Support Us

ފުރިހަމަ އިރުކޭތައެއް ހިފުމުން ޖަނަވާރުންގެ އަމަލުތައް ހުންނަނީ ކިހިނެތް؟

މި ރޯދަ މަހު ހިފާ ދެ ކޭތައިގެ ތެރެއިން މިއަދު ހިފާ ހަނދުކޭތަ ރާއްޖެއަށް ނުފެނުނަސް، އަންނަ މަހުގެ އަށްވަނަ ދުވަހު ހިފާ ފުރިހަމަ އިރުކޭތަ ވެގެންދާނީ ސައިންސްވެރިންނަށް ވަރަށް މުނާސަބު ކަމަކަށެވެ. ސަބަބަކީ މި ފަދަ ފުރިހަމަ އިރުކޭތައެއް ހިފަނީ ދާދި މަދުން ކަމަށްވާއިރު، މިއީ ޖަނަވާރުންގެ އަމަލުތައް ހުންނަ ގޮތް ދެނެގަތުމަށް އަނެއްކާވެސް ލިބޭ އިތުރު ފުރުސަތަކަށް ވާތީއެވެ.

މި ފަދަ ފުރިހަމަ އިރުކޭތައެއް "ދުވާލުގެ ވަގުތު ރޭގަނޑަށް" ބަދަލުކޮށްލުމުން ހައިވާނުންގެ ދުނިޔޭގައި ކަންތައްތައް ވާނީ ކިހިނެތް ހެއްޔެވެ؟ ކަހަނބުތައް އިޝްގީ ވެގެން އުޅޭނެ ހެއްޔެވެ؟ ޒަރާފާތައް ދުވެފުމޭނެ ހެއްޔެވެ؟ ރާމާމަކުނުތައް އާދަޔާހިލާފު އަޑުއަޑުލައްވާ އެ ތަކެތީގެ ޒާތުން ލަވަ ކިޔާނެ ހެއްޔެވެ؟

އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި ހުންނަ ފޯޓް ވޯތު ޒޫ ނުވަތަ ހައިވާނު ބަގީޗާގައި، ދިރާސާ ކުރާ ފަރާތްތައް މިހާރު ތިބީ، ފުރިހަމަ އިރުކޭތައް ހިފާ ވަގުތު ޖަނަވާރުންގެ ހަރަކާތްތައް ހުންނަ ގޮތް ދިރާސާ ކުރަން ތައްޔާރުވެގެންނެވެ. މި އިލްމްވެރިން ވަނީ މީގެ ކުރިން، 2017 ގައި، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ސައުތު ކެރޮލައިނާގެ ހައިވާނު ބަގީޗާގައި އުޅޭ ޖަނަވާރުންގެ އަމަލުތައް، އެ ފަހަރު ހިފި ފުރިހަމަ އިރުކޭތައިގެ ވަގުތުގައި ހުރިނެތް ގޮތް ބަލައިފައެވެ.

"އަހަރެމެންނަށް ހައިރާންކަން ލިބުނު ހައިރާންކުރަނިވި އަމަލުތަކެއް ހައިވާނު ބަގީޗާގައި ގެންގުޅޭ ޖަނަވާރުތަކުގެ ފަރާތުން ފެނިގެންދިޔަ،" އުތުރު ކެރޮލައިނާގެ ސްޓޭޓް ޔުނިވާސިޓީގެ ދިރާސާކުރުންތެރިޔާ އެޑަމް ހާޓްސްޓޯން-ވިދާޅުވިއެވެ. އޭނާގެ ޓީމަށް ފާހަގަ ކުރެވުނު ކަންތައްތައް ވަނީ "އެނިމަލްސް" ކިޔާ އިލްމުވެރި މަޖައްލާއެއްގައި ޝާއިއު ކޮށްފައެވެ.

ޒަމާންތަކެއް ކުރިން ވެސް މި ފަދަ ކަންތައްތައް ފާހަގަ ކުރެވިފައިވާއިރު، ވަކި އުސޫލަކާއި ނިޒާމެއްގެ ދަށުން މި ފަދަ ކަންތައްތައް ދިރާސާ ކުރަން ފެށީ ދާދި ފަހުންނެވެ. އެ ގޮތުން ވަލުތަކުގައި އުޅޭ ޖަނަވާރުންނާއި އިންސާނުން ގެންގުޅޭ ޖަނަވާރުންނާއި އަދި ހައިވާނު ބަގީޗާތަކުގައި ގެންގުޅޭ ޖަނަވާރުންގެ އަމަލުތައް، ފުރިހަމަ އިރުކޭތައެއް ހިފާއިރު، ހުންނަ ގޮތް ވަނީ ދިރާސާ ކުރަން ފަށައިފައެވެ.

މީގެ ހަތް އަހަރު ކުރިން ހިފި ފުރިހަމަ އިރުކޭތައްގައި، ދެކުނު ކެރޮލައިނާގެ ރިވާ ބޭންކްސް ހައިވާނު ބަގީޗާއަށް ގަލާޕެގޯސް ޖަޒީރާއިން ގެނެސްފައިވާ ކަހަނބުތަކެއްގެ ފަރާތުން އާދަޔާ ހިލާފު ކަމެއް ފެނުނު ކަމަށް އެޑަމް ވިދާޅުވިއެވެ.

"މުޅި ދުވަހު ތިބެނީ ކަންނެތް ކަމުގެ ނިންޖަކުން ނިދާފައި ފަދަ. ނަމަވެސް ހަމަ އިރުކޭތަ އެންމެ ފުރިހަމަ ވި ވަގުތު އެއެއްޗެހި ބިސް އަޅަން ފެށި،" އެޑަމް ވިދާޅުވިއެވެ.

ނަމަވެސް އެއީ ކިހިނެތް ވީ ކަމެއްކަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފަހަރު ހިފި ފުރިހަމަ އިރުކޭތާގައި އިތުރު ކަންތައްތަކެއް ވެސް ފާހަގަ ކުރެވުނު ކަމަށް އެޑަމް ވިދާޅުވިއެވެ. އެ ގޮތުން ހެނދުނުގެ ވަގުތުގައި އާއްމު ގޮތެއްގައި އެކަތި އަނެކައްޗަށް ގޮވާ ސަޔަމޭންގްސް ބާވަތުގެ ރާމާމަކުނުތަކާއި ގިބަންސް ބާވަތުގެ ރާމާމަކުނުތައް، އެ ދުވަހުގެ މެންދުރު ފަހު ހިފި ފުރިހަމަ އިރުކޭތާގައި "ގޮތް ނޭނގޭ ރާގުތަކަކަށް ލަވަ ކިއި" ކަމަށް އެޑަމް ވިދާޅުވިއެވެ.

ހަމަ އެ ފަހަރު ބައެއް ފިރިހެން ޒަރާފާތައް ހާސްކަމެއްގެ ތެރޭގައި އުޅޭހެން ފުއްމަފުއްމާފައި އުޅުނު ކަމަށާއި ގުޑުގުޑާ ދޫނިތައް އެ އެއްޗެހީގެ ޅަ ދަރިންތަކާ ގާތްވެގެން، ވަރަށް ރައްކާތެރި ގޮތަކަށް ކަހަލަ ގޮތަކަށް އުޅުނު ކަމަށް އެޑަމް ވިދާޅުވިއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ފުރިހަމަ އިރުކޭތައެއް ހިފާ ވަގުތު ޖަނަވާރުންގެ އަމަލުތައް ހުންނަނީ އާދައިގެ ދުވަހެއްގައި އިރު އޮއްސެން ކައިރިވީމާ ހުންނަ ގޮތަށް ކަމަށެވެ.

އެޑަމްގެ ޓީމުން މިހާރު އަންނަނީ އަންނަ އެޕްރިލް މަހު ހިފާ ފުރިހަމަ އިރުކޭތައިގެ ވަގުތު، ކުރިން ދެކުނު ކެރޮލައިނާއިން ފެނުނު ކަންތައްތަކާ، ޓެކްސަސްގެ ޖަނަވާރުތަކުގެ އަމަލުތައް ވެސް މި ފަހަރު އެއްގޮތްތޯ ބެލުމަށް ތައްޔާރުވަމުންނެވެ. އޭނާ ވިދާޅުވީ މި ފަހަރު ވެސް ދިރާސާ ކުރާނީ 2017 ގައި ދިރާސާ ކުރި ބާވަތުގެ ޖަނަވާރުތަކުގެ އަމަލުތައް ކަމަށެވެ. އަދި އެ ފަހަރާ ހިލާފަށް މި ފަހަރު އެހެނިހެން އަމަލުތައް ވެސް ހުންނަ ގޮތް ދިރާސާ ކުރާނެ ކަމަށް އެޑަމް ވިދާޅުވިއެވެ.

މި ފަހަރު ހިފާ އިރުކޭތައިގެ ވަގުތު ޖަނަވާރުންގެ އަމަލުތައް ހުންނަ ގޮތް ބެލުމަށް އެހީވުމަށް ހައިވާނު ބަގީޗާތަކަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް ވަނީ ދައުވަތު ދީފައެވެ. އެ ގޮތުން އެމެރިކާގެ ސްޓޭޓްތައް ކަމަށްވާ އާކަންސޯ، އޮހާޔޯ އަދި އިންޑިއާނާޕޮލިސްގެ ހައިވާނު ބަގީޗާތަކަށް ޒިޔާރަތް ކުރާ މެހެމާނުން މި ދިރާސާތަކުގައި ބައިވެރިކުރަން ހަމަޖައްސާފައިވެއެވެ.

މި އަހަރުގެ މި ފުރިހަމަ އިރުކޭތަ ހިފަނީ އުތުރު އެމެރިކާގައި 2017 ގައި ފެނުނު ފުރިހަމަ އިރުކޭތަ "ދިޔަ މަގާ" ތަފާތު މަގަކުންނެވެ. މިހެންވެ، ޖަނަވާރުގެ އާ އަމަލުތައް ފެނިދާނެ ކަމަށް އިލްމްވެރިން ވިދާޅުވެއެވެ.

"ވަރަށް ވެސް ކުޑަ ވަގުތުކޮޅެއް ލިބޭނީ ޖަނަވާރުތަކުގެ އަމަލުތައް ހުރި ނެތް ގޮތް ބަލަން،" އެމެރިކާގެ ޓެނެސީ ސްޓޭޓްގެ ޔުނިވާސިޓީގެ ސައިންސްވެރިޔާ ޖެނިފާ ސުރޫޑާ ވިދާޅުވިއެވެ.

އޭނާ ވަނީ 2017 ގެ ފުރިހަމަ އިރުކޭތަ ހިފި ވަގުތު މާމުއި ކުޅަނދުރު އުޅުނު ގޮތް ދިރާސާ ކުރައްވައިފައެވެ. އޭނާ ފާހަގަ ކުރެއްވީ ދުވާލުގެ ވަގުތުގައި މާމެލާމެލިން ފޮނި ބޯން މާމުއި ކުޅަނދުރު އުޅޭއިރު، އިރުކޭތަ ހިފާފައިވާ ހުރި ވަގުތު މާމެލާމެލިން ފޮނި ބޯން މާމުއި ކުޅަނދުރު އެހާ ބޮޑު އިސްކަމެއް ނުދޭ ކަމަށެވެ.

އަލްބާޓާ ޔުނިވާސިޓީގެ ސައިންސްވެރިޔާ އޮލަފް ރުއެޕަލް ވިދާޅުވީ އިރުކޭތަ ހިފާ ވަގުތު، މާމުއި ކުޅަނދުރުގެ އެތެރެހައްޓާއި، އޭގެ ވަށައިގެންވާ މާހައުލާ "ނުކިއްސަރު" ސިފަތަކެއް ފެނިފައިވާ ކަމަށެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮރެގަންގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ހައިވާނުން ދިރާސާ ކުރާ ސައިންސްވެރިޔާ ނެޓް ބިކްފޯޑް ވިދާޅުވީ އިރުކޭތަ ހިފުމުން ޖަނަވާރުންނަށް އިހުސާސް ކުރެވެނީ ކެރީގެ އަސަރު ފޯރީމާ ވާ ކަހަލަ ގޮތެއް ކަމަށެވެ.

"އުޑުމަތި އަނދިރިވުމުން ހިޔާކޮޅެއް ލިބޭތޯ އުޅޭ ކަހަލަ ގޮތަކަށް ޖަނަވާރުންގެ އަމަލުތައް ހުންނަނީ،" އޭނާ ވިދާޅުވިއެވެ.

ފުރިހަމަ އިރުކޭތައެއް 2017 ގައި ހިފުމުގެ ކުރިން ނޭޓް ވަނީ ޖަންގަލީގައި އުޅޭ ބައެއް މަހުލޫގުންގެ ހަށިގަނޑުގައި "ޓްރެކިން ޑިވައިސް" ހަރުކޮށްފައެވެ. އިރުކޭތަ ހިފުމުން ބާޒުތައް އެ އެއްޗެހީގެ ދުވެއްޔާއި ދަތުރު ކުރަމުން ދިޔަ މަގު ބަދަލުކޮށްލިކަން ފާހަގަ ކުރެވުނު ކަމަށް ނޭޓް ވިދާޅުވިއެވެ.

"އިންސާނުން އޮޅު ނުކޮށް އުޅޭ އަސްތައް ވެސް އުޅުނީ އަވަހަށް ހިޔާކޮޅެއް ހޯދޭތޯ. ތޫފާނެއް އަންނާތީ އުޅޭހެން އެ އެއެއްޗެހި އުޅުނީ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އިރުމަތީ އައްސޭރިން ހުޅަނގު އައްސޭރިއަށް ފޯރާ ވަރުގެ ފުރިހަމަ އިރުކޭތައެއް އެންމެ ފަހުން ހިފީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. އެއީ "ސަމާ" ނުވަތަ ރަބީއު މޫސުމުގައެވެ. އަންނަ އެޕްރިލް މަސް ދިމާވަނީ ރަބީއު މޫސުމްގެ ކުރިން އަންނަ "ސްޕްރިންގް" މޫސުމުގައި ކަމަށްވާތީ، ހިޖުރަ ކުރާ ޖަނަވާރުތަކުގެ ހަރަކާތްތައް ހުންނާނެ ގޮތް މި ފަހަރު އެނގިގެންދާނެ ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.

"ސޯންގް ބާޑް" ނުވަތަ "ލަވަ ކިޔާ" ދޫންޏަކީ ރޭގަނޑު ހިޖުރާ ކުރާ ބާވަތުގެ ދޫންޏެވެ.

"މިހެންވެ، އިރުކޭތަ ހިފައި، ދުނިޔެއަށް އަނދިރިކަން އައުމުން، ހިޖުރަ ކުރަންވީތޯއާމެދު މި ފަދަ ދޫނިތައް ވިސްނާނެތޯ މިއީ އުފެދޭ ސުވާލެއް،" އެމެރިކާގެ ކޯނެލް ޔުނިވާސިޓީގެ ސައިންސްވެރިޔާ އެންޑްރޫ ފާންސްވޯތު ވިދާޅުވިއެވެ.

އޭނާ މި ފަހަރު މަސައްކަތް ކުރައްވަން ހަމަޖައްސަވާފައި ވަނީ މީޓިއޮރޮލޮޖީ ނުވަތަ މޫސުމާ ބެހޭ އާލާތްތަކުން ދައްކާ ދިރޭ އެއްޗެހި ދަތުރު ކުރާ ގޮތް ބަލާށެވެ. މި ފަދަ އާލާތްތަކަކީ ދޫންޏާއި ވާލާއި އަދި ކުދިކުދި އުދުހޭ ސޫފިތައް ވެސް ބަލައިލެވޭ އާލާތްތަކެވެ. އޭނާގެ އަމާޒަކީ އެޕްރިލް މަހު މި ހިފާ ފުރިހަމަ އިރުކޭތާގައި ހިޖުރާ ކުރާ ދޫނިތައް އިތުރު ތޯއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ޕެޓުންގެ ގޮތުގައި އަހަރެމެން ގޭތެރޭގައި ގެންގުޅޭ ޖަނަވާރުންގެ އަމަލުތައް ފުރިހަމަ އިރުކޭތައް ހިފާ ވަގުތު ހުންނާނީ ކިހިނެތް ބާވައެވެ؟

އާކަންސޯގެ ޔުނިވާސިޓީގެ ސައިންސްވެރިޔާ ރާފައެލާ ލެޝް ވިދާޅުވީ މިހާރު ވެސް އެ އެއްޗެހި އުޅޭ ގޮތަށް، މާނައަކީ އަމިއްލަ ނަފުސަށް ބޭނުންވާ ކަންތައްތައް ކުރުމައިގެން އުޅޭނެ ކަމަށާއި، އެ ސޮރުމެން ގެންގުޅޭ މީހާއަށް ދޭ ލޯތްބާއި ސަމާލުކަން ކުރިއެކޭ އެއްވަރަށް ވެސް ދޭނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *