Support Us

އުތީމުގެ ތާރީޚީ ފަސްގަނޑުންވެސް ދިއްދޫ ޓީމަށް ހޫނު މަރުހަބާއެއް

ދިވެހި ޕްރީމިއާ ލީގުން ހއ. ދިއްދޫ ޖާގަ ހޯދުމުގެ ކާމިޔާބީ ފާހަގަކުރުމަށް ތާރީޚީ ރަށެއް ކަމަށްވާ ހއ. އުތީމުން ކުލަގަދަ މަރުހަބާގެ ހަރަކާތްތަކެއް މިއަދު ބާއްވައިފިއެވެ.

އަވަށްޓެރި އުތީމު ރައްޔިތުންގެ ފަރާތުން ދިން ހާއްސަ ދައުވަތަކަށް ދިއްދޫ ސްޕޯޓްސް ދިއުމުން، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ނުކުމެ ދިއްދޫ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ ބޮޑު ތިލަދުންމަތީގެ ފުޓްބޯޅަ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާތީ، އުތީމު ރައްޔިތުން ވަނީ އެކަމުގެ އުފަލުގައި ބައިވެރިވެ، ދިއްދޫ ޓީމާއެކު ސާބިތުކަމާއެކު ތިބިކަން ހާމަކޮށްފައެވެ.

"އުތީމު ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ދިއްދޫއަށް ލިބުނު ކާމިޔާބީއެއް ނޫން. އަދި މިއީ ހއ. އަތޮޅަށާއި، މުޅި ބޮޑު ތިލަދުންމައްޗަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް،" ފަޚުރުވެރި ގައުމީ ބަތޮލު އުތީމު މަހާރަދުން، މުހައްމަދު ތަކުރުފާނު އެ ރަށަކަށް ނިސްބަތްވެވަޑައިގަންނަވާ ރަށުގެ މީހަކު މިއަދު ބުންޏެވެ.

ދިއްދޫ ކުޅުންތެރިންނަށް ވަނީ 500 އަހަރުވެފައިވާ އުތީމު ގަނޑުވަރުވެސް ދައްކައިލައިފައެވެ.

ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ލީގަށް ދިއްދޫ ޓީމު ކޮލިފައިވީ، އަތޮޅުތެރޭގެ ޓީމުތަކަށް އަމާޒުކޮށްގެން ބޭއްވި ކޮލިފައިން މުބާރާތާއި ޒޯން އަދި ރީޖަނަލް މުބާރާތުގައި ދެއްކި މޮޅު ކުޅުމާއި ހިތްވަރުގެ ސަބަބުންނެވެ.

މިއަދުގެ މަރުހަބާގެ ހަރަކާތްތަކުގެ ތެރެއިން އުތީމު ރައްޔިތުން ފާހަގަކުރި ގޮތުގައި، ދިއްދޫއަކީ އެ ރަށުގެ އެންމެ ގާތް އަވަށްޓެރިޔާއަށް ވާއިރު، ދިއްދޫއަށް ލިބޭ ކޮންމެ ކާމިޔާބީއަކީ އުތީމަށް ވެސް ލިބޭ ކާމިޔާބަކާއި އުފަލެކެވެ. މިކަމުން ދޭހަކޮށްދެނީ ދެ ރަށުގެ މެދުގައި އޮތް އަހުވަންތަކަމާއި، އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުމެވެ.

މި އުފާފާޅުކުރުންތަކުގެ ސަބަބުން ބޮޑުތިލަދުންމަތީގެ ރަށްތަކުގެ މެދުގައި އޮތް އެކުވެރިކަމާއި، ކުޅިވަރުގެ ރޫހު އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ. ދިއްދޫ ޓީމުން ދިވެހި ޕްރީމިއާ ލީގުގައި ވާދަކުރާއިރު، މުޅި އަތޮޅުގެ ފުރިހަމަ ސަޕޯޓާއި އެއްބާރުލުން އެ ޓީމަށް ލިބޭނެކަމުގެ ޔަގީންކަން އުތީމު ރައްޔިތުން ވަނީ ދީފައެވެ.

މިއަދުގެ މި ހަރަކާތަކީ ދިއްދޫއަށް ކުރާ އިހުތިރާމާއި ލޯބި ހާމަކޮށްދިން، އަދި ބޮޑުތިލަދުންމަތީގެ އެއްބައިވަންތަކަން ދައްކުވައިދިން ރީތިނަމޫނާއެކެވެ.

ހއ. ވަށަފަރުން ވެސް އިއްޔެ ވަނީ ދިއްދޫ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *