Support Us

ހުރިހާ ވެސް ފޯކަސްއެއް ހުރީ ވައުދުތައް ފުއްދުމުގައި ނަތީޖާ ނެރެދޭން: ރައީސް

ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ނަތީޖާ ނެރެދިނުން ނޫން ކަމެއް މުހިންމު ނޫން ކަމަށާއި ހުރިހާ ވެސް ފޯކަސްއެއް ހުރީ ނަތީޖާ ނެެރެދެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ކުރިއަށް ގެންދާ ކެންޕެއިންގައި، މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.

އައްޑޫ ސިޓީގެ ޕީއެންސީ ކެނޑިޑޭޓުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޖަލްސާގައި ރައީސް ވިދާޅުވީ ރިޔާސީ ކެންޕެއިންގައި އައްޑޫ ސިޓީގެ ރައްޔިޔުންނަށްޓަކައި ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާނެ ކަމަށާއި އިހުލާސްތެރިކޮށް ނޫން ގޮތަކަށް އެއްވެސް ވައުދެއް ވެވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށްދީފިނަމަ ނަތީޖާ ނެރެދިނުމަށް ކަަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މުހިންމު ވަނީ ހަމައެކަނި ނަތީޖާ. ނަތީޖާ ނެރެދޭނެ ސަރުކާރެއް ގާއިމްކޮށްދޭނަމޭ އަޅުގަނޑު ދެންނެވީ ނަތީޖާއަށް ފޯކަސްކޮށް ނަތީޖާ އެކަނި ނެރުމުގެ ވިސްނުމުގައި، މަސައްކަތުގައި ސަރުކާރެކޭ އަޅުގަނޑު ބޭނުންވަނީ ހިންގަން."

އެންމެ ދުވަހެއް ވެސް، އެންމެ ގަޑިއިރެއް ވެސް މި ސަރުކާރުން ބޭކާރު ކޮށްފައިނުވާނެ ކަމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ނޫނީ މި ސަރުކާރުން ވަގުތު ހޭދަކޮށްފައިނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފޯކަސްގައި އޮތީ ނަތީޖާ އެކަނި. އެނޫން އެއްވެސް ކަމެއް ނެތް. އެހެންވީމާ ނަތީޖާ ނޫންތޯ ރައްޔިތުން ބޭނުންވަނީީ. ތަރައްގީގެ ނަތީޖާ، ގައުމަށް ހަމަޖެހުން އައުމުގެ ނަތީޖާ، މިގައުމުގެ މިނިވަންކަން ޔަގީންވުމުގެ ނަތީޖާ. އެއީ ނޫންތޯ ރައްޔިތުން ބޭނުންވެގެން މިއުޅޭ އެއްޗަކީ. ރައްޔިތުން ބޭނުންވެގެެން މިއުޅޭ ކަންކަމަކީ އެއީީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޒަމާންތަކެއް ވަންދެން ރައްޔިތުން އުއްމީދުކުރި ވަރުގެ ހެޔޮ ބަލެއް އައިސްފައިނުވާ ކަމަށާއި ރައްޔިތުންގެ މަޖިލިސް އިންތިހާބަކީ އެ ކަންކަން ބަދަލުކޮށްލަން ރައްޔިތުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

އައްޑޫ ސިޓީއަށް ބަދަލެއް ގެންނަންވީ އެއީ ހެޔޮ ބަދަލެއް ކަމުގައިވާތީ ކަމަށާއި މާދަމާގެ ވޯޓުގައި މި ސަރުކާރުގެ އަށް ކެނޑިޑޭޓުން ހޮވައިދީފިނަމަ މި ސަރުކާރުން އެ ނަތީޖާ ނެެރެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުގެ ކެނޑިޑޭޓުން މަސައްކަތްކުރާނީ ނަތީޖާ ނެރެދިނުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގައި އެއްބާރުލުން ދިނުމަށް ކަމަށާއި އެކަމުގެ ނަތީޖާ ފޮނިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރަށް ހަތަރު ފަސް މަސްވެެގެން ގޮސްފައިވާއިރު އައްޑޫ ސިޓީގައި ވަރަށް މުހިންމު މަސައްކަތްތަކެއް އެކި މަރުހަލާތަކުގައި ފެށިފައިވާ ކަމަށެވެ. ނަމަވެސް އެ ކަންކަން ކުރެވުނީ ވަރަށް ދަތި ހާލުގައި ކަމަށާއި މިހާރު އޮތް މަޖިިލިސްގެ އެއްބާރުލުން މި ސަރުކާރަށް ލިބިފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުށަހެޅިން އިންތިގާލީ މަރުހަލާގައި ހުރިހާ މަޝްރޫއުތަކެއް މި އަހަރަށް ބޭނުން ކަންކަން ފާހަގަކޮށްފައި. ފާސްކުރީ އެ ބޭފުޅުން ބޭނުން ގޮތަށް ބަދަލުކޮށްލައިފައި. ހަމަ އެހެންވީ އައްޑޫ ސިޓީގެ ބައެއް މަޝްރޫއުތަކަށް ވެސް،" ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ދަތި، އުނދަގޫތަކާ އެކު ވެސް މި ރާއްޖޭގައި ވެސް ހިންގާނެ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫއު ކަމުގައިވާ އައްޑޫ ސިޓީ ބްރިޖްގެ މަޝްރޫއު މި ސަރުކާރުން މިހާރު ފަށައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އެންމެ ފުރަތަަމަ މަރުހަލާ ނިމިފައިވާ ކަމަށާއި މިހާރު ހިނގަމުންދަނީ ޑީޓެއިލް ޑިޒައިންގެ މަސަައްކަތް ކަަމަށް ރައީސް ވިދާޅުވި އެވެ.

"މި އަހަރު ނިމުމުގެ ކުރީގައި އަމަލީ މަސައްކަތް ފަށާނަން. ނަތީޖާ ނޫން އެއްޗެއް އަޅުގަނޑަަކަށް މުހިންމެއް ނޫން. އެެހެންވެ އަޅުގަނޑުމެންގެ އަށް ކެނޑިޑޭޓުން ހޮވަންވީ. ވަގުތު ބޭކާރުކޮށްލާނެ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރާ ދެކޮޅު ކެނޑިޑޭޓުން މަޖިލީހަށް ހޮވުމުގެ ބޭނުމެއް ނެތް ކަމަށާއި އެ ބޭފުޅުން އަމަލް ކުރާނީ ޕާޓީން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި އެއީ ކިތަންމެ މުހިންމު ކަމެއް ކަމުގައި ވިޔަސް ޕާޓީން ބޭނުން ނުވާނަމަ އެ ނޫން ގޮތަކަށް އެ ކެނޑިޑޭޓުން މަސައްކަތް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މާލެއާ އެއް ފެންވަރަކަށް މިފަސް އަހަރުގެ ތެރޭގައި އައްޑޫ ސިޓީ ތަރައްގީ ކޮށްދެއްވާނެ ކަމަށާއި އެކަން ޔަގީންކުރެވޭނީ ސަރުކާރުގެ ކެނޑިޑޭޓުން ހޮވައިދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިިލީހުގެ ގޮނޑިތަކަށް ސަރުކާރު ކެންޑިޑޭޓުން ހޮވައިދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ފެންވަރަށް ހުރިހާ ކަމެއް، ވައުދުވެވަޑައިގެންނެވި ގޮތަށް، ވަރަށް ބާރު ސްޕީޑުގައި މި ފަސް އަހަރު ކޮށްދެއްވާނެ ކަމަށެވެ. އެހެންވެ ރާއްޖޭގެ 93 ދާއިރާއަށް ސަރުކާރުގެ ކެނޑިޑޭޓުން ހޮވައިދިނުމަށާއި އޭގެ ނަތީޖާ ހަގީގަތުގައި ވެސް ރަނގަޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ، އަބަދު ބަދަލުހިފުމުގެ ރޫހު ގެންގުޅޭ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވައިފިނަމަ ކޮންމެ ދުވަހަކު ފެނިގެންދާނީ އެއްވެސް ސަބަބެއް ނެތި ސަރުކާރަށް ހުރަސް އަޅަމުން ގެންދާތަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ނަތީޖާ އެކަނި ނެރެދޭން ފޯކަސްގައި އޮތް ސަރުކާރަަކަށް ބޭނުންވާ އެއްބާރުލުން ނުދޭނެ ބަޔަކު މަޖިލީހަށް ހޮވައިގެން ރައްޔިތުންގެ ކަންކަމުގައި އާދޭސްކުރަން ފުރުސަތު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މާދަމާ ބާއްވާ މަޖިލީސް އިންތިހާބުގައި ވޯޓު ލުމުގައި އިސްކުރަންވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެ އެކަންކަން ކޮށްދިނުމުގައި ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ސަރުކާރެއް ރައްޔިތުން ހޮވާފައި، އެ ސަރުކާރަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިސްކުރަންވީ މި ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ހަމަޖެހުން ގާއިމްވާން. ބަދަލުހިފުމުގެ ރޫހު ތާއަބަދަށް މި ގައުުމުން ނެތިގެންދާން. އެ ވިސްނުމުގެ ކެނޑިޑޭޓުން އަޅުގަނޑުމެންގެ ފަރާތުން މިތިބީ. އިދިކޮޅުން ފެންނަނީ ބަދަލު ހިފަން، ހުރިހާ ވާހަކައެއް ވެސް ބަދަލު ހިފަން. ސަރުކާރުގެ ބަދަލު ކުރުމުގެ ވިސްނުން، އަޅުގަނޑުމެންގެ ވަޒީރުން ވަކިކުރުމުގެ ވިސްނުން،" ރައީސް ވިދާޅުވި އެވެ.

ބަދަލުހިފުމުގެ މި ރޫހު ހުއްޓުވަންޖެހޭ ކަމަށާއި އެ ކަންކަން ހުއްޓުވޭނީ މި ސަރުކާރުގެ ކެނޑިޑޭޓުން ހޮވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސީރިއަސް އެތައް މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ކުރަން ޖެހިފައިވާއިރު ސަރުކާރަށް އެއްބާރުލުން ނުދޭ އިދިކޮޅު ކެނޑިޑޭޓުން ހޮވުމަކީ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުން ކަަމަށް ރައީސް ވިދާޅުވި އެވެ.

"އައްޑޫ ސިޓީ ބަދަލަކަށް" ނިންމި ނިންމުމަށް ފަހުރުވެރިވެވަޑައިގެންނަވާ ކަމަށާއި އައްޑޫ ސިޓީ އާއި މާލޭގައި ތިބި އައްޑޫގެ ރައްޔިތުން ވޯޓްލާން ނިކުމެ ސަރުކާރަށް އައްޑޫގެ ހުރިހާ ގޮނޑިތަކެއް ދީފިނަމަ އައްޑޫ ރައްޔިތުންގެ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *