Support Us

މަޝްރޫއުތައް ހުއްޓުވި ކަމަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައީސްގެ ވަރުގަދަ ރައްދެއް ތަފާސްހިސާބުން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށައިފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓުވި ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަފާސްހިސާބުން ވަރުގަދަ ރައްދެެއް ދެއްވައިފި އެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ރޭ ޕީއެންސީން ބޭއްވި މަޖިލިސް ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ރަށްރަށުގައި ހުރި މަޝްރޫއުތައް ހުއްޓުވީ މި ސަރުކާރު އައިސްގެން ނޫން ކަމަށެވެ. މި ސަރުކާރު އައި އިރުވެސް އެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރޭގައި ވެސް އަޅުގަނޑުމެންނަށް ފެނިފަވާނެ މަސައްކަތްތައް ހުރީ ހުއްޓިފައިކަން. އެއީ މިދިޔަ ސަރުކާރުގެ ތެރޭގައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް މި މަސައްކަތްތައް ހުއްޓިފައި ހުރި ސަބަބުތައް ބެލިއިރު އެ މަސައްކަތްތައް ހުއްޓިފައި ހުރީ އެ މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރެގެންކަން ހިސާބުތަކުން ފެންނަ އެބަހުރި ކަމަށެވެ.

"ނުވަ ހާސް މިލިއަން ރުފިޔާގެ ފައިސާ ރައްޔިތުންގެ އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނު އިރުގައި. އެ ފައިސާތައް ނުދީ ހުރީމަ ރަށްރަށުގެ މަސައްކަތްތައް ހުއްޓިފައި ހުރީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ފައިސާ ނުދީގެން ހުއްޓިފައި ހުރި މަޝްރޫއުތަކަށް މި ސަރުކާރު އައިސް ފައިސާ ދީގެން އެ މަސައްކަތްތައް އަލުން ފައްޓުވައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިިދިޔަ ސަރުކާރުން ކުރިއަށް ގެންގޮސް ފައިސާ ނުދީގެން ހުއްޓިފައިވާ މަޝްރޫއުތަކުގެ ތަފްސީލްތައް ވެސް ރޭ ރައީސް ހާމަކޮށްދެއްވި އެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ރޭ ޕީއެންސީން ބޭއްވި މަޖިލިސް ކެމްޕޭނު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ..

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް ހުރީ ހުއްޓިފައި ކަމަށާއި މިހާރު މުޅި ރާއްޖޭގައި ފެނާއި ނަރުދަމާގެ ޖުމްލަ 74 މަޝްރޫއެއް ހިންގަމުން އަންނަ ކަމަށެވެ.

ބަނދަރު ހެދުމާއި ބިން ހިއްކުމާއި ރަށްގިރާ ރަށްރަށުގެ އެއްގަމު ތޮށިލުމުގެ 30 ރަށެއްގެ މަޝްރޫއު އޮތީ ހުއްޓިފައި ކަަމަށާއި މިހާރު 90 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަގު ހެދުމުގެ މަޝްރޫއުތައް 17 ނޮވެމްބަރު އައިއިރު 17 ރަށެއްގައި އޮތީ ހުއްޓިފައި ކަމަށާއި މިހާރު 26 ރަށެއްގައި މަޝްރޫއު ހިންގަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކި ކަހަލަ ކުޅިވަރު ދަނޑުތަކާއި ކޯޓުތައް ހެދުމުގެ 84 މަޝްރޫއެއް އޮތީ ވެރިކަމާ ހަވާލިވިރު ހުއްޓިފައި ކަމަށާއި 71 މަޝްރޫއެއް ފަށައި އޭގެ ތެރެއިން އެއްބައި މަޝްރޫއު ނިންމައި، މިހާރު ވެސް 41 ރަށެއްގައި މަޝްރޫއު ކުރިއަށްދާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިސްކިތްތަކުގެ 20 މަޝްރޫއެއް އެމްޑީޕީ ސަރުކާރުގެ މިސްމެނޭޖްމަންޓްގެ ސަބަބުން ހުއްޓިފައި އޮތް ކަމަށާއި މިހާރު 42 މިސްކިތެއްގެ މަސައްކަތް އާ މިސްކިތްތަކާ އެކު ހިނގަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެއާޕޯޓް ހެދުމުގެ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތް ރަށެއްގައި އޮތީ ހުއްޓިފައި ކަމަށާއި މިހާރު އެ ހަތް ރަށުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް ބަލައިލާއިރު ވެސް އެއް މަޝްރޫއެއް ތިން ހަތަރު ކުންފުންޏަކަށް ދީގެން 90 ރަށެއްގައި ހުއްޓިފައި ހުރި ކަމަށާއި އެ މަޝްރޫއުތައް ވެސް ފަށައި 217 މަޝްރޫއެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ބަލާއިރު ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގާ މަޝްރޫއާ އެކީގައި 11 ރަށެއްގައި ހައުސިން މަޝްރޫއުގެ 2،220 ޔުނިޓްގެ މަޝްރޫއު އެކި މަރުހަލާތަކުގައި ހިނގަމުންގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ހުރިހާ މަޝްރޫއުތަކާ އެކީ 527 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ހިނގަމުން އަންނަ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި މަޝްރޫއުތަކަށް އެމްޑީޕީ ސަރުކާރުން އެގްރީމަންޓްތައް ހަދައިފައި ހުރީ "ވަންސައިޑެޑް އެގްރީމެންޓް"ގެ ގޮތުގައި ކަމަށެވެ. އެެއީ އެގްރީމަންޓްތައް ހަދައިފައި ވަނީ ހުރިހާ މަންފާއެއް އެ މަޝްރޫއެއް ހިންގާ ކުންފުނިތަކަށް ލިބޭ ގޮތަށް އަދި ހުރިހާ ގެއްލުމެއް ސަރުކާރަށް ލިބޭ ގޮތަށް ކަމަށެވެ.

"ޕާޓީގެ ބައެއް ބޭފުޅުންނަށް ފައިސާ ދޭންވެގެން ކުންފުނި ހަދައިލައިފައި އެގްރީމަންޓް ހަދާލަނީ. އެޑްވާންސް ޕޭމަންޓް ދޫކޮށްލަނީ. ދެން އެ ކުންފުނި ފިލަނީ. އަނެއްކާ އަނެއް ކުންފުނި އަންނަނީ މަޝްރޫއާ ހަވާލުވާން…. އެގޮތަށް ތިން ހަތަރު ފަހަރު މަތިން ހަވާލުކޮށްފައި ހުރި މަޝްރޫއުތައް އެބަހުރި ރަށްރަށުގައި އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކިތަންމެ މަތީ ލީޑަރަކު ވިދާޅުވިޔަސް ހަގީގަތް ވާނީ ހަގީގަތަށް ކަމަށާއި ހަގީގަތަކީ ލޯކުރިމަތީގައި ފެންނަން ހުންނަ އެއްޗެއް ކަމަށެވެ. އަދި ރައްޔިތުންނަށް ހަގީގަތް ނޫނީ އެ މަނިކުފާނު ހާމަނުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ

މީގެ އިތުރުން މުޅިން އަލަށް މި ސަރުކާރުން ފަށައިފައިވާ މަޝްރޫއުތަކުގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު އޭޑީބީއާއެކު 75 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޕްރޮޖެކްޓެއްގައި ސޮއިކޮށްފައިވާ ކަަމަށާއި އެ ޕްރޮޖެކްޓްގެ ދަށުން 20 ރަށެއްގައި ފެނާއި ވަައި ބޭނުންކޮށްގެން 20 މެގަ ވޯޓްގެ ސޯލާ ޕަވާ ޕްރޮޖެކްޓެއް ހިންގުމާއި 19 ރަށެއްގައި ކަރަންޓް ނެޓް ވޯކް އަޕްގްރޭޑް ކުރުމާއި 45 ރަށެއްްގައި ކުނި މެނޭޖްކުރުމަށް ތަކެތި ސަޕްލައި ކުރަން ހަވާލުކުރުމާއި ހަ ރަށެއްގައި ކުނި މެނޭޖްޓް ކުރުމަށް ސެންޓަރެއް ހެދުމަށް ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން މަސައްކަތެއް ނުކުރެއޭ، ހުރިހާ ކަމެއް ހުއްޓާލިއްޔޭ ތިމަންނާމެންނާ މަޖިލީސް އަނެއްކާ ވެސް ހަވާލުކުރީމައޭ މަސައްކަތް ކުރެވޭނީ… ވިސްނާލީމަ ފެންނާނެ މި ނަމްބަރުތައް ދޮގެއް ނަހަދާނެ. މިއީ ފެންނަން ހުރި ކަންކަން،" ރައީސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *