Support Us

ކުރުވާހަކަ: ދެ ހިމާރެއްގެ ވާހަކަ

އެއް ދުވަހަކު، ދަނޑުވެރިޔަކު، އޭނާގެ ދެ ހިމާރުގެ ބުރިކަށިމައްޗަށް ބައެއް ސާމާނު އަރުވައިގެން، ޝަހަރުގެ ބާޒާރަށް ދާން ހިނގައިގަތެވެ. އެއް ހިމާރުގެ ބުރިކަށިމައްޗަށް އަރުވާފައި ހުރީ ލޮނު ބަސްތާތަކެކެވެ. އަނެއް ހިމާރުގެ ބުރިކަށިމައްޗަށް އަރުވާފައި ހުރީ ހުސް ޖާޑިތަކެކެވެ.

ދަނޑުވެރިޔާގެ އަވަށާއި ޝަހަރުގެ ބާޒާރާ ދެމެދުގައި ދުރު ރާސްތާއެއް އޮތެވެ. އެހެންވެ، ވަކި ހިސާބަކަށް ދެ ހިމާރަށް ދެވުނު ތަނާ ހެން، ލޮނު ބަސްތާތައް އުފުއްލަމުން ދިޔަ ހިމާރު ކުޑަކޮށް ވަރު ބަލިވެއްޖެއެވެ. ދެން، ދަނޑުވެރިޔާ ނުބަލާ ހުއްޓައި، ލޮނު ބަސްތާތައް އުފުއްލަމުން ދިޔަ ހިމާރު ގަސްދުކުރީ ކައިރީގައި އޮތް ފެންގަންގަނޑަކަށް އެރި ފިނިކޮށްލައި ވަރުބަލިފިލުވާލުމަށެވެ. ފެންގަނޑަށް އެރިލާފައި، އެރުމުން، ހިމާރުގެ ބުރިކަށީގައި އޮތް ލޮނު ބަސްތާތަކުގެ ހުރިހާ ލޮނެއް ގިރި، ހިމާރަށް ލުއި އިހުސާސުވެ، މުޅިން ތާޒާވިއެވެ.

މިތަން ފެނިފައި، އަނެއް ހިމާރުވެސް އެ ފެންގަނޑަށް އެރި ފިނިކޮށްލަން ބޭނުންވިއެވެ. ނަމަވެސް، ފެންގަނޑަށް އެ ހިމާރު އެރުމުން، ހުސްކޮށް ހުރި ޖާޑިތަކަށް ފެން އެޅި ބަރާވިއެވެ. އަދި، ހިމާރުގެ ބުރިކަށިމައްޗަށް އަރުވާފައި އޮތް ބަރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސް، އޭގެ ބުރިކަށި ބިންދައިގެން ހިނގައިދާނޭހެން ވެސް ހީވިއެވެ.

މިއިން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ އެއް ބަަޔަކަށް ފައިދާ ކޮށްފާނޭ ގޮތަކީ އަނެއް ބަޔަކަށް ފައިދާކޮށްފާނޭ ގޮތަކަށް ނުވާނެއެވެ. ދެ ހިމާރުގެ ހާލަތު ތަފާތުވި ފަދައިން ދެބައިމީހުންގެ ހާލަތުވެސް ތަފާތުވެފައި އޮވެދާނެތީއެވެ. އެހެންވެ، އެއް ބަޔަކު ކުރާ ކަމެއް، ހަރުފުން ހަރުފަށް، އަކުރުން އަކުރަށް، ކޮޕީކޮށްގެން ކޮށްފި ނަމަ، ފައިދާއަށް ވުރެ ބޮޑަށް ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

މީގެ މިސާލުތައް ވަރަށް ގިނައިން އަޅުގަނޑުމެންގެ ތެރެއިން ވެސް ފެންނަމުން ދެއެވެ. މީގެ އެންމެ ފަހުގެ މިސާލެއްގެ ގޮތުގައި އަޅައިގަތީ ބައެއް ލޯކަލް ކައުންސިލުތަކުން ގޯތި ދިނުމާ ބެހޭ އެއްބަސްވުމެއްގައި ބޭރުގެ ބަޔަކާ ސޮއިކުރި ތަނެވެ. ރައްޔިތުންނަށް ގޯތި ގެދޮރު ލިބިފައި އޮތުމަކީ އެމީހުންގެ އަސާސީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެފައި، މިކަން އޮންނަން ޖެހޭނީ މައި ސަރުކާރުގެ އިޚުތިސާސެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ. ނަމަވެސް، މައިސަރުކާރުގެ އިޚުތިސާސްތަކަކީ ކޮބައިކަމާއި ލޯކަލް އިދާރާތަކުގެ އިޚުތިސާސްތަކަކީ ކޮބައި ކަން ރަނގަޅަށް ސާފު ނުކޮށް، މިއީ ލާމަރުކަޒީ ކުރުމޭ ކިޔައި، ބަޔަކު ލާމަރުކަޒީކޮށްގެން ކަންކަން ހިންގާތީ، އެކަމުން ދިމާވެދާނެ މައްސަލަތައް ރަނގަޅަށް ނުބަލައި އެ ފަދަ ނިޒާމެއް ހިންގާލަން އުޅުމުން ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. ކޮންމެ ލޯކަލް އިދާރާއަކީ މުސްތަގިއްލު ވަކި އިދާރާއަކަށްވެ، މައި ސަރުކާރާ ވާދަކުރާ، އަދި ބައެއް ފަހަރު ގޮންޖަހާލާ ބަޔަކަށް ވެސް ވެއެވެ. ބޭރު ގައުމުތަކާއި ވިޔަފާރިއާއި ޚާރިއްޖިއްޔަތާއި އަދި އަސްކަރީ އެއްބަސްވުންތައް ލިޔެ އެއްބަސްވާ ބަޔަކަށް ވެސް ވެގެން ދެއެވެ! މިކަމުގެ ސަބަބުން، ތަނުގައި އެތައް އެތައް ކުދި ކުދި ދައުލަތްތަކާއި އެތައް އެތައް ސަރުކާރުތަކެއް އުފެދެން ދިމާވެއެވެ! ލާމަރުކަޒީ ނިޒާމުގެ މަގުސަދަކީ މިއީ ބާވައެވެ! ތަން އިތުރަށް ބައިކޮށް، ބޭރު މީސްމީހުންނަށް ތަނަށް ވެރިވުމުގެ މަގު އިތުރަށް ފަހިކޮށްދިނުން ހެއްޔެވެ؟

(ތަރުޖަމާއަކާއި ތައުލީގެއް)