނީ ތުއްތުބޭ ބުނުގެން މިއައީ ބޮޑުދައިތަ ބަލައްޔޭ. ދެން އެ އައިގޮތަށް މިއުޅެނީ."

ބޮޑުދައިތަ ބުނީ، ފަޅު ރަށަކަށް ވާތީ، އޭނާ މި ރަށަށް އަންނަން އޭނާގެ ކުދިން ފުރަތަމަ ނުރުހުންވި ކަމަށެވެ. ނަމަވެސް، ކުދިން ބޮޑުވެފައި ތިބުމުން، އަމިއްލައަށް ނިންމައިގެން އައީ ކަމަށެވެ.

"މިހާރު އެމީހުންވެސް އަންނާނެ މި ރަށަށް."

ބޮޑުދައިތަ ފުރަތަމަ މިރަށަށް އައިއިރު، މިރަށުގައި މަސައްކަތު ދެމީހަކު އުޅުނެވެ. ނަމަވެސް ފަހުން އެމީހުން ގޮސް ބޮޑުދައިތަމެން އެކަނިވީއެވެ. އެގޮތަށް އެމީހުން އެކަނި މިރަށުގައި އުޅުމުގެ ތެރޭގައި ގާތްކަން އުފެދި ލޯތްބަށް ބަދަލުވީއެވެ. ބޮޑުދައިތަ ބުނީ އޭނާ އިއްސެ ދެކެ މިހާރު ވަރަށް ލޯބިވާ ކަމަށެވެ.

"ލޯބިވާނެއެންނު އުމުރުން ދޮށްޓަސް، ބޮޑު ފަޅުރަށެއްގައި މިގޮތަށް ދެމީހުން އެކަނި އަބަދު އުޅެންޏާ،" ބޮޑުދައިތަ ބުންޏެވެ. "ދެންވާނެގޮތަކީ އެއްތާކު ދެމީހުން އަބަދު އުޅޭ ކަމަށްވަންޏާ ލޯބިއުފެދޭނެތާ ދޯ ކޮންމެވެސް ދުވަހަކުން! ދެން ބުނެވޭނީ ލޯބިވެވުނީއޭ ދޯ!"

ލޯބިވެގެން އުޅެފައި ކުއްލިއަކަށް އިނީ ކީއްވެގެންތޯ އެހުމުން ބޮޑުދައިތަވެސް ކުރީ ސުވާލެކެވެ.

"…ދެން އަބަދު އެގޮތަށް އުޅެވޭނެ؟"

ފާތުމައަށް އެންމެ ފުރަތަމަ ކިޔަމުން އައީ ބޮޑުދައިތަ ކަމަށްވިޔަސް، މިހާރު ބައެއް މީހުން ކިޔަނީ ދޮންކަމަނައެވެ.

"އިސްމާލުވެސް ކުރިން ކިޔާނީ ބޮޑުދައިތަ. އެކަމަކު ފަހުން އިނީމަ ބޮޑުދައިތަ ނުކިޔަންވެގެން ކީ ދޮންކަމަނަ،" ބޮޑުދައިތަ ބުންޏެވެ. "ދޮންކަމަނަ އެއީ އިސްމާލު ކީ ނަމެއް."

އިއްސޭމެން ކައިވެނިކުރީ ހަނިމާދޫގައެވެ. ބޮޑުދައިތަ ރަންކީ 10ރ. އަށެވެ. އެ ދެމީހުން ކައިވެނިކޮށްގެން އެނބުރި އައުމުން މަސްވެރިން ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ.

"ކަންދިމާކުރި ގޮތަކުން އޭރުވެސް އަހަރެން ހުރީ ހުއިފިލަނޑާ ނަގަން (މިރަށަށް) އައިސް. އެރޭ އިއްސޭމެން އަންނަންވާއިރަށް މަގުކޮޅުގައި ފަންޖަހައި ވަރަށް ތައްޔާރުކުރިން. އަދި ދަޅުބަހާވެސް ހެދިން،" މިހާރުވެސް ހުއިފިލަނޑާ ނަގަން އައިސްހުރި ރ. ކަނދޮޅުދޫ ޒުވާން މަސްވެރިއެއް ކަމަށްވާ ތުއްތު ބުންޏެވެ. "މަޖާ ރެއެއް އެއީ."

އިއްސޭ ބުނީ ކައިވެނި ކުރުމުގެ ކުރިން އެކަމުގެ ލަފާ އެއްވެސް މީހަކު ކައިރިން ނުހޯދާ ކަމަށެވެ. އަދި އޭގެ ފަހުން އެކަމާ އާއިލާގެ ފަރާތުންވެސް ދެކޮޅުވެރިކަމެއް ފާހަގަކުރިކަން އެނގިފައި ނެތްކަމަށެވެ.

ބޮޑުދައިތައާއި އިއްސެއާ ދެމެދު ތިރީހަކަށް އަހަރުގެ ތަފާތު ހުރި ނަމަވެސް، އިއްސޭ އެގޮތަކަށް ނުދެކެއެވެ.

"އެ ތަފާތު އަހަރެން ނުދެކޭ ކަމަށް ވަންޏާ، އެއީ މައްސަލައަކަށް ނުވާނެއެއްނު!" މިއީ އިއްސޭ ދެކޭގޮތެވެ.

އިއްސޭ ބުނީ އޭނާ ކައިވެނިކުރަން ފުރަތަމަ ބެލީ 2000 ވަނަ އަހަރު ފެށުމުގެ ސުންގަޑީގައި ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުވުމުން ފަސް ކުރީއެވެ.

"އަހަރެން ކައިވެނި ކުރިތާ ކުރީކޮޅު ބައެއް މީހުން ހަޖޫވެސްކި އަދި ފާޑުވެސް ކީ. އެކަމަކު ގިނަ މީހުންގެ ސަޕޯޓް އޮތީ މިކަން ކުރުމަށް. އެމީހުން ބުނަނީ އެއް ރަށެއްގައި އުޅޭ ކަމަށް ވަންޏާ ތިއީ އެންމެ ރަނގަޅު ގޮތޭ. އަނެއް ބަޔަކު ބުނަނީ އުމުރާ ނުގުޅޭ މުސްކުޅިއަކު ކަމަކު ނުދެއޭ."

އިއްސޭ ބުނީ މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ ބޮޑުދައިތައާ ކައިވެނި ކުރިއިރު، ސީރިއަސްކޮށް ރައްޓެހިވެގެން އުޅުނު ކުއްޖެއްވެސް މާލޭގައި ހުރި ކަމަށެވެ.

"ދެން މިހާރުގެ ގޮތެއް ނޭނގޭ ބުނާކަށް. މި ކަންތައް މިގޮތަށް ދިމާވީމާ އެކަން އެ ނިމުނީތާ…" އޭނާ ބުނެލިއެވެ.

ބޮޑުދައިތަގެ ތިބި ހަތަރު ކުދިންނަކީ އޭނާ ކުރިން ކުރި ދެ ކައިވެނީގެ ތެރެއިން ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ކުދިންނެވެ. ކުދިންގެ ބައްޕަ މަރުވީ ހޮނޑައިދޫ މީހުން ފުރަތަމަ ފަހަރު ހަނިމާދުއަށް ބަދަލުވި ދަނޑިވަޅުގައެވެ.

"ފަނަރަ ފުރުން އިރު އަހަރެން އޮތީ ވިހައިގެން،" ބޮޑުދައިތަ ބުންޏެވެ.

ބޮޑުދައިތަގެ ހަޤީޤީ އުމުރެއް އޭނާއަކަށް ވެސް ނޭނގެއެވެ. އޭނާ ލަފާކުރަނީ އަދި 60 އަހަރު ވެސް ނުވާކަމަށެވެ. ނަމަވެސް ރަސްމީ ލިޔެކިއުންތަކުން އެނގޭގޮތުގައި މިހާރު 67 އަހަރުވެއްޖެއެވެ.

އުމުރުން ދުވަސްވެފައި ވީނަމަވެސް، ބޮޑުދައިތަ ބުނަނީ ބޭނުންވެއްޖެނަމަ އަދިވެސް ކުދިން ހޯދިދާނެ ކަމަށެވެ. ނަމަވެސް އިއްސޭ އެކަމާ ޤަބޫލު ނުވަނީ ކަމަށެވެ.

"އިހަށް ދުވަހުވެސް (ރޭޑިއޯއިން) އެ ގޮވީއެންނު 60 އަހަރުގެ މީހަކު ވިހޭ ވާހަކަ. ގައިމު އެމީހެއްގެ މަސްވަރުކަމެއް ނުހުންނާނެއެންނު އެހާވަރު ވީމައެއް. (އެކަމަކު) އަހަރެންގެ މަސްވަރު ކަންތައް ހުރޭ އަދިވެސް،" ބޮޑުދައިތަ ފަޚުރުވެރިކަމާ އެކީ ބުންޏެވެ. ނަމަވެސް އަހަންނަށް އެކަން ގަބޫލުކުރަން ދައްޗެވެ. އެބުނާ 60 އަހަރުގެ މީހާ ވިހެއީ ދަރިމައިވުމަށް ބޭނުންކުރާ ބޭސް ކައިގެން ކަމެއް ބޮޑުދައިތައަކަށް ނޭނގެއެވެ.

ބޮޑުދައިތަ ބުނީ އޭނާގެ ޒުވާންއިރު ލިބުނު ދެ ފިރިންނާ އަޅާބަލާއިރު، މުސްކުޅިވި ދުވަހު ލިބުނު ޒުވާން ފިރިމީހާ "ހުރިހާ ގޮތަކުންވެސް" ވަރަށް ރަނގަޅު ކަމަށެވެ.

އިއްސޭގެ ނިންމުން:

މިފަދަ ގޮތަކަށް ދިރިއުޅުން ފަށަން ނިންމިގޮތް އިއްސޭ ކިޔައިދިނެވެ. "އަހަރެން އަޒުމެއް ކަނޑައަޅާފައި މިއޮތީ މިތަނުގައި ދަނޑުވެރިކަން ކޮށްގެން ކުރިއަށްދާން. އެހެންވެ އަހަރެން މާލޭގައި ހުރެގެން މިކަން ކުރަން އުނދަގޫވާނެއެންނު. ދެން އަހަރެން ބެލީ ހުރިހާ ގޮތަކުންވެސް ބޮލަށް ފަސޭހަވާނީ މިގޮތަށް ނިންމީމާ ކަމަށް."

"އަހަރެން މިކަމުގައި ދެމިހުންނަން ބޭނުން ކަމަށް ވަންޏާ އެހެން ގޮތްގޮތުން ހުރަސްތަކެއް އެޅިގެން މިކަން ކުރެވޭކަށް ނެތް. އަހަރެން ބޭނުމެއްނެތް އެއްވެސް ހުރަހެއް އެޅޭކަށް."

"ދިރިއުޅެން ބޭނުން ކަމަށް ވަންޏާ ބައިވަރު މަސައްކަތްތައް އެބަހުރި ކުރެވިދާނެ. އެކަމަކު ދަނޑުވެރިކަން ކުރަން ބޭނުމިއްޔާ އޮތީ މިގޮތް. ހަގީގަތުގައި މިއީ ބައްޕަގެ ހުވަފެނެއް. އަހަރެން ބޭނުން އެ ހުވަފެން ހަގީގަތަކަށް ހަދަން ކޮންމެވެސް ދުވަހަކުން. މިކަން ކުރުމަށް އަހަންނަށް ލިބުނު ހުރިހާ ހިތްވަރަކީވެސް އެއީ… ބައްޕަގެ ހުވަފެންތައް."

ކުއްޖަކު ހޯދުމާމެދަކު ވެސް އިއްސޭ ނުވިސްނައެވެ. އެއީވެސް އޭނާގެ އަމާޒަށް ދަތުރު ކުރުމަށް ހުރަސްއެޅިދާނެތީއެވެ.

"ކުއްޖަކު ހޯދައިފިއްޔާ މި މަސައްކަތް ހުއްޓާލައިފައި އާމްދަނީ ލިބޭ މަސައްކަތެއް ކުރަން ޖެހޭނެއެއްނު. އެހެންވެ އަމިއްލަ ފައިމައްޗަށް ތެދުވެފައި އެކަން ކުރާނީ."

ހޮނޑާފުށީގެ މިނިވަން ދިރިއުޅުން:

އިއްސޭ އާއި ބޮޑުދައިތަ މިރަށުގައި އުޅެނީ ވަރަށް މިނިވަން، އަދި އެހާމެ އުފާވެރި ދިރިއުޅުމެކެވެ. ކާބޯއެއްޗެތި ގަންނަނީ ކައިރި ރަށްރަށަށް ގޮހެވެ. މިގޮތުން އަބަދުވެސް މަސްދުވަހުގެ ކޮއްތު ގަނެފައި ހުރެއެވެ. ދަތުރުކުރަނީ އިއްސޭ ގެންގުޅޭ ކުޑަކުޑަ އިންޖީނު ދޯންޏެއްގައެވެ.

މި ރަށަކީ ހުއިފިލަނޑާގެ މަސްވެރިކަންކުރާ މީހުން ބަނޑަހަޖަހައިގެން ތިބޭ ރަށެކެވެ. އެމީހުން ބަނޑަހަ ޖަހަނީ ރަށުގެ އަނެއް ފަރާތުގައެވެ. އެހެންކަމުން އިއްސޭމެނަށް އެކަމުން އެއްވެސް އުނދަގުލެއް ނުފޯރައެވެ. އޭގެ ބަދަލުގައި ލިބެނީ އިތުރު ފަސޭހަކަމެކެވެ. އެއީ އެމީހުން ބަނޑަހަ ޖެހުމުން، އިއްސޭމެންގެ ހުރިހާ ކެއުމެއް އެތަނުން ހަމަޖެހޭތީއެވެ.

"އެމީހުން ބުނާނެ ތިމަންނާމެނާއެކުއޭ ކާންވާނީ، އެހެންވެ އެގޮތަށް އޮންނަނީ،" އިއްސޭ ބުންޏެވެ.

ބޮޑުދައިތަ ބުނާގޮތުން ކޮންމެ ދުވަހަކު ހެނދުނު ތެދުވާގޮތަށް އޭނާ ކުރާ އެންމެ ބޮޑު މަސައްކަތަކީ އުޅޭ ސަރަޙައްދު ކުނިކެހުމެވެ.

"މިއޮތް ބޮޑުތަން ކޮންމެ ދުވަހަކު ކުނިކެހުމަކީ ހާދަ ބުރަކަމެކޭ. ކުނިކަހާފައި އެއްޗެހި ދޮވެ ކައްކާފައި އެހެން ކަމެއް ކުރާވަރެއް ނުވޭ،" ބޮޑުދައިތަ ބުންޏެވެ. "މިހާރު ދެން ކާން ހަދާކަށް ނުޖެހޭ."

އިއްސޭ ބުނީ ރައްޓެހި ބައެއް ދޯނިފަހަރު އައުމުން އެމީހުންނަށް އެހީވުމަކީ އޭނާގެ އުފަލެއް ކަމަށެވެ.

"ވަރަށް ގިނަ ފަހަރަށް އަހަރެން ގޮސް އެމީހުންނަށް އެހީވަން. އެއީ އެއްގޮތަކަށްވެސް އެއްޗެއް ބޭނުންވެގެނެއްނޫން. އެހީއެއް ވުމުގެ ގޮތުން."

މިރަށުގައި މިހާރުވެސް ރ. އަތޮޅުގެ ހަތަރު ގްރޫޕަކުން ހުއިފިލަނޑާ ނަގަން އައިސް ބަނޑަހަ ޖަހައިގެން އެބަތިއްބެވެ. އެހެންވެ ބޮޑުދައިތަ ބުނާގޮތުން އޭނާގެ ބަދިގެއަށް ހުޅު ނުލާތާ މަހަކަށްވުރެ ގިނަވެދާނެއެވެ.

ބަނޑަހަތަކުގެ ކެއުން:

ބަނޑަހަތަކުގައި އުޅޭ މީހުންނަކީ ވަރަށް އެކުވެރި ބައެކެވެ. އިއްސޭމެންގެ ދެމަފިރިންނަށް ކަމޭހިތާ ވަރަށް އަހަންނާ މެދުވެސް ހިތައެވެ. އެހެންވެ ވަރަށް ބޮޑު މައްސަލައަކާވެސް ދިމާވިއެވެ؛ ކޮންމެ ފަހަރަކު އެ ހަތަރު ބަނޑަހައިންވެސް ކާންޖެހޭތީއެވެ. އެހެންވެ އިއްސޭގެ ލަފާގެމަތިން އަހަރެން ކައިބޮއެ ހެދީ ފަހަރަކު ބަނޑަހައަކުންނެވެ.

ބަނޑަހަތަކުގެ ކެއުން މީރެވެ. ފަރުމަހެއްވެސް ނުލިބޭތީ އެމީހުން ކަނީ ދަޅުމަހެވެ. އެ ހިސާބުގައި ފަރުމަހެއްވެސް ނޫޅެނީ ހުއިފިލަނޑާ ނަގާތީ ކަމަށް ހަނިމާދޫ ދޯނީގެ ކައްޕި ބުންޏެވެ.

މިރަށުގެ ކޮއްތަށް ބަލާއިރު އަހަންނަށް އެންމެ ކަމުދިޔައީ ކަނދޮޅުދޫ ބަނޑަހައަކުން މެންދުރު ކޭ ބަތާއި ނޫޑްލްސް ރިހައެވެ. ބޮޑުދައިތައަކީ މެންދުރު ކާ މީހަކަށް ނުވުމުން އެވަގުތު ކެއީ އަހަންނާއި އިއްސޭ އެކަންޏެވެ.

ރޭ ފުރަތަމަ ކެއީ ރ. މަޑުއްވަރީ ބަނޑަހައަކުންނެވެ. އެފަހަރު ބޮޑުދައިތަވެސް ބައިވެރިވިއެވެ. ހުރީ ބަތާއި ވަރަށް މީރު މަސްރިހައެކެވެ. ބަނޑަހަތަކުގައި ތިބޭ ޒުވާން ކުދިންކޮޅު ބޮޑުދައިތައާ ސަމާސާކޮށް ހަދައެވެ. ބޮޑުދައިތަގެ ބޯ ޒުވާނުން ގޮތަށް ރަތްކޮށްފައި، ލިޕްސްޓިކް ޖައްސާ ވާހަކަވެސް ދައްކައެވެ. އަދި މޮޑެލް ކުރަން މާލެ ދާ ވާހަކަވެސް ދައްކައެވެ. މަޑުއްވަރީ ބަނޑަހައިން ކައި ނިމުނުތަނާ ކަނދޮޅުދޫ ބަނޑަހައަކަށް ކޮންމެހެން ދާން ޖެހިއްޖެއެވެ. އެތާ ހުރީ ބިރިޔާނީ ސްޓައިލަށް ކައްކާފައި ހުރި ބަތްގަނޑެކެވެ. ޓޮމާޓޯ ސޯސް އަޅައިގެން އިއްސޭއާއި ބޮޑުދައިތަ އެތަނުންވެސް ކެއެވެ. އަހަރެން ހަފާލީ ހަމައެކަނި ހިކި މަސްކޮޅެކެވެ. ދެން ކޮފީއެކެވެ.

މި ރަށުގައި ބޮޑު ކަމަކަށް އަހަންނަށް ދިމާވީ ހަމަ އެންމެ ކަމެކެވެ. އެއީ ބޮޑުކަމުދިއުމެވެ. ގިފިލީގައި ހަނޑަސްބުރިއެއް ނެތުމުން، އެރެން ޖެހުނީ އަތިރިއަށެވެ. ކޮންމެއަކަސް ކުރެދިގަސްތަކުގެ ތެރެއަށްވަދެ، ދެ ފަރާތް ބަލައިލައިފައި އިށީނީއެވެ. އެއްލި ކަޅިއަކުން ފެނުނީ ފަޅުގައި އަޅާފައި އޮތް އިއްސޭގެ ކުޑަ ދޯންޏަށް އައިސް ތިރިކޮށްލި މާކަނައެކެވެ. އަވަހަށް ފޮޓޯއެއް ނަގައި، އެވަގުތުކޮޅުގެވެސް ބޭނުންހިފާލީއެވެ.

ބޯފެނުގެ މައްސަލައިގައިވެސް އަހަރެން ކަންބޮޑުވިއެވެ. ސަބަބަކީ މިރަށުގައި އެންމެން ބޮނީވެސް ވަޅުފެނެވެ. ފެނާ ދޭތެރޭ ޔަގީންކަން ނެތުމުން ފަހަރުގައި އަތިރިން ނާރާ އުޅެން ޖެހިދާނެތީ ފަހަށް ޖެހެވުނެވެ. ނަމަވެސް ފަހުން ނިންމީ ކާނީވެސް އަދި ބޯނީވެސް އިއްސޭމެން ކާއެއްޗެއް ކަމަށެވެ. ނަސީބަކުން ދެވަނަ ފަހަރަކަށް އަތިރިއަށްވެސް ދާކަށް ނުޖެހުނެވެ.

މިރަށުގައި ބޮޑުދައިތަމެން ނިދަނީ ދަނޑިފަނުން ހިޔާކޮށްފައި ހުރި ކުޑަކުޑަ ޖިފުޓިއެއްގައެވެ. ދިގުމިނުގައި ހުންނާނީ 10 ވަރަކަށް ފޫޓެވެ. ފުޅާމިނުގައި އަށެއްކަ ފޫޓެވެ. އަހަރެންގެ ފޮށިވެސް ބެހެއްޓީ އެ ޖިފުޓީގައި ކަމަށް ވުމުން، އެތަން ވަރަށް ރަނގަޅަށް ބެލީމެވެ. އެއްފަރާތުގައި ހުރީ ފަތްޖެހި އެނދެކެވެ. އަނެއް ފަރާތުގައި އައްޓެއް ކަހަލަ، ތަންކޮޅެއް ފުޅާ އެނދެއް ހުއްޓެވެ. ދެމަފިރިންގެ އަންނައުނު ހުރީ ރޯނެއްގައި އެލުވާފައެވެ. މުޅިންވެސް ޓީޝާޓު ހުރުމުން ގިނައީ ކާކުގެ އެއްޗިއްސެއް ކަމެއް ނޭނގުނެވެ.

މިރަށުގައި ހުންނަ ކުޑަ މިސްކިތް ހުންނަނީ ތަޅުން އަޅާފައި ތަރަފާލު އަޅާފައެވެ. ބޮޑުދައިތައާއި އިއްސޭ އަދި ބައެއް މަސްވެރިންވެސް އެ މިސްކިތަށް ގަވައިދުން އަރައެވެ. ވުލޫކޮށް ހަދަނީ އެތާ ހުންނަ ވަޅަކުންނެވެ. ފެންވަރާ ހެދުމަށް ގިފިއްޔެއްވެސް ހުރެއެވެ.

އާމްދަނީ ހޯދުން:

އިއްސޭއަކީ ވަރަށް މިނިވަން ޚިޔާލެއްގެ މީހެކެވެ. މުއްސަނދި ދިރިއުޅުމަކީ އޭނާ ލޯބިކުރާ ކަމެއްނޫނެވެ. އެހެންވެ ފައިސާތަކެއް ހޯދާކަށް އޭނާ ބޭނުމެއް ނުވެއެވެ.

އިއްސޭގެ އާއިލާއަކީ މާލޭގެ ބޮޑު އާއިލާއެއްކަމުން، ރަށުގެ ވަރުވާއާއި އެހެނިހެން ކަންތައް ހަމަޖައްސަނީ މާލެއިންނެވެ. އިއްސޭމެން ދެމަފިރިންނަށް ފުދޭ ވަރަށް މިރަށުން ލާރިކޮޅުކޮޅު ލިބެއެވެ. މައިގަނޑު ގޮތެއްގައި ލިބޭ އެއްޗަކީ ބަނޑަހަ ޖަހައިގެން ތިބޭ މީހުން އަތުން ލިބޭ އެއްޗެކެވެ. މިރަށުގައި ތިބޭ ކޮންމެ ރެއަކަށް 50ރ. އެމީހުން ދެއެވެ. ނަމަވެސް އިއްސޭ ބުނަނީ އެއީ ކޮންމެހެން މަޖުބޫރު އަދަދެއް ނޫން ކަމަށެވެ.

"އެބަޔަކު ދިން އެއްޗެއް އެއީ ރަނގަޅު އެއްޗެއް. އެހެން ވަކި ރޭޓެއް ކަނޑައަޅާފައެއް ނޯންނާނެ. އެމީހުން ތިބޭއިރު ދަރަކަސް، ކާއްޓަކަސް މިތަނުން ލިބޭނެ."

އިއްސޭ ބުނިގޮތުގައި މިރަށުގައި ދަނޑުވެރިކަން ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ކާމިޔާބުނުވެފައެވެ. އެއީ ރަށުގެ ބިންގަނޑުގައި ދޮންފަސް ގިނަވުމުގެ ސަބަބުން ވާކަމެއް ކަމަށް އޭނާ ލަފާކުރެއެވެ.

އިއްސޭގެ އަޒުމް:

އިއްސޭގެ އަޒުމް ފިސާރި ވަރުގަދައެވެ. އޭނާ ބޭނުންވަނީ، މި ރަށުގައި ދަނޑުވެރިކަން ކުރުމަށް އިއްސޭގެ ބައްޕަ ދެކެވަޑައިގެންނެވި ހުވަފެނުގައި ކުލަޖެއްސުމެވެ. އޭނާ މި ރަށަށް ފައިބާ "ވަޒަންވެރިވެގެން" ހުރުމުގެ މައިގަނޑު ބޭނުމަކީވެސް އެއީއެވެ.

"އަހަރެން ބޭނުން މިރަށުގައި ދަނޑުވެރިކަން ކުރަން. އެއީ ބައްޕަގެ ދުނިޔޭގައި ބައްޕަގެ ވަރަށް ބޮޑު ހުވަފެނެއް. އެކަމަށް ވަރަށް ބޮޑު އިންވެސްޓެއްވެސް ބައްޕަ ކުރެއްވި. ނަމަވެސް އާލާވާގޮތް ނުވީ. އެތަން ފެނިފައި އަހަރެން ނިންމީ މި މަސައްކަތުގެ ތެރެއަށް ވަންނަން. އަދި ކާމިޔާބު ނުވަނީ. އެކަމަކު އަދި އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން."

އިއްސޭ ބުނީ މިރަށުގައި އިންވެސްޓްކުރަން މަޑުޖައްސާލައިގެން ހުރީ ޓޫރިޒަމް ޒޯނަކަށް މި ސަރަހައްދުވެ މިރަށް ނެގިދާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.

"ޤާނޫނަށް އައި ބަދަލާ ގުޅިގެން މަޑުކޮށްލައިގެން މިތިބީ. ޓޫރިޒަމް ޒޯނަކަށް މި ހިސާބު ވެއްޖެނަމަ އެންމެ ފުރަތަމަ ނަގާނެ ރަށަކީ މިއީކަން 100 ޕަސަންޓް ޔަގީން."

އިއްސޭ ބުނީ އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ރޯދަމަހު އޭނާ މާލެ ދާ ކަމަށެވެ.

"މިދިޔަ އަހަރު ވީ ގޮތަކީ ރޯދައަށް ކަރާ ހައްދަންވެގެން ނުދެވުނީ. އެކަމަކު އެކަންވެސް ކާމިޔާބެއް ނުވި،" އިއްސޭ ބުންޏެވެ. "އަނެއްކާ މިއަންނަ ރޯދައަށް މަސައްކަތް ފަށަން މިއުޅެނީ."

ހުރިހާ ވަގުތެއްގައިވެސް ގަވައިދުން ނަމާދުކުރާ ބޮޑުދައިތަ ބުނީ މިއަހަރު ހައްޖަށް ދިއުމަށް އޭނާއަށް މިހާރު ވަނީ ފައިސާ ދައްކައިފައި ކަމަށެވެ.

"އެއީ އިއްސޭ އާއި ކުދިން ގުޅިގެން ދެއްކި ފައިސާ،" އޭނާ ބުންޏެވެ.

އިއްސޭ ބުނީ އޭނާ މިހާރު މަސައްކަތް ކުރަނީ މި ރަށުގައި ގެއެއް އެޅުމަށް ކަމަށެވެ. އެއީ އޭނާގެ މަންމަމެން މިރަށަށް އަންނަން އުޅޭތީއެވެ.

"ބޮޑު ޗުއްޓީގައި އަންނަންވާއިރަށް އެތަން ހެދޭތޯ މިބަލަނީ،" އިއްސޭ ބުންޏެވެ.

މަންމަގެ ހާލުބަލަން އިއްސޭ ކޮންމެވެސް ވަރަކަށް ފޯނުކުރެއެވެ. ނަމަވެސް ފޯނުކުރަންވެއްޖިއްޔާ ޖެހެނީ ދަތުރެއް ނަގައިގެން ރަށަކަށް ދާށެވެ.

އިއްސޭ ވަނީ ހަނިމާދޫން ގޯއްޗެއް ލިބޭތޯ ދެފަހަރު ސިޓީވެސް ލައިފައެވެ. ނަމަވެސް އަދި އަލިމަގެއްވަނީ ނުފެނިފައެވެ.

ރޭގަނޑުގެ ހަމަހިމޭންކަން:

އިރުއޮއްސުމުން މުޅި ރަށުތެރެ އޮތީ ވަރަށް އަނދިރިވެފައެވެ. ޖަނަރޭޓަރު ގެންގުޅެނީ ހަމައެކަނި ބަނޑަހަތަކުގައެވެ. އެއީވެސް ތަނަކަށް އެންމެ ހޮޅިބުރިއެކެވެ. ކައި ނިމުމުން 10:30 ވީމާ އެމީހުންވެސް ޖަނަރޭޓަރު ނިއްވާލައެވެ.

އިއްސޭމެން ގެންގުޅެނީ މުޅިންވެސް ފުޅިބައްތިއެވެ. ކައިގެން އައިސް އަހަރެމެން ވާހަކަދައްކަން ތިބީ އުނދޯލިގޭގައެވެ. އަހަރެން ބަނޑު ދަމާލަން އޮށޯވެލައިގެން އޮތީ ހޮޅުއައްޓެއްގައެވެ. އެކިއެކި ވާހަކަތައް އަހަރެމެން ދެއްކީމެވެ. ވެލާބިސް ނަގަންދާންވެސް ރޭވީމެވެ. އެކަމަކުވެސް ވަރުބަލިވެ ނިދިއައުމުގެ އިތުރުން މާ ބޮޑަށް ފިނިވެދާނެތީ އެކަމާ އަޅާނުލީއެވެ. އިއްސޭ ބުނީ އަހަރެން އެކަނި ނުކުރާންވެގެން، އެމީހުންވެސް ނިދާނީ އުނދޯލިގޭގައި ކަމަށެވެ. އެހެންވެ އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އިރުކޮޅަކުން އިއްސޭ ގޮސް ފަތްޖެހި އެނދެއް ގެނެސް އުނދޯލި ކައިރީގައި ބެހެއްޓިއެވެ. އަދި ބޮޑުދައިތަ އައިސް ކުނަލެއް އަޅައިދީފައި ބާލީހެއް ދިނެވެ.

"މިއީ ބޮޑުދައިތަގެ އެނދުތަ؟" އިއްސޭ ނެތީސް އަހަރެން އަހައިލީމެވެ. ބޭނުމަކީ އިއްސޭމެން ޖިފުޓީގައި ހުންނަނީ ހަމައެކަނި ދެ އެނދު ކަމަށްވާއިރު އަހަންނަށް މި ނިދެނީ ހަގީގަތުގައި ކާކުގެ އެނދެއްގައިތޯ ބެލުމެވެ.

"އުހުނ!" އޭނާ ބުންޏެވެ.

"ދެން ކާކުގެ؟ އިއްސޭގެ؟"

"އުނހު! އެކަކުވެސް ނުނިދާނެ ތިއެނދަކު،" ބޮޑުދައިތަ ބުންޏެވެ. އޭނާ އެބުނި އެއްޗެއްގެ މާނަ އަހަންނަށް ވިސްނުނީ ފަހުންނެވެ.

"މި އުނދޯލިގޭގައި ނިދަންތަ ކުރިންވެސް؟"

"ބައެއް ރޭރޭ މާ އަރާމު މިތަން،" ބޮޑުދައިތަ ބުންޏެވެ.

"ކޭމްޕުތަކުގައި (ބަނޑަހަތަކަށް ބޮޑުދައިތަމެން ކިޔަނީ ކޭމްޕެވެ.) އުޅޭ މީހުނެއް ނާދޭތަ؟"

"އާނ! އެމީހުން އަންނާނީ އަލިވިލުނީމަ."

އޭރު އަހަރެން އޮށޯވެއްޖައީއެވެ. ފަހުން އިއްސޭވެސް އައިސް އުނދޯލީގައި، ބޮޑުދައިތަގެ މަގަތުގައި އޮށޯތެވެ.

"އިއްސޭމެން ބިރެއް ނުގަނޭތަ މިގޮތަށް އުޅޭކަށް؟ ވިއްސާރަ ރޭރޭ ކިހާ ހިއެއްކަރުވާނެތަ؟"

"އާނ! ބިރެއް ނުގަނޭ. ކޮންކަމަކާ ބިރުގަންނަންވީ؟ ވިއްސާރަވެ ވައި ގަދަވީމަ ވަރަށް ކަންތައް ހުރޭ،" އިއްސޭ ބުންޏެވެ.

"ވާރޭ ވެހޭއިރު ފެން ވެހޭނެ ހުރިހާ ތާކަށްވެސް،" ބޮޑުދައިތަ ބުންޏެވެ.

އަހަރެންގެ އައިނު ނަގައި ފާރުބުރިމަތީގައި ބޭއްވީމެވެ. ބޯލާކޮޅުގައި ހުރި ފުޅިބައްތީގެ ފަނޑުއަލީގެ ތެރެއިން މިހާރު އަހަންނަށް އެއްވެސް ތަނެއް ނުފެނެއެވެ. އެކަމަކު ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކުގެ ހިތްގައިމު އަޑު އިވެމުންދިޔައެވެ. ޖެހެމުންދާ ރޯޅި، މާ ބޮޑު ހުރަހެއްނެތި އަހަރެންގެ ގައިގައި ބީހެމުން ދެއެވެ. ކައިރީގައި ބައިވެރިޔާ ނެތުމުން ލިބޭ އެކަނިވެރިކަން އެ ވަގުތު އިހުސާސްވިއެވެ.

ވަދާއީ ނާސްތާ: 

ހުކުރު ދުވަހު ހެނދުނު ހޭލެވުނީ ހަމައެކަނި ކާޅުތަކާއި ދޫނިތައް ގޮވާތީއެއް ނޫނެވެ. މަދިރިތައް ހީވަނީ އަހަރެން ހަފައިކައިފާނެހެންނެވެ. ކަހާކަހާ މޫނާއި ދެ އަތުގައި ފިތްނަގައިފިއެވެ. ހިތަށް އެރިއެވެ. ރޭގައި އުނދަގޫ ނުކުރިކަން ހާދަ ރަނގަޅެވެ.

އަހަންނަށް ހޭލެވުނުއިރު އެކަކުވެސް ނެތެވެ. ގަޑި ބަލައިލިއިރު ހަތެއް ޖަހައިފިއެވެ. ބޭރަށް ނުކުތްއިރު ބޮޑުދައިތަ ހުރީ ފިހިގަނޑެއް ހިފައިގެން ކުނިކަހާށެވެ. އަހަރެން މޫނު ދޮވެލަން ގޮސް ވަޅުދޮށުގައި ހުއްޓާ ބޮޑުދައިތަ އައެވެ. އަދި ބުންޏެވެ.

"ކަލޯ! ހިނގާ ކޮފީ ބޯން ކޭމްޕަށް ދަމާ!"

ކޮފީ ބޯން ދިޔައީ އަހަރުމެން ދެ މީހުންނެވެ. ދިޔަ މަގުމަތީގައި، ދެ ފަރާތުގެ ގަސްތައް ތެމިފައިވާތަން ފެނުނެވެ.

"އެއީ ފިނި ފައިބައިގެން،" ބޮޑުދައިތަ ބުންޏެވެ.

"ރޭގައި އަހަރެން އައުމުން ބޮޑުދައިތަމެނަށް ވަރަށް ގެއްލުންދޯ؟" އަހަރެން ސަމާސާ ރާގެއްގައި އަހާލީމެވެ. ބޮޑުދައިތަ ވެސް ލާނެއް ފާޑަކަށް ބަލައިލިއެވެ.

"މިފަހަރު ކޮން ކޭމްޕަކަށް ދާނީ؟ މިކޮޅަށްތަ އެކޮޅަށްތަ؟ އެކަމަކު މިކޮޅު ކޭމްޕުގައި އިށީނދެލާނެ ޖޯއްޔެއްވެސް ހުންނާނީ،" ދެ ފަރާތަށް އިޝާރަތް ކޮށްލާފައި ބޮޑުދައިތަ އެއްސެވެ. އެވަގުތު އަހަރެން ޖަވާބު ދިނީމެވެ.

"ރޭގައި ކެއީވެސް އެތަނުން. މިފަހަރު ދާނީ މިކޮޅުން ކަނދޮޅުދޫ ކޭމްޕަކަށް. އޭރުން ހަމަހަމަކުރެވޭނީ. މިއީ ފަހުފަހަރޭ."

އަހަރުމެން އެ ކޭމްޕަށް ދިޔައިރު އިއްސޭވެސް އެތާ އިނެވެ. ދެން ކޮފީ ބުއީއެވެ. އެކަމަކު ބޮޑުދައިތަ ކޮފީއެއް ނުބޮއެވެ. އޭނާ ބުނީ އެއްގޮތަކަށްވެސް ކޮފީ ނުބޯކަމަށެވެ.

އަހަރެން ފުރަން އޮތީ 9:30 ގައެވެ. ހެނދުނު ސައިބޯން ދިޔައީ ނުވައެއް ޖަހަނިކޮށެވެ. އިއްސޭ އާއި ބޮޑުދައިތަ އާއި އަހަރެން ދިޔައީ އެންމެފަހު ބަނޑަހައަށެވެ. އެތަނަށް ދިއުމުން ރޮށި އެއްޗާއި ރިހަތެލި އެމީހުން ދެއްކިއެވެ. އެވަގުތު އިއްސޭ ހަތަރު ރޮށި ނަގައި، ވަޅިއަކުން ކޮށާފައި އަހަންނަށް ދިނެވެ. އެއަށްފަހު ބޮޑުދައިތައަށް ރޮށި ކޮށައިދިނެވެ. އަހަންނަށް ރިހަ އަޅައިދިނީވެސް އިއްސޭއެވެ. ބޮޑުދައިތައަށް އެހީތެރިވީ ކޭމްޕުގެ ޒުވާން ކުއްޖެކެވެ.

އަހަރުމެން ސައިބޯން ތިއްބާ އަތިރިމަތިން ފެނުނީ ވަރަށް ލޯބިކޮށް ހިނގާލައިފައި އަންނަ ޖޯޑެކެވެ. އެމީހުން އައިގޮތަށް އައީ އަހަރުމެން ތިބި ކޭމްޕަށެވެ. އެއީ ހަނިމާދޫ ބައެކެވެ. ބޮޑުދައިތަމެންގެ ރައްޓެހިންނެވެ. މިރަށަށް ދަތުރު އައިއިރު ބޮޑުދައިތަމެންނަށް ހަދިޔާވެސް ގެނައެވެ. ދެން ސައިބުއިމުގައި އެ ދެ މީހުންވެސް އަހަރުމެންނާ ބައިވެރިވިއެވެ.

ޗުއްޓީ ދުވަސް ދުވަހު މި ރަށަށް ދަތުރު އައުމަކީ ވަރަށް އާންމުކަމެކެވެ. އަތުގުޅުވާލައިގެން ގޮނޑުދޮށުގައި ހިނގާލައި މޫދަށް އެރި އުޅުމަކީ ޒުވާން ޖޯޑުތަކުގެ އުފަލެކެވެ. އެކަމަކު ޔަގީންވާކަމަކީ އަހަރެންގެ ރަހުމަތްތެރި ދެމަފިރިން ތަޖުރިބާ ނުކުރާ އުފަލަކާއި އަރާމެއް މިރަށުގައި އެހެން ބަޔަކަށް ނުވާނެކަމެވެ. އުމުރުން ދުވަސްވީ ބޮޑުދައިތައާއެކު، އިއްސޭ އުޅެމުން އެ ގެންދަނީ ދިވެހި ޒުވާން ދެމަފިރިއަކު ހަނީމޫންގައި ވެސް އުޅެފައިނުވާ ފަދަ މިނިވަން އަދި ފިކުރެއްނެތް ދިރިއުޅުމެކެވެ.

"ކޮއްކޯ އަދި މިރަށަށް އަންނާތި! ކޮޓަރިތައް ހެދީމާ އަންނާނީ،" ގާތްގަނޑަކަށް 24 ގަޑިއިރު މިރަށުގައި ހޭދަކުރުމަށްފަހު ފުރަންވެގެން ވަދާއީ ސަލާންކޮށްލި ވަގުތު ބޮޑުދައިތަ އަހަންނަށް ދައުވަތުދިނެވެ. އިއްސޭ ހެވިފައި ހުއްޓެވެ. އަހަރެން އާނއެކޭ ބުނެފައި އެންމެ ފަހު ޖުމްލައެއްގެ ގޮތުން ބުނެލީމެވެ.

"އިއްސޭ އާއި ބޮޑުދައިތަގެ މެހެމާންދާރީއަށް ފަށްފަށުން ޝުކުރިއްޔާ! މިއީ އަހަރެންގެ ހިތުން ފުހެވިގެންދާނެ ދަތުރެއް ނޫން. ތިޔަ ދެމަފިރިންނަށް ބާއްޖަވެރިކަން އެދެން. ބޮޑުދައިތަ ރަނގަޅަށް އިއްސޭ ބަލާތި!"

މިހެން ބުނިތަނާ، ދެން އަންނާށޭ ބުނެ އަހަރެންގެ ފޮށި ކޮނޑަށް ލައިގެން އިއްސޭ ހިނގައިގަތެވެ. އަހަރުމެން ދެމީހުން ގޮސް ދޯންޏަށް އެރީއެވެ. އަހަންނާ އެކު ހަނިމާދުއާ ހިސާބަށްވެސް އިއްސޭ އައެވެ.

"ޚަބަރެއް ނުވެގެން އަހަރެން މިހާރު މިހުންނަނީ ކަންބޮޑުވެފައި. ކިހިނެއްތަ؟" ހަނިމާދުއަށް އައިސް ފޯނުކޮށްލުމުން އަންހެނުން އަވަހަށް އެހިއެވެ.

"އަހަރެންގެ ހާލު ރަނގަޅު. މިޝަން ކާމިޔާބު! އަލްޙަމްދު ލިއްލާހި! އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު މާލެ ދާނަން،" ކުދިންގެ ހާލު އަހައިލުމަށްފަހު އަހަރެން ފޯން ބޭއްވީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6611
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *