ކޮލަމްބޯގައި ސްރީލަންކާއާ ދެކޮޅަށް މިއަދު ކުޅުނު މެޗު 1-1 އިން އެއްވަރުވި ނަމަވެސް މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ލިބުނީ ފުރަތަމަ މެޗުން 3-0 އިން މޮޅުވެ، އެގްރެގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

މިކަމާ އުފާފާޅުކުރައްވައި އެކްސްގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޓީމު ހޯދި ކާމިޔާބީއަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި އިހު އޮތް ފުޓުބޯޅައިގެ ރޫޙު އާލާކޮށް، ފުޓުބޯޅަ އާއި އެ ނޫންވެސް ކުޅިވަރުތައް ކުރިއެރުވުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ބިނާރު ޤާއިމުކުރެއްވުމުގެ މަސައްކަތް މި ސަރުކާރުން، ހަރު ދުވެލީގައި ގެންދަވަނީ ކުރައްވަމުން ކަމުގައި ވެސް ރައީސް އޮފީހުން ބުނެއެވެ.