Support Us

ވާހަކަ: ހިތް އެދޭތީ- 20

ސިމާމު އާއި ދީނާގެ އަލަތު ކައިވެނީގެ ފުރަތަމަ ރެއެވެ. ސިމާމު ފާޚާނާއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގެ މަގަތުގައި އިށީނެވެ. އޭރު ދީނާ އެނދުގައި އޮށޯވެލައިގެން އޮތެވެ. ލޯމަރާލައިގެންނެވެ. ސިމާމު މަސްތުވީ ބެލުމަކުން ދީނާގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލިއެވެ. ދީނާ ލޯ ހުޅުވާލީ އެވަގުތުގައެވެ. ސިމާމު މަސްތުވީ ނަޒަރު ދީނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ސިމާމުއާ ހަތަރުކަޅި ހަމަވި ވަގުތު އާދަޔާއި ޚިލާފު އިހުސާސްތަކެއް ދީނާއަށް ކުރުވިއެވެ. މަޑުމަޑުން ދީނާއާ ގާތްވަމުންދާ ސިމާމު އޭނާގެ ނޭވާގެ ހޫނުކަން އިހްސާސްވާ ވަރަށް ދީނާއާ ގާތްވެލިއެވެ. އެއާއެކު ލަދުން މޫނުގައި އަތް އަޅަމުން ދީނާ ތެދުވިއެވެ.

"އެބަ އަންނަން ހެނދުން ބަދަލުކޮށްގެން،" މިހެން ބުނަމުން ދީނާ ފާހާނާއަށް ވަނެވެ. އެހެންކަމުން ސިމާމު ދީނާ ފާޚާނާއިން ނުކުންނަން ދެން އިންތިޒާރުގައި އޮތެވެ. ލޯމަރާލައިގެންނެވެ. ފާޚާނާއިން ނުކުތް އިރު ދެލޯ މަރާލައިގެން ސިމާމު އޮތުމުން ދީނާ ހީކުރީ ސިމާމު ނިދީ ކަމަށެވެ.

"މިހާ އަވަހަށް ނިދީ؟" ދީނާ އަހާލިއެވެ. ސިމާމުގެ ގައިގާ ކޮށްޓާލަމުންނެވެ.

"މީ ކައިވެނީގެ ފުރަތަމަރޭ… ކިހިނެއް ނިދޭނީ؟" ސިމާމު ލޯހުޅުވާލަމުން ހީލިއެވެ.

"އަހަރެން ހީކުރީ… ޕާޓީގައި އެހާ ގިނައިރު ކޮޅަށް ހުރުމުން ވަރުބަލިވެގެން… ނިދުނީ ކަމަށޭ."

"ދެން ވެސް ވާހަކަ ގިނަނުކޮށް އާދެ ބަލަ… މިތާ އޮށޯންނަން… މިވަގުތުކޮޅަށް އިންތިޒާރު ކުރާތާ ކިހާ ދުވަހެއް،" ސިމާމު ހުރީ ކެތް މަދުވެފައެވެ.

ސިމާމު މިހެން ބުނުމުން ބަސްއަހާ ކުއްޖެއް ފަދައިން ދީނާ އައިސް ސިމާމުގެ ކައިރީގައި އޮށޯވެލިއެވެ. ދީނާ އޮށޯތުމުން ސިމާމު ކޮޓަރީގެ އަލި ފަނޑުކޮށްލިއެވެ.

ސިމާމަށް ޗުއްޓީގެ ގޮތުގައި ލިބިފައިވާ ވަނީ މަދު ދުވަސްކޮޅެކެވެ. ޗުއްޓީ ދުވަސްކޮޅު ރަށުގައި ހޭދަކޮށްލުމަށް ފަހު ކުރިންވެސް ސިމާމު ޕްލޭން ކޮށްފައިވާ ފަދައިން މާލެއަށް އައީ ދީނާ ގޮވައިގެންނެވެ.

ނަދުވާ ކާމިޔާބު ކުރުމުގެ މަސައްކަތް އެކި ގޮތްގޮތުން ސިޒާން ކުރަމުން ގެންދިޔައެވެ. އަބަދުވެސް އޭނާ ހުންނަނީ ނަދުވާ އެކަނިވާ ވަގުތަކަށް ބަލަބަލައެވެ. އާދައިގެ މަތިން މިއަދުވެސް ސިޒާން ހުރީ އެފަދަ ފުރުސަތެއްގެ އިންތިޒާރުގައެވެ. ސިޓިންގ ރޫމްގައި ތިބީ އޭނާގެ އިތުރުން މަންމަ އާއި ނަދުވާއެވެ. މިހެން ހުރެފައި ކުއްލިއަކަށް ކަމެއް ހަނދާން ވެގެން ފަޒްނާ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަނުމަށްފަހު ކުޑަ ހިނދުކޮޅެއް ވެފައި ބޭރަށް ދިއުމަށް ދާން ފެށުމުން ސިޒާން ދާތަނެއް އޮޅުންފިލުވިއެވެ.

"މަންމާ ކޮންތާކަށް؟"

"ބަދިގެއަށް ބޭނުންވާ ވަރަށް ގިނަ އެއްޗެހި އެބަހުރި ގަންނަން ވެފައި… މިދަނީ ކައިރީގައި ހުރި ފިހާރައަށް،" މިހެން ބުނެފައި ފަޒްނާ ނުކުތެވެ. ސިޒާންއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ އަވަސްވެގަތެވެ.

"ނަދޫ… ނަދޫ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ވެފައި އެބައޮތް… ޓައިމެއް ނުލިބިގެން މިހުންނަނީ،" ސިޒާން ޖެހިލީ ނަދުވާ ކައިރިއަށެވެ.

"ކޮން ވާހަކައެއް؟" ހައިރާންވީ ކަމަށް ހަދަމުން ނަދުވާ އަހައިލިއެވެ.

"މިވާހަކަ ބުނަން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ… އެކަމަކު… ނަދޫ…. އަހަރެން،" ސިޒާނަށް މި ހިސާބަށް ބުނެވުނީ ކިރިޔާއެވެ. ބޭރުން ސީޒާ އައިސް ވަތްތަން ފެނުމުން ސިޒާން ބުނަން އުޅުނު އެއްޗެއް ނުބުނެ ހުއްޓާލިއެވެ.

"ދޮންބޭ… ކޮބާ މަންމަ؟" ސީޒާ އެހިއެވެ.

"އެ ދިޔައީ ފިހާރައަށް،" ސިޒާން މިހެން ބުނެފައި ތެދުވެގެން ހިނގައިގަތެވެ. ކޮޓަރިއާ ދިމާއަށެވެ.

"އަހަރެން އައީމަ ދޮންބެ ދަނީތަ؟"

"ނޫނޭ… ކުޑަ ކަމެއް ކޮށްލަން އެބައޮތޭ… އެހެންވެ މިދަނީ،" ސަޒާން ހުރީ މާޔޫސްވެފައެވެ. ނަދުވާ ކައިރީ ލޯބިވާ ވަހަކަ ބުނަން އުޅޭ ކޮންމެ ވަގުތަކުވެސް މިކަހަލަ ކޮންމެވެސް ކަމެއް ދިމާވާނެއެވެ. އެހެން ކަމުން މިހާ ދުވަސް ވީއިރުވެސް ސިޒާން އުޅެނީ ނަދުވާ ކައިރީ ލޯބިވާ ވާހަކަ ނުބުނެވިގެންނެވެ.

ދުވަސްތައް މިގޮތުގައި މާޒީއާ އެކުވަމުން ދިޔައެވެ. ނަމަވެސް ސިޒާނަށް އަދިވެސް ނަދުވާ ކައިރީ ބުނާނެ ރަނގަޅު ވަގުތެއް ދިމައެއް ނުވިއެވެ. އެ ފުރުސަތެއް ފަހިވެގެން ނައެވެ. އެހެން ކަމުން ސިޒާން ހުންނަނީ ކުޑަކޮށް ހާސްވެ ކަންބޮޑުވެފައެވެ. އެވާހަކަ ނަދުވާ ކައިރީ ނުބުނެވި އުޅެނިކޮށް އެހެން މީހަކު ނަދުވާ ޖަހައިގެންފާނެތީއެވެ. މި ޚިޔާލުތަކުގައި އޮއްވާ ކޮޓަރިއަށް ވަނީ ސީޒާއެވެ.

"ދޮންބޭ… ހާދަ ބޮޑު ފިކުރެއްގަ… ކިހިނެއް ވެފައި؟" ސިޒާން އޮތް ގޮތުން ސީޒާއަށް އަހައިލެވުނެވެ.

"އެއްވެސް ކަމެއްނުވޭ ކޮއްކޯ،"

"ނުވާނެ… އަހަންނަށް ކަމެއް ނޭނގުނަސް ދޮންބެ އެބަ ކޮންމެވެސް ކަމަކާ ވިސްނާ… އަހަންނަށް ކިޔައިދޭން ބޭނުން ނުވަނީދޯ… އަހަރެންމީ ދެން ދޮންބެއަށް މާ ދުރުމީހެއް ވީއްޔަ،" ސީޒާ ބޮޑާހާކާ ވައްތަރު ޖައްސާލިއެވެ. ސިޒާން އަށްވެސް އެނގެއެވެ. ސީޒާ އޮޅުންފިލުވަން ފައިވިއްދާލި ކަމެއް ވިއްޔާ އޮޅުންނުފިލަނީސް މަޑަކުން ނުހުންނާނެއެވެ.

"އޭނަ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟"

"ކޮން އޭނައެއް؟… ތިހެން ކިޔަސް ނޭނގޭނެ އެއްނު؟"

"ދޮންބެ މި ބުނަނީ މިގޭގަ އުޅޭ…،" މިހެން ބުނެފައި ސިޒާން ހުއްޓާލިއެވެ.

"ކީއްވެ ހުއްޓާލީ… ކޮންކަމެއް އޮޅުން ފިލުވާދޭންވީ؟" ސީޒާ ޝައުގުވެރިވިއެވެ.

"ނަދުވާ… ދޮންބެއަށް ބަލާދީބަ އޭނަ އުޅެނީ ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެންތޯ؟" ސިޒާން އެދުނެވެ.

"ހޫނ… ތިކަން ކުރެވިދާނެ… އެކަމު ކެއުން އޮންނަންވާނެ،" ސީޒާ ސަރުތު ކުރިއެވެ.

"މައްސަލައެއް ނޯންނާނެ… އެކަމު ބުނަން ބަރާބަރަށް ތެދު މައުލޫމާތު ދޭންވާނީ،" ސިޒާން އެއްބަސްވިއެވެ.

"ކޮއްކޮއަށް އިތުބާރު ކޮށްބަލަ،" ސީޒާގެ ވާހަކަ  ސިޒާނަށް ހިތްހަމަޖެހުން ލިބުނެވެ. ހިތުގެ ނުތަނަވަސްކަން ފިލައި ދިޔައެވެ. އޭނާއަށް މަންޒިލާ ހަމައަށް ދިއުމަށް އިތުރު އެހީތެރިކަމެއް ލިބުނީމައެވެ.

ޒައިންއާއި ސިމާމު ވެސް އޮފީހުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައެވެ. އެމީހުންގެ ބޮސް، އޭނާއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިން ނުކުމެގެން އައިއިރު އެހެން މީހަކުވެސް ކައިރީގައި ހުއްޓެވެ.

"ޒައިން… ބަލާބަލަ… ސުނޭ އެހުރީ ބޮސް ކައިރީގައި،" ސިމާމު ސިއްރުސިއްރުން މިހެން ބުނުމުން ޒައިންވެސް ބަލާލިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *