Support Us

1000 ދީނާރު..!

ބަނީ އިސްރާއީލުންގެ ތެރެއިން ދެ މީހެކެވެ. އެތަނުން އެކަކު އަނެއްމީހާގެ ގާތުގައި ބުންޏެވެ. އަހަންނަށް 1000 ދިނާރުގެ ދަރަންޏެއް ދީބަލާށެވެ. އެހިނދު ދަރަނި ދޭމީހާ ބުންޏެވެ. "މިކަމަށް ހެކިވާނެ ހެކިވެރިޔަކީ ކާކުހެއްޔެވެ؟ ހެކިވާނެ ހެކިވެރިޔަކު ހުށަހަޅާށެވެ."

ޖަވާބުގައި، ދަރަންޏަށް އެދުނު މީހާ ބުންޏެވެ. "ހެކިވާނެ ހެކިވެރިއެއްގެ ގޮތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ފުދިގެންވެއެވެ."

ދަރަނި ދޭމީހާ ބުންޏެވެ. "އެހެންވެއްޖިޔާ ކަލޭގެ ފަރާތުން މި ދަރަންނަށް ގެރެންޓީ ދޭނެ މީހަކީ ކޮބައިހެއްޔެވެ؟ ގެރެންޓީ ދޭނެ މީހަކު ބޭނުންވާނެއެވެ."

ދަރަންޏަށް އެދުނު މީހާ ބުންޏެވެ. "މިދަރަންނަށް ގެރެންޓީ ދޭ ފަރާތެއްގެ ގޮތުގައިވެސް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ފުދިގެންވެއެވެ."

ކޮންމެއަކަސް ދަރަނިދޭ މީހާ މިކަމާ އެއްބަސްވިއެވެ. އަދި ބުންޏެވެ. "ތިޔަ ބުނީ ތެދެކެވެ." އެއަށްފަހު 1000 ދީނާރު އެމީހާއަށް ދީފައި ދަރަނި އަދާކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިއެވެ.

އެއަށްފަހު ފައިސާ ނެގި މީހާ ކަނޑު ހުރަސްކޮށް އޭނާގެ ރަށަށް ދަތުރުކޮށްފިއެވެ. އަދި އޭނާ ކުރަންދިޔަ މަސައްކަތް ނިންމައިލުމަށްފަހު، ދަރަނި އަދާކުރަންޖެހޭ ވަގުތަށް ދަރަނި އަދާކުރުމަށްޓަކައި އެނބުރި އެރަށަށް ދެވޭނެ ފަސޭހަ މަގެއް ފެނޭތޯ ހޯދައި ބެލިއެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ ވަގުތަށް އެރަށަށް ދެވޭނެ އެއްވެސް އަލިމަގެއް އޭނައަކަށް ނުފެނުނެވެ. އެހެންކަމުން އޭނާ ލަކުޑިގަނޑެއް ހޯދައި އޭގެ އެތެރެކޮނެ ލޯވަޅެއް އެޅިއެވެ. އަދި 1000 ދީނާރާ އެކު ދަރަނި ދިން މީހާއަށް ސިޓީއެއް ލިޔެފައި އެ ލަކުޑިގަނޑުގެ ތެރެއަށް ލިއެވެ. އަދި ފެން ނުވަންނާނޭހެން ވަރަށް ރަނގަޅަށް ބަންދުކުރިއެވެ.

އެއަށްފަހު އެ ލަކުޑިގަނޑު ހިފައިގެން މޫދުގެ އައްސޭރިއަށް ނުކުތެވެ. އަދި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތަށް ދެންނެވިއެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާ އެވެނި މިވެނި މީހެއްގެ އަތުން ދަރަންޏަށް 1000 ދީނާރު ނެގިކަން އިނބަރަސްލާނގެ މޮޅަށް ދެނެވޮޑިގަންނަވާނެއެވެ. އަދި އޭނާ ހެކިވެރިޔަކު ހުށަހެޅުމަށް މިއަޅާގެ ފަރާތުން އެދުނު ހިނދު ހެކިވެރިއެއްގެ ގޮތުގައި އިނބަރަސްކަލާނގެ ފުދިގެންވާ ކަމަށް މިއަޅާ ހުށަހެޅީމެވެ. އޭނާ ވަނީ ހެކިވެރިއެއްގެ ގޮތުގައި އިނބަރަސްކަލާނގެ ޤަބޫލުކޮށްފައެވެ. އަދި މިއަޅާގެ ފަރާތުން ގެރެންޓީދޭނެ ފަރާތެއް ދެއްކުމަށް އޭނާ އެދުނެވެ. އެހިނދުވެސް ގެރެންޓީދޭނެ ފަރާތެއްގެ ގޮތުގައި ވެސް މިއަޅާ ވަނީ އިނބަރަސްކަލާނގެ ފުދިގެންވާ ކަމަށް އޭނާ ގާތު ބުނެފައެވެ. އަދި އޭނާ ވަނީ ގެރެންޓީ ދޭ ފަރާތެއްގެ ގޮތުގައިވެސް އިނބަރަސްކަލާނގެ ޤަބޫލުކޮށްފައެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިދަރަނި އަދާކުރުމަށްޓަކައި ފަސޭހަ މަގަކުން އެ ރަށަށް ދެވޭނެ އެއްވެސް މަގެއް މިއަޅާއަކަށް ނުފެނެވެ. އެހެންކަމުން، މިފައިސާ އިނބަރަސްކަލާނގެ ބެލެހެއްޓެވުމުގެ ދަށަށް މިއަޅާ ދޫކޮށްލަމެވެ." މިހެން ބުނުމަށްފަހު މީނާ އެ ލަކުޑިގަނޑު ކަނޑަށް ދޫކޮށްލައިފިއެވެ. އަދި އެ ލަކުޑިގަނޑު އޮޔާ ގޮސް ލޮލުކޮޅަށް ނުފެންނަ ހިސާބަށް ދިއުމުން އޭނާ އެނބުރި ހިނގައްޖެއެވެ.

އޭގެފަހުން އަނެއްކާވެސް ދަރަނި ދިން މީހާގެ ރަށަށް ދެވޭނެ މަގެއް ފެނޭތޯ އޭނާ މަސައްކަތް ފެށިއެވެ. އެފަދައިން ދަރަނި ދިން މީހާވެސް ދިޔައީ، ދަރަނި އަދާކުރަން ކަނޑައެޅިފައިވާ މުއްދަތު ޖެހުމުން އޭނާގެ ފައިސާކޮޅު ހިފައިގެން އެއްވެސް ނަވެއް އާދޭތޯ ބަލަމުންނެވެ. އެގޮތުން އެއް ދުވަހަކު ނަވެއް އާދޭތޯ ބެލުމަށްޓަކައި އޭނާ އަތިރިމައްޗަށް ނުކުތެވެ. އެހިނދު މޫދުތެރެއިން އެއްކަލަ ލަކުޑިގަނޑު އޭނާއަށް ފެނުނެވެ. އެހެންކަމުން ގޭގައި ދަރަށް ބޭނުން ކޮށްލުމަށްޓަކައި އެ ލަކުޑިގަނޑު އޭނާ ގެއަށް ގެންދިޔައެވެ. އަދި އަލިފާން ރޯކުރުމަށްޓަކައި އޭނާ އެލަކުޑިގަނޑު ފަޅައިލިއެވެ. އެހިނދު އޭގައި ރައްކާކޮށްފައިވާ 1000 ދީނާރާއި ސިޓީ އޭނާއަށް ފެނުނެވެ.

ކޮންމެއަކަސް މި ހާދިސާ ހިނގިތާ މާކަ ގިނަ ދުވަހެއް ނުވަނީސް، ދަރަނި ނެގި މީހާ އަނެއްކާވެސް އެ ރަށަށް ދިޔައެވެ. އަދި 1000 ދީނާރު ހިފައިގެން ގޮސް ދަރަނިދިން މީހާއާ ބައްދަލުކޮށްފައި ބުންޏެވެ. "މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ކަލޭގެ ދަރަނި އަދާކުރުމަށްޓަކައި މިރަށަށް އަންނަ ނަވެއް ފެނޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އަހަރެން މި އައި ނަވަށް ވުރެ ކުރިން މިރަށަށް އަންނަ އެއްވެސް ނަވެއް އަހަންނަކަށް ނުފެނުނެވެ."

އެހިނދު ދަރަނި ދިންމީހާ ބުންޏެވެ. "ކަލޭ އެއްވެސް އެއްޗެއް އަހަރެންނަށް ފޮނުވިން ހެއްޔެވެ؟" ދަރަނި ނެގި މީހާ ބުންޏެވެ. "އަހަރެން ކުރިން ބުނި ފަދައިން، މިއަށްވުރެ ކުރިން މިރަށަށް އަންނާނޭ އެއްވެސް މަގެއް އަހަންނަކަށް ނުފެނުނެވެ."

ދަރަނި ދިން މީހާ ބުންޏެވެ. "ކަލޭ ލަކުޑިގަނޑަކަށް ލާފައި އަހަރެންނަށް ފޮނުވި ފައިސާ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލަަ އަހަރެންނަށް ރައްދުކޮށް ދެއްވައިފިއެވެ. އެހެންކަމުން ކަލޭ ތިޔަ ގެނައި 1000 ދީނާރު ކަލޭ އަތުގައި ބާއްވާށެވެ. އަދި ތެދުމަގުގައި ސާބިތުވެ ހުރެ ކަލޭގެ ރަށަށް އެނބުރި ދާށެވެ."

އިބުރަތް: މިވާހަކައިން އަޅުގަނޑުމެންނަށް ލިބިގެންދާ އެންމެ ބޮޑު އިބުރަތަކީ ކޮންމެ ކަމެއްގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވަކީލްކުރުމުގެ މުހިންމު ކަމެވެ. އަދި އެކަލާނގެ ހަޟުރަތަށް ފުރިހަމަޔަށް އިތުބާރުކުރާ އަޅަކަށް އެކަލާނގެ ކާމިޔާބު ދެއްވާނެކަމެވެ. އަދި މުސްލިމުން އެކަކު އަނެކަކަށް އިތުބާރުކުރުމުގެ ރިވެރި ސިފައާއި އެކަކު އަނެކެއްގެ ދަރަނި އަދާކުރުމަށް އިސްކަންދޭ މިންވަރެވެ.

މަސްދަރު:
1- މި ވާހަކައަކީ މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺގެ ފަރާތްޕުޅުން އަބޫ ޙުރައިރާ رضي الله عنه ރިވާ ކުރައްވާފައިވާ ހަދީޘްއެއްގައި އެކުލެވިގެންވާ ވާހަކައެކެވެ. (ސަޙީޙް އަލް ބުޚާރީ 2291)
2- عمدة القاري ވޮލުޔުމް 9 ގެ ޕޭޖް 99

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *