...

Support Us

ޝާޚްޒާދާ މުމްތާޒު ވާހަކައިގެ ޚުލާޞާ 

ދުނިޔެ އާބާދުވެގެން އައި ޒަމާނުގައި ހަތް ރަށެއް ވަކީން އާބާދުވެގެން އައެވެ. އެ ހަތް ރަށަށް ކިޔަނީ ހަފުތަ އަގުލީމެވެ. ހަފުތަ އަގުލީމުގެ ރަސްކަލަކީ ޝާޚު ބުލަންދު އިޤްބާލެވެ. އެ ރަސްގެފާނުގެ ވަޒީރަކީ ތަދުބީރުލް މުލުކެވެ. ރަސްގެފާނުގެ ހަތް ފިރިހެން ބޭފުޅުން ތިއްބެވިއެވެ. އޭގެ ތެރެއިން ދޮށީ ހަބޭފުޅުންނާ ސީނު ރަސްގެފާނުގެ ހަ އަންހެން ބޭފުޅުންނާ ކައިވެނި ކޮށްދެއްވިއެވެ. އަދި އެންމެ ހަގަށް ހުންނެވި ޝާޚު ޒާދާ މުމްތާޒާ ރަސްގެފާނުގެ ބޮޑުދައިތާ ކަމަނާގެ ދަރިކަނބަލުން ޖަވާހިރުޒާދީ އާ ކައިވެނި ކޮށްދެއްވި އެވެ. މި ކައިވެނި ކޮށްދެއްވި މަޖިލީހުގައި އިންނަވައި ރަސްގެފާނު ވަޒީރަށް ވިދާޅުވިއެވެ. އަހަރެންގެ ބޭފުޅުން ކިހާ ރަނގަޅުހެއްޔެވެ؟ އަހަރެން ދެއްކި މީހަކާ ކައިވެނި ކުރައްވައިގެން އެ ކުދީން އެތިބީއެވެ. ދުނިޔޭގެ ކޮންމެ ތަނަކުން ރަސްކަލަކަށް ފިރިހެން ބޭފުޅެއް ލިބިވަޑައިގަތަސް އެ ބޭފުޅެއްގެ އުމުރުފުޅުގެ ކުރީބައިގައި ހިތާމަ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. ކޮންމެވެސް އަންހެން ބޭފުޅަކާ ހިތްޕުޅާވެގެން ދުނިޔޭގެ ކޮންމެ ވެސް ތަނަކަށް ދަތުރުކުރައްވަފާނެތީއެވެ. މިހެން ނުވާނީ ކީއްވެހެއްޔެވެ؟ މިހާރު ދުނިޔޭގެ އެންމެ ނަން މަޝްހޫރު އަންހެން ބޭފުޅަކީ ޖަމްޝީދު ޝާޚު ރަސްގެފާނުގެ ދަރިކަނބަލުން މަލިކާ ބޭނަޒީރެވެ. އެކަމަނާގެ ފުރިހަމަކަމާމެދު ބުނެވޭނީ އެއީ ލާސާނީކަމުގައެވެ. ދުނިޔޭގައި އެއަށްވުރެ ފުރިހަމަ އެހެން އަންހެން ބޭފުޅެއް ނުވެޔޯލައެވެ.

މި އަޑު އައްސަވައިފައި އަނެއް ދުވަހު ހެނދުނު ޝާޚު ޒާދާ މުމްތާޒު ވަޑައިގެން ވަޒީރާ ބައްދަލުކުރައްވައި މަލިކާ ބޭނަޒީރުގެ ކައިވެނިފުޅަށް ދިއުމުގެ ހުއްދައަށް އެދިވަޑައިގަތެވެ. ވަޒީރު ދެންނެވިއެވެ. އެއީ އޭނާއަށް ދެއްވޭނެ ހުއްދައެއް ނޫނެވެ. ދެވަނަ ދުވަހު ވަޑައިގަތުމުން ވިދާޅުވިއެވެ. އެފަދަ ދަތުރަކަށް ވަޑައިގަންނަވާއިރު ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން ހަދިޔާއެއް ދެއްވާނަމެވެ. މިހެން ވިދާޅުވެ ވަޒީރުގެ ސާދަ ފަނަރަ އަހަރުގެ ދަރިކަލުން ވަޒީރު ޒާދާ ދަމްޝާދު ހަވާލު ކުރެއްވިއެވެ. އެ ދެ ބޭފުޅުން ފުރުވާލައްވަމުން ވަޒީރު ދެންނެވިއެވެ. "ސާހިބާއެވެ. މީހުންގެ ތެރޭގައި ނިކަމެތިވެވަޑައި ނުގަންނަވައްޗެވެ."

މަލަކާ ބޭނަޒީރު ހޯއްދެވުމަށް ޖަމްޝީދު ޝާޚުގެ ސަހަރަށް ދަތުރުކުރައްވަނިކޮށް ދަތުރުކުރެއްވި ނައު ޣަރަގުވެ ޝާޚު ޒާދާ މުމްތާޒާއި، ވަޒީރު ޒާދާ ދަމްޝާދު ކަނޑުވެ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ގެއްލިވަޑައިގަތެވެ. މުމްތާޒަށް ބެހިގެން އަރާވަޑައިގެންނެވުނީ ގޫލޫންގެ ރާއްޖެއަށެވެ. އެތަނުން ބައްދަލުވި އެދުރުކަލޭފާނަކު ގުލްތަރުޖަމާ ކިޔާ މަލެއް ދެއްވިއެވެ. އެއީ މުމްތާޒުގެ ފުރާނަފުޅާ ތައައްލީގުކޮށް ހަދާފައިވާ މަލެކެވެ.

ބޭނަޒީރުގެ ސަހަރަށް މުމްތާޒު އަރާވަޑައިގެންނެވިއިރު ބޭނަޒީރުގެ ގަނޑުވަރުގެ ދޮރާށީގެ ދެ ފަރާތުގައި އާދަމުގެދަރީންގެ ބޮލުގެ ކަށީން ހެދިފައިވާ ދެ މުންނާރު ހުއްޓެވެ. އެއީ އެ ކަމަނާގެ ކައިވެނިފުޅަށް އެދިގެން ވަޑައިގަންނަވާ ރަސްރަސްކަލުންގެ ދަރިން، އަމީރުންގެ ދަރިން، ވަޒީރުންގެ ދަރިން، ތާޖަރުންގެ ދަރިން، ނަވާބުންގެ ދަރިންނަށް އެ ކަމަނާ ކުރައްވާ ފަސް ސުވާލު އަދާނުކުރެވިގެން ގަތުލުކުރެވިފައިވާ ނުވަތަ ކައްވަޅުގެ ދާނަށް ޗަސްލާފައި ޖެހިފައިވާ ބޭފުޅުންގެ އިސްތަށިފުޅުގެ ނާށިގަނޑުތަކުން ހެދިފައިވާ ދެ މުންނާރެވެ.

މަލަކާ ބޭނަޒީރާ ބައްދަލުކުރައްވައި ކައިވެނިފުޅަށް މުމްތާޒު އެދިވަޑައިގަތުމުން ވިދާޅުވިއެވެ. މިހާރު ތިމަން ކަމަނާ އެކަމުން ވަނީ ހިތް ކެނޑިއްޖެއެވެ. އަޅުގަނޑަށް ކައިވެނި ކުރެވެން އަންނަނީ ފަސް ސުވާލެއް އަދާކުރެއްވިއްޔާއެވެ. އެ ސުވާލުތައް އަދާނުކުރެވިގެން ތިމަން ކަމަނާގެ އިސްތަށިފުޅުމައްޗަށް ފާފައަކަށްފަހު ފާފައެއް އެޅި މިހާރު މަޚުޝަރަށް ވަޑައިގަންނަވާއިރު އެ ފާފައިގެ ބަރުދަން ބޮޑުކަމުން އިސްތަށިފުޅުގައި އަޅައިގެން ވަޑައިގަންނަވަން ނުކެރޭނެތީ މިހާރު ކައިވެނިކުރުން ހުއްޓާލެއްވީއެވެ.

މުމްތާޒު ވިދާޅުވިއެވެ. އަސްތާ ކަމަނާއެވެ. ތިޔަހެން ނުހައްދަވާށެވެ. އެހެން މީހުންނަށް ވެސް ތިޔަ އަންގަވާ އެންގުމެއް އަންގަވާފައި ތިމަން މަނިކުފާނު ގަތުލުކުރައްވާށެވެ. އޭރުން ކަމަނާގެ ހައްގުގައި ދުނިޔެ އަޅާފައިދިޔަ އެހެނިހެން ރަސްރަސްކަލުންނަށް ބެހެއްޓިފައިވާ ދާނެއް އަޅުގަނޑުގެ މައްޗަށް ވެސް ހުންނާނެއެވެ.

އަދި ދަންނަވަންތޯއެވެ. މަޚުޝަރަށް މީސްތަކުން އެއްކުރައްވާ ދުވަހު ވަކިން ބަޔަކު ދުރުގައި ތިބޭނެއެވެ. އެ ދުވަހު އަހާމީހުން އަހާނެއެވެ. އެ ތިބީ ކޮންބައެއްހެއްޔެވެ؟ ބުނާމީހުން ބުނާނެއެވެ. އެއީ އެއްކަލަ ބޭނަޒީރުގެ ހައްގުގައި ދުނިޔެ އަޅާދިޔަ މީހުންނެވެ. އެ ބައިގައި އަޅުގަނޑު ވެސް ހުންނާނެ ނޫންތޯއެވެ. އެވަރު ކޮށްލަދޭށެވެ.

މި ވާހަކައި ތިއްބަވަނިކޮށް ދެ ބޭފުޅުންގެ ހަތަރު ކަޅި ހަމަވިއެވެ. ޝާޚު ޒާދާ މުމްތާޒުގެ ރީތިކަމާއި ފުރިހަމަކަން ފެނިވަޑައިގެންފައި މަލަކާ ބޭނަޒީރު ހޭފުޅުނެތިގެން ވެއްޓިވަޑައިގަތެވެ. ހޭފުޅު އެރުމުން ބޭނަޒީރު ވިދާޅުވިއެވެ. ސުވާލުތައް އަދާކުރައްވަން ހައްދަވާނެ ކަމެއް ނެތެވެ. އަޅުގަނޑާ ކައިވެނި ބައްލަވައިގެން މިތަނުގައި ހުންނަވާށެވެ. މުމްތާޒު ވިދާޅުވިއެވެ. "އަސްތާ ކަމަނާއެވެ. އަންހެނުންގެ މަޖިލިހުގައި ނުލައްވާށެވެ. ފިރިހެނުންގެ މަގާމުގައި ލައްވާށެވެ. ކަމަނާގެ ހައްގުގައި ދުނިޔެއަޅާދިޔަ ރަސްރަސްކަލުންނަށް ބެހެއްޓިފައިހުރި ދާނެ އަޅުގަނޑުގެ މައްޗަށް ވެސް ހުންނާނެއެވެ."

މަލަކާ ބޭނަޒީރު ވިދާޅުވިއެވެ. "އާދޭހެވެ. އާދޭހެވެ. ތިޔަހުރީ މީހަކު އެއްޗެއް ދެންނެވިޔަސް ގަބޫލު ނުކުރާހާ ޅަބޭފުޅެކެވެ. ތިޔަހުރީ ބަގީޗާއަކުން ދައްކާލާފައިހުރި ޅަ ދެ ފަތެވެ. އެހާވެސް ޅަ ބޭފުޅެކެވެ." މިހެން ވިދާޅުވެ ސުވާލަކަށްފަހު ސުވާލެއް ވިދާޅުވެއެވެ.

ފުރަތަމަ ސުވާލަކީ ޝާޚު ބާޒު ރަސްގެފާނުގެ ދަރިކަނބަލުން މަލަކާ މަހާޗަންދަރު ޕަރީގެ ނާޗަރަންގު ގެނެސްދެއްވުމެވެ. މަލަކާ މަހާޗަންދަރަކީ ކިއްލާގާފުގެ ރަސްގެފާނު އެންދެރި ރާޖާގެ ހިތް އުފާކުރުމަށް އަނބިކަނބަލެއްގެ ގޮތުގައި ގަރާރުކުރައްވައިގެން ގެންގުއްވާ ވަރަށް ރީތި ނަށާ ޕަރީއެކެވެ. އޭގެ ކުރިން ވެސް އަދި ފަހުން ވެސް އެފަދަ ދެވަނަ ނާޗަރަންގީއެއް ނުފެންނާނެޔޯލައެވެ. އެ ނާޗަންގީ ގެނެސްދޭން އެދިވަޑައިގަތީ ކައިވެނި ކުރައްވާ ރޭ އިންސީންނާއި ޖިންނީންގެ މުޖުރާ އެއްތަން ކުރެއްވުމަށެވެ.

ދެވަނަ ސުވާލަކީ ޑޯލާ ރާޖަރާނީ، މަހާރާޖަރާނީ، ގިންތީރާޖަރާނީ، ރާޖަރާނީ ރާޖަޕޫސް، ރާޖަރާނީގެ ޑޯލާ ގެނެސްދެއްވުމެވެ. މިއީ ވެސް ކައިވެނިކުރައްވައިގެން ތިއްބެވުމަށް ގެނެސްދެއްވުމަށް އެދި ވަޑައިގެން ދާންކޮޅެކެވެ.

ތިންވަނަ ސުވާލަކީ ޝާޚު ކިލާހު ރަސްގެފާނުގެ ދަރިކަނބަލުން މަލަކާ ޖަހާނުބާނޫއަަށް އަރުނާސިދިޔޯ ތައްޔާރުކޮށްފައިހުރި ޗަޕަޓް އޭކްދާނާ ޕަރުވާރޭރޭ ކިޔާ ދާންކޮޅު ގެނެސްދެއްވުމެވެ. މިއީ ވެސް ކައިވެނިކުރައްވައިގެން ތިއްބެވުމަށް ގެނެސްދެއްވުމަށް ވިދާޅުވި ދާންކޮޅެކެވެ.

ހަތަރުވަނަ ސުވާލަކީ ކީވާނު ޝާޚު ރަސްގެފާނުގެ ދަރިކަނބަލުން މަލަކާ ޚޫރުޝީ ޠަލްޙަތަށް އެ ރަސްގެފާނު ތައްޔާރުކޮށްދެއްވާފައިވާ މުއައްލިގުޚާން ގެނެސްދެއްވުމެވެ. މިއީ އެނބުރޭ ބުރަފައްޗެއްގެ ވައެއްގާ ނޫން، އަލިފާނުގެ ވައެއްގާ ނޫން އެކަމަކު ވައިގެ ތެރޭގައި މުއައްލިގު ވެފައި އޮންނަ ރަސްކަމުގެ ކިއްލާއެއްފަދަ އެއްޗެކެވެ.

ފަސްވަނަ ސުވާލަކީ ބޫގަލް މަލް ޖާދޫ ގެންގޮސްފައިވާ ބޭނަޒީރުގެ ކިރު މައިކަމަނާގެ ދަރިކަނބަލުން ރާނީ ޗަންދަރު ބަދަން ގެނެސްދެއްވުމެވެ. އެއީ ކައިވެނިކުރައްވައިގެން ތިއްބަވާއިރު ހިނެވިންޏެއްކަމުގައި އެ ކަމަނާ ބެހެއްޓުމަށެވެ.

މިއިން ކޮންމެ ސުވާލެއް ކުރެއްވީމާ މުމްތާޒް ވިދާޅުވިއެވެ. ތިއީ އަމޭ ކިޔާފައި ދިއްކޮށްލެވެން އޮތް އެއްޗެއް ނަމަ ދިއްކޮަށްލީމުހެވެ. ތިމަންނާ ހީފުޅުކުރެއްވީމެވެ. ސުވާލު ކުރައްވާނީ ދުނިޔެތެރޭން ކޮންމެ ވެސް ފުންވެގެންވީ ޢިލްމަކުންނެވެ. އެހެންނަމަ ޖެހިގެންވާ އެހެން ޢިލްމަކުން ޖަވާބު ދެއްވީމުހެވެ. އަދި ތިމަން ހީފުޅުކުރެއްވީމެވެ. ވިދާޅުވާނީ އަގު މާތް ޒަހީރާތަކުންނެވެ. އެހެން ނަމަތާއެވެ. މަންސަފަށް އަތްބާނާފައި ނަގާ ދިއްކޮލީމުހެވެ. މި ދުނިޔޭގެ ބޮޑެތި ފިރިހެނުން ތިމާމެންގެ އަމިއްލަ ފުރާނަ ދޫކޮށްލާފައި އައިސް ޗަސްލާފައި ކައްވަޅަށް ޖެހިފައި އެތިބީ ތިޔަކަހަލަ ކުދިކުދި ކަންތައްތަކާ ހެދިތޯއެވެ. ތިޔައީ އެ ދެމެދަށް އެކިދެތިން ފިޔަވަޅެއް އަޅާލީމާ ވާންހުރި ކަންތައްތަކެވެ.

މި ހުރިހާ ސުވާލެއް މުމްތާޒް ފުރިހަމަކުރެއްވިއެވެ. އެކަމުގައި އެތައް ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އެތައް ހަނގުރާމައެއް ކުރައްވައި އެތައް ވޭނެއް އުފުއްލަވަން ޖެހިވަޑައިގަތެވެ. ގޮތް ހުސްވެ ވަރުބަލިވެ ހޭފުޅުނެތޭ ފަހަރު ފަހަރު ވެސް ދިޔައެވެ. އެފަދަ ހާލަތްތަކުގައި އެމަނިކުފާނުގެ ނަސަބުފުޅު ކުރިމަތިފުޅަށް ހުއްޓި ބުނެއެވެ. ތިޔައީ ކޮން ބޭފުޅެއްތޯއެވެ. ތިޔައީ ހަފްތައަގުލީމުގެ ވެރިޔާ ޝާހު ބުލަންދު އިޤްބާލުގެ ދަރިކަލުން ޝާހްޒާދާ މުމްތާޒެވެ . ރަށުން ނުކުތީ ބޭނަޒީރުގެ ހައްގުގައެވެ. އެކަމަނާގެ ހައްގުގައި ދަނިކޮށް އަލިފާންގަނޑަކާ ދިމާވިޔަސް އެވީ ފުންމާލާށެވެ. އެ ކަމަނާއަކީ އެހާވެސް ފުރިހަމަ ބޭފުޅެކެވެ. ބޭނަޒީރުގެ ސުވާލުތައް ފުރިހަމަ ކުރައްވަން މަސައްކަތް ކުރައްވާއިރު ބޭނަޒީރު އިންނަވަނީ ފެންއެއްޗަކަށް ގުލުތަރުޖަމާނު ކިޔާ މާ ލައްވައިގެން ބައްލަވާށެވެ. މުމްތާޒަށް ޖެހިވަޑައިގަންވާ ހާލުކޮޅެއް އެ މަލުގެ ފިޔަތަކަށް ލިބޭ މޯޅިކަމުން އެނގިވަޑައިގަންނަވައެވެ.

ކޮންމެ ސުވާލެއް ފުރިހަމަކުރައްވައިގެން މުމްތާޒު ވަޑައިގަންނަމުން ގެންދަވާ އަންހެން ބޭފުޅަކު ފެނިވަޑައިގަތުމާއެކު މަލަކާ ބޭނަޒީރު ހިތްޕުޅަށް އަރާވަޑައިގަންނަވަޔޯލައެވެ. ނޫނެކެވެ. ނޫނެކެވެ. ދުނިޔޭގައި ރީތި އަންހެނުން ވެސް ތިބެއެވެ. އަދި މިއަށްވުރެ ރީތި މީހަކު ދުނިޔޭގައި ވާނެ ބާވައެވެ. މި ފަދަ ރީތި މީހުން ކައިރިއަށް މަގޭ އާޝިގާ މި ފޮނުވެނީ މަގޭގެ ދޫނުބައިކަމުންނެވެ. އެހެން ހީފުޅުކުރައްވައި އެ ކަމަނާގެ ޖާނުފުޅުގެ މައްޗަށް ދެރަވެ ކީރިތި ކުރައްވައެވެ. އެހެން ނުވާނީ ކީވެހެއްޔެވެ؟ އެ ބޭފުަޅުންގެ ރީތިކަމާއި ފުރިހަމަކަމުން އެއިން ބޭފުޅެއްގެ އަރިހުގައި ދުންފަތް އަޅައިދީ އުޅެންވެސް ބޭނަޒީރު ނުފުދެޔޯލައެވެ.

މަލިކާ ބޭނަޒީރުގެ މި ސުވާލުތަކަކީ އެންދެރި ރާޖާގެ އަނބިކަނބަލުން ވިދާޅުވެދެއްވި ފަސް ސުވާލެވެ. ބޭނަޒީރު ރައްކައުވި ރޭ ޖިންނީގެ ރަސްގެފާނެއްކަމަށްވާ އެންދެރި ރާޖާގެ އަނބިކަނބަލުން ސަމައްރުކް ޕަރީ ހަވާކާން އުދުހިވަޑައިގެ އުޅުއްވަނިކޮށް ބޭނަޒީރުގެ ގަނޑުވަރުން އައްޔެއް ވާތީ ފެނިވަޑައިގަތެވެ. އެ ގަނޑުވަރަށް އެ ރޭ ތިރިކުރައްވައި ބޭނަޒީރަށް ކިރުފޮދު އެރުވިއެވެ. އޭގެފަހުން ކޮންމެ ރެއަކު އެކަން ހިނގިއެވެ. މަލަކާ ބޭނަޒީރަށް ފުރަތަމަ ކީ ނަމަކީ މަލަކަންނަހާރެވެ. މަލަކާ ބޭނަޒީރަކީ އެ ނަމާ ސަމައްރުކު ޕަރީ ހިތްޕުޅާ ނުވެގެން ފަހުން ދެއްވި ނަމެކެވެ. މަލަކާ ބޭނަޒީރު ބޮޑުފުޅުވަމުން އައިއިރު އެ ކަމަނާގެ ކައިވެނިފުޅަށް އެދިގެން އަންނަ މީހުން ވަރަށް ގިނައެވެ. މިކަން ބޮޑުވެ ބައްޕާފުޅަށް ހައްދަވާނެގޮތެއް ނޭނގިގެން އެއް ރެއަކު ސަމައްރުކް ޕަރީއަށް މި ވާހަކަ ދެންނެވީމާ ނުޖޫމީ ޢިލްމުވެރީން ގެންނެވިއެވެ. މި ފަސް ސުވާލުގެ ތެރެއިން ހަތަރު ސުވާލަކީ ނުޖޫމީ ޢިލްމުވެރިން ދެއްވި ހަތަރު ސުވާލެވެ. އަނެއް ސުވާލަކީ ކިރުމައިކަމަނާ ވިދާޅުވި ސުވާލެވެ.

ޝާޚު ޒާދާ މުމްތާޒާއި ވަޒީރު ޒާދާ ދަމްޝާދު އަލުން ބައްދަލުވަނީ ހަތަރުވަނަ ސުވާލާ ހަމައިންނެވެ. ހުރިހާ ސުވާލުތަކެއް ފުރިހަމަކުރައްވައި ދަމްޝާދާއި އާރާމުޖާނާ ކައިވެނިކޮށް ދެއްވިއެވެ. އެއީ ޝާހު ކިލާހު ރަސްގެފާނުގެ ދަރިކަނބަލުން މަލަކާ ޖަހާނުބާނޫއާއެކު އަރުނާސިދިޔޯ ގެންގޮސްގެން އުޅެނިކޮށް މުމްތާޒު ސަލާމަތް ކުރެއްވި ކުއްޖެކެވެ. އެއީ ޝާޚު ކިލާހު ރަސްގެފާނުގެ ބޮޑުވަޒީރުގެ ބޭފުޅެކެވެ.

މަލަކާ ބޭނަޒީރުގެ ހުރިހާ ސުވާލުތަކެއް ފުރިހަމަކުރެއްވި އިރު ޝާޚު ބާޒު ރަސްގެފާނުގެ ދަރިކަނބަލުން މަލަކާ މަހާޗަންދަރާއި، ރާޖަރާނީއާއި، ޝާހު ކިލާހު ރަސްގެފާނުގެ ދަރިކަނބަލުން މަލަކާ ޖަހާނުބާނޫއާއި، ކީވާނު ޝާޚު ރަސްގެފާނުގެ ދަރިކަނބަލުން މަލިކާ ހޫރުޝީ ތޮލްހަތު އެ ތިއްބެވީ ޝާޚުޒާދާ މުމްތާޒުގެ އަނބިއަނބިކަނބަލުންގެ ގޮތުގައެވެ.

މުމްތާޒާއި ބޭނަޒީރަކީ ވެސް ހިތާވެގެން އުޅުނު ދެ މީހުން ވިއްޔާއެވެ. އިންނާނެވެސް ތޯއްޗެކެވެ.

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.