Support Us

"ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މައްލާއަށް ދެއްވަނީ، ދެން އެވޯޑާއި ކޭކާއެކު މައްލާ ގޭގައި

ގައުމީ ހުރިހައި އެވޯޑަކާއި ޝަރަފަކާއެކު މައްލާ ހިނިތުންވެފައި

ކުރީގެ މަޝްހޫރު ރެފްރީ މައްލާ ޅަތުއްތު އަށް ރެއަކީ ވަރަށްވެސް ޚާއްސަ ރެއެކެވެ. ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު، ވަރުބަލިވުމެއް ނެތި އޭނާ ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން ދެއްވިއިރު މައްލާ ތުރުކުރައްވައިގެން ހުންނެވި ކަޅު ކޯޓު ޒީނަތްތެރިކުރެވިފައި އެވަނީ އޭނާގެ އަގުހުރި ހިދުމަތުގެ ރަމްޒުންނެވެ. އެތަނުން ރަން ކުލައިގެ އެއް މެޑަލަކީ ކުޅިވަރުގެ "ގައުމީ ޝަރަފު"ގެ މެޑަލެވެ. އަނެއް މެޑަލަކީ 43 އަހަރު، ވަރަށް ވަފާތެރިކަމާއެކު އޭނާ ސަރުކާރަށް ހިދުމަތްކުރެއްވުމުން ލިބިވަޑައިގެންފައިވާ "ދައުލަތުގެ ޝަރަފެ"ވެ.

މީގެ ތެރެއިން "ގައުމީ ޝަރަފު" މައްލާއަށް ލިބިވަޑައިގަތީ މިދިޔަ އަހަރުއެވެ. "ދައުލަތުގެ ޝަރަފު"، މި އަހަރުއެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަތްޕުޅުން މައްލާއަށް ދެއްވަނީ

އެ ނިމުނީކީ ނޫނެވެ. ސްކޫލްގައި އުޅުއްވަމުން، 1969 ވަނަ އަހަރުން ފެށިގެން ކުޅިވަރު ދަނޑަށް ނުކުންނެވި މައްލާއަށް އެންމެ ފުރަތަމަ ލިބިވަޑައިގަތީ ކުޅިވަރަށް ހިދުމަތްކުރުމުގެ ހިތްވަރުދިނުމުގެ އިނާމެވެ. އެއީ 1990 ގައެވެ. އޭގެ ފަހުން އެފް.އޭ.އެމްގެ ރައީސްގެ "ޕްރެޒިޑެންޝަލް އެވޯޑް" 2018 ގައި މައްލާއަށް ލިބިވަޑައިގެންފައިވެއެވެ. މި ފަސް އެވޯޑާއެކު، ގައުމީ ފެންވަރުގައި ދޭ ހުރިހައި އެވޯޑެއް، އުމުރުން 75 އަހަރުގެ މައްލާއަށް މިހާރު ވަނީ ލިބިވަޑައިގެންފައެވެ. އެހެންކަމުން މައްލާ ވެގެން ގޮސްފައި ވަނީ ގައުމީ ފެންވަރުގެ ހުރިހައި އެވޯޑެއް ހާސިލްކުރި ފުރަތަމަ ޝަހުސިއްޔަތަށެވެ.

"ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ހިއްޕަވައިގެން މައްލާ ދަރިކަނބަލުންނާއެކު

"އަޅުގަނޑު ވަރަށް އުފާވެއްޖެ އަޅުގަނޑުގެ ހިދުމަތުގެ އަގު ސަރުކާރުން މިހާ ބޮޑަށް ވަޒަންކުރެއްވީމާ. ކުޅިވަރުގައިވެސް ލައްކަ ދުވަހު އުޅެވިއްޖެ. ކުޅިވަރު ކުޅެވިއްޖެ. ކުޅިވަރަށް އެހީތެރިވެވިއްޖެ. ކުޅިވަރުގެ ވަރަށް ގިނަ ބަޔަކު އުފެއްދިއްޖެ. އަދިވެސް އުފެއްދުމުގެ މައިދާނުގައި މި އުޅެނީ ވެސް. ސަރުކާރަށް ވެސް ލައްކަ ދުވަހު ހިދުމަތް ކުރިން. އެ ހުރިހާ ހިދުމަތެއްގެ އަގު ސަރުކާރުން މިހާ ފުރިހަމައަށް ވަޒަންކުރެއްވީމާ އަޅުގަނޑު ވަރަށް އުފާވޭ. ހިތަށްވެސް ނާރާ މިހެން ވާނެ ކަމަކަށް. ހީވަނީ އަޅުގަނޑު ކަހަލަ މީހަކަށް މި ވަރު ދެން އެންމެ ރަނގަޅުހެން. މޯދެން އިނަފް،" މައްލާ ވިދާޅުވިއެވެ. "މި ކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހައި ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުގެ މި ކާމިޔާބީތަކުގެ ލިސްޓުގެ އެންމެ ކުރިއަށް އަޅުގަނޑު ލާނީ އަލްމަރުހޫމު މުހައްމަދު ޒާހިރު ނަސީރާއި އަލްމަރުހޫމު އުމަރު ޒާހިރު. ދެ ވަނަ އަށް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ބައްސާމް. ދެން އަޅުގަނޑުގެ އަނބިދަރީންނާއި ރައްޓެހިންނާއި ރެފްރީން އަދި ސަރުކާރު."

ރޭގެ އެވޯޑް ހިއްޕަވައިގެން، އަނބިކަނބަލުންނާއި ދެ ދަރިކަނބަލުންނާއެކު މައްލާ ގެއަށް ވަޑައިގެންނެވިއިރު، އޭނާގެ އާއިލާގެ ގިނަ ބަޔަކު ތިބީ ސަޕްރައިޒް ކޭކެއް ތައްޔާރުކޮށްގެންނެވެ. ކޭކު ފަޅައި ފޮޓޯ ނަގަމުންދިޔައިރު އާއިލާގެ އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ.

ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މައްލާ ޅަތުއްތުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވަނީ

މައްލާގެ އިނާމު/ މެޑަލް ހަރުގަނޑު

  • 1990- ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޢިނާމު
  • 2018- އެފް.އޭ.އެމްގެ "ޕްރެޒިޑެންޝަލް އެވޯޑް"
  • 2022- ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ޢިނާމު
  • 2023- ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ޢިނާމު
  • 2023- ލައިފްޓައިމް އެޗީވްމަންޓް އެވޯޑް/ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު މައްލާ ޅަތުއްތުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވަނީ

މައްލާ ކުޅިވަރު ދަނޑުގައި

ދިވެހިރާއްޖޭގައި ފުޓުބޯޅަ ރެފްރީކަން، އެންމެ މަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައި، ވަކިން ޚާއްސަކޮށް ފުޓުބޯޅަ ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށް މައްލާ ޅަތުއްތު ކުރައްވައިފައި ވަނީ ގިނަގުނަ އަދި ބުރަ މަސައްކަތްޕުޅެކެވެ. ސްކޫލް ދައުރުއްސުރެ ފުޓުބޯޅަ ކުޅުއްވަމުން، 1969 ވަނަ އަހަރުން ފެށިގެން މާލޭ ޓެނިސް ކްލަބަށާއި އަދި ފަހުން މޫންސްޓާސް ކްލަބަށް، ފުލްބެކުގެ މަގާމުގައި ގައުމީ ފުޓުބޯޅަ މުބާރާތްތަކުގައި މައްލާ ވާދަކުރެއްވިއެވެ. އަދި ފުޓުބޯޅަ ކުޅުއްވަމުން ރެފްރީއެއްގެ ގޮތުގައި 1969 ވަނަ އަހަރުން ފެށިގެން މައްލާ ދަނޑަށް ނުކުންނަވަން ފެއްޓެވިއެވެ.

ރައީސް އިބްރާހިމް ނާސިރުގެ ނިންމެވުމަކަށް، މާލޭން ބޭރުގައި ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ފުޓުބޯޅަ މުބާރާތް، 1970 ވަނަ އަހަރު ސ.ހިތަދޫގައި ބޭއްވުމުން، ފައިނަލް މެޗާއެކު، އެ މުބާރާތުގެ 11 މެޗެއްގައި މައްލާ ރެފްރީކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން، ރައީސް މައުމޫން ޢަބްދުލްގައްޔޫމުގެ ރިޔާސަތުގައި ބާއްވަވަން ފެއްޓެވި އަތޮޅު ފުޓުބޯޅަ މުބާރާތްތަކުގައި ރެފްރީކަން ކުރެއްވުމަށް ރާއްޖޭގެ އުތުރާއި ދެކުނަށް މައްލާ ދަތުރުކުރައްވައިފައިވެއެވެ. މިގޮތުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ކ. ހުރާ، ވ.ފެލިދޫ، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ އަދި ޏ.ފުވައްމުލަކުގައި ބޭއްވި އަތޮޅު ފުޓުބޯޅަ މުބާރާތްތަކުގައި މައްލާ ރެފްރީކަންކުރެއްވިއެވެ. މައްލާ ވަނީ 1968 އިން ފެށިގެން 1995 އަށް، މެދުނުކެނޑި 27 އަހަރު ރާއްޖޭގެ ހުރިހައި ޑިވިޝަނެއްގެ ފުޓުބޯޅަ މުބާރާތެއްގައި ރެފްރީކަންކުރައްވައިފައެވެ.

އެފް.އޭ.އެމްގެ "ޕްރެޒިޑެންޝަލް އެވޯޑް" މައްލާ އަށް ދެއްވަނީ

މައްލާ ބައިނަލްއަގުވާމީ ދަނޑުގައި

ބައިނަލްއަގުވާމީ ފުޓުބޯޅަ ރެފްރީކަން ނުވަތަ ފީފާ ބެޖު ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދިވެހި ރެފްރީގެ ޝަރަފުގެ އިތުރުން ފީފާގެ ބެޖު ޖަަހައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ރެފްރީކަންކުރުމުގެ ޝަރަފު ވެސް 1990 ގައި މައްލާއަށް ލިބިވަޑައިގެންފައިވެއެވެ. އަދި ފީފާ ރެފްރީއެއްގެ ގޮތުން 1990 އިން 1993 އަށް ބައިނަލްއަގުވާމީ އެތައް މެޗެއްގައި މައްލާ ރެފްރީކަންކުރެއްވިއެވެ. މިގޮތުން ސްރީލަންކާގައި 1985 ގައި ބޭއްވި އޭޝިއަން ކްލަބު ޗެމްޕިއަންޝިޕާއި ސްރީލަންކާގައި 1991 ގައި ބޭއްވި ފަސް ވަނަ ސާފް ގޭމްސްގައި މައްލާ ރެފްރީކަންކުރެއްވިއެވެ. އަދި ސްރީލަންކާގެ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތްތަކުގައި 1984 އާއި 1985ގައި މައްލާ ރެފްރީކަންކުރެއްވިއެވެ. މައްލާ ރަސްމީކޮށް ރެފްރީކަން ކުރެއްވުން 1995 ގައި ހުއްޓަވައިލެއްވީ ފީފާ ބެޖް (އޭރު) ލިބޭ އުމުރު ހަމަވުމުންނެވެ.

މައްލާ ވަނީ ފީފާ އާއި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭ.އެފް.ސީ)ގެ ރެފްރީން ތަމްރީނު ކޯސްތައް ރާއްޖޭގެ އިތުރުން އިނގިރޭސިވިލާތާއި މެލޭޝިއާ އާއި ސިންގަޕޫރާއި ތައިލެންޑާއި ސްރީލަންކާ އިން ފުރިހަމަކުރައްވައިފައެވެ. އަދި އިންޓަނޭޝަނަލް ރެފްރީ އިންސްޓްރަކްޓަރސް ކޯސްތައް ވެސް މައްލާ ވަނީ ފުރިހަމަކުރައްވައިފައެވެ. މިގޮތުން ފީފާ/ އޭ.އެފްސީ ރެފްރީ އިންސްޓްރަކްޓަރސް ކޯހެއް އެންމެ ފަހުން މައްލާ ފުރިހަމަ ކުރައްވައިފައި ވަނީ ޖުލައި 2020 ގައެވެ.

ރެފްރީން އުފެއްދުމުގެ މަސައްކަތް

ރެފްރީކަން ކުރައްވަމުން ވެސް މައްލާގެ އެންމެ ބޮޑު ޝައުގުވެރިކަމަކާއި އިސްކަމެއް ދެއްވީ ދިވެހި ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށެވެ. މިގޮތުން ދިވެހި ފުޓުބޯޅަ ރެފްރީން އުފައްދަވައި ތަމްރީނުކުރެއްވުމަށް 1975 އިން ފެށިގެން 46 އަހަރު ދުވަހު ގިނަގުނަ މަސައްކަތްތަކެއް މައްލާ ވަނީ ކުރައްވައިފައެވެ. އަދި މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. ރެފްރީން ތަމްރީނުކުރާ ކޯސްތައް މާލޭގައި ހިންގެވުމުގެ އިތުރަށް ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކުރައްވައި މައްލާ ވަނީ ރެފްރީން ތަމްރީނުކުރައްވައިފައެވެ. މިގޮތުން ސ. ހިތަދޫ، ސ. މަރަދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލައް، ލ. ފޮނަދޫ، ނ. ވެލިދޫ، ހދ. ކުޅުދުއްފުށި އަދި ހއ. ދިއްދޫގައި ރެފްރީން ކޯސްތައް މައްލާ ހިންގަވައިފައިވެއެވެ. ރާއްޖޭގައި މިހާރު ތިބި ފީފާ ރެފްރީންނާއި ސީނިއަރ ރެފްރީންނަކީ މައްލާގެ ދަރިވަރުންނެވެ. މީގެ އިތުރުން ދިވެހި އަންހެން ފުޓުބޯޅަ ރެފްރީން އުފައްދައި ތަމްރީނުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް، 2019 ގައި، މަސައްކަތް ފެއްޓެވީ ވެސް މައްލާއެވެ. މިގޮތުން މިހާތަނަށް 21 ކުދިންނަށް ކިޔަވައިދެއްވައި 11 ކުދިން ވަނީ ރެފްރީ ކޯހުން ފާސްވެ، ދަނޑަށް ނެރެފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ރާވައި ހިންގާ ގައުމީ ފެންވަރުގެ ހުރިހާ ފުޓުބޯޅަ މުބާރާތެއްގައި ރެފްރީން އެސެސްކުރެއްވުމުގެ މަސައްކަތް މިހާރުވެސް މައްލާ ކުރައްވައެވެ. އަދި ރެފްރީންނަށް މިހާރުވެސް ކިޔަވައިދެއްވައެވެ.

ރާއްޖޭގެ ފުޓުބޯޅަ ރެފްރީންގެ ބެޖެއް އެންމެ ފުރަތަމަ، 1969 ގައި، ފަރުމާކުރެއްވީ ވެސް މައްލާއެވެ. އަދި އޭގެ ފަހުން ވެސް ރެފްރީންގެ ހުރިހާ ބެޖެއް ފަރުމާކުރައްވައިފައި ވަނީ މައްލާއެވެ. އަދި 1982 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އުފެދުމުން އެފް.އޭ.އެމްގެ ލޯގޯ ފަރުމާކުރެއްވީ ވެސް މައްލާއެވެ.

މައްލާ ރެފްރީކަން ކުރެއްވި ބެޖުތަކާއި ބައެއް ކަށިގަނޑުތަކާއެކު ފޮޓޯއަކަށް މަޑުކޮށްލައްވައިގެން -އަދިވެސް ފޮޓޯ:

އެފް.އޭ.އެމްގެ އެންމެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީއަކީ ވެސް މައްލާއެވެ. އަދި މައްލާ ވަނީ އެފް.އޭ.އެމްގެ ރެފްރީޒް ކޮމިޓީގެ ސެކްރެޓަރީކަމާއި ވައިސް ޗެއާމަންކަމާއި ޗެއާމަންކަން ވެސް ކުރައްވައިފައެވެ. ޖުލައި 31، 2019 އިން ފެށިގެން މިހާރުވެސް މައްލާ ވަޑައިގަންނަވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޕްރެޒިޑެންޓްގެ އެޑްވައިޒަރުގެ މަގާމު އަދާކުރައްވަމުންނެވެ.

މައްލާގެ ހިތްވަރާއި ލޯބި: ތަފާތު ވާހަކަތަކެއް

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *