Support Us

އެފް.އޭ.އެމް ރައީސް ބައްސާމް އަދީލް ޖަލީލް (ކ) އަދި ސްޓެލްކޯގެ އެމް.ޑީ އަހުމަދު ޝަރީފު

އެހެން ފަރާތްތަކުން ވެސް އެފް.އޭ.އެމް އިމާރާތް ބޭނުންކުރޭ، ކަރަންޓު ކަނޑާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް: އެފް.އޭ.އެމް

އެފް.އޭ.އެމް ނޫން އެހެން ފަރާތްތަކުން އެފް.އޭ.އެމް އިމާރާތް ބޭނުންކުރުމުން ކަރަންޓާއި ފެން ބިލް ދެއްކުމަކީ އެފް.އޭ.އެމްގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި ސްޓެލްކޯ އިން މިއަދު "އެފް.އޭ.އެމް ހައުސް އިން ކަރަންޓު ކަނޑާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް" ކަމުގައި އެފް.އޭ.އެމް ބުނެފިއެވެ.

އެފް.އޭ.އެމް މިހެން ބުނީ އެ އިދާރާގެ ތިން އަހަރުގެ ކަރަންޓު ބިލަށް ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން، އެތަނުން މިއަދު ކަރަންޓް ކަނޑާލުމާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައެވެ.

"ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެފް.އޭ.އެމްގެ އިދާރާ އެފް.އޭ.އެމް ހައުސް ވަނީ ތަފާތު އެކި ފަރާތްތަކުން ތަފާތު އެކި ބޭނުންތަކަށް ބޭނުންކޮށްފައެވެ. އެގޮތުން ކޮވިޑްގެ ޢާލަމީ ވަބާގެ ތެރޭގައި 2020 ވަނަ އަހަރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ވަނީ މި އިމާރާތް ބޭނުންކޮށްފައެވެ. އަދި އޭގެ ފަހުން ސްކައުޓް އެސޯސިއޭޝަންގެ އިދާރާ ހިންގުމަށް މިހާރުވެސް މި އިމާރާތް އަންނަނީ ބޭނުންކުރަމުންނެވެ. އެހެންކަމުން, މި ފަރާތްތަކުން އެކިއެކި ބޭނުންތަކަށް މި އިމާރާތް ބޭނުންކުރެވުނު މުއްދަތުގަޔާއި އަދި މިހާރުވެސް އެފް.އޭ.އެމް ނޫން އެހެން ފަރާތްތަކުން މި އިމާރާތް ބޭނުންކުރުމުގައި ކަރަންޓާއި ފެން ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ހިނގާ އެއްވެސް ޚަރަދަކީ އެކަމުގެ ޒިންމާ އެފް.އޭ.އެމް އިން ނަގަންޖެހޭނެ ކަމެއްކަމުގައި މި އިދާރާއިން ނުދެކެމެވެ. އަދި އެ އަގު ދެއްކުމަކީ އެފް.އޭ.އެމްގެ މަސްއޫލިއްޔަތެއް ނޫންކަމުގަ އާއި އެކަމުގެ ސަބަބުން އެފް.އޭ.އެމްއާ ދޭތެރޭ އެއްވެސް ފިޔަވަޅެއް އެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް މި އިދާރާއިން ދެކެމެވެ." އެފް.އޭ.އެމުން ބުންޏެވެ.

"އަދި, ސްޓެލްކޯގެ އިހުމާލުން 2019 ވަނަ އަހަރާ ހަމަޔަށް 1.9 މިލިއަން ރުފިޔާ ކަރަންޓުގެ ޚަރަދަށް ބިލް ކުރެވިފައި ވަނީ ނުބައިކޮށް ކަމަށް އެފަރާތުން އިޢްތިރާފްވެފައި ވީނަމަވެސް އަދި މިއަދާ ހަމަޔަށްވެސް މި މައްސަލައަށް ވަނީ އެފަރާތުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ހައްލެއް ނުހޯދިފައެވެ. މިކަމުގައި އެފް.އޭ.އެމް އިން ސްޓެލްކޯގެ މައްޗަށް ޤާނޫނީ ގޮތުން އެއްވެސް ދަޢުވާއެއް އުފުލާފައި ނުވަނީ އެފަރާތުގެ އެދުމުގެ މަތިން މަޝްވަރާގެ މަތިން މި މައްސަލަ ހައްލު ކުރުމުގެ އުންމީދުގައެވެ."

މިފްކޯ ކައިރީގައި އެފް.އޭ.އެމް އޮފީސް ކުރިން ހިންގި އިމާރާތް: ކޮވިޑްގައި ވެސް މި އިމާރާތް ބޭނުންކުރި.

އެފް.އޭ.އެމްގެ ބަޔާނުގައި އަދިވެސް ބުންޏެވެ. "އެފް.އޭ.އެމް އިން ޒިންމާވާން ނުޖެހޭ ފައިސާގެ އަދަދުތަކެއް އެކީ އެއްފަހަރާ ދެއްކުމަށް އެފް.އޭ.އެމް އަށް ޑިމާންޑްކޮށް, ކަރަންޓް ކަނޑާލުމުގައި އެފް.އޭ.އެމް ހައުސްގައި މިވަގުތުވެސް ސަރުކާރުގެ ބޭނުމަށް ބޭނުން ކުރެވެމުންދާ އެއްވެސް ފަންގިފިލާއަކުން ކަރަންޓް ބިލަށް ފައިސާ ދައްކާފައިނުވާ ހާލުގައިވެސް ކަރަންޓް ކަނޑާނުލާ ހަމައެކަނި އެފް.އޭ.އެމްގެ އިދާރާއިން ބޭނުން ކުރަމުންދާ ފަންގިފިލާއިން ކަރަންޓް ކަނޑާލުމަކީ މިކަމުގައި އިޚްލާސްތެރި ނިޔަތެއް އޮތްކަން ނުފެންނަ ކަމެއް ކަމުގައި ފާހަގަކުރަމެވެ. ދިވެހިރާއްޖޭގައި ކުޅިވަރު ކުޅުމަށް ބޭނުންކުރެވޭ ދަނޑުތަކާއި ކޯޓުތަކަކީ އެ ތަންތަނުގެ ކަރަންޓާއި ފެނުގެ ޚަރަދު ދައުލަތުގެ ފަރާތުން ބަލަހައްޓާ ތަންތަން ކަމުގައި ވީނަމަވެސް, ފުޓުބޯޅަ ކުޅުމަށް ބޭނުންކުރެވޭ މާފަންނު ޓާރފް ދަނޑަކީ އެތަނުގެ ހުރިހާ ޚަރަދެއް, އެފް.އޭ.އެމް ބަލަހައްޓަމުން އަންނަ ތަނެކެވެ. މިއީ އެފް.އޭ.އެމް ފިޔަވައި ދިވެހިރާއްޖޭގެ އެހެން ގިނަ ޤައުމީ އެސޯސިއޭޝަންތަކަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމެކެވެ."

އެފް.އޭ.އެމުން ބުނީ ސްޓެލްކޯގެ ފަރާތުން އެފް.އޭ.އެމްގެ އިދާރާ، އެފް.އޭ.އެމް ހައުސްއިން ކަރަންޓް ކަނޑާލާފައިވަނީ އެ ފަރާތުގެ އިހުމާލުން އެފް.އޭ.އެމް އަށް ޤަވައިދާ ޚިލާފަށް ބިލްކުރެވިފައިވާ އަދަދާއި ދިވެހި ދައުލަތުގެ އެކިއެކި ބޭނުމަށް މި އިމާރާތް ބޭނުންކުރެވުނު މުއްދަތުގެ ތެރޭގައި ކަރަންޓަށް ހިނގާފައިވާ ހަރަދުތަކާ އެކު ޖުމްލަ އަދަދެއް ކަނޑައަޅައި, އެފް.އޭ.އެމް އިން އެކަމުގައި ޒިންމާ އަދާކުރަން ނުޖެހޭ އެތައް ކަމަކާއި މަތިކޮށްކަން ވަރަށް ހިތާމަޔާއެކު ފާހަގަކުރާ ކަމަށެވެ.

"އަދި މި މައްސަލަ ހައްލު ކުރުމަށް އެދި ސްޓެލްކޯގެ މިހާރުގެ އެމް.ޑީއާ އެކު މި އަހަރުގެ މާރޗް މަހު ބައްދަލުކޮށް އެފް.އޭ.އެމް އިން މިކަން ހައްލުކުރުމަށް އެދޭ ގޮތާއި ފައިސާ ދެއްކުމުގައި ދެ ފަރާތަށްވެސް ގެއްލުން ނުވާނެހެން އެކުލަވާލައިފައިވާ ޕްރޮޕޯސަލްއެއް ހުށައަޅާފައި ވަނިކޮށް އިތުރު އެއްވެސް މަޝްވަރާ ކުރުމެއް ނެތި ތަކުރާރުކޮށް މި މައްސަލަ ހައްލުކުރުމަށް އެދިފައި ވީނަމަވެސް އަދި މިއަދާ ހަމަޔަށް ސްޓެލްކޯގެ ފަރާތުން އެއްވެސް އެއްބާރުލެއްވުމެއް ލިބިފައިނުވާ ހާލު, ސޯޝަލް މީޑިއާގައި މިކަން އިޢުލާނުކޮށް ކަރަންޓް ކަނޑާލާފައިވަނީ އިޚްލާސްތެރި ނިޔަތެއްގައި ނޫންކަން ފާހަގަކުރަމެވެ." އެފް.އޭ.އެމުން ބުންޏެވެ. "ވީމާ, ކަން ހިނގައިދިޔަގޮތުގެ ތަފްސީލް ދިނުމުގަޔާއި މި މައްސަލަ ހައްލުކުރުމުގައި އެފް.އޭ.އެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން މިކަމުގައި ޝާމިލުވާ ހުރިހާ މުއައްސާސަތަކަށް ލިބޭނޭ ވާހަކަ ދަންނަވަމެވެ. އަދި މިކަމުގައި ސްޓެލްކޯގެ ފަރާތުން އަމަލުކޮށްފައިވާ ޒިންމާދާރުކަން ކުޑަ ގޮތާމެދު މި އިދާރާގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމުގައި ވީނަމަވެސް މި މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއާ އެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ދަންނަވަމެވެ. އަދި މި މައްސަލަ ހައްލުކުރުމުގައި ސްޓެލްކޯގެ އެއްބާރުލެއްވުން ކުރިޔަށް އޮތް ތަނުގައި ލިބޭނެ ކަމަށް އުންމީދު ކުރަމެވެ."

ސްޓެލްކޯ އިން މިއަދު ބުނީ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ކަރަންޓް ކަނޑާލީ، 2019 ސެޕްޓެމްބަރުން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ހުރި ކަރަންޓް ބިލްތައް ދެއްކުމަށް އެކި ފަހަރުމަތިން އަންގައި، އަދި އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްދެވި، އެކަންވެސް ކޮށްފައިނުވާތީ ކަމަށެވެ.

"އަދި މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް މި ކުންފުނިން މިދަނީ ވިސްނަމުން،" ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުންޏެވެ.

ކަރަންޓު ބިލް ނުދައްކައިގެން އެފް.އޭ.އެމުން ކަރަންޓް ކަނޑާލިއިރު، ތަނުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ވެސް ވަރަށް ގިނަ ދުވަސް ވަނީ ވެފައެވެ. އަދި ސާފް ޗެމްޕިއަންޝިޕުގެ އިނާމަށް ބައެއް ފަރާތްތަކުން ދިން އެތައް މިލިއަން ރުފިޔާއެއްވެސް ކުޅުންތެރިންނަށް ނުދިނުމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *