Support Us

ރައީސްގެ ފަހުބަސް: ނަތީޖާގެ ވޯޓަކަށް ހައްދަވާ! ބޭނުމީ ނަތީޖާ! ނަތީޖާ!

"ބޭނުންވަނީ ނަތީޖާ" ކަމަށާއި ރައްޔިތުންގެ މަޖިލީސްގެ މެމްބަރުން ހޮވުމަށް މާދަމާ ލާ ވޯޓަކީ "ނަތީޖާގެ ވޯޓަކަށް" ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

"ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެންޕެއިން ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި "ދިވެހީންގެ ހިނގާލުން"ގައި ރައީސް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން ގެންދާއިރު މަޖިލީހަށް އެކަން ހުއްޓުވޭނެ ކަމަށެވެ.

ކުރީގެ ސަރުކާރު ދައުރު ނިމެން އުޅެނިކޮށް، މާލެ ސިޓީގެ ރައްޔިތުންނަށް "ގޯތިގެދޮރުގެ ހުވަފެން ދެއްކި" ކަމަށާއި އެހުވަފެން ދައްކައިފައި އެ ވައުދު ނުފުއްދާ ދައުރު ނިމެންދަނިކޮށް އެއްވެސް ބެލުމެއް ނެތި ކަނޑާއި ފަޅުތަކުން ގޯތިތައް ދީފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ހުޅުމާލެއިން ގޯތިތައް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެއިން ގޯތި ދޭން ނިންމި ފަރާތްތަކަށް އެ ގޯއްޗެއް އޮތް ތަނަކުން އެ ގޯއްޗެއް ދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ ވައުދާ އެއްގޮތަށް އެކަން ކުރައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެ ތަންތަން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް މިއަދު ވަނީ އެ ތަންތަނަށް ވަޑައިގެންފަ އެވެ.

"އަޅުގަނޑުވީ ވައުދެއް ވިއްޔާ އަޅުގަނޑު ފުއްދާނަން. ނަތީޖާ ނެރެދޭނަން. އަޅުގަނޑަށް މުހިންމީ ނަތީޖާ. ރައްޔިތުންނަށް ވެސް އަޅުގަނޑަށް ޔަގީން މުހިންމުވާނީ ނަތީޖާ އެކަނި. ނަތީޖާ ނެރުމުގައި އަޅުގަނޑު ބޭނުމެއް ނޫން އެންމެ ސިކުންތެއް ވެސް ބާކީވެގެން ބޭކާރުވެގެންދާން. އެކަމަށް ދެއްވާ ވޯޓަކަށް މާދަމާގެ ވޯޓު ހައްދަވާ. ރައްޔިތުންނަށް ބޭނުންވަނީ ގެދޮރުވެރިކަން ޔަގީންވާން. މާލޭގެ ރައްޔިތުންނަށް ބޭނުންވަނީ ގެދޮރުވެރިކަން ޔަގީންވާން. ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ބޭނުންވަނީ ގެދޮރުވެރިކަން ޔަގީންވާން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަަރައްގީ ކަމަށާއި އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން ކަމަށެވެ. އަދި އެ މައްސަލަ އެންމެ ބޮޑުވެފައިވަނީ މާލެ ސިޓީ ފަދަ ބައިބޯ ތަންތަނުގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވައުދުވީ މި ފަސް އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ގެދޮރުވެރިކަން ޔަގީންވެފައިވާ ބައަކަށް ހެދުމުގެ ވައުދު. އެ ވައުދު ފުއްދަން އަޅުގަނޑު ޔަގީންކަން މިދެނީ…" ރައީސް ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިކަންކަން ހުއްޓުވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ނެރެދޭން ބޭނުންވާ ނަތީޖާ ނެރެދިނުމަށް ރައްޔިތުންގެ މަޖިލީހަކީ ކޮންމެހެން މުހިންމު ތަނެއް ކަމަށާއި ސަރުކާރުގެ ފިކުރާ ދެކޮޅު ކެނޑިޑޭޓުން ހޮވައިފިނަމަ މަސައްކަތް ކުރާނީ އެ ޕާޓީއެއްގެ ނިންމުމާ އެއްގޮތަށް ކަމަށެވެ. އަދި ބިކަވެގެންދާނީ ރައްޔިތުން ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުގެ 93 ކެނޑިޑޭޓުން މާދަމާގެ ވޯޓުން ހޮވައިދީގެން ހޮވޭ މަޖިލީހެއްގައި ނަތިޖާ ނެރެދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މަޖިލީހަކީ ގައުމުގެ ކަންކަން ބައްޓަން ކުރުމުގައި ވަރަށް މުހިންމު ތަނަކަށްވާއިރު އެތަނަކާ ނުލައި ސަރުކާރަށް ކަންކަން ނުނިންމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގައުމުގެ ކަންކަން ހެޔޮގޮތުގައި ގެންދިއުމަށް މާދަމާގެ ވޯޓަކީ ވަރަށް މުހިންމު ވޯޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މާދަމާގެ ވޯޓަކީ ވަރަށް ޒިންމާދާރުކަމާ އެކީގައި ގައުމު ދެކެ ލޯބިވާ ދިވެހި ލޮބުވެތި ރައްޔިތުން ގައުމުގެ މުސްތަގުބަލަށްޓަކައި ނިންމާ މުހިންމު ނިންމުމަކަށް ހަދަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ މާދަމާ ވޯޓު ކަރުދާސްކޮޅުގައި ޖަހާ ފާހަގައަކީ މިގައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރަން ޖަހާ ފާހަގައަކަށް ހެދުމަށެވެ.

ރައީސް ވިދާޅުވީ މިގައުމުގެ މިސްރާބު ނުބައި މަގަށް ދަނިކޮށް ރާއްޖޭގެ ގިނަ ރައްޔިތުންގެ ބުރަ މަސައްކަތުން ރިޔާސީ އިންތިހާބުގައި ގައުމުގެ މިނިވަންކަން ފާލަށް އަޅުވައިފައި ކަމަށެވެ. އަދި މި ސަރުކާރުން ބޭރުގެ ސިފައިން މި ގައުމުން ބާލާނެ ކަމަށް ވީވައުދާ އެއްގޮތަށް މަސައްކަތްތައް ފަށައިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މޭ މަހުގެ 10 މި ގައުމަށް އަލިވިލޭނީ މި ގައުމުގައި ތިބި ބޭރުގެ ހުރިހާ ސިފައިން މިގައުން ގެންގޮސް ނިމޭ ފަހުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިނިވަންކަން ޔަގީންކުރުމަށް ރައްޔިތުން ރިޔާސީ އިންތިހާބުގައި ނިންމި ނިންމުމަކީ ގައުމަށް ރަނގަޅު މިސްރާބު ކަމަށާއި މި މިސްރާބުގައި ކުރިއަށް ދިއުމުން ފަހުރުވެރިކަން ދިވެހިންނަށް އިހުސާސްވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ ބިޔަ ކަނޑުގެ ބޮޑު ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ދިވެހި ރާއްޖޭގައި މިހާރު ގާއިމްކޮށްފައިވާ ކަމަށާއި އެއީ އާދައިގެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަންކަން ނިންމާނީ އަޅުގަނޑުމެން. އެއީ ދިވެހީންގެ ރާއްޖޭގެ ބޭނުމަކީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ފަށަައިފައިވާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހުރިހާ ގޮތަކުން ހުރަސްތައް އަޅަމުންދިޔައިރު ވެސް ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި ކަންކަން ހާސިލްކުރެވިފައިވާ ކަމަށް ރައިސް ވިދާޅުވި އެވެ.

ރައީސް އެދިވަަޑައިގަތީ މި ފަސް އަހަރުގެ ބާކީ ދުވަސްތަކަކީ ސަރުކާރުގެ މަސައްކަތްތަކުގެ ސްޕީޑު އެތައް ގުނައަކަށް މައްޗަށް ގެންގޮސް، ގައުމުގެ ހުރިހާ ކަމެއް ބައްޓަން ކުރުމަށް ނިންމާ ނިންމުމަށް މާދަމާގެ ވޯޓަކީ މުހިންމު ޒިންމާއެއް ކަމަށެވެ.

ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށާއި މާދަމާގެ ވޯޓަކީ ރައްޔިތުންނަށް އެ އެއްބާރުލުން ދޭން ލިބިގެންދާ ފުރުސަތު ކަމަށް ރައީސް ވިދާޅުވި އެވެ.

ރަސްފަންނުން ފެށި މި ހިނގާލުން މަޖީދީމަގުން އިރަށް އައިސް ނިންމައިފައި ވަނީ އާޓިފިޝަލް ބީޗަށެވެ. "ދިވެހީންގެ ހިނގާލުން"ގައި ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރުގެ ކެނޑިޑޭޓުންނާއި ސަޕޯޓަރުން އަަދި އާއްމުންގެ ވަރަށް ގިނަ ބަޔަކު ވެސް ބައިވެރިވިއެވެ.

މާދަމާ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8 އިން ހަވީރު 5.30 އަށެވެ. މި ފަހަރުގެ އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގެ 93 ދާއިރާއަށް ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މި ފަހަރުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓައެވެ. އެއީ ރާއްޖޭގައި 599 ފޮއްޓާއި ރާއްޖެެއިން ބޭރުގައި ތިން ފޮއްޓެވެ. ރާއްޖެެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުންނަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 އަންހެނުންނާއި 139،361 ފިރިހެނުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *