Support Us

ދަގަނޑޭ (ކ) އާއި ކޯޗު މާޓިން ކޫޕްމަން ރޭގެ ޕްރެކްޓިސްގައި -ފޮޓޯ: ޑޯޑީ

ޗައިނާއާ ދެކޮޅަށް ދަގަނޑޭއަށް ކުޅެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތް: ކޯޗު

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި މާދަމާ ރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ކުޅެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމުގައި ގައުމީ ކޯޗު ބުނެފިއެވެ.

ކޮވިޑަށް ޕޮޒިޓިވްވެ ގައުމީ ޓީމާ އެކަހެރިވެގެން 10 ދުވަހު ތިބުމަށްފަހު ދަގަނޑޭ އާއި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) އިއްޔެ ވަނީ ޓީމާ ގުޅިފައެވެ. އަދި ޓީމާއެކު އެ ދެ ކުޅުންތެރިންނާ ރޭ ވަނީ ޕްރެކްޓިސް ވެސް ކޮށްފައެވެ.

"އަދިވެސް"އާ ވާހަކަ ދައްކަމުން ކޯޗު މާޓިން ކޫޕްމަން މިއަދު ބުނީ، ކޮވިޑަށް ޕޮޒިޓިވްވުމުން ހޮޓަލުގައި 10 ދުވަހު ހުރުމަށްފަހު ދަގަނޑޭ ޕްރެކްޓިސްގައި ރޭ ބައިވެރިވި ނަމަވެސް، ވަރުގަދަ ޗައިނާއާ ދެކޮޅަށް ހުކުރު ދުވަހުގެ ރޭ 10 ޖަހާއިރު ނުކުންނަން އޭނާ އަދި ފިޓް ނޫން ކަމަށެވެ.

"މި ދެ ކުޅުންތެރިން (އަޝްފާގާއި ތޮއްޕޭ) ވެސް 10 ދުވަހު ހޮޓަލުގައި ތިބެފައި ރޭ އަދި ޕްރެކްޓިހަށް ނުކުތީ. އެހެންވެ ފިޓްވާން ވަގުތު ބޭނުންވާނެ،" ހޮލަންޑުގެ ތަޖުރިބާކާރު ކޯޗު ބުންޏެވެ.

ކޮވިޑް ޖެހިގެން 10 ދުވަހު ޓީމާ ވަކިން ތިބުމަށްފަހު ތޮއްޕޭ (ކ) އާއި ދަގަނޑޭ (މ) ރޭގެ ޕްރެކްޓިސްގައި -އަދިވެސް ފޮޓޯ: ޑޯޑީ

"ޓީމު ސެޓްކޮށްލަން ހައެއްކަ ހަފުތާ ބޭނުންވާނެ. ބައެއް ކުޅުންތެރިން އެއްގޮތަކަށް ވެސް ނުކުޅެ ފަސް ވަރަކަށް ހަފުތާ ތިއްބާ (ހޮޓެލް ޖެންގެ) ބޯލް ރޫމުގައި ކުޅެފައި މިތަނުގެ ދަނޑުގައި އެންމެ ނުވަ ދުވަހު ޓްރޭނިން ހަދައިފައި ސީރިޔާ މެޗަށް މި ނުކުތީ. މި ކަމުގައި އެފް.އޭ.އެމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިން. އެކަން ވަރަށް ބޮޑަށް ފާހަގަކުރަން."

ކޯޗު ބުނީ ދަގަނޑޭއަށް ނުކުޅެވުނަސް ޓީމާއެކު އޭނާ އަބަދުވެސް ހުންނާނެ ކަމަށާއި ދަގަނޑޭ ޓީމުގައި ހިމެނުން އެއީ އެހެން ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ކޮވިޑް ޖެހިގެން 10 ދުވަހު ޓީމާ ވަކިން ހުރުމަށްފަހު ދަގަނޑޭ (މ) ޓީމާއެކު ރޭގެ ޕްރެކްޓިސްގައި -އަދިވެސް ފޮޓޯ: ޑޯޑީ

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދުބާއީގެ ޝާރުޖާ ސްޓޭޑިމްގައި ސީރިޔާއާ ވާދަކޮށް 4-0 އިން ވަނީ ބަލިވެފައެވެ. ފަސް ޓީމު ވާދަކުރާ މި ބުރުގައި، ރާއްޖެ-ޗައިނާ ވާދަކުރާނީ މާދަމާ ރެއެވެ. ފަހު މެޗުގައި ފިލިޕީންސާއި ރާއްޖެ ވާދަކުރާނީ މި މަހު 15 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *