Support Us

ކޮލަމް ކަލާވެހި: "އެއީ ފުއްދަން ވާ ވަޢުދުތަކެއް ނޫނެވެ!"

އެންމެ މިޒަމާނުގެ ޕީއެޗުޑީ ސަނަދަކުން ކުލަޖެހިފައިވާ އައިނުތަކުގެ ލޮލުން ބަލައިލާ ބައެއް މީހުންނަށް އަޅުގަނޑު ފެންނަނީ ނުކިޔަވާ ހުރި ގަބިޔާއެއްގެ ގޮތުގައެވެ. އަޅުގަނޑުގެ ވަރުން ކޮނެގެން ނިދާން ވަންނަ ހަރާއި، އުނުއޮރިޔާން ފިލުވާން ކަމަށް ބޭނުންކޮށްއުޅޭ ފޭރާމުން އަޅުގަނޑު ވަޒަންކުރާ މީހުންނަށް އަޅުގަނޑު ފެންނަނީ އެއްވެސް އުރައްޕެއް ނެތް ބިކާރީއެއްގެ ގޮތުގައެވެ. އަދި ޤައުމުގެ މިއަދަކީ މާޒީއެއް، ބަޔަކު ކުޅަ ޚިދުމަތެއް، ވީ ޤުރުބާނީއެއް، ކުރި ގުލާނެއް ނެތި، ހަމަ އެހެން އޮވެލައިފައި އެމީހުންގެ އަތްމައްޗަށް އައި އެއްޗެއްކަމަށް ދެކޭ މީހުންނަށް އަޅުގަނޑަކީ 'ބޮލުރޮދި ކެނޑި، ޢަޖޫޒުވެ’، ކަފުނަށް ލަސްވެފައިވާ މީހަކީމެވެ. އަދި މިހުރިހައި ކަމެއް އެއްވީމައި ދެން ވާ ގޮތަކީ….

ފަތިހާ ހެނދުނާ ބައްދަލުވާ ތަނުން އަޅުގަނޑަށް ދުވަސް ފެށޭ މަންޒިލް ކަމުގައިވާ އަތިރިމަތީން އަޅުގަނޑާ ދިމާވި، ތަޢުލީމުގެ ޚަޒާނާއެއް ކަމުގައިވާ، ގަނޑުވަރެއް ކަހަލަ ކޮޓަރީގައި ނިދާ، ފަރަންސޭސި މަރުކާގެ ފަޓުލޫނު ނޫނީ ނުލެވޭ، މިއަދު ނޫން ދެން ކޮން ދުވަހެއްހޭ ބުނާ ޒާތުގެ މީހަކު ބުނި އެއްޗަކާ ވިދިގެން އަޅުގަނޑުގެ އަމިއްލަ ނަފުސާ މުޚާޠަބްކޮށް އަޅުގަނޑަށް އެ ބުނެވުނު އެއްޗެއް އެ ބުނެވުނީ އަޅުގަނޑުގެ ސިކުނޑީގައި ތެތްކަމެއް ހަމަ ނެތުނީމައި ތާއެވެ!

އޭނާ ބުނީ، "އެއީ ފުއްދަން ވާ ވަޢުދުތަކެއް ނޫނެވެ!" މިހެންނެވެ.

އަޅުގަނޑަށް ބުނެވުނީ، "އެހެން ނުވެވެސް ހިނގައިދާނެ ތޯއްޗެ!" މިހެންނެވެ.

ދެން އެ ހިސާބުން އޭނާ އަޅުގަނޑަށް ނަގައިދިން ދަރުސް މިތާނގައި ނަކަލުކޮށްލެވޭތޯ ބަލާނަމެވެ.

"ކަލޭމެން، ދުނިޔޭގެ މިހާރުގެ އެޑިޔުކޭސަން ނުލިބި، މޮޑަން ސިސްޓަމަށާއި ވާލްޑުލީ ކަންކަމަށް ލޯނުހުޅުވޭ މީހުންނަށް ހީވާނީ ހަމަ ތިޔަހެނެވެ. ސިޔާސީ ކޮންމެވެސް މީހަކު ގޮނޑީގެ ދަހިވެތިކަމުގައި ކަލޭމެންގެ ބޯ ކާލީމާ، ކަލޭމެން ތިބޭނީ އުފަލުން އަތްޖަހާފާ ގޮސް އެމީހުންނަށް ވޯޓު އަޅާށެވެ. ކަންކަމުގެ ހަގީގަތް ނޭނގުނީމާ ވާނީ ތިހެނެވެ." އޭނާ ފެށިއެވެ.

"ބަލަ މިސާލަކަށް (މިވެނި މީހަކު، ނަން މިތާނގައި އުނިކޮށްފައި) ނަގަމާހެވެ. އޭނާ އެ އުޅެނީ ކަލޭމެންގެ ބޭނުންތައް ފުއްދައިދޭކަށް ނޫނެވެ. އޭނާ ކުރިހާވެސް ކަމަކީ ކަލޭމެންނަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ކޮން ކަންތައްތަކެއް ތޯ ބަލަން ރިސާޗެއް ޖެއްސީއެވެ. ދެން އެ ރިސާޗުން އޭނާ ހޯދީ ކަލޭމެންގެ ތެރޭން ގިނަ މީހުން ބޭނުންވާ ކަންކަމެވެ. ގިނަ މީހުން ބޭނުންވާ ކަންކަމަށް ބޭސްކުރީމާ، އަދި އެކަންކަން ކޮށްދޭން ވައުދުވީމާ، ގިނަ މީހުންގެ ގިނަ ވޯޓު ލިބޭނެކަން އޭނާޔަށް އެނގެއެވެ."  ދަރުހައިގެން އޭނާ ކުރިޔަށް ދިޔައެވެ.

"ވިސްނާށެވެ! އޭނާ އެ ފުރަތަމަވެސް އެ ބުނަނީ އެންމެންނަށް މަތީ ފެންވަރުގެ ބޯހިޔާވަހިކަން ހޯދައިދޭނަމޭ އެވެ. ބޯހިޔާވަހިކަމަކީ މި ގައުމުގެ ރައްޔިތުންގެ މިހާރުގެ އެންމެ ބޮޑު ބޭނުމެވެ. އެހެން ވީމާ، ބޭނުން ކޮންމެ މީހަކަށް މޮޅު އެޕާޓްމަންޓެއް، ގޯތި ބޭނުންވާ މީހާޔަށް ގޯތި، ވަކި ޝަރުތެއް ނެތި ކަށަވަރުކޮށްދޭނަމޭއެވެ. ދެން އޮތީ ބޭސްފަރުވާގެ ވާހަކައެވެ. އެކަންވެސް ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ރައްޔިތުންނެކޭ އެއް ފެންވަރުގައި އެންމެނަށް ފޯރުކޮށްދޭނަމޭ އެބަ ބުނެއެވެ. ރާއްޖޭގަޔާއި ރާއްޖޭން ބޭރުންނެވެ. ދެން އޮތީ ދަތުރުފަތުރުގެ ވާހަކައެވެ. އެކަމަށް ބޭނުންވާ ވައިގެ ބަނދަރުތަކާއި ބޮޑެތި އަރާމު މަތިންދާބޯޓުތައް ކުރިމައްޗަށް އެހެރަ ލައިދެނީއެވެ. ދެން އޮތީ ތަނަވަސްކަމުގެ ވާހަކައެވެ. އެންމެންނަށް މުސާރަ ބޮޑުކޮށްދީ، ދަނޑުވެރީންނާއި މަސްވެރީންގެ މަސައްކަތުން ހޯދާ އެއްޗިއްސަށް މަތީ އަގު ދެވޭނެކަމަށް އޭނާ އެބުނަނީއެވެ. ޑޮލަރު ފަސޭހަކޮށްދޭނަމޭވެސް ބުނެއެވެ." ވައުދުތަކުގެ ލިސްޓު އޭނާ ކިޔައިލިއިރު އޭގައި ގޯހެއް އޮތްކަމަކަށް ނުފެނެއެވެ.

"އެކަމަކު ވިސްނާ ބަލާށެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި، ޖަސްޓިސް އާއި، ސޭފްޓީއާއި، ޑިމޯކްރަސީއާއި، އިކޮނޮމިކް އިކުއަލިޓީ އާއި މިކަލަހަ ކަންކަމާ ބެހޭ ގާނޫނުތައް ހަދައި، ދައުލަތުގެ ދެން އޮތް ދެ ބާރަށް ފާރަވެރިވެ، މިކަންކަން ކުރާން ހޮވާ ބަޔަކު އެކަންކަން އިސްނުކޮށް ބޯހިޔާވަހިކަމާއި ބޭސްކޮށްދިނުމާއި މަތިންދާބޯޓު ޖައްސައިދިނުމުގެ ވާހަކަ ދެއްކީމާ ދެކޮޅު ޖެހޭހެވެ؟ ރައްޔިތުންނަށް ދަތިވާ ކަންކަން ހޯދައިގެން އެ ކަންކަން ފުއްދައިދިނުމުގެ ހުވަފެން ދެއްކީމާ އެކަމަށް ކަލޭމެން ހެއްލެންވީހެވެ؟" އޭނާ އަހައިލިއެވެ. ތަޢުލީމުގެ ސިއްކަ ކަމަށް ބައެއް މީހުން ބަލާ އިނގިރޭސިބަސް ތަންކޮޅެއް ތިޔާގި ގޮތަކަށެވެ.

"ނޫނެކެވެ. އެއީ ފުއްދަން ވާ ވަޢުދުތަކެއް ނޫނެވެ!" އޭނާ ނިންމައިލިއެވެ.

އެކަމަކު، އަޅުގަނޑުގެ ދަބަރުޖަހައިފައިވާ ކޮށި ވިސްނުން އެކަމުގެ މައްޗަށް ހިންގައިލީމައި އަޅުގަނޑަށް ފެންނަނީ އެހެން މަންޒަރެކެވެ!

އަޅުގަނޑަށް ފެންނަ ގޮތުގައި މީޑިޔާގެ އެކި މަންސަ ތަކުގައްޔާއި، މަގު ހުރަސްކޮށް ދަމައިފައި އެހެރަ ބެނަރ ތަކުގައްޔާއި، ހުއްދަ ދިން ކޮންމެ ތާކު ހިއްޕައިފައި އެހެރަ ޕޯސްޓަރުތަކުގައްޔާއި، ޕޯޑިޔަމް ތަކުންނާއި ޕިކަޕުތަކުން އެ ގޮވާ ގޮވެލިތަކުގައި އެކުލެވިގެން އެ އަންނަ ވަޢުދުތަކަކީ ކަނޑުގައި އެޅޭ ރޮނގުތަކަކަށް ނުވާނެއެވެ. އެހެނީ އެ ބާވަތްތައް އެ ހުރިގޮތަށް ހުއްޓައި ނެގޭ ފޮޓޯތަކާއި ރެކޯޑުކުރެވޭ ރެކޯޑުކުރެވުންތަކަކީ ޒަމާނަށް ރައްކާކުރެވޭނޭ އެއްޗިއްސެވެ. ތާރީޚުގެ ޞަފުޙާތަކަށް ވަދެގެން ދާނޭ އެއްޗިހި މެއެވެ. އެހެން ވީމައި…

އެހެން ވީމައި، މިވެނި މީހަކީ މިޒާތުގެ ދޮގު ވަޢުދުތަކެއް ޤައުމަށް ވީ މީހެކޭ، އޭނާ ކަން ކުރީ މިހެންނޭ އަބަދާއަބަދު ކިޔޭ އަޑު އެހުމަކީ، ނުވަތަ ތާރީޚުގެ ފަތްފުށްތައް އެތަންމިތަނުގައި ކިޔާން މަޖުބޫރުވުމަކީ، އޭނާގެ ދަރިކޮޅުން އުފަންވާ، އަދި އެ ބަޔެއްގެ ޒަމާންވެސް އަންނާނޭ ބަޔަކު ބޭނުންވާނޭ ކަންކަމެއް ނޫނެވެ. ލަދަކީވެސް ދުނިޔޭގައި ލެއްވި އެއްޗެއް ވިއްޔާއެވެ. އެހެން ވީމައި އަޅުގަނޑަށް ފެންނަނީ މިހައިރު މި ފެންނަ، މި އިވޭ، ކޮންމެ ވަޢުދަކީ، އެ ވަޢުދެއް ވާ ބަޔަކު އެ ބުނާ ތާކަށް ހޮވިއްޖިއްޔާ ފުއްދާނޭ ވަޢުދެކޭއެވެ. ފުއްދާން ޖެހޭނޭ ވަޢުދެކޭއެވެ. އަދި އެއިން ކޮންމެ ވަޢުދަކީ އެ ވަޢުދެއް ނުފުއްދައިފި މީހާ ލަދުގަތުމުގައި އޭނާގެ އަމިއްލަ އިޚްތިޔާރެއް އޮންނާނޭ ވަޢުދެއްވެސް ނުމެ ނޫންމެއޭއެވެ.

"އެއީ ފުއްދަން ވާ ވަޢުދުތަކެއް ނޫނެވެ!" އެއީ އަޅުގަނޑަށް އެހައި ކަމުދާ އަޑަކަށް މިއަދަކު ނުވިއެވެ. ފަހުން ވާނޭ ގޮތެއް ނޭނގެއެވެ.