Support Us

ދޫންޏާއި ކުއްތާ ވަކިކޮށްލުމުން އެންމެން ރަތަށް

ޕެޓުންގެ ގޮތުގައި ޖަނަވާރުން ގެންގުޅުން މިއީ އިންސާނުން އެތައް ހާސް އަހަރެއް ކުރިންވެސް ކުރަމުން އައި ކަމަކެވެ. އަދި މި ގޮތަށް ގެންގުޅޭ ޕެޓުންނާއި ގެންގުޅޭ މީހާއާ ދެމެދު ލޯތްބާއި ގާތް ގުޅުމެއް އުފެދި، ޕެޓުންނާއި އިންސާނުންނާ ޖަޒުބާތީ ގޮތުން ވަކިވާން ދަތިވާ ހިސާބަކަށް ވެސް މި ގުޅުން ދެއެވެ.

އޮސްޓްރޭލިޔާގެ ރައްޔިތުންނަށް ބުރާސްފަތި ދުވަސްވީ ހިތާމަވެރި ދުވަހަކަށެވެ. އާއިލާއަކުން އެ މީހުން ގެންގުޅުނު "މެގްޕައި" ފާޑުގެ ދޫންޏެއް، ތިމާވެށި ރައްކާތެރިކުރާ ޖަމާއަތަކުން އަތުލުމުންނެވެ.

ކާޅުގެ އާއިލާއަށް ނިސްބަތްވާ "މޯލީ"ގެ ނަން ދީފައިވާ މި މެގްޕައި، ކްއީންސްލޭންޑް ސްޓޭޓްގެ ދެމަފިރިން ރައްކާތެރިކޮށްގެން އަދި ހިމާޔަތް ދީގެން އުޅޭތާ ހަތަރު އަހަރުވަނީއެވެ. އަދި އެ މީހުންގެ ގޭގައި ގެންގުޅޭ ދެ ކުއްތާގެ ތެރެއިން "ޕެގީ"ގެ ނަން ދީފައިވާ ކުއްތާއާއި މޯލީއާ ދެމެދު ވަނީ ވަރުގަދަ ކުލުނެއް އުފެދިފައެވެ. މި ކަން އެނގިގެން ދަނީ މި ކުއްތާ ގޮވާ ގޮތަށް މި މެގްޕައި ވެސް ގޮވަން ފެށުމުންނެވެ.

މޯލީ އާއި ޕެގީގެ ފޭސްބުކް ސަފުހާ އެއް މިލިއަނަށްވުރެ ގިނަ މީހުން ފޮލޯކުރެއެވެ. އަދި އެ ދޭތީގެ އިންސްޓަގްރާމްގައި ވެސް ހަތް ލައްކައަށް ވުރެ ގިނަ މީހުންވެއެވެ. މިދިޔަ އަހަރު ވަނީ "ޕެގީ އަދި މޯލީ"ގެ ނަމުގައި ފޮތެއް ވެސް ނެރެފައެވެ.

ކްއީންސްލޭންޑްގެ ޖަނަވާރުން ހިމާޔަތް ކުރާ ޖަމާއަތެއް ކަމަށްވާ ޑިޕާޓްމަންޓް އޮފް އެންވައިރަންމަންޓް، ސައިންސް އެންޑް އިނޮވޭޝަން (ޑީ.އީ.އެސް.އައި.)ގެ ބެލުމުގެ ދަށަށް މޯލީ ގެންދިޔައީ މެގްޕައި އަކީ ގޭގޭގައި ޕެޓުންގެ ގޮތުގައި ގެންގުޅޭ ޒާތުގެ ދޫންޏެއް ނޫން ކަމަށާއި އެއީ މިނިވަންކަމާއެކު ޖަންގަލިތަކުގައި އުޅެން ޖެހޭ އެއްޗެއް ކަމަށް ބުނެފައެވެ.

މޯލީ ދެކެ ލޯބިވާ މީހުން މިހާރު ސޯޝަލް މީޑިއާގައި ވަނީ ރުޅިގަދަވެފައެވެ. ބައެއް މީހުން ބުނެފައިވަނީ މޯލީގެ ފިޔަ ނުކޮށާ ވާއިރު، އޭތި އެ ގޭގައި ނުއުޅެން ބޭނުން ނަމަ، އަމިއްލައަށް އުދުހިގެން އެހެން ތަނަކަށް ދިޔައިހީސް ކަމަށެވެ. އަދި ޕެގީ ގޮވާ ގޮތަށް މޯލީ ވެސް ގޮވާތީ މޯލީގެ އާއިލާގެ ގޮތުގައި މޯލީ ދެކެނީ ޕެގީ ކަމުގައި ގިނަ ބަޔަކު ހިޔާލު ފާޅުކުރެއެވެ.

ޑީ.އީ.އެސް.އައި.ގެ އޮފިޝަލުން ވެސް މި ގޮތަށް ދެކެއެވެ.

"އިންސާނުންނާއެކު މޯލީ ޅަފަތުއްސުރެ އަދި އެހާ ގިނަ ދުވަހު އުޅެފައިވުމުން މޯލީގައި ވަނީ ވަރަށް ބޮޑަށް 'އިންސާނީ ސިފަ' ޖެހިފައި،" އެ ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ހިއެއް ނުވޭ މިނިވަންކަމާއެކު ޖަންގައްޔެއްގައި އުޅެން ދޫކޮށްލި ނަމަވެސް އަމިއްލަ ނަފުސު ސަލާމަތުން ގެންގުޅެން މޯލީ އަށް އެނގޭނެހެނެއް،" އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.

ކްއީންސްލޭންޑްގެ ވަޒީރު ސްޓީވަން މައިލްސް ވަނީ މޯލީ ގެންގުޅޭ ވެރިންނަށް ޑީ.އީ.އެސް.އައި. އިން އޭތި އަނބުރާ ދޭން އާއްމު ރައްޔިތުން ފަށާފައިވާ ކެމްޕޭނަކަށް ތާއީދުކުރައްވައިފައެވެ.

"ބައެއް ފަހަރަށް ބުއްދި ގަބޫލު ކުރާ ގޮތަށް ކަންތައްތައް ކުރަން ޖެހޭނެ. މޯލީ އާއި ޕެގީގެ ވާހަކައަށް ބަލައިފި ނަމަ މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ،" ސްޓީވަން ވިދާޅުވިއެވެ.

މޯލީ ގެންގުޅެމުން އައި ކުއީންސްލޭންޑްގެ ދެމަފިރިން ކަމަށްވާ ޖޫލިއެޓް ވެލްސް އާއި ރީސް މޯޓެންސަން ޖަޒުބާތުން ފުރިފައިވާ ވީޑިއޯއެއްގައި ބުނީ މި ހަފުތާގެ ކުރީކޮޅު ޑީ.އީ.އެސް.އައީ. އިން މޯލީ ގެންދިޔައީ "މޯލީ އަށް އަޅާލައި، މޯލީ ގެންގުޅެމުން އަންނާތީ، އެ ކަމާ ހިތްހަމަ ނުޖެހިގެން، ކުޑަ ގްރޫޕެއްގެ ބަޔަކު އަބަދު ޝަކުވާ ކުރާތީ" ކަމަށެވެ.

"އަހަރެމެންގެ ސުވާލަކީ އެ ދޫންޏަށް އޭތި ބޭނުންވާ ތަނެއްގައި އޭތި ބޭނުންވާ ބަޔަކާއެކު ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ނެތްތޯ"އެވެ.

މޯލީ އަނބުރާ އެ ދެމަފިރިންނަށް ދޭން ގޮވާލާ 50،000 "ފޭނުން" މިހާރު ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ.

ޑީ.އީ.އެސް.އައި. އިން ބުނީ "އާއްމުންގެ ކަންބޮޑުވުން ފަހުމް"ވާ ކަމަށާއި ނަމަވެސް މެގްޕައި ބާވަތުގެ ދޫންޏަކީ ޕެޓުންގެ ގޮތުގައި އިންސާނުން ގެންގުޅެން ޖެހޭ ދޫންޏެއް ނޫން ކަމަށެވެ.

"ހަމައެކަނި ގެންގުޅެވޭނީ ވަގުތީ ގޮތުން ސިއްހީ ފަރުވާއެއް ދޭން ޖެހިއްޖެ ނަމަ،" އެ ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މޯލީ މި ވަގުތު ވަނީ އެ ޖަމާއަތުގެ ހިމާޔަތުގެ ދަށުގައި ކަމަށާއި ނަމަވެސް އިންސާނީ ސިފަތައް ޖެހިފައިވުމުން ވަލުތެރެއަށް ދޫކޮށްލެވެން ނެތް ކަމަށެވެ.

ޖޫލިއެޓް އާއި ރީސް ބުނީ މޯލީ އަނބުރާ ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ޅަފަތުގައި އެ ދެމަފިރިން މޯލީ ބަލަހައްޓައިގެން ނުގެންގުޅުނު ނަމަ މޯލީ "ޔަގީނުން ވެސް މަރުވީސް" ކަމަށް އެ ދެމަފިރިން ބުންޏެވެ.

އޮސްޓްރޭލިޔާ ބައްރުގެ މެގްޕައި އާއްމު ގޮތެއްގައި އުމުރުން 30 އަހަރު ވަންދެން ދިރިހުރެއެވެ. މިއީ އޮސްޓްރޭލިޔާގެ ސަރުކާރުން ހިމާޔަތްކޮށްފައިވާ އެއްޗެހީގެ ތެރޭގައި ހިމެނޭ ބާވަތެއްގެ ދޫންޏެކެވެ. އަދި ގުދުރަތީ މާހައުލުގެ ދުޅަހެޔޮ ކަމަށް ވެސް މުހިންމު ދޫންޏެއް ކަމަށް ކަނޑައަޅާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *