Support Us

ދަގަނޑޭ އާއި ތޮއްޕޭ ޓީމު ތިބޭ ހޮޓަލަށް ވަންނަނީ. -ފޮޓޯ: ޑޯޑީ

10 ދުވަހުގެ ކަރަންޓީނަށްފަހު ދަގަނޑޭ އާއި ތޮއްޕޭ ޓީމާ ގުޅިއްޖެ، ފުރަތަމަ ޕްރެކްޓިސް މިރޭ

17:10-  ކޮވިޑަށް ޕޮޒިޓިވްވެ ގައުމީ ޓީމާ އެކަހެރިވެގެން 10 ދުވަހު ތިބުމަށްފަހު ރާއްޖޭ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ކޮވިޑްގެ ހުރިހައި ޓެސްޓަކުން ފާސްވެ، ދާދި ދެންމެއަކު ޓީމާ ގުޅިއްޖެއެވެ. 

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގެ މެޗުތަކަށް ދުބާއީ އަށް ގޮސް ތިބެފައި މިދިޔަ މަހު 30 ގައި ހެދި ޓެސްޓުން ޕޮޒިޓިވްވުމުން ދަގަނޑޭ އާއި ތޮއްޕޭ ތިބީ ޓީމާ އެކަހެރިކޮށް އެހެން ތަނެއްގައެވެ. އަދި މިދިޔަ ހުކުރު ދުވަހު ހެދި ކޮވިޑް ޓެސްޓުން ދަގަނޑޭ ފާސްވި ނަމަވެސް ތޮއްޕޭ ފާހެއްނުވިއެވެ.

ޔޫ.އޭ.އީގެ ގަވައިދު ބުނާ ގޮތުން، ކޮވިޑަށް ޕޮޒިޓިވްވެއްޖެ މީހަކު 10 ދުވަހު ކަރަންޓީނުގައި ހުންނަންޖެހެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަވުމުން 24 ގަޑިއިރު ތެރޭގައި ޕީ.ސީ.އާރް ދެ ޓެސްޓު ހަދައި، އެ ދެ ޓެސްޓުން ފާސްވެއްޖެ ނަމަ، އެކްސްރޭ ނަގައި އެންޓިބޮޑީ ޓެސްޓެއް ވެސް ހަދަންޖެހެވެ. ދަގަނޑޭ އާއި ތޮއްޕޭ ވަނީ އެ ހުރިހައި ޓެސްޓަކުން ވެސް ފާސްވެފައެވެ.

ދަގަނޑޭ އާއި ތޮއްޕޭގެ ކަރަންޓީނުގެ 10 ދުވަސް ހަމަވީ އިއްޔެއެވެ.

މާލޭގެ ހޮޓެލް ޖެންގައި މިދިޔަ މޭ މަހު ގައުމީ ޓީމު ކޭމްޕުކުރިތަނާ ދަގަނޑޭގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވެގެން، އޭނާ ޓެސްޓް ހެދިއިރު އޭރު ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ. އަދި އޭގެ ފަހުން ހެދި ޓެސްޓަކުން ވެސް ދަގަނޑޭ ވަނީ ފާސްވެފައެވެ. ދަގަނޑޭ ޕޮޒިޓިވްވީ ދުބާއީން ޗައިނާ އަށް ފުރަންވެގެން ހެދި ޓެސްޓުންނެވެ.

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ ދުބާއީގެ ޝާރުޖާ ސްޓޭޑިމްގައި ސީރިޔާއާ ވާދަކޮށް 4-0 އިން ވަނީ ބަލިވެފައެވެ. ފަސް ޓީމު ވާދަކުރާ މި ބުރުގައި، ރާއްޖެ-ޗައިނާ ވާދަކުރާނީ މި މަހު 11 ގައެވެ. ފަހު މެޗުގައި ފިލިޕީންސާއި ރާއްޖެ ވާދަކުރާނީ މި މަހު 15 ގައެވެ.

އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ ކުރިއަށް އޮތް ޗައިނާ މެޗާއި ފިލިޕީންސް މެޗުގައި ދަގަނޑޭ އާއި ތޮއްޕޭ އަށް ކުޅެވޭނެ ކަމަށާއި ނަމަވެސް ފުރަތަމަ 11 އަށް އެ ކުޅުންތެރިން އެރުވުމާއި ނޭރުވުން އެއީ ކޯޗު ނިންމާނެ ނިންމުމެއް ކަމަށެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ އާއި ތޮއްޕޭ މިރޭ ބައިވެރިވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *