...

Support Us

ލަޔާން މުހައްމަދު ޝާމިން: ޓެނިސް ކުޅުމުގައި ތަފާތު ހުނަރެއް ދައްކާލި -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ލަޔާން: ބާސެލޯނާގައި ތަމްރީނު ހަދަމުން ރާއްޖޭގެ ޓެނިސް ޗެމްޕިއަންކަމަށް

މާލޭގައި ރޭ ނިމިގެންދިޔަ ބައިނަލްއަގުވާމީ ޓެނިސް މުބާރާތުން އެންމެ ބޮޑަށް ވިދާލި ކުޅުންތެރިޔަކީ މިއީކަން ޔަގީނެވެ. ހަ ގައުމުން 50 ކުޅުންތެރިން ބައިވެރިވި "މޯލްޑިވްސް ޓެނިސް ޗެލެންޖް- 2022″ގައި އުމުރުން 16 އަހަރުގެ ލަޔާން މުހައްމަދު ޝާމިން ވާދަކުރި ދެބައިންވެސް އޭނާ ވަނީ މޮޅަށް ކުޅެ، ޗެމްޕިއަންކަން ހޯދައި އެ ތަށިތައް ރާއްޖެއިން ބޭރަށްދިޔަނުދީ ހިފަހައްޓައިފައެވެ. ލަޔާނަށް ސާބަހާއި އައްސަރިބަސް ހައްގެވެ.

ރާއްޖޭގެ އިތުރުން އޮމާން، ބަހުރައިން، ސްރީލަންކާ، މެލޭޝިއާ އަދި ތައިލެންޑް ކުޅުންތެރިންގެ މެދުގައި މި މަހުގެ 15-21 އަށް ބޭއްވި މޯލްޑިވްސް ޓެނިސް ޗެލެންޖްގައި ލަޔާން އެންމެ ފުރަތަމަ ރަންމެޑަލް ކަށަވަރުކުރީ ޖޫނިއަރ އޯޕަން ޑަބަލްސް އިންނެވެ. ނޮކްއައުޓަށް ކުޅުނު ޑަބަލްސް ކެޓަގަރީގެ ފައިނަލްގައި ލަޔާނާއި ސާރާ އަހުމަދު އަކުރަމް ވާދަކުރީ އޮމާންގެ ރައްޔާނާއި ރާއްޖޭގެ ޒޯޔާ އަލީ ސުޒެއިނާއެވެ. ލަޔާނާއި ސާރާ ފައިނަލް މެޗު ކާމިޔާބުކުރީ، ސީދާ ދެ ސެޓުން، 5-3، 5-4 އިންނެވެ.

ޖޫނިއަރ އޯޕަން ޑަބަލްސް ފައިނަލްގައި ސާރާ އާއި ލަޔާން (ވ) -އަދިވެސް ފޮޓޯ: އަބްދުﷲ ސުޖާއު

އެއަށްފަހު، ޖުމްލަ ހަތް ކުދިން ބައިވެރިވި ޖޫނިއަރ އޯޕަން ސިންގަލްސްގެ ގްރޫޕު ސްޓޭޖުގައި އެއް މެޗުން ބަލިވި ނަމަވެސް އަނެއް ފަސް ކުޅުންތެރިން ބަލިކޮށް ލަޔާން ރަން މެޑަލް ހޯދިއެވެ. ސިންގަލްސް ފައިނަލްގައި ލަޔާނާ ވާދަކުރީ އޮމާންގެ އައިޝާ އަލް ބުދައިސީ އެވެ. އައިޝާ އަތުން ލަޔާން މޮޅުވީ ސީދާ ދެ ސެޓުން، 6-2، 6-3 އިންނެވެ. 

"މޯލްޑިވްސް ޓެނިސް ޗެލެންޖް-2022″ ފައިނަލްގައި ލަޔާން (ކ) އަދި އޮމާންގެ އައިޝާ އަލް ބުދައިސީ ކުޅެނީ -އަދިވެސް ފޮޓޯ: އަބްދުﷲ ސުޖާއު

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ވަރަށް އުފާވި ދެ ކެޓަގަރީންވެސް ލަޔާނަށް ޗެމްޕިއަންކަން ލިބުނީމާ،" ލަޔާން ބުންޏެވެ.

"މޯލްޑިވްސް ޓެނިސް ޗެލެންޖް"ގައި ވާދަކުރުމުގެ ކުރިން ލަޔާން ވަނީ ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފައެވެ. ނޮވެމްބަރު 3-10 އަށް ބޭއްވި އެ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ލަޔާން އާއި ނަބާ ނިޝާން ހޯދިއެވެ.

މި ދެ މުބާރާތުގައިވެސް ވާދަކުރި ދިވެހި ކުޅުންތެރިންނާ އަޅާބަލާއިރު، ލަޔާންގެ ކިބައިން ދެތިން ކަމެއް ފާހަގަކުރެވުނެވެ. އެއީ އޭނާގެ އިސްކޮޅާއި ރޫފަ ރަނގަޅުވުމާއި ވަރުބަލިވުމެއް ނެތް ކަމެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބެއްވެސް ވެއެވެ؛ އޭނާ ހޯދަމުން އަންނަ ތަމްރީނެވެ.

ލަޔާން އާއި އޭނާގެ އާއިލާ ދިރިއުޅެނީ ސްޕެއިންގައެވެ. ސްޕެއިނަކީ ދުނިޔޭގެ ޓެނިސް ރޭންކިންގައި އެއްވަނަ ގައުމެވެ. ފާއިތުވި ތިން އަހަރު ލަޔާން ވަނީ ބާސެލޯނާގައި ކިޔަވަމުން، އޯލެވެލް ހަދައި، އަދި ޓެނިސްގެ ހާއްސަ ތަމްރީނުތަކެއް ހަދައިފައެވެ.

ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްގައި ލަޔާން ކުޅެނީ -އަދިވެސް ފޮޓޯ: އަބްދުﷲ ސުޖާއު

"ސްޕެއިނަށް ބަދަލުވީ ލަޔާންގެ ކިޔެވުމަށާއި ޓެނިސް ޓްރެއިނިންއަށް ފުރުސަތު ތަނަވަސްކުރުމުގެ ގޮތުން،" ލަޔާންގެ ބައްޕަ މުހައްމަދު ޝާމިން ބުންޏެވެ. "މާލޭގައި، ބިލަބޮންގ ސްކޫލްގައި ކިޔެވިއިރުވެސް ލަޔާން އަންނަނީ ޓެނިހުގައި ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައި ވަރަށް ވިދަމުން. އޭރު އެ އުމުރުފުރާގެ ރޭންކިންގެ އެއްވަނައިގައި ލަޔާން އުޅުނީ. ލަޔާގެ ޓެނިސް ޓެލެންޓް ހުރިކަން އެނގުމުން އެކަމުގައި ކުރިއަށްދާން ރަނގަޅު ޓްރެއިނިން ފުރުސަތުތައް ތަނަވަސްކޮށްދޭން ވެގެން 2019 ގައި އާއިލާ އެއްކޮށް ބާސަލޯނާއަށް ބަދަލުވީ."

ލަޔާން އާއި އޭނާގެ ބައްޕަ މުހައްމަދު ޝާމިން… -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ގައުމީ ޓެނިސް މުބާރާތަށާއި މޯލްޑިވްސް ޓެނިސް ޗެލެންޖަށް ޝާމިނާއެކު ލަޔާން މާލެ އައީ ހުސްވި އޮކްޓޫބަރު މަހު ފަހުކޮޅުއެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޓަނޭޝަނަލް ޓެނިސް މުބާރާތުގައި ލަޔާން ހޯދި ކާމިޔާބުން އުންމީދު ވަރަށް އާވެއްޖެ. ވަރަށް އުފާވެއްޖެ. ރަނގަޅު ތަމްރީނެއް ދެވުން މީގެ މައިގަނޑު ސަބަބަކީ،" ޝާމިން ބުންޏެވެ. އަދި އޭނާ އިތުރުކޮށްލިއެވެ. "ބާސެލޯނާގައި އޮންނަނީ ހަމައެކަނި ޓެނިސް ކުޅުމެއް ނޫން. ހަފުތާއަކު ދެ ދުވަހު ސައިކޮލޮޖިކަލް ކޯޗެއް އައިސް މެންޓަލް ބައިވެސް ކިޔަވައިދޭނެ. އެހެންވެ މެޗަށް ތައްޔާރުވުމާއި ކުޅުމުގެ ތެރޭގައި ވިސްނަންޖެހޭ ގޮތާއި ކަންކަން ހައްލުކުރުމަށް ނަފްސާނީ ގޮތުން ވެސް ލަޔާނަށް ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެ."

ބާސެލޯނާގެ ބްރިޓިޝް ކޮލެޖް އޮފް ގާވާގައި ކިޔަވަމުން މި އަހަރު މޭ/ޖޫންގައި ލަޔާން ވަނީ އޯލެވެލް ހަދައިފައެވެ. ލަޔާން ބުނި ގޮތުގައި ކިޔަވަމުން، ހަފުތާއަކު ފަސް ދުވަހު، ދުވާލަކު ހަތަރު ގަޑިއިރު އޭނާ ޓެނިސް ތަމްރީނު ހަދައެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު އެއް ގަޑިއިރު ފިޓްނަސް ޓްރޭނިން ހަދައެވެ. 

"ކުޅުމާއެކު ޖިމް އަދި ސައިކޮލޮޖިކަލް ތަމްރީނުތައްވެސް ހަދަން،" ލަޔާން ބުންޏެވެ. "ހުރިހައި ގޮތަކުން ވަރަށް ފިޓްވެގެން އެއްވެސް ކުޅިވަރެއް ރަނގަޅަށް ކުޅެވޭނީ."

ލަޔާން ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް ހެނދުނު 8-10 އަށް އޮންނަނީ ޓެނިސް ކޯޗިންއެވެ. އަދި 10-11 އަށް ޖިމްއެވެ. ސްކޫލަށް ދަނީ 11 އިން 3.45 އަށެވެ. އަނެއްކާ ހަވީރު 4-6 އަށް ޓެނިސް ކޯޗިންއެވެ.

ލަޔާން ޓެނިސް ޓްރެއިނިން ހަދަނީ ބާސެލޯނާ ޓެނިސް އެކަޑަމީން ހަމަޖައްސައިފައި ހުންނަ ކޯޗަކާއެކު، އަންޑްރެސް ޖިމެނޯ ޓެނިސް ކްލަބުގައެވެ.

"މޯލްޑިވްސް ޓެނިސް ޗެލެންޖް-2022″ ފައިނަލްގައި ލަޔާން ކުޅެނީ -އަދިވެސް ފޮޓޯ: އަބްދުﷲ ސުޖާއު

ލަޔާން 2019 ގައި ބާސެލޯނާއަށް ގޮސް ޓެނިސް ކްލަބުގައި ބައިވެރިވެގެން ކުޅެން ފެށިއިރު އޭނާ ހިމެނުނީ ބާސެލޯނާގެ ރޭންކިންގެ 2،700 ވަނައިގައެވެ. ނަމަވެސް މިހާރު އޭނާ ހިމެނެނީ ބާސެލޯނާ ރޭންކިންގެ 446 ވަނައިގައެވެ. އަދި ބާސެލޯނާގެ 16 އަހަރުންދަށުގެ ރޭންކިންގެ 29 ވަނައިގައެވެ.

ލަޔާން ހުރީ މޮޅު ޓެނިސް ކުޅުންތެރިއަކަށް ވާން ބޭނުންވާ ވަރަށް، ތައުލީމީ ދާއިރާއިން ވެސް މޮޅު ކުއްޖަކަށް ވުމުގެ އަޒުމުގައެވެ. އޭނާ ބޭނުންވަނީ ސައިކޮލޮޖީގެ ދާއިރާއިން ކުރިއަށްދާށެވެ.

"އާޓްގެ (ކުރެހުމުގެ) ދާއިރާއިން ވެސް ކުރިއަށް ދާހިތްވޭ. އެކަމަކު އެންމެ ބޮޑަށް ބޭނުންވަނީ ޔުނިވާސިޓީއަކަށް ގޮސް ސައިކޮލޮޖީގެ ދާއިރާއިން ކިޔަވަން،" ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިޔާ މަރުހޫމު ސަރުދާރު ދޮންމަނިކަށް ކާފަ ކިޔާ ލަޔާން ބުންޏެވެ. "އެކަމަކު ކިޔެވޭނީ އެކަމަށް ބޭނުންވާ ފަންޑިން ވެސް ލިބިއްޖެ ނަމަ ދޯ."

ލަޔާން (ވ-2) އޭނާގެ މަންމަ އާއި ބައްޕަ އަދި ކާފަ ސަރުދާރު ދޮންމަނިކާއެކު 2019 ސެޕްޓެމްބަރުގައި -އަދިވެސް ފޮޓޯ: އަބްދުﷲ ސުޖާއު

ލަޔާންގެ ކުރިއެރުމާއި ކާމިޔާބީ ޓެނިސް އެސޯސިއޭޝަނުން ވެސް ވަރަށް ބޮޑަށް ފާހަގަކުރެއެވެ.

"ތިން އަހަރުގެ ބްރޭކަކަށްފަހު ލަޔާން ރާއްޖެ އައިސް މިތާނގައި ޓޯނަމެންޓެއް މި ކުޅުނީ. އޭނާ ޕްރޫވްކޮށްދީފި އޭނާގެ ފެންވަރު. އޭނާގެ ސްޓްރެންތު އެބަހުރި، އަދި ޓެނިސް ކުޅޭނެ ހައިޓު (އިސްކޮޅު) ވެސް ނެޗުރަލީ އެބަހުރި. އޭނާގެ (ބާސެލޯނާ) ޓްރެއިނިންގެ ރިޒަލްޓް ފެނިއްޖެ،" ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އަދި މިހާރު ޓެނިސް އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓް މުހައްމަދު އަމީން ވިދާޅުވިއެވެ.

އަމީން އަދި ވިދާޅުވިއެވެ.

"ދޭއްޗެއް މީގައި ފާހަގަކޮށްލަން ބޭނުންވަނީ. އެކައްޗަކީ އަހަރުމެންގެ އެކްސްޕެކްޓޭޝަނަށް އޭނާ އެކަން ކޮށްދީފި. ރާއްޖެއަށް ވަރަށް ރީތި ނަން ހޯދައިދީފި. އޭނާ ކުޅުނު ދެ ކެޓަގަރީންވެސް އޭނާ ޗެމްޕިއަންކަން ހޯދައިފި. ދެވަނަ ކަމަކީ، އޭނާއަކީ ޓެނިސް ކެރިއަރެއް ކުރިއަށް ގެންދެވޭނެ ކަހަލަ ކުއްޖެއް. ވާހަކައަކީ ކިތަންމެ ވަރަކަށް ކުޅެން އުޅުނަސް އެ ފިޒީކް (ޖިސްމާނީ ދުޅަހެޔޮކަން) ހުންނަންޖެހޭނެ. އޭނާއަކީ ފިޒީކުވެސް ނެޗުރަލީ ލިބިފައި ހުރި ކުއްޖަކަށް ވާތީ، ޝީ ހޭސް އަ ގްރޭޓް ޓެނިސް ފިއުޗަރ."

ނިމިގެންދިޔަ "މޯލްޑިވްސް ޓެނިސް ޗެލެންޖު"ގެ ތަށިތައް ރާއްޖެއިން ބޭރަށްދިޔަނުދީ ލަޔާން ހިފެހެއްޓި ނަމަވެސް، ލަޔާން ރާއްޖެއިން ބޭރަށް ދިޔަނުދީ ހިފެހެއްޓޭކަށް އެކަކަށް ވެސް ނެތެވެ. ޓެނިސް ދެ މުބާރާތުގައި ވާދަކުރުމަށާއި އާއިލާގެ މެމްބަރުންނަށް ޒިޔާރަތްކޮށްލުމަށް ލަޔާން ރާއްޖެއަށް ކުރި ދަތުރު ނިންމާލައިފައި އެނބުރި ބާސެލޯނާއަށް ދާން އޭނާ ހުރީ ކެތްމަދުވެފައެވެ. ތަށިތަކާއި ރަން މެޑަލްތައް ހިފައިގެން ލަޔާން އަންނާނެ އިރެއްގެ އިންތިޒާރުގައި އޭނާގެ މަންމަ އާއި ކޮއްކޮ ބާސެލޯނާގައި ތިބީމައެވެ. ލަޔާންގެ ކާމިޔާބީގެ ފަހަތުގައި ހުރެ އެންމެ ބޮޑު ހިތްވަރެއް ދެނީ އޭނާގެ މަންމަ، ނާސިހާ ޚާލިދެވެ. ބައްޕަ ޝާމިންއެވެ. ކޮއްކޮ ލާރާ އެވެ. ދެން އާއިލާއެވެ.

ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްގައި ލަޔާން ކުޅެނީ -އަދިވެސް ފޮޓޯ: އަބްދުﷲ ސުޖާއު

އަދި ނުނިމެއެވެ. ލަޔާންގެ ތިޔަ ބައިނަލްއަގުވާމީ ކާމިޔާބީއަށް ހުރިހައި ދިވެހިން ވެސް ފަޚުރުވެރިވެއެވެ. ރާއްޖެއަށް އަދިވެސް ރީތި ނަން ހޯދައިދިނުމަށްޓަކައި މޮޅަށް ކިޔަވައި، މޮޅަށް ތަމްރީނުވެގެން އަލުން އެނބުރި އަންނައްޗެވެ. މިތިބީ އިންތިޒާރުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *