މި ޙަފްލާގައި، "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" ލިބިވަޑައިގެންނެވި ފަސް ބޭފުޅުންގެ އެވޯޑާއި "ސްޕޯޓްސް އައިކަން އެވޯޑް" ލިބިވަޑައިގަތް އަށް ބޭފުޅުންނަށާއި "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ލިބިވަޑައިގެންނެވި 16 ބޭފުޅުންނަށް، އަދި ސްޕޯޓްސްމަން އޮފް ދަ އިއަރ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއަރގެ އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ކުޅިވަރުގެ ދާއިރާއިން ދޭ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ދެއްވާ އެވޯޑެކެވެ. ސްޕޯޓްސް އައިކަން އެވޯޑަކީ މި އެވޯޑް ޙަފްލާއަށް ވަޑައިގެންނެވި، ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގެ އެތައް ކާމިޔާބީތައް ހޯދައި އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ. ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް މުޖުތަމަޢަށް ހެޔޮބަދަލު ގެނެސްދިނުމަށް މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ އެވޯޑެކެވެ.

މިއަހަރު ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު ދެއްވާފައި ވަނީ، އަލްމަރްޙޫމް ސަމަރު ބުލޫ އިބްރާހީމް މަނިކަށާއި އަލްމަރްޙޫމް އަޙްމަދު ރިޒާ (ތަރަބޫޒް ރިޒާ) އަށާއި، އަލްމަރްހޫމް އަޙްމަދު މަނިކު (ލޯޖެހި އަޙުމަދު މަނިކު)އަށާއި، އަޙުމަދު ވަޙީދު (ކްއީން ވަޙީދު) އަށާއި، މައްލާ ޅަތުއްތު އަށެވެ. އަދި ނައިޖީރިއާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ސަންޑޭ އަކިން ޑާރޭއަށް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ޙަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް"އަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާއެވެ. "މޯލްޑިވްސް ސްޕޯޓްސް އެވޯޑް" ތަޢާރަފްކޮށް ފުރަތަމަ އެވޯޑް ޙަފްލާ ބާއްވާފައި ވަނީ މިދިޔަ އަހަރުގައެވެ.