Support Us

ރައީސް އަބްދުﷲ ޔާމީން ގޭގެ ކުޑަދޮރުން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ -އަދިވެސް ފޮޓޯ:

ރައީސް ޔާމީންގެ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް މިނިވަންކޮށްފި

19:40

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމުގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ހައި ކޯޓުން އެ މަނިކުފާނު ދެންމެ މިނިވަންކޮށްފިއެވެ.

ހުކުމް އިއްވަވަމުން، ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލްގެ ހުކުމުގައި ޝަރީއަތާ ބެހޭ ގާނޫނުތަކާއި އުސޫލްތަކާ ޚިލާފަށް "ރޯމަރު ގޯސްތައް ހަދައިފައި"ވާތީ އެ ހުކުމް ބާތިލްކޮށް، އަލުން މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް ފޮނުވާ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް 11 އަހަރަށް ރައީސް ޔާމީން މާފުށީ ޖަލަށް ލީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވުނީ އެހެންވެގެންނެވެ.

އޭގެ ކުރިން، 2019 ވަނަ އަހަރު ވެސް ރައީސް ޔާމީން ވަނީ ރިޝްވަތުގެ މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލައިފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް ރައީސް ޔާމީން މިނިވަންކޮށްފައެވެ.

މި ދެ ހުކުމުގައި ރައީސް ޔާމީން ވަނީ މާފުށީ ޖަލުގައި 1،049 ދުވަސް ހޭދަކުރައްވައިފައެވެ.

ރައީސް ޔާމީނަށް 2019 ގައި ފަސް އަހަރުގެ ޖަލު ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު 2020 ގައި ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ޕްރޮމޯޓުކޮށްފައެވެ. އަދި ރައީސް ޔާމީނަށް 2022 ގައި 11 އަހަރުގެ ޖަލު ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް 2023 ގައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޕްރޮމޯޓުކޮށްފައެވެ.

އާރަށު މައްސަލައިގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ރައީސް ޔާމީން ހ. ދޫވެއްސަށް ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު ފުރަތަމަ ދުވަހުއެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ސެޕްޓެމްބަރު 30ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށް ފަހު، އެ ރޭ ދެއްވި ފުރަތަމަ މީޑިއާ ބަޔާނުގައި، "ގައުމުގެ މަސްލަހަތަށްޓަކައި ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދެއްވުމަށް" ރައީސް ސޯލިހަށް އިލްތިމާސްކުރެއްވުމާ ވިދިގެން، ޖެހިގެން އައި ދުވަހުއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރި ނަމަވެސް ފަހުން ވަނީ، ބައެއް ޝަރުތުތަކާއެކު، މާލެތެރެއަށް ނުކުންނެވުމުގެ ހުއްދަ ވެސް ސަރުކާރުން ދީފައެވެ. އެއާއެކު، ކަރެކްޝަންސްގެ އުސޫލްތަކާ ހިލާފަށް، ސިޔާސީ އެކިއެކި ހަރަކާތްތަކުގައި ވެސް އެ މަނިކުފާނު ގެންދެވީ ފާޅުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުން މި ނިންމީ، އެ މައްސަލައިގެ އަޑުއެހުންތައް ބާއްވައި، ހުކުމާ ހަމައަށް ގޮސްފައި އޮންނަތާ އެތައް މަހެއް ވެފައި ވަނިކޮށެވެ. އެކަމާ ކަންބޮޑުވެވަޑައިގެން، އެ މައްސަލަ އަވަސްކޮށްދެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެތައް ފަހަރަކު ވަނީ ހައިކޯޓުގައި އެދިވަޑައިގެންފަ އެވެ. އެ މައްސަލާގެ ޝަރީއަތް ނުބޭއްވެނީ ހައިކޯޓުގެ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުން ކަމަށް ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *