Support Us

ޒަކާތުގެ ދަލާލަތު

ކީރިތި ޤުރްއާނުގައި ޢާއްމުގޮތެއްގައި ޒަކާތް އައިސްފައި ވަނީ ނަމާދާ ގުޅިގެންނެވެ. ނަމާދަކީ ﷲގެ ޙައްޤެކެވެ. ޒަކާތަކީ ﷲގެ އަޅުންގެ ޙައްޤެވެ. މިއިން އެނގެނީ މި ދެ ޙައްޤަކީ އިސްލާމްދީނުގައި ރައްކައުތެރިކޮށް ދެއްވާފައިވާ ދެ ޙައްޤު ކަމެވެ.

ކީރިތި ޤުރްއާނުގައި ޒަކާތް މި ލަފުޒު 58 ފަހަރު ވާރިދުވެފައި ވެއެވެ. އޭގެތެރެއިން 38 ފަހަރު އައިސްފައިވަނީ މުދަލު ޒަކާތުގެ މާނައިގައެވެ. އަނެއް 20 ފަހަރު އައިސްފައި ވަނީ އޭގެ ބަހަވީ މާނައިގައެވެ. އެބަހީ ނަފްސު ޠާހިރުކުރުމުގެ މާނައިގައެވެ. ނަމާދާއި ޒަކާތް ގުޅިގެން އައިސްފައިވާ މިންވަރަށް ބަލާއިރު އެއީ 28 ފަހަރެވެ.

ކީރިތި ޤުރްއާނުގައި ޒަކާތް 

ކީރިތި ޤުރްއާނުގައި އައިސްފައިވާ  ޒަކާތުގެ މާނަތަކަށް ބަލާއިރު 14 ވަރަކަށް ތަފާތު މާނައިގައި ޒަކާތް އައިސްފައިވާ ކަމަށް އަލްފައިރޫޒު އާބާދީ ވިދާޅުވެފައި ވެއެވެ. [1]މި މާނަތަކަކީ:

  • ޠާހިރުކަން: މާތްﷲ ވަޙީކުރައްވަނީ [لأَهَبَ لَكِ غُلاَمًا زَكِيًّا[2]– ކަމަނާއަށް ޠާހިރު ދަރިކަލަކު ދެއްވުމަށްޓަކައެވެ.]
  • ހެދިބޮޑުވުމާއި އިތުރުވުން
  • ކުއްތަންވުން: މާތްﷲ ވަޙީކުރައްވަނީ [قَدْ أَفْلَحَ مَن تَزَكَّىٰ[3]– ﷲގެ ޙަޟްރަތާ ކުއްތަންވި މީހާ ހަމަކަށަވަރުން ކާމިޔާބު ހޯދައިފިއެވެ.]
  • ހެޔޮ ޞާލިޙު: މާތްﷲ ވަޙީކުރައްވަނީ [فَأَرَ‌دْنَا أَن يُبْدِلَهُمَا رَ‌بُّهُمَا خَيْرً‌ا مِّنْهُ زَكَاةً[4]– ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ އެދެމީހުންގެ ވެރިރަސްކަލާނގެ، އެކުއްޖާއަށްވުރެ ހެޔޮ ޞާލިޙު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ.]
  • ތާރީފުކުރުން: މާތްﷲ ވަޙީކުރައްވަނީ [فَلاَ تُزَكُّوا[5]– ފަހެ، ތިޔަބައިމީހުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތާރީފު ނުކުރާށެވެ!]
  • ޙަލާލު: މާތްﷲ ވަޙީކުރައްވަނީ [فَلْيَنظُرْ‌ أَيُّهَا أَزْكَىٰ طَعَامًا[6]– ފަހެ، އެމީހަކު އެންމެ ރަނގަޅު ޙަލާލު ކާނާއެއް ބަލައިހުށި ކަމެވެ!]
  • ހިރިއާއި އޮނަހިރި [7]
  • އިސްލާމްކަން: މާތްﷲ ވަޙީކުރައްވަނީ وَمَا عَلَيْكَ أَلاَّ يَزَّكَّىٰ[8]– އެމީހަކު އިސްލާމު ނުވުމަކުން ކަލޭގެފާނުގެ މައްޗަށް ކުށެއް ނެތެވެ.]
  • ކުށެއްނެތް: މާތްﷲ ވަޙީކުރައްވަނީ أَقَتَلْتَ نَفْساً زَكِيَّةً بِغَيْرِ نَفْسٍ [9]– އެކަކުވެސް މަރާފައިނުވާ، ކުށެއްނެތް، طاهر نفس އެއް، ކަލޭގެފާނު ތިޔަ قتل ކުރެއްވީތޯއެވެ؟
  • ކަލާނގެ ވަންތަކަމަށް ދަޢުވާކުރުމުން ތައުބާވުން: މާތް ﷲ ވަޙީ ކުރައްވަނީ: هَل لَّكَ إلى أَن تزكى[10] – كافر ކަމުން ތައުބާ ވުމަށް ކަލޭ އެދެމުހެއްޔެވެ؟
  • ޞަދަޤާތް: މާތްﷲ ވަޙީކުރައްވަނީ [خُذْ مِنْ أَمْوَالِهِمْ صَدَقَةً[11]– އެބައިމީހުންގެ މުދާތަކުން، ކަލޭގެފާނު، ޒަކާތް ނަންގަވާށެވެ!]
  • ޝަރްޢީ ޒަކާތް: މާތް ﷲ ވަޙީ ކުރައްވަނީ "وَآتُواْ الزكاة[12]– އަދި ތިޔަބައިމީހުން زكاة ދޭށެވެ!"
  • އައްރާޣިބު ވިދާޅުވާ ގޮތުގައި ޒަކާތުގެ އަޞްލަކީ ﷲގެ ބަރަކާތުގެ ސަބަބުން އިތުރުވާ އިތުރުވުމެވެ.[13]
  • އިބްނުއް އަޘީރު ވިދާޅުވާ ގޮތުގައި ޢަރަބި ބަހުގައި ޒަކާތުގެ އަޞްލަކީ ޠާހިރުކަމާއި އިތުރުކަމާއި ހެދިބޮޑުވުމާއި ބަރަކާތާއި ތާރީފެވެ. ފަހެ، ޒަކާތަކީ މުދަލަށް ލިބޭ ޠާހިރުކަމެކެވެ. ފިޠުރު ޒަކާތަކީ ހަށިގަނޑަށް ލިބޭ ޠާހިރުކަމެކެވެ.[14]
  • ޒަކާތުގެ ގޮތުގައި ނެރެވޭ މުދަލަށް ޒަކާތޭ ކިޔެނީ ޒަކާތަށް ނެރެފައި އަތުގައި ހުންނަ މުދާ، ޒަކާތުގެ ސަބަބުން ﷲ އިތުރު ކުރައްވާނޭތީއާއި، އާފަތްތަކުންނާއި މުޞީބާތްތަކުންނާއި ސުންޕާކަމުން ސަލާމަތް ކޮށްދެއްވާނެތީއެވެ.

ޒަކާތުގެ އިޞްޠިލާޙީ މާނަ

ހ- ޙަނަފީން ވިދާޅުވާގޮތުގައި: އެއީ، އަރަހުށި ﷲގެ ވަޖްހު ފުޅަށްޓަކައި މީހެއްގެ މުދަލުން، ޝަރްޢުގައި ކަނޑައެޅިފައިވާ ބައެއް، އޭނާއަށް އެއިން މަންފާއެއް ނުލިބޭނެ ފަދަ ގޮތަކަށް، ހާޝިމީއަކަށް ނުވާ މުސްލިމަކަށް މިލްކު ކޮށްދިނުމެވެ. [މިލްކު ކޮށްދިނުމޭ] ބުނުމުން އޭގައި މިލްކިއްޔާތުގެ ހުރިހާ ސިފަތަކެއް ހިމެނޭނެއެވެ. އޭގެ ބޭނުން ހިފުމާއި، ވުނަކުރުމާއި، އެހެން މީހަކަށް ދިނުމާއި ،އެއިން ފައިދާ ލިބިގަތުން ފަދަ ތަޞައްރުފާތުތައް އޭގައި ހިމެނޭނެއެވެ. [މުދަލޭ] ބުނުމުން ޒަކާތް ވާޖިބުވާ ހުރިހާ ބާވަތެއްގެ މުދާ އޭގައި ހިމެނޭނެއެވެ. [މުސްލިމު ފަޤީރެކޭ] ބުނުމުން ޣައިރު މުސްލިމުންނަށް ޒަކާތް ނުދެވޭނެކަން އެނގެއެވެ. [ހާޝިމީން ނޫން މީހުންނޭ] ބުނުމުން ހާޝިމީންނަށް ޒަކާތުން އެއްޗެއް ނުދެވޭނެކަން އެނގެއެވެ. ހާޝިމީންނަކީ ޢަލީގެފާނާއި ޢައްބާސުގެފާނާއި ޖަޢުފަރުގެފާނާއި ޢަޤީލުގެފާނާއި އަލްޙާރިޘް ބުނު ޢަބްދުލް މުއްޠަލިބުގެފާނުގެ ދަރިފަސްކޮޅެވެ. އޭގައި އަބޫލަހަބުގެ ދަރިފަސްކޮޅެއް ނުހިމެނޭނެއެވެ. [އޭނާއަށް އެއިން މަންފާއެއް ނުލިބޭފަދަ ގޮތަކަށޭ] ބުނެވުނުބަހުން ޒަކާތްދޭ މީހާއަށް ފައިދާއެއް ލިބެނިވި ގޮތަކަށް ގުޅުންހުރި ފަޤީރަކަށް ޒަކާތް ނުދެވޭނެކަން އެނގެއެވެ. އަރަހުށި ﷲގެ ވަޖްހުފުޅަށްޓަކައޭ] ބުނެވުނުބަހުން އެއީ އަޅުކަމެއްކަން އެނގެއެވެ. އަދި އެކަން ކުރަންޖެހޭނީ ﷲ އަށް ޚާލިޞް ކޮށްގެންކަންވެސް އެނގެއެވެ.

ށ- މާލިކީން ވިދާޅުވާގޮތުގައި ޒަކާތަކީ: ޚާއްޞަ މިންވަރެއް ހަމަވެފައިވާ ޚާއްޞަ މުދަލަކުން، ޚާއްޞަ ވަގުތެއްގައި ނަގާފައި، ޚާއްޞަ ބަޔަކަށް ބަހާފައިދެވޭ ޚާއްޞަ މާލީ ޙައްޤެކެވެ. މިތާރީފު ކުރުވެފައި ފުރިހަމަކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ.

ނ- ޝާފިޢީން ވިދާޅުވާގޮތުގައި ޒަކާތަކީ: ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ މުދާތަކެއް ވަކި މިންވަރަކަށް އިތުރުވެ، ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން ޚާއްޞަވެގެންވާ ބަޔަކަށް ދެވޭ ވާޖިބު ޙައްޤެކެވެ. [ކަނޑައެޅިފައިވާ ވަކިބާވަތްތަކެއްގެ މުދަލެކޭ] ބުނުމުން ޒަކާތް ދޭން ޖެހެނީ ހުރިހާ ބާވަތެއްގެ މުދަލުން ނޫންކަން އެނގެއެވެ. ޒަކާތް ދޭންޖެހޭނީ ވަކި ބާވަތްތަކެއްގެ މުދަލުންކަންވެސް އެނގެއެވެ. [ވަކި މިންވަރެކޭ] ބުނެވޭބަހުގެ މުރާދަކީ ނިޞާބެވެ. [ކަނޑައެޅިފައިވާ މުއްދަތޭ] ބުނުމުން މުދާ އަތަށް އަރައި ހަނދު މަހުން އަހަރެއް ވަންދެން އެމުދާ އަތުގައި ހުންނަން ޖެހޭނެކަން އެނގެއެވެ. [ޚާއްޞަވެގެންވާ ބަޔެކޭ] ބުނެވުނު ބަހުގެ މުރާދަކީ ޒަކާތުގެ ބެހެނިވެރިންނެވެ.

ރ- ޙަންބަލީން ވިދާޅުވާގޮތުގައި ޒަކާތަކީ: ޚާއްޞަވެގެންވާ ވަގުތެއްގައި ޚާއްޞަވެގެންވާ ބަޔަކަށް ޚާއްޞަވެގެންވާ މުދަލަކުން އަދާކުރެވޭ ވާޖިބު ޙައްޤެކެވެ.

ބ- ޖުމްހޫރުންގެ ތާރީފަށް ބަލައި އިރު ޝާފިޢީންގެ ތާރީފު ކުރުވެފައިވާ މާ ފުރިހަމައެވެ. މިތާރީފުގައި ޒަކާތަކީ ﷲގެ ޙައްޤެއްގެ ގޮތުގައި ނެރެވޭ މުދަލަށް ކިޔާނަމެއްކަން އެނގެއެވެ. މާތްﷲ ވަޙީކުރައްވަނީ وَآتُوا الزَّكَاةَ[15]– [އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ.]

ލަފްޡީ މާނައާ އިޞްޠިލާޙީ މާނައިގެ ގުޅުން

ލަފްޡީމާނަ، ޝަރްޢީ މާނައަށްވުރެ ޢާއްމުކަން ފާހަގަ ކުރެވެއެވެ. އިސްލާމީ ޝަރީޢަތުގައި ލަފްޡީ މާނަވެސް ބޭނުންކޮށްފައިވާ ތަން ފެނެއެވެ. ޠާހިރުކުރުމުގެ މާނައަށް ބަލާއިރު ޒަކާތް ދިނުމަކީ ދަހިވެތިކަމުގެ ނުބައިކަމުން އޭނާ ސަލާމަތްކޮށްދޭނެ ކަމެކެވެ. އަދި އެއީ އެކަމުގެ ސަބަބުން އޭނާގެ މުދަލުގައި ބަރަކާތް ލައްވައި، އެމުދާ އިތުރު ކޮށްދެއްވާނެ ކަމެކެވެ. އަދި އެއީ ޞާލިޙު ޢަމަލެކެވެ. އެއީ ﷲގެ ޙަޟްރަތަށް ކުއްތަން ކުރުވާނެ ކަމެކެވެ. މިގޮތުން ބަލާއިރު ލަފްޡީ މާނައަކީ އޭގެ މަޤްޞަދު ޙާޞިލުކޮށްދޭ ސަބަބެވެ. އަދި އެއީ އޭގެ މޭވާއެވެ.

ޒަކާތަށް ޞަދަޤާތޭ ކިޔުނު ސަބަބު

އެތައްއެތައް ސަބަބުތަކަކާހެދި ޒަކާތަށް ޞަދަޤާތޭ ކިޔެއެވެ. އޭގެތެރޭގައި މި އަންނަ ސަބަބުތައް ވެއެވެ.

  • އެހެނީ އެއީ ﷲގެ އަޅާގެ އީމާންކަމުގެ ތެދުވެރިކަމަށް ދަލީލުކުރާ ކަމެކެވެ. އިބްނުލް ޢަރަބީ ވިދާޅުވިއެވެ. "ޒަކާތަށް ޞަދަޤާތޭ ކިޔުނީ صدق މި ލަފުޒުން އައިސްފައިވާތީ އެވެ. އެއީ ޤަބޫލުކުރާކުރުމާއި ކުރާކަންތައް އެއްވަރުވާތީއެވެ. އިބްނު ޢުޘައިމީން ވިދާޅުވެފައިވާ ގޮތުގައި ޒަކާތަށް  ޞަދަޤާތޭ ކިޔުނީ އޭނާގެ އީމާންކަމުގެ ތެދުވެރިކަން އެއިން އެނގޭތީއެވެ. [16]
  • ޒަކާތަށް ޞަދަޤާތޭ ކިޔުނީ ﷲގެ އަޅާގެ ޢުބޫދިއްޔަތުގެ ތެދުވެރިކަން އެއިން އެނގޭތީއެވެ.

ޒަކާތާއި ޠާހިރުކުރުން

ޒަކާތާއި ޠާހިރުކުރުމާ ދެމެދުގައި ބަހަވީ ގޮތުންނާއި މާނައިގެ ގޮތުން ވަރަށް ބަދަހި ގުޅުމެއްވެއެވެ. އެކަމުގައި ދެ ބާވަތެއް ވެއެވެ. އެއީ؛

ހ- ޢަމަލުން ޠާހިރު ކުރުން: މިއީ އެދެވިގެންވާ ރަނގަޅު ސިފައެކެވެ. މާތްﷲގެ ބަސްފުޅު "قَدْ أَفْلَحَ مَن زَكَّاهَا[17]– އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.

ށ- ބަހުން ޠާހިރުކުރުން: އިންސާނާ އޭނާ އަމިއްލަ ނަފްސަށް ތާރީފު ކުރުމާއި އޭނާގެ ނަފްސުގެ މޮޅުކަން ދެއްކުމަކީ ﷲ ތަޢާލާ ނަހީ ކުރައްވާފައިވާ ކަމެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. "فَلَا تُزَكُّوا أَنفُسَكُمْ[18]– ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތާރީފުކޮށް فخر ވެރިނުވާށެވެ!" މިއީ އަދަބު އުގަންނަވާ ދެއްވުމުގެގޮތުން ނަހީ ކުރައްވާފައިވާ ކަމެކެވެ. ޙަކީމަކަށް ދެންނެވުނެވެ. އެއީ ޙައްޤުކަމެއް ކަމުގައި ވިޔަސް ކުރުން ރަނގަޅުނޫންކަމަކީ ކޮބައިތޯއެވެ؟ ޖަވާބުގައި އެނާ ވިދާޅުވިއެވެ. އެއީ އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ތާރީފު ކުރުމެވެ."

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. "مَا تَلِفَ مَالٌ مِنْ بَرّ وَلَا بَحْرٍ إِلاَّ بِمَنْعِ الزَّكَاِة [19]– ޒަކާތް ދިނުމުން މަނާވެގަތުމުން މެނުވީ އެއްގަމުގައި ވެސް އަދި ކަނޑުގައި ވެސް މުދާ ހަލާކުވެގެން ނުދެއެވެ."

ޒަކާތުގެ ޙަޤީޤަތަށް ބަލާއިރު އެއީ ދެވޭ އެއްޗެކެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ޒަކާތް ދިނުމަށް އަމުރުކުރެއްވުމުން ނުވަތަ އެ ކަމަށް ހިތްވަރުދެއްވުމުން އެނގެނީ ޒަކާތަކީ އެއީ ޒަކާތްދޭ މީހާގެ ނަފްސު އެކަމުގެ ސަބަބުން ޠާހިރުވެގެންދާނެ ކަމެއް ކަމެވެ.

މީގެއިތުރަށް މުދަލަށް ބަލާއިރު އެއީ އިންސާނާއަށް ލޮބުވެތި އެއްޗެކެވެ. އެހެންކަމުން މި ލޯތްބާ ދުރުހެލިވުމަށް ޓަކައި ނަފްސު ޠާހިރު ކުރުމަށް ވަނީ ބޭނުންވެފައެވެ. ނަފްސު ޠާހިރު ކުރެވޭނީ މާތްﷲ އަންގަވާފައިވާ ގޮތަށް އެ މުދަލުން އެހެން މީހުންނަށް އެހީވެދީގެންނެވެ. ޒަކާތަކީ މި އެހީއެވެ.

ޒަކާތުގެ ތަފާތު މާނަތަކުން އަޅުގަނޑުމެން އުނގެނެން ޖެހޭ މާނަތަކުގެތެރޭގައި އެއީ އިޞްލާޙުވުމުގެ މަންހަޖެއްކަން ދަތުން ވެއެވެ. މި މަންހަޖުގެ ސަބަބުން މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި ގުޅުން ބަދަހިވެ އީޘާރީ މުޖްތަމަޢެއް ޤާއިމުވެގެން ދެއެވެ.

 

[1]  – بصائر ذوي التمييز في لطائف الكتاب العزيز (3/ 134-135):

[2]– مريم: ١٩

[3]– الأعلى: ١٤

[4]– الكهف: ٨١

[5]–   النجم: ٣٢

[6]–   الكهف: ١٩

[7]–   لسان العرب  و المعجم الوسيط ، انظر مادة : زكو

[8]–   عبس: ٧

[9]  – الكهف : 74

[10]  – النازعات :  18

[11]–  التوبة: ١٠٣

[12]  –  البقرة : 43

[13]–     النهاية فى غريب الحديث

[14]– النهاية فى غريب الحديث

[15]– البقرة: ١١٠

[16]  – تفسير العثيمين: الفاتحة والبقرة (1/ 156)

[17]  –  الشمس : 9

[18]  –  النجم : 32

[19] – رواه الطبراني في الأوسط وفي معناه ما رواه البزار والبيهقي عن عائشة: "ما خالطت الصدقة أي الزكاة مالاً إلا أهلكته" މި ޙަދީސުގެ ސަނަދު  ޟަޢީފު ކަމަށް ބުނެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *