ދިވެހި ފުޓްބޯޅައިގެ އެންމެ ދިގު ތާރީޚެއް އޮތް ގަލޮޅު ރަސްމީ ދަނޑުގައި މާދަރާ ރެއަކީ ތާރީހީ ރެއަކަށް ވާނެއެވެ. ފުރަތަމަ ޑިވިޝަންގެ އެންމެ މޮޅު ޓީމުތައް ވާދަކުރާ ދިވެހި ޕްރިމިއާ ލީގު, ހޯމް އެން އަވޭ އުސޫލަށް ކުޅެންފަށައި، މުބާރާތުގައި އަލަށް ވާދަކުރާ ހއ. ދިއްދޫ ޓީމުގެ ފުރަތަމަ މެޗަށް މާދަމާ ރޭ ނުވައެއް ޖަހާއިރު ނުކުންނާނެއެވެ. މި ތާރީޚީ މެޗުގައި ދިއްދޫ ޓީމާ ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބެވެ.
މި މުބާރާތަށް ތައްޔާރުވުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ދިއްދޫ ޓީމުގެ މެނޭޖްމަންޓުން ބުނެއެވެ. އެގޮތުން ވަގުތާއި ހާލަތުގެ ގޮތުންނާއި ވަސީލަތްތައް މަދު ނަމަވެސް، ޓީމު ވަނީ ހިތްހަމަޖެހޭ ފެންވަރަކަށް ތައްޔާރުކުރެވިފައި ކަމަށް އެ ޓީމުން ބުނެއެވެ.
ދިއްދޫ ޓީމުން ފާހަގަކުރި ގޮތުގައި ފުރަތަމަ ޑިވިޝަންގައި ގައުމީ ލެވެލްގެ ކުޅުންތެރިންނާ ވާދަކުރާއިރު ދިއްދޫގައި ޖިމެއްވެސް އަދި އެކަށީގެންވާ ވަސީލަތެއްވެސް ނެތެވެ. ނަމަވެސް މިފަދަ ދަތިތަކާއެކުވެސް ޓީމުގެ އަޒުމަކީ މުބާރާތުގައި ރަނގަޅު ވާދައެއްކޮށް ކާމިޔާބީ ހޯދުން ކަމަށް މެނޭޖްމަންޓުން ބުނެއެވެ.

ދިއްދޫ ޓީމުން ވަނީ ބޮޑުތިލަދުންމަތީގެ ހުރިހާ ރަށެއްގެ ސަޕޯޓަރުންނަށް މާދަމާ ރޭގެ މެޗަށް ދައުވަތު ދީފައެވެ. މީގެ އިތުރުން ޓީމުން ބުނީ، ދިވެހި ފުޓްބޯޅައިގެ ހަގީގީ ފޯރި އޮތީ އަތޮޅުތެރޭގައިކަން މި މެޗުން ދައްކާލާނެ ކަމަށެވެ. އަދި ދިއްދޫ ކުޅޭ ވަގުތު ގަލޮޅު ދަނޑުން ފަޅުކަމާއި ހިމޭންކަން ފިލައި، ކުރީގެ ފޯރިގަދަ މާހައުލު އަލުން ފެނިގެންދާނެ ކަމަށްވެސް އެ ޓީމުން ބުނެއެވެ.
މި މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވެއްދުމަށްޓަކައި ދިއްދޫ ޓީމުގެ މެނޭޖްމަންޓުން މިހާރު ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.



advertisment