އެމެރިކާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާލޭގައި ހުންނަ އެމެރިކާ އެމްބަސީއާއެކު ހާރިޖިއްޔާއިން ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފިއެވެ. މި މެޗު 4-2 އިން ކާމިޔާބުކުރީ ދިވެހި ހާރިޖިއްޔާ ޓީމުންނެވެ.
ހުޅުމާލޭ ފުޓުސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެމެރިކާ އެމްބަސީ ޓީމުގެ ކެޕްޓަންކަން ކުރެއްވީ ޝާޒޭދަފޭ ޑޭވް ވިލިއަމްސް އެވެ. އޭނާގެ ޖާޒީގައި ޖަހައިފައި ވަނީ ވެސް ދެ ގައުމުގެ ސިޔާސީ ގުޅުން ރަމްޒުކޮށްދޭ 60 އެވެ.

މި މެޗު ބައްލަވައިލެއްވުމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ހާރިޖިއްޔާގެ އިސް ވެރިން ވަޑައިގަތެވެ. އަދި ހާރިޖިއްޔާ އާއި އެމެރިކާ އެމްބަސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ގޮސް ދެ ޓީމަށް ސަޕޯޓުކުރުމުގައި އަޑުހިއްޕައިލިއެވެ.

މެޗު ފެށުމުގެ ކުރިން ހާރިޖީ ވަޒީރު އިރުތިޝާމް ދެއްކެވި ކުރު ވާހަކަފުޅުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ކުޅިވަރަކީ ގުޅުންތައް ބަދަހިކުރުމަށް އަބަދުވެސް މުހިންމު ދަނޑެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ޝާޒޭދަފޭ ވިލިއަމްސްގެ ވާހަކައިގައި ވެސް ދެ ގައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް ހާރިޖީ ޓީމުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހާރިޖީ ޓީމުގެ ޕްލޭމޭކަރަކަށް ކުޅުނު އަހުމަދު ޝިފާއުއެވެ.

މެޗުން މޮޅުވި ހާރިޖީ ޓީމަށް ރަން މެޑަލް ދެއްވީ އެމެރިކާގެ ޝާޒޭދެފޭ ވިލިއަމްސްއެވެ. އެމެެރިކާ އެމްބަސީ ޓީމަށް މެޑަލް ދެއްވީ ހާރިޖީ ވަޒީރު އިރުތިޝާމެވެ.
އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ވެސް މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއެކު ހާރިޖީ ޓީމުން ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗެއް މިދިޔަ ހަފުތާގައި ކުޅުނެވެ. އެ މެޗު 8-4 އިން ކާމިޔާބުކުރީ އިންޑިއާ ހައިކޮމިޝަންގެ ޓީމުންނެވެ.



advertisment