ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހޯދައިފިއެވެ.
މިރޭ ކުޅުނު ފައިނަލްގައި އީގަލްސާ ވާދަކޮށް މާޒިޔާ ތަށި އުފުލައިލީ 2-0 އިން މޮޅުވެގެންނެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ވާދައިގެ ތަށްޓާއި، މެޑަލް ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ވަނީ 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ބޭނުންކުރާ ޖަރޒީއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ. އެ ޖާޒީގައި ޖަހައިފައިވާ ނަންބަރަކީ 23 އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ 69 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1946 ވަނަ އަހަރުގައެވެ.