Support Us

އިބުލީހާއި އަޅުވެރިޔާ!

އެއީ ބަނީ އިސްރާއީލުންގެ ތެރޭގައި އުޅުނު ވަރަށް މާތް އަޅުވެެެރިއެކެވެ. ހުރިހާ ވަގުތެއްގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އަޅުކަންކޮށް އެކަލާނގެ ހަނދުމަކޮށް ޛިކުރުކުރުމުގައި އަވަދިނެތި އުޅެމުން ދިޔަމީހެކެވެ.

އެއްދުވަހަކު މިއަޅުވެރިޔާގެ ގާތަށް ބަނީ އިސްރާއީލުންގެ ޖަމާއަތެއްގެ ބަޔަކު އައިސް ބުނެފިއެވެ. "އޭ ސާހިބާއެވެ. ކައިރި ޤަބީލާއެއްގެ ބަޔަކު މިތާ ކައިރީ ހުރި ގަހަކަށް އެބަ އަޅުކަންކުރެއެވެ." ފަހެ މިވާހަކަ އަޑުއިވުމާ އެކު އަޅުވެރިޔާ ވަރަށް ދެރަވިއެވެ. އަދި ބޮޑު ފުރޮއެއް ކޮނޑަށް ލައިގެން އެގަހާ ދިމާލަށް ހިނގައިގެންފިއެވެ. އަދި ބުންޏެވެ. "މާތްﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހުރެން މިއަދު އެގަސް ކަނޑާލާހުށީމެވެ."

ކޮންމެއަކަސް އަޅުވެރިޔާ އެގަސް ކަނޑާލަން ދިޔަމަގުމަތީގައި، މުސްކުޅި ފިރިހެނެއްގެ ސިފައިގައި އިބުލީސް އައިސް އަޅުވެރިޔާއާ ބައްދަލުކުރިއެވެ. އިބުލީސް ބުންޏެވެ. "ކަލޭ ތިޔަ އުޅެނީ ކީތްކުރަންހެއްޔެވެ؟" އަޅުވެރިޔާ ބުންޏެވެ. "އަހުރެން މިއުޅެނީ މާތްﷲ ފިޔަވައި މީސްތަކުން އަޅުކަން ކޮށް އުޅޭ ގަސް ކަނޑާލާށެވެ." އެހިނދު އިބުލީސް ބުންޏެވެ. "އެގަހަކާ ކަލޭއަކާ ކޮންކަމެއް ހެއްޔެވެ؟ އެކަމާ ކަލޭ ފިކުރުބޮޑުވާނެ ކަމެއްނެތެވެ. ގަސްކަނޑާލަން ވަގުތު ބޭކާރު ކުރުމަށްވުރެ މާތްﷲ އަށް އަޅުކުރުމުގައި އެވަގުތުކޮޅު ހޭދަކުރުން ކަލެއަށް މާ ހެޔޮކަންބޮޑުވެގެން ވެއެވެ." ޖަވާބުގައި އަޅުވެރިޔާ ބުންޏެވެ. "މިވެސް މާތްﷲގެ މަގުގައި ކުރާ ހެޔޮކަމެކެވެ." އެހިނދު ޝައިތޯނާ އަޅުވެރިޔާ އަށް އެކަން މަނާކޮށް އޭނާ ހުއްޓުވަން މަސައްކަތްކުރިއެވެ. އަދި އެކަންތައް ބޮޑު ޒުވާބަކަށް ބަދަލުވެ އެންމެ ފަހުން ދެމީހުން އަރައިރުންވެ ގަޔަށް އަތްލައި އޮޅުލައިގަތެވެ. ނަމަވެސް އަޅުވެރިޔާ ޝައިތޯނާ ބިންމައްޗަށް ވައްޓާލައި އޭނާގެ މައްޗަށް ގަދަވެގަތެވެ. އެހިނދު އަޅުވެރިޔާ ކިބައިން ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތުމުން އަލުވެރިޔާ ގާތުގައި ޝައިތޯނާ އާދޭސްކުރަން ފެށިއެވެ. މި މަކަރުވެރި އާދޭސްތަކަށް ހެއްލި އަޅުވެރިޔާ ޝައިތޯނާ ދޫކޮށްލިއެވެ.

ހަމަ ދޫކޮށްލުމާއެކު އަނެއްކާވެސް ޝައިތޯނާ ބުންޏެވެ. "މާތްﷲ ތިބާގެ މައްޗަށް ތިޔަ ގަސް ކަނޑަން ފަރުޟު ނުކުރައްވައެވެ. އަދި ތިގަސް ކަނޑާނުލިޔަސް ތިބާއަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތެވެ. ތިޔައީ ކޮންމެހެން ބޭނުން ކަމެއްނަމަ މާތްﷲ ފޮނުއްވި ކޮންމެވެސް ރަސޫލު ބޭކަލަކު ތިޔަކަންތައް ކުރެއްވީހެވެ." ނަމަވެސް އަަޅުވެރިޔާ އިބުލީސް ދައްކާ އެއްވެސް ވާހަކަޔަކަށް ސަމާލުކަން ނުދެއްވައި ގަސް ކެނޑުމުގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. އެ ހިނދު އަނެއްކާވެސް އިބުލީސް އަޅުވެރިޔާގެ މަސައްކަތަށް ހުރަސްއެޅިއެވެ. އަދި ޒުވާބުކޮށް އަރައިރުންވެ އަނެއްކާވެސް ދެމީހުން ތަޅައިފޮޅައިގަތެވެ.

މިފަހަރުވެސް އިބުލީހުގެ މަށްޗަށް އަޅުވެރިޔާ ގަދަވެގަތެވެ. އަދި އިބުލީސް ބިންމައްޗަށް ވައްޓާލައި ނޭވާނުލެވޭ ވަރުކޮށްލިއެވެ. ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތުމުން އިބުލީސް އާދޭސްކުރަން ފެށިއެވެ. ނަމަވެސް ހަމަ ދޫކޮށްލުމާ އެކު ބުންޏެވެ. "ތިޔަގަސް ކަނޑައިނުލައި ދޫކޮށްލާށެވެ. އަހުރެން ތިޔަށްވުރެ ފައިދާ ހުރި ކަމެއް ކަލެއަށް ހުށަހަޅާފާނަމެވެ. ކަލެއަކީ ނުލާހިކު ފަޤީރު މީހަކީމުއެވެ. އެހެން ކަމުން އަހުރެން ކޮންމެ ދުވަހަކު ކަލެއަށް ރަނުގެ ތިން ފައިސާފޮތި ދޭނަމެވެ. އަދި ކަލޭ ހޭލާއިރު ބާލީސްދަށުގައި އެފައިސާ ހުންނާނެ ގޮތް ހަމަޖައްސައިދޭނަމެވެ. އޭރުން އެ ފައިސާއިން ކަލޭގެ ތިމާގެ މީހުންނަށް ޚަރަދުކޮށް ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ ސޮދަގާތްކޮށް އެހެނިހެން ބޭނުންތައް ފުއްދާލެވޭނެއެވެ. އެހެން ނޫނަސް ގަސް ކެނޑުމަކީ ބޭކާރުކަމެކެވެ. ކަލޭ ގަސް ކަނޑާލިޔަސް މާދަމާ އެމީހުން އަނެއްކާ އާގަހެއް އިންދާނެއެވެ."

އިބުލީސް މިހެން ބުނުމުން އަލުވެރިޔާ އެގަސް ނުކަނޑައި ގެޔަށް ހިނގައްޖެއެވެ. ފުރަތަމަ ދުވަހު ހޭލިއިރު ބާލީސްދަށުގައި ތިން ދީނާރު އޮތެވެ. އަދި ދެވަނަ ދުވަހުވެސް ތިން ދީނާރު އޮތެވެ. ނަމަވެސް ތިންވަނަ ދުވަހަކު ދީނާރެއް ނެތެވެ. އެހިނދު އަޅުވެރިޔާ އިންތިހާއަށް ރުޅިއައިސް ފުރޯ ހިފައިގެން އެގަހާ ދިމާލަށް ހިނގައިގަތެވެ. އަދި ކުރީ ފަހަރުވެސް ބައްދަލުވި މުސްކުޅ މީހާއާ ބައްދަލުވެގެން ސުވާލިކުރިއެވެ. "ފުރޯ ހިފައިގެން ކަލޭ ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟" އެހިނދު އަޅުވެރިޔާ ހަޅެއްލަވައިގެންފައި ބުންޏެވެ. "މިދަނީ ﷲ ފިޔަވައި މީސްތަކުން އަޅުކަންކުރާ ގަސްކަނޑާލާށެވެ."

އިބުލީސް ބުންޏެވެ. ތިބާ ތިޔަހެދީ ދޮގެކެވެ. އަހުރެން ކަލޭއަކަށް ތިޔަކަމެއް ވިޔަކަ ނުދޭނަމެވެ. މިހެން ކިޔާފައި އަޅުވެރިޔާ ގަސްކަނޑަން ފުރޮއިން ހަމަ ޖަހާއިރަށް އިބުލީސް އޭނާ ގައިގައި ބައްދައިގަނެ ގުޅަވަރަކަށް ބިންމައްޗަށް ވައްޓާލިއެވެ. އަދި ކަރުގައި ހިފައި ނޭވާނުލެވޭ ވަރުކޮށްލާފައި ބުންޏެވެ. "އަހަންނަކީ ކާކުކަން ކަލެއަށް އެނގިއްޖެހެއްޔެވެ؟ އަހަންނަކީ ޝައިތޯނާއެވެ. ފުރަތަމަ ފަހަރު ކަލޭ ގަސްކަނޑަން އައީ މާތްﷲގެ ވަޖުހުފުޅަށްޓަކައެވެ. އެހެންކަމުން އަހަންނަށް ކަލޭގެ މައްޗަށް ބާރުނުފޯރުވުނީއެވެ. އަދި ތިން ދީނާރުގެ ދަޅައިގައި ކަލޭ ހައްލާލީ އެހެންވެއެވެ. އެކަމަކު މިހާރު ކަލޭ ތިއައީ ދީނާރުކޮޅުގެ ދަހިވެތިކަމުގައެވެ. އެހެންވެ އަހުރެން ކަލޭގެ މައްޗަށް ގަދަވެގަތީއެވެ."

އިބުރަތް: މިވާހަކައިން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އިބުރަތެއް ލިއްބައިދެއެވެ. އެގޮތުން މާތްﷲގެ ވަޖުހުފުޅަށްޓަކައި ކުރާ އަމަލުތަކުގައި އެކަލާނގެ ބަރަކާތްލައްވައި ވާގިވެރިވެވޮޑިގެންވާނެ ކަމެވެ. ނަމަވެސް ދުނިޔެވީ ފައިދާއަށްޓަކައި ކުރާ ކަންކަމަކީ ގެއްލެނިވެގެންވާ އަމަލުތަކެއް ކަމެވެ. އަދި ބޮޑެތި އަޅުވެރިން މަޤުފުރައްދާލުމުގައިވެސް ފައިސާއަކީ ޝައިތޯނާ ބޭނުންކުރާ ވަރަށް މުހިންމު ހަތިޔާރެއްކަމެވެ.

ނޯޓް: ދުނިޔެވީ އަރާމާއި ދަޅަތަކުން ޝައިތޯނާ އަޅަމެން ހެއްލުންތެރިކުރުވަނީ މިފަދަ ގޮތަކަށެވެ. އޭގެ ސަބަބުން ދުނިޔެ ބާއްޖަވެރިވާނެކަމުގެ ދަލުގައި ޖައްސުވައެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މި މުޖުތަމަޢުއިންވެސް ފެންނަ ކަމެކެވެ. ބައެއް ދީނީ އިލްމުވެރިންނާއި ހެޔޮލަފާ ސޯލިހު މީސްތަކުންވެސް ތިބީ އެބައިމީހުންނަށް ލިބެމުންދާ ދުނިޔެވީ މަންފާތަކާއި މަތީ މަޤާމުތަކާއި ޖާހާއި ޢިއްޒަތަށްޓަކައި މުންކަރާތްތަކަށް ކަނުލޮލެއް ދީގެނެވެ. އަނގައިން ޗުޕްއޭ ވެސް ބުނެލެވޭ ވަރަށްވުރެ ބޮޑަށް އެފަދަ އަރާމާއި ލައްޒަތްތަކުގައި ބަނދެވިފައެވެ.

ކީރިތި ރަސޫލާ ﷺ ހަދީޘްފުޅު ކުރައްވާފައިވެއެވެ. "ދީނާރާއި ދިރުހަމުގެ އަޅާ އަބާއްޖަވެރި ވެއްޖެއެވެ. ދީނާރާއި ދިރުހަމުގެ އަޅާ އަބާއްޖަވެރި ވެއްޖެއެވެ."

އިސްވެދިޔަ ވާހަކައިންވެސް އެނގޭ ގޮތުގައި ޝައިތޯނާ އަޅުގަނޑުމެންގެ މައްޗަށް ވެރިވެގަންނަނީ އަޅުގަނޑުމެންގެ އިޚުލާސްތެރިކަން ނެތިދިޔުމުންނެވެ. އެހެންކަމުން ކުރާ ކޮންމެ ކަމެއްގައިވެސް އިޚުލާސްތެރިވުމަކީ އެންމެ މުހިންމުކަމެވެ.

ކީރިތި ރަސޫލާ ﷺ ގެ އަރިހުން ސާލިމް ރިވާކުރެއްވި ހަދީސް ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޤިޔާމަތް ދުވަހު ބަޔަކު މީހުން ހިސާބު ބެއްލެވުމަށް ގެނެވޭނެއެވެ. އެބައިމީހުންގެ ހެޔޮކަންތައް ތުހާމަ ފަރުބަދަޔާ އެއްވަރުވެގެން ވެއެވެ. ނަމަވެސް މާތްﷲ އެމީހުންގެ ހެޔޮ އަމަލުތައް ވަޔަށް ބުރުއްސާލައްވައި އެބައިމީހުން ނަރަކަޔަށް އެއްލަވާލެއްވުމަށް އަމުރުކުރައްވާނެއެވެ." އެހިނދު ސާލިމް ދެންނެވިއެވެ. "މާތް ނަބިއްޔާއެވެ. އެއީ ކޮންބައެއްތޯއެވެ؟ އެފަދަ މީހަކަށް ވެދާނެތީ އަޅުގަނޑު ބިރުގަނެއެވެ. އެހިނދު މާތްނަބިއްޔާ ހަދީޘްފުޅު ކުރެއްވިއެވެ. "އެމީހުންނަކީ ދެއްކުމަށްޓަކައި ނަމާދުކޮށް ރޯދަހިފާ މީހުންނެވެ." އެހެން ހަދީޘްފުޅެއްގައި ވެއެވެ. އެމީހުންނަކީ ރޭގަނޑު ދަންވަރުގައިވެސް މާތްﷲ އަށް އަޅުކަންކުރުމުގައި ބުރަ އުފުއްލި ބައެކެވެ. އެކަމަކު ހަރާމް ކަމެއް ހުށަހެޅިއްޖެ ނަމަ އެކަމުގެ މައްޗަށް އެބައިމީހުން ފުންމައިގަނެއެވެ. އެހެންކަމުން އަރަހުށި މާތްﷲ އެބައިމީހުންގެ އަމަލުތައް ބާތިލުކުރެއްވީ އެވެ.

އަޅުގަނޑުގެ ދުޢާއަކީ މިފަދަ އެންމެހާ ކަންތައްތަކުން މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެން އެންމެން ސަލާމަތްކޮށްދެއްވުމެވެ.. އާމީން

މަސްދަރު: މިވާހަކައަކީ އިމާމް އަބޫ ހާމިދު މުޙައްމަދު އަލް ޣަޒާލީ ލިޔުއްވާފައިވާ إحياء علوم الدين ފޮތުން ނަގައި ތަރުޖަމާކުރެވިފައިވާ ވާހަކައެވެ. މިވާހަކަ ކުޑަކުޑަ ތަފާތަކާ އެކު އަލް ހަސަނުގެ އަރިހުން އަލްމުބާރަކު އަބޫ ފަޟާލަތު ރިވާކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *