...

Support Us

ކުރީގެ ހޯމް މިނިސްޓަރުގެ ހުރިހާ ކަމެއް "ހޯމް މިނިސްޓަރު"ގެ އަތްމަތީގައި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އޭނާގެ ކައިވެނީގެ ރިހި ޔޫބީލް މުނާސަބަތާ ގުޅުވައިގެން، އަނބިކަނބަލުންނަށް ވިޝް ކުރެއްވީ ތަފާތު މެސެޖަކުންނެވެ. އުމަރު ވިދާޅުވާ ގޮތުން ނަމަ، އޭނާގެ އަމިއްލަ ދިރިއުޅުއްވުމުގެ ހުރިހާ ކަމެއް ވެސް ބަލަހައްޓަވަނީ އައިޝަތު ޝާޒްލީއެވެ.

"އަހަރެންގެ ބޯ ކޮށަންވާ ގޮތާ، އަޅަންވާ ހެދުމާ، ޖަހަންވާ ސެންޓް ވެސް ނިންމަނީ އޭނާއެވެ." ޝާޒްލީއާއެކު ނަގައިފައިވާ ފޮޓޯއަކާކު، އުމަރުގެ ފޭސްބުކްގައި މިއަދު ވިދާޅުވެފައި ވެއެވެ.

ޝާޒްލީ ދެކެ ވަރަށް ލޯބިން މީގެ 25 އަހަރު ކުރިން ދެ ބޭފުޅުން ކައިވެނި ކުރެއްވި ނަމަވެސް، އުމަރު ވިދާޅުވާ ގޮތުން ނަމަ، އޭނާ އަށްވުރެ ބޮޑަށް، އާއިލާގެ އެހެން މެމްބަރުން ޝާޒްލީ ދެކެ ލޯބިވެއެވެ.

އުމަރު ނަސީރާއި އޭނާގެ އާއިލާ

"އަހަރެންގެ މަންމަ، އަހަންނަށްވުރެ ބޮޑަށް އޭނާ ދެކެ ލޯބިވެއެވެ. އަހަރެންގެ ދަރިންނާއި ދަނބިދަރިން އަހަންނަށް ވުރެ ބޮޑަށް އޭނާ ދެކެ ލޯބިވެއެވެ." އުމަރު، 54، އިތުރަށް ވިދާޅުވިއެވެ.

އަމިއްލަ ވިޔަފާރީގެ މަސައްކަތާއި ސީޔާސީ އެކިއެކި މަސައްކަތް ކުރެއްވުމުގައި އަވަދިނެތި އުމަރު އުޅުއްވާއިރު، ހަތަރު ބޭފުޅުންނާއި ގޭތެރޭގެ ހުރިހައި ކަމެއް ބަލަހައްޓަވަމުން ގެންދަވަނީ، ވަރަށް މީރުކޮށް ކައްކަވާ ޝާޒްލީއެވެ. އުމަރު އެ ކަންކަމަކާ ބެހިއެއް ނުހައްދަވައެވެ.

"ގޭގެ ފައިސާ އާއި، އިދާރީ ކަންކަމާ އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ވެރިޔަކީ އޭނާއެވެ. އެއީ އަހަރެންގެ 'ހޯމް' މިނިސްޓަރ އެވެ. ގޭގެ ވެރިޔާ އެވެ." އުމަރުގެ މެސެޖް ކުރިއަށް ގެންދެވިއެވެ. އަދި ނިންމަވާލައްވަމުން ވިދާޅުވިއެވެ. "އަހަރުމެންގެ ކައިވެންޏަށް 25 އަހަރު ފުރޭ މި އުފާވެރި ދުވަހުގެ ހެޔޮއެދުންތައް ލޯބިވާ އަންހެނުންނަށް ފޮނުވަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
41
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *