Support Us

ކޮލަމް ކޯދު: ކީރިތި ޤުރުއާނުން ފިލާވަޅެއް- އަނިޔާވެރި އުއްމަތްތަކާއި އަދި އަނިޔާވެރި ފަރުދުންގެ ނިމުން

އުއްމަތްތައް އުފަންވެ، ކުރިއަރައި ބާރުގަދަވެދެއެވެ. އިރުއަރައި އިރުމެދުޖެހޭ ފަދައިންނެވެ. ދެން، އެއަށްފަހު، އެ އުއްމަތްތަކުގެ ހަށިގަނޑަށް ބަލިކަށިކަން އައިސް، އެންމެފަހުން، އުމަތްތަކަށް ނިމުން އައިސް، ނެތިދެއެވެ. އިރު އުޑު މެދުޖެހުމަށް ފަހު، ހުޅަނގާ ދިމާއަށް ދަތުރުކޮށް އޮއްސޭފަދައިންނެވެ. އުއްމަތްތަކަށް ބާރުދީ، ދިރުންދިން އަޚުލާގީ އަގުތައް ގެއްލުވާލުމުގެ ސަބަބުންނެވެ.

މިފަދަ އުއްމަތްތަކުގެ ވާހަކައާއި އެ އުއްމަތްތަކުގެ ނިމުން އައި ގޮތާއި އެކަމުގެ ތަފްސީލު ވާހަކަތައް، މުއައްރިޚުން، އެބޭކަލުންގެ ލިޔުއްވުންތަކުގައި ބަޔާންކުރެވިފައިވެއެވެ. މިގޮތުން ލިޔެވުނު، އިހުގެ ބައެއް މުހިއްމު ލިޔުންތަކަށް ބަލާލާއިރު، އެންމެ އިހުގެ ލިޔުންތަކުގެ ތެރޭގައި، މީލާދީ ސަނަތުން 14ވަނަ ގަރުނުގައި، އިބްނު ޚަލްދޫނު، ލިޔުއްވި އޭނާގެ ތާރީޚުގެ މުގައްދިމާ ހިމެނެއެވެ. މީގެ އިތުރުން، އިނގިރޭސި މުއައްރިޚު، ގިބަންސްގެ 'ރޫމީންގެ އެމްޕަޔަރގެ ކުރިއެރުމާއި ވެއްޓުން' ވެސް، ހިމެނެއެވެ. މިފޮތުގެ ފުރަތަމަ ޖިލްދު ޝާއިއުކުރެވުނީ 1776 ގައެވެ. އަދި އޭގެ އެންމެ ފަހު ޖިލްދު ޝާއިއުކުރެވުނީ 1789 ގައެވެ. މީގެ އިތުރުން، 'އުއްމަތްތައް އެރުމާއި ވެއްޓުމުގެ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟’، މި ސުރުޚީގެ ދަށުގައި، ވޭތުވެ ދިޔަ ގަރުނުގެ ތެރޭގައި ހިމެނުނު މުހިއްމު އިސްލާމީ އިސްލާހީ ލިޔުންތެރިއެއް ކަމަށްވާ މައުދޫދީ 1947ގައި އޭނާދެއްވި ތަގުރީރެއްގައި ވެސް، އުއްމަތްތައް ވެއްޓި، ނެތިދާގޮތުގެ މައްޗަށް، ޚުލާސާ ގޮތެއްގައި ބައްލަވާލައްވާލައްވާފައި ވެއެވެ. އަދި ހަމަ އެހެންމެ، 1994 ގައި، ޖިމް ނެލްސަން ބްލެކް، އޭނާގެ 'އުއްމަތްތަކުގެ މަރު އަންނަ ހިނދު: ބޮޑު ނުރައްކަލެއްގެ ކުރިމަތީގައި ސަގާފަތެއްވާ ކަމުގެ ދިހަ އަލާމަތް’، މިފޮތުގައި ވެސް މި މައުލޫގެ މައްޗަށް އަލި އަޅުވާލައްވާފައި ވެއެވެ.

އުއްމަތްތައް ވެއްޓިދާ ގޮތުގެ މައްޗަށް ބަލައިލައިފާ މި ހަތަރު ލިޔުމުގައި ވެސް، އިއްތިފާގުވެފައިވާ ކަމެއް ފާހަގަވެއެވެ. އުއްމަތްތައް ނެތި ދަނީ، އެއުއްމަތުގެ އަޚުލާގީ އަގުތައް ނެތި ދިޔުމުން ކަމެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން، ލަފާކަމާއި ސާލިހުކަން، ހަމަހަމަކަމާއި އަދުލުވެރިކަން، މިފަދަ އަޚުލާގީ މާތް ސިފަތައް ނެތުމުންނެވެ.

މިލިޔުންތަކުގެ ތެރެއިން އެންމެ އިހުގެ ލިޔުން ކަމުގައިވާ އިބްނު ޚަލްދޫނު، އޭނާގެ މުގައްދިމާގައި، އުއްމަތްތަކާއި ޙަޟާރާތްތައް ވެއްޓި ނެތިދިޔުމުގެ ސަބަބުތައް ބަޔާންކޮށްދެއްވަމުން ލިޔުއްވައިފައި ވެއެވެ. އެކަން މެދުވެރިވަނީ، އެ އުއްމަތްތައް ކުރިއަރައި، އެ އުއްމަތްތަކަށް މަތިވެރިކަން ގެނެސް، އެއުއްމަތްތަކުގެ އިއްޒަތާއި ގަދަރު އުފުލެން މެދުވެރިކުރުވި މަތިވެރި ސިފަތައް ނެތިދިޔުމުންނެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި އުއްމަތްތައް ކުރިއަރައިދާން މެދުވެރިވާ މުހިއްމު ސިފަތަކުގެ ތެރޭގައި ހަރުދަނާ އަދުލު އިންސާފުގެ ނިޒާމެއް އޮތުމާއި ގާނޫތުތަކާއި ގަވާއިދުތައް ހިންގާލުން ހިމެނެއެވެ. ވިޔަފާރިކުރުމާއި ސިނާއަތުގެ ހަރަކާތްތަކުގައި ސަރުކާރުގެ އިސްވެރިން ބައިވެރިނުވުމެވެ. ފަސާދައަށް މަގުފައިވެ ނުދިޔުމައްޓަކައެވެ. ގަވާއިދުތަކާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ފަސޭހައިން ކަންކަން ކުރެވިދިޔުމުގެ ހަރުދަނާ އިދާރީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. ދައުލަތަށް ދައްކަން ޖެހޭ ވާރުތައް ކުޑަކޮށް ނެގޭ އިގުތިސާދީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. މީގެ އިތުރުން، އިބްދާޢީ ތައުލީމީ ނިޒާމެއް ވެސް އޮތުމެވެ. މީގެ މާނައަކީ އާ ހޯދުންތަކާއި އީޖާދުތަކަށް މަގުފަހިކޮށްދޭނޭ ފިކުރީ ޚިޔާލުތައް އުފެއްދުމުގެ ކުޅަދާނަކަށް ކިޔަވާ ސިކުނޑިތަކަށް ލިބިދޭ ފަދަ ތައުލީމީ ނިޒާމެއް އޮތުމެވެ. އިބްނު ޚަލްދޫނު ބަޔާންކުރައްވާ ގޮތުގައި، އުއްމަތްތަކާއި ޙަޟާރަތްތައް ވެއްޓި ނެތި ދަނީ މިނަންގަތް ކަންކަމާއި ސިފަތައް ނެތި ދިޔުމުންނެވެ. އަދި، މިއާ ވިދިގެން އުއްމަތްތަކުގެ މީހުން "އެމީހުންގެ ކިބައިގައިވާ ހައިވާނީ ސިފަތައް ކުރިއަށް ނެރެ، ހައިވާނުން އުޅޭ ގޮތަށް އުޅެން ފެށުމުންނެވެ." އާދެ، އެމީހުން އިންސާނުންކަމުގައ ހަދާލި މާތް އަޚުލާގީ ސިފަތަކާއި ހަމަތައް ނެތުމުންނެވެ. އަރަބި ޅެންވެރިކަމުގެ މިޒަމާނުގެ ދުނިޔޭގައި ޅެންވެރިންގެ އަމީރުގެ ނަމުން ނަންދެވިފައިވާ ޅެންވެރިޔާ، އަހްމަދު ޝައުގީ އޭނާގެ ޅެން ބައިތެއްގައި ޚުލާސާކޮށްލާފައިވާ ފަދައިންނެވެ.

والصدق أرفع ما اهتز الرجال له * وخير ما عود ابنا في الحياة أب

وإنما الأمم الأخلاق ما بقيت * فإن همُ ذهبت أخلاقهم ذهبوا

(ވާރޭވެހުމުގެ ސަބަބުން، މަރުވެފައިވާ ބިމެއް، ގުޑުވާލެވި، އެ ބިމަށް ދިރުން އަންނަ ފަދައިން) އިންސާނުންނަށް ދިރުން ގެނެސް (ހެޔޮ ގޮތުގައި) ހަރަކާތްތެރިކުރުވުމަށް ބާރުއަޅުވާ އެންމެ މަތިވެރި އެއްޗަކީ ތެދުވެރިކަމެވެ. އަދި އެސިފައަކީ އެ ސިފައިގެ މަތީގައި، ބަފަޔަކު، ދަރިޔެއް ހާނުވާއި ބޮޑުކުރާނޭ ހެޔޮކަން އެންމެ ބޮޑު ސިފައެވެ.

އެހެނީ، ހަމަ ކަށަވަރުން ވެސް، އުއްމަތްތައް ބިނާވެގެންވަނީ (މާތް) އަޚުލާގީ ސިފަތަކުގެ މައްޗަށެވެ. އަދި އުއްމަތްތައް ދެމި ހުންނަނީވެސް އެފަދަ ސިފަތައް އެއުއްމަތެއްގެ މީހުންގެ ކިބައިގައި ހުރިހާ ހިނދަކުއެވެ. އެއުއްމަތްތަކުގެ މީހުންގެ ކިބައިން، އެމީހުންގެ އަޚުލާގީ މާތް ސިފަތައް ނެތި ހިންގައްޖެ ނަމަ، އެމީހުން ވެސް ނެތި ދެއެވެ.

ކީރިތި ޤުރުއާނުގައިވެސް އުއްމަތްތަކުގެ ވާހަކައާއި އުއްމަތްތައް ނެތިދިޔަ ވާހަކަތައް އައިސްފައިވެއެވެ. ޘަމޫދު ބާގައިގެ މީހުންނާއި ޢާދު ބާގައިގެ މީހުންގެ ވާހަކައެވެ. ލޫތުގެފާނުންގެ ގައުމުގެ މީހުންގެ ވާހަކައެވެ. ފިރުއައުނާއި ގިބްތީންގެ ވާހަކައެވެ. މިއެންމެން ވެސް ނެތިދިޔުމުގެ ސަބަބަކަށްވީ މަތީގައި ބަޔާންކުރެވިދިޔަ އިލާހީ ގާނޫނެވެ. އެމީހުންނަށް ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި އޮޅި، އެމީހުންގެ މުޖުތަމައުތަކުން އަޚުލާގީ މާތް ސިފަތައް ނެތި ދިޔުމެވެ. އެމީހުންގެ ތެރޭގައި، އަދުލު އިންސާފުގެ ކަންތައް ހަމަހަމަ ގޮތެއްގައި ހިންގާ ނުލެވުމެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާގެ ހަދީސްފުޅެއްގައި އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. 'ބޮޑު' ބޭކަލަކު ކުށަކަށް އަރައި ގަތުމުން، އޭނާގެ މައްޗަށް ގާނޫނުތައް ނުހިންގެއެވެ. ނަމަވެސް އާދައިގެ މީހަކު ހަމަ އެކުށް ކޮށްފި ނަމަ، އޭނާގެ މައްޗަށް ގާނޫނުތައް ހިންގާލެވެއެވެ.

ދެންމެ މި އިޝާރަތްކޮށްލި، ކުރިއަރައި ބާރުގަދަވި އުއްމަތްތައް ނެތިދަނީ ކިހިނެއްކަން، ކީރިތި ގުރުއާނުގައި ވެސް ބަޔާންކުރެވިފައި ވެއެވެ. މިފަދަ ބަޔާންކުރުމެއް އަލްއަންޢާމު ސޫރަތުގެ 42 ވަނަ އާޔަތުން ފެށިގެން 45 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައި ވެއެވެ. މަތީގައި ނަންގަނެވިދިޔަ، އަޚުލާގީ އިންތައް ހުރަސްކޮށް، އެއިންތައް ފަހަނައަޅައި ދިޔުމުން، އެކިއެކި ގޮތްގޮތުން، އެކަން އުއްމަތްތަކަށް ހަނދާންކޮށްދެވެއެވެ. މި ހަނދާންކޮށް ދިނުމުން، އިބުރަތްލިބި ނުގަތުމުން، ދެން، އެމީހުން ނެތިކުރައްވައި، އެމީހުންގެ ނިމުން ގެންނަވައެވެ. މިއާޔަތްކޮޅުގެ މައްޗަށް ބަލާލާނަމެވެ.

ولقد أرسلنا إلى أمم من قبلك ހަމަކަށަވަރުން، ކަލޭގެފާނުގެ (އެބަހީ މުހައްމަދުގެފާނުގެ އުއްމަތުގެ) ކުރިން ވެސް، އުއްމަތްތަކަށް، ގައުމުތަކަށް، ތިމަން ރަސްކަލާނގެ، ރަސޫލުބޭކަލުން ފޮނުއްވީމެވެ.

فأخذناهم بالبأساء والضراء لعلهم يتضرعون އަދި (ދިރިއުޅުމުގެ) ދަތި އުނދަގޫތަކާއި (މިސާލަކަށް، ވާރޭނުވެހުމުގެ ސަބަބުން ދަނޑުގޮވާން ނުކުރެވުން، ނައަމްސޫފިތައް މަރުވެދިޔުން، ނޫނީ މަސްނުބޭނުން، އެއްޗެތީގެ އަގު ބޮޑުވުން، މިފަދަ މަޢީޝީ އުނދަގޫތަކާއި) އަދި ބަލިމަޑުކަން (ބަލިތައް ފެތުރި އާންމުވުން، އަދި އެކަމުގެ ސަބަބުން މީސްތަކުން މަރުވަމުން ދިޔުން، އަދި ދިރިތިބީންނަށް އުނދަގޫތައް ކުރިމަތިވުން) އެ އުއްމަތްތަކާއި ކުރިމަތިކުރެއްވީމެވެ. އެއީ އެ އުއްމަތްތަކުގެ މީސްތަކުން(ގެ ހިތްތައް) މަޑުމޮޅިވެ، (އެމީހުން ހަމަ މަގަށް އެޅި)ދޭތޯއެވެ.

فلولا إذ جاءهم بأسنا تضرعوا ތިމަންރަސްކަލާނގެ މެދުވެރިކުރެއްވި ދަތިތަކާއި ބަލިމަޑުކަމުގެ އިމްތިހާނު އެމީހުންނާ ކުރިމަތިވި ހިނދު، އެބައިމީހުން(ގެ ހިތްތައް) މަޑުމޮޅިވެ، (ހަމަ މަގަށް އެމީހުން އެޅި)ދިޔަނަމައެވެ!

ولكن قست قلوبهم وزين لهم الشيطان ما كانوا يعملون ނަމަވެސް، (ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންގެ ކަންތައްތައް ހުރީ މިއާ ދިމާ އިދިކޮޅަށެވެ!) އެމީހުންގެ ހިތްތައް (އިތުރަށް) ހަރުކަށިވެ، (އެމީހުން ބޮޑާވެގަނެ، އިތުރަށް ނުބައިވުން ނޫންކަމެއް އެމީހުންގެ ކިބައިން ނުފެނުނެވެ.) އެހެނީ، ޝައިތާނާ، (އެބަހީ، ނުބައި ކަންކަމަށް އަރައިގަތުމަށް، ހިއްވަރުދޭ، އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތާއި ދަހިވެތިކަން ފަދަ، ނުބައި ބާރުތައް،) އެމީހުން ކުރަމުން ގެންދިޔަ ކަންތައްތަކަކީ ރީތި، މޮޅު، ކަންތައްތަކެއްގެ ގޮތުގައި އެމީހުންނަށް ދެއްކިއެވެ.

فلما نسوا ما ذكروا به فتحنا عليهم أبواب كل شيء ދެން، އެމީހުންނަށް ހަނދާންކޮށްދެވުނު ކަންތައްތައް މަތީން އެމީހުން ހަނދާން ނައްތާލައި (އެކަމުން އިބުރަތްލިބި ނުގަތުމުން، އެމީހުން އެދޭ) ހުރިހާ ކަމެއްގެ ދޮރުތައް އެމީހުންގެ މައްޗަށް ހުޅުވާލެވި (އެމީހުން ބޭނުންވާ ގޮތަށް ކަންތައްތައްވެ، އެމީހުންގެ އެދުންތައް ހާސިލުވިއެވެ.)

حتى إذا فرحوا بما أوتوا أخذناهم بغتة فإذاهم مبلسون އަދި މިކަމާމެދު (އެބަހީ އެމީހުންނަށް ލިބުނު މި ނަންގަތް ކާމިޔާބީއާ މެދު، ފަޚުރުވެރިވެ، ބޮޑާވެގަނެ،) އުފާފާޅުކުރުމުގައި ވަނިކޮށް، (އެމީހުން ނުވެސް ދެނެ ތިއްބާ،) ހަމަ ކުއްލިއަކަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ގެންދެވީމުއެވެ. (އެބަހީ، އެމީހުންގެ މައްޗަށް އަޒާބު ފޮނުއްވައި، އެމީހުންގެ ނިމުން ގެންނެވީމުއެވެ.) އެހިނދު، އޮޅުންއަރައި، ހަދާނެ ގޮތެއް، ކުރާނެ ކަމެއް، ނޭނގި، އެމީހުން (މުޅިން މާޔޫސް)ވިއެވެ.

فقطع دابر القوم الذين ظلموا ދެން، މިފަދައިން ކަންތައްވެވި، އަނިޔާވެރި(ވެ، ބޮޑާވެގަތް) މީސްތަކުންގެ އެންމެ ފަހު މީހާއަށް ދާންދެން، (އެބަހީ، ހަމަ އެކަކުވެސް ބާކީނުކޮށް، އެ އެންމެން އެއްކޮށް،) ނެތިކުރެވުނެވެ.

والحمد لله رب العالمين އަދި (މިކަން މިގޮތަށް ނިމިދިޔުމުގެ) ހުރިހާ ތައުރީފެއްގެ، މޮޅެއްގެ، ހައްގުވެރި ފަރާތަކީ އާލަމްތަކުގެ ވެރި މާތް ރަސްކަލާނގެއެވެ.

އާދެ، ހެޔޮ މަގުން ފައިކައްސާލި ހިނދު، އެމީހުންނަށް ހަނދާންކޮށްދީ، ހެޔޮ މަގަށް އައުމަށް ގޮވާލެވުމުން ވެސް، ބީރު ކަންފަތެއް ދެވުމުން އެމީހުން ނިމިދިޔައީއެވެ. ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ ފަރުދީ އަދި އިޖުތިމާއީ އަގުތައް އޮތީ ގެއްލިފައެވެ. ޒާތީ ތައައްސުބީ ސިޔާސީ ޕާޓީތަކުގެ އަވައިގައި ޖެހިގެންނެވެ. އެކަމުގެ ސަބަބުން، އެތައް ބައެއްގެ ލޯތައް ކަނުވެ ކަންފަތްތައް ބީރުވެ ހިތްތައް އަނދިރިވެއްޖެ ކަހަލައެވެ. މިފެންނަ ޕާޓީގެ ނިޒާމަކީ ތަން ފުނޑުފުނޑުކޮށްލައި، ތަނުގެ މިނިވަންކަން ނަގާލައި މުޅި ތަނަށް ބޭރު ބައެއް ވެރިވެ ގަތުމުގެ މަގު ފަހިކޮށްދެމުންދާ ކަމުގެ ހެކިތައް މެންދުރުގެ އިރު ފެންނަން އޮތް ފަދައިން ފެންނަން އޮތް އިރުވެސް އެކަން އިނގޭ ކަމަކަށް ނުވެއެވެ. ތަނުގައި ކާއެއްޗެހި ގަތުމުގެ އެކަށޭނަކަން ނެތެވެ. އެކަން ކުރަން ޖެހިފައި އޮތީ ދަރަންޏަށެވެ. ތަނުގެ މުގައްދަސު އެއްވެސް އެއްޗެއް ނެތް ކަހަލައެވެ. ފާޅުގައި ތަނުގެ މުގައްދަސު ފަރާތްތަކާއި ތަންތަނުގެ ހުރުމަތް ނަގާލެވެނީއެވެ. ރިޝްވަތާއި ފަސާދަވަނީ އާންމުވެ ހުރިހާ ތަނެއްގައި ހެން އަށަގަނެފައެވެ. މަސްތުވާތަކެތީގެ ވަބާގައި އެތައް ބައެއްވަނީ ޖެހިފައެވެ. އެކަމުގެ ވިޔަފާރިވެސް ދަނީ ކުރިއަށެވެ. އަޚުލާގީ ހުރިހާ ނުބައި ކަމެއް އާންމުވެ، އެއްވެސް ޖެހިލުމެއް ނެތި، ފާޅުގައި ކުރެވެމުން ދަނީއެވެ. މިހުރިހާ ކަމެއް ހިނގަމުންދާ އިރު، ގާނޫނު ނިދާފައި އޮތް ކަހަލައެވެ. މަތީގައިން ނަންގަނެވުނު ފޮތްތަކުގައި އުއްމަތްތައް ހަލާކުވެ ނެތިދަނީ ކިހިނެއްކަން ބަޔާންކުރެވި ދިޔަ ފޮތްތަކުގައި އޮތް ފަދައިން، ކަންތައްވަމުން ދަނީއެވެ. އަދި، ދެންމެ ބަޔާން ކުރެވިދިޔަ އާޔަތްކޮޅުގައި އޮތް ފަދައިން، އެންމެންނަށް ފެންނަ ގޮތެއްގައި އެންމެންގެ ކުރި މައްޗަށް އެކަންތައްތައް ވަނީ ނެރެވި، ހަނދާންކޮށްދެވިފައެވެ. އަޅުގަނޑުމެންގެ ޖަމާއީ ހަޔާތުގެ ލަގަން އެބައެއްގެ އަތްމަތީ އޮތް މީހުންނަށް އިސްލާހުގެ މަގުގައި އެއްވެސް ހަރުދަނާ ކަމެއް ނުކުރެވޭކަން ބުނެދެވިފައެވެ. މިކަމުން އިބުރަތް ލިބިގަނެ، ހެޔޮ ފިޔަވަޅެއް އެޅުމުގެ ވަގުތު ޖެހިއްޖެއެވެ. ކުރިއަށް އޮތީ އެ ދުވަސްތަކެވެ. ވޯޓުގެ ދުވަސް ތަކެވެ. ޒާތީ ޕާޓީ ތައައްސުބުން ދުރުވެ، ހެޔޮ ބައެއްގެ އަތް މައްޗަށް ގައުމުގެ ލަގަން އަލުން ހަވާލުކުރަން ޖެހޭ ދުވަހެވެ. ރަނގަޅު ގޮތުގައި އެކަން ނުކުރެވިއްޖެ ނަމަ، މަތީގައި ބަޔާންކުރެވިދިޔަ އާޔަތް ކޮޅުގައި ހަނދާންކޮށްދެވިފައިވާ ފަދައިން، އެކަމުގެ ހިތި ނަތީޖާއާއި ބޮޑު ގެއްލުމާ އެންމެން ވެސް ކުރިމަތިލާން ޖެހޭނެއެވެ.