Support Us

ވައުދުތައް ފުއްދުމަށް 200 ބިލެއް؛ މެޖޯރިޓީ ބޭނުންވަނީ އެހެންވެގެން: ރައީސް

މި ސަރުކާރުން ރައްޔިތުންނަށްޓަަކައި ކޮށްދޭން ވައުދުވި ކަންކަން ކޮށްދިނުމަށްޓަކައި 200 ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ކަމަށާއި އެ ވައުދުތައް ފުއްދޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަަކައި ރައްޔިތުންގެ މަޖިލީސްގެ ދައުރު ވަރަށް ބޮޑު ކަމަށާއި އެ ވައުދުތައް ފުއްދެވުމަށްޓަަކައި މަޖިލީހުން ފާސްކުރަން ޖެހޭ 200 އެއްހާ ގާނޫނުތަކުގެ ތެރޭގައި މުޅިން އާ ބިލްތަކާއި އިސްލާހުތައް ހިމެނޭ ކަމަށެވެ.

"އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ބިމާ ބެހޭ އާ ބިލަކާއި ބޯހިޔާވަހިކަމާ ބެހޭ ބިލަކާއި ރިއަލް އެސްސްޓޭޓް ބިލަކާއި ދުނިޔޭގައި ތަރައްގީވެފައި ހުރި ބައިބޯވެފައި ތޮއްޖެހިފައި ހުރި މާލެ ސިޓީ ކަހަލަ ތަންތަން ހުރި އެހެން ސިޓީތަކުގައި ރައްޔިތުންނަށް ދިރިއުޅެވޭ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ހަދާފައި ހުރި ބިލްތައް" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މުޅި މެނިފެސްޓޯގައި ހުރި މިހުރިހާ ވައުދެއް ފުއްދުމަށް 200 އަށްވުރެ ގިނަ އިސްލާހާއި އާ ބިލްތައް ހިމެނޭހެން ގާނޫނު ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ، މިކަންކަމެއް ނުވާނެ. ވިސްނާވަޑައިގަތީމަ އެނގިވަޑައިގެންނަވާނެ…. މި ކަންކަން ކޮށްދިނުމުގެ ވިސްނުމުގެ ބަޔަކު ރައްޔިތުން ހިޔާރުނުކޮށްފިއްޔާ، އެހެންވީމަ މަޖިލިސް މި ބޭނުންވަނީ."

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތަރައްގީ ހާސިލްކުރުމުގައި މަޖިލީހަކީ އެތަނަކާ ނުލައި ރައްޔިތުންނަށް ތަރައްގީ ގެނެސްނުދެވޭނެ ތަނެއް ކަމުގައިވާއިރު އެއީީ ދައުލަތުގެ މާލިއްޔަތަށް ލިބޭ އާމްދަނީ ކަމުގައި ވިޔަސް ބޭރުން ނަގާ ލޯންތަކުން ކުރާ މަސައްކަތެއް ވިޔަސް ހިލޭ ހޯދާ އެހީއަކުން ކުރާ ކަމެއް ވިޔަސް ބަޖެޓްގައި ޖަހައިިގެން ނޫނީ އެކަމެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގައި ތިބީ ސަރުކާރުން ވީ ވައުދުތައް ފުއްދުމުގައި އެއްބާރުލުން ނުދޭ ބައެއް ކަމުގައިވާނަމަ އެ ކަމެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު އެ އޮތް ބަޖެޓް ހަދާފައި އޮތް ގޮތަށް، ނޫނީ އެެއަށްވުރެ ވެސް އުނދަގޫ ދަތި ގޮތްގޮތަށް ދެން އޮތް އަހަރުތަކުގެ ބަޖެޓް ފާސްކުރުމަކީ އެކަށީގެންވާ ކަމެއް،" ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެވެ.

ގައުމުގެ ތަރައްގީ އާއި ރައްޔިތުންނަށްްޓަކައި ކުރަން ހުރިކަންކަން ކުރުމުގައި ވެސް މަޖިލީސް މުހިންމުވާއިރު ސަރުކާރުން ކުރިމަތިލައްވާ ކެނޑިޑޭޓުން ހޮވައިދެއްވުމަށް ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު މިގައުމުން ނައްތާލައި ގައުމަށް ހަމަޖެހުން ގެންނާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދު ވެވަޑައިގެންފައިވާނެ ކަމަށާއި އެކަން ކުރެވޭނީ ރިޔާސީ އިންތިހާބުގައި ރައްޔިތުން މި ސަރުކާރަށް ދިން އިތުބާރާއި އެއްބާރުލުން މިމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ދީގެން ކަމަށެވެ.

"ބަދަލުހިފުމުގެ ރޫހު ނުގެންގުޅެ ހަމަޖެހުން މި ގައުމަށް ގެނައުމަށްޓަކައި މިކުރާ މަސައްކަތް ކުރަމުންދާއިރު ވެސް ބައެއް ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ޕޯޑިއަމްތަކާއި މައިކްތަކުގެ ބޭނުން ހިއްޕަަވައިގެން، އެ ވާހަކަތަކުން އަޅުގަނޑުމެންނަށް މި އިހުސާސްވެގެންދަނީ އެބޭފުޅުންގެ ހިތްޕުޅުގައި މިގައުމުގައި ހަމަޖެހުން ގާއިމްވާން ބޭނުންނުވާ ކަމުގެ އިހުސާސް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެގޮތަށް އެކަން ކުރަން ބޭނުންވެފައި ތިބި ބައެއްގެ އަތްމައްޗަށް ރައްޔިތުންގެ މަޖިލީހުގެ ލަގަން ދޫކޮށްލައިފިނަމަ ކުރީގަ ތަކުރާރުވި ބަދަލުހިފުމުގެ ރޫހުގެ އޮއިވަރުގެ ތެރެއަށް ގައުމު އަނެއްކާ ވެސް ވަދެގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *