Support Us

ކިޔާލަން ކޮންމެހެން މުހިންމު: އެއް ހަށިގަނޑުން ގުޅިފައިވާ ދެބެންގެ ޝައުގުވެރި ދިރިއުޅުން

ރިއަލިޓީ ޓީވީ ސީރީޒަކުން މަޝްހޫރުވި އެމެރިކާގެ މުދައްރިސެއް ކަމަށްވާ އެބީ ހެންސަލް، 34، ދުނިޔޭގެ ސަމާލުކަމަށް އައީ މީގެ 28 އަހަރު ކުރިން 1996 ގައި އޮޕްރާ ޝޯއަށާއި "ލައިފް" މަޖައްލާގެ ކަވަރަށް އެރުމުންނެވެ. އޭނާގެ އާދަޔާހިލާފު ކަމަކީ އޭނާގެ ހަށިގަނޑާ ގުޅިފައިވާ އޭނާގެ އެއްމާބަނޑު "ދައްތަ" ބްރިޓަނީ އެހެން މީހުންނެކޭ އެއްފަދައިން ދިރިއުޅުން ކުރިއަށްގެންދާތީއެވެ.

އެމެރިކާގެ މިނެސޯޓާ ސްޓޭޓަށް އުފަން އެއް ހަށިގަނޑުން ގުޅިފައިވާ ނުވަތަ "ކޮންޖޮއިންޑް ޓްވިންސް" އަކީ "ޑައިސެފަލަސް" ވައްތަރުގެ އެއްމާބަނޑު ދެބެންނެވެ. ޑައިސެފަލަސް އެއްމާބަނޑު ދެ ކުދިން އުފެދެނީ މައިމީހާގެ ގަރުބަގަތް ބިސް ދެ ފަޅިވުން ލަސްވީމައެވެ. ނުވަތަ ބިހާއި ސްޓެމް ސެލް އެކުވުމުންނެވެ.

މި ބާވަތުގެ ގުޅިފައިވާ އެއްމާބަނޑު ދެ ކުދިން އާއްމު ގޮތެއްގައި ޅަފަތުގައި މަރުވާ ކަމަށް ދުނިޔޭގެ ތާރީހުން އެނގެއެވެ. ދުނިޔޭގައި މިހާރު ދިރިހުރި އެންމެ މުސްކުޅި ކޮންޖޮއިންޑް ޓްވިންސްއަކީ އުމުރުން 63 އަހަރުގެ، 1961 ގައި އުފަންވި އެމެރިކާގެ ލޯރީ އާއި ޑޯރީ ޝެޕަލްއެވެ. މި ދެ މީހުން ގުޅިފައިވަނީ ނިތްކުރިއާ ދިމާލުން ބޮލުންނެވެ.

މީގެ އިތުރުން 2000 ވަނަ އަހަރު ތުރުކީއަށް އުފަންވި ދެ އަންހެން ބެއިން ކަމަށްވާ އައިޝާ އާއި ސީމާ ތަންރިކުލޫ އަކީ ވެސް ކޮންޖޮއިންޑް ޓްވިންސެވެ.

ގޮހޮރުގެ އިތުރުން އަރިކަށިން ފެށިގެން އެބީ އާއި ބްރިޓަނީގައި ވަނީ އެއް ހަށިގަނޑެކެވެ. އަދި ދަރިން ހޯދަން ބިސް އުފެދޭ އޯވަރީގެ ވެސް ވަނީ އެއް އޯވަރީއެވެ. ނަމަވެސް ދެ މީހުންގެ ބޯ ވަނީ ކަނދުރާއިން ކަފިވެފައެވެ. މިހެން ކަމުން ދެ މީހުން ވައްތަރީ ދެ ބޯ ލީ އިންސާނަކާއެވެ.

މި ދެބެއިން މީގެ ތިން އަހަރު ކުރިން 2021 ގައި ސިއްރުން ކައިވެނިކުރީ ކުރިން އެމެރިކާގެ އަސްކަރިއްޔާގައި އުޅުނު އަދި މިހާރު ނަރުހެއްގެ މަސައްކަތް ކުރަމުން އަންނަ، އުމުރުން 33 އަހަރުގެ ޖޯޝް ބޯލިން އާއެވެ.

ޓީ.އެލް.ސީގެ ރިއަލިޓީ ޝޯގައި އެބީ އާއި ބްރިޓަނީގެ ހަޔާތުގެ މުހިންމު ކަންތައްތައް ރެކޯޑް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އެ ދެބެއިންގެ ހައި ސްކޫލް ދަސްވެނިވުމާއި ވަޒީފާ ހޯދަން ކުރި މަސައްކަތްތައް ހިމެނެއެވެ.

ދެބެއިންގެ ފުރާއުމުރުގައި 2003 ގައި ހެދި ޑޮކިއުމެންޓްރީ "ޖޮއިންޑް ފޮ ލައިފް" ނުވަތަ "މުޅި ހަޔާތުގައި ވެސް ގުޅިފައި"ގައި ބުނެފައިވަނީ ކޮންމެވެސް ދުވަހަކުން ދަރިން ހޯދަން ބޭނުންވާ ކަމަށެވެ.

"އޯވަރީ ރަނގަޅަށް މަސައްކަތް ކުރޭ. އެހެންވީމާ ދެބެއިންގެ އަމިއްލަ އާއިލާއެއް ހޯދުމަކީ އެކަށީގެންވާ ކަމެއް،" ދެބެއިންގެ މަންމަ ޕެޓީ އެ ޑޮކިއުމެންޓްރީގައި ބުނެފައިވެއެވެ.

"އަހަރެމެންގެ އުމުރަކީ އަދި އެންމެ 16 އަހަރު. އެހެންކަމުން މަންމައަކަށް ވުމުގެ ތަޖުރިބާގެ ގޮތެއް ނޭނގޭ. އެކަމާމެދު އަދި ވިސްނުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނޭ،" ބްރިޓަނީ ބުނެފައިވެއެވެ.

"އަހަރެމެން މައިންނަށް ވާން ބޭނުން،" ބްރިޓަނީ ވަރަށް ޔަގީންކަމާއެކު ބުނެފައިވެއެވެ.

އެހެން އިންޓަވިޔުއެއްގައި ބްރިޓަނީ ބުނެފައިވަނީ އެ ދެބެއިން ލޯބީގެ ގޮތުން ގުޅެނީ ކާކާ ކަމާއި އަދި ދަރިން ހޯދާނީ ކޮން އިރަކުކަން ދުނިޔޭގެ އެންމެންނަށް އެނގޭކަށް ނުޖެހޭ ކަމަށެވެ.

"އަހަރެމެން އާއިލާއެއް ފަށާނެ ގޮތް އަދި އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނޫން،" އެ އިންޓަވިޔުގައި އެބީ ބުނެފައިވެއެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދެބެއިން އުޅެމުން އައީ މީޑިއާއާ ދުރުގައެވެ. މިހެންވެ، މިހާރު ވެސް ދަރިއަކު ހުންނަ ޖޯޝް އާ ލޯބީގެ ގޮތުން ދެބެއިން ގުޅުނު ގޮތާ ބެހޭ ގޮތުން އާއްމުންނަށް މައުލޫމާތު ލިބިފައެއް ނެތެވެ.

އަށް އެޕިސޯޑްގެ ރިއަލިޓީ ޝޯގައި ދެބެއިން ވަނީ އެ ދެބެއިން ބޭނުންވާ ގޮތަކަށް އެ ދެބެއިންގެ އަމިއްލަ އާއިލާއެއް ބައްޓަން ކުރަން އެ ދެބެއިންގެ މައިންބަފައިން އެ ދެބެއިންނަށް ފުރިހަމަ މިނިވަންކަން ދީފައިވާ ކަމަށް ބުނެފައެވެ.

މަޝްހޫރު "ޓައިމް" މަޖައްލާއަށް ދެބެއިންގެ ބައްޕަ މައިކް ދިން އިންޓަވިޔުއެއްގައި ބުނެފައިވަނީ ދެބެއިންގެ ކިބައިގައި ހުރިހާ ރަނގަޅު ސިފަތަކެއް އެބަހުރި ކަމަށާއި ހަމައެކަނި ތަފާތު ވާ ތަންކޮޅަކީ ދެބެއިން ހަށިގަނޑުން ގުޅިފައިވާކަން ކަމަށެވެ.

އެބީ އާއި ބްރިޓަނީގެ ކައިވެނީގެ ވީޑިއޯއެއް ވަނީ ޓިކްޓޮކްއަށް ލައިފައެވެ. އަދި ހަމަ އެ ހަފުލާގެ ފޮޓޯ ވަނީ ފޭސްބުކްގައި ހިއްސާކޮށްފައެވެ. ހަފުލާއަށް ދިޔަ މެހެމާނަކު ވަނީ ދެބެއިން ޖޯޝްއާއެކު ނަށާ މަންޒަރެއްގެ ވީޑިއޯ ސޯޝަލް މީޑިއާއަށް ލައިފައެވެ. މީގެ އިތުރުން ޖޯޝްގެ އަންހެން ދަރިފުޅު އެ ހަފުލާއިން ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައިވެއެވެ.

ޖޯޝްގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ދައްކަނީ އޭނާގެ ދަރިފުޅާއި އެބީ އަދި ބްރިޓަނީ އެކުގައި ތަފާތު ކަންތައްތަކުގައި މަސްއޫލުވެގެން އުޅޭ ތަނެވެ. އޭގެ ތެރޭގައި ހިނގަން ދިއުމާއި އައިސް ކްރީމް ބުއިން ފަދަ ކަންތައްތައް ފެނެއެވެ.

އެބީ އާއި ބްރިޓަނީގެ އުފަންދުވަހުގެ ސެޓްފިކެޓް ވެސް އޮވެއެވެ. މަންމަ ޕެޓީ އަކީ ނަރުހެކެވެ. ބައްޕަ މައިކް އަކީ ވަޑިއެކެވެ.

އެބީ އާއި ބްރިޓަނީ އަކީ މިހާރު ގްރޭޑް ފަހެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ދެބެއިންނެވެ. އެއީ ދެބެއިން އުފަންވެ، ބޮޑުވި މިނެސޯޓާގެ ނިއު ބްރައިޓަން ކިޔާ އަވަށުގައެވެ.

"އަހަރެމެން ދެ މީހުންނަށް ލިބެނީ އެކަކަށް ލިބޭ ވަރުގެ މުސާރައެއް. ސަބަބަކީ އަހަރެމެން މި މަސައްކަތް ކުރަނީ އެކަކު މަސައްކަތް ކުރާ ގޮތަށް،" އެބީ ބުންޏެވެ.

މުދައްރިސްކަން ކުރުމުގެ ދެ ލައިސަންސް އޮތް އިރު ބްރިޓަނީ ބުނީ އެކަކު ކުރާ މަސައްކަތަށް ވުރެ، އިތުރު މީހަކު މަސައްކަތް ކުރާ ވަރުގެ މަސައްކަތް އެ ދެބެއިންނަށް ކުރެވޭ ކަމަށެވެ.

"މިސާލަކަށް، އެކަކު ކިޔަވައިދޭއިރު، އަނެކަކު މޮނިޓާކޮށް، ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދެވޭ،" އޭނާ ބުންޏެވެ.

އެބީ އާއި ބްރިޓަނީ 7 މާރިޗު 1990 ގައި އުފަންވުމަށް ފަހު އުމުރުން 16 އަހަރު ވަންދެން އުޅުނީ މީޑިއާއާ ދުރުގައެވެ. އެއީ ޓީ.އެލް.ސީ.ގެ ރިއަލިޓީ ޝޯގައި ބައިވެރިވަންދެނެވެ.

ބައްޕަގެ އިތުރުން މަންމަ ޕެޓީ ގާތުގައި ޑޮކްޓަރުން ބުނި ކަމަށް ވަނީ ދެބެއިން ވިހާތާ 24 ގަޑިއިރު ނުވަނީސް މަރުވުން އެކަށީގެންވާ ކަމަށެވެ.

ބީބީސީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ދެބެއިންނަކީ ޕިއާނޯ ކުޅުމަށާއި އަދި ކުޅިވަރު ކުޅުމަށް ވެސް މޮޅު ކޮންޖޮއިންޑް ޓްވިންސެވެ. އެ ގޮތުން އެބީ ކޮންޓްރޯލް ކުރަނީ ހަށިގަނޑުގެ ކަނާތް ފަރާތް ކަމަށްވާއިރު ބްރިޓަނީގެ ބާރު އޮންނަނީ ވައަތް ފަރާތުގައެވެ.

"ކަންތައްތައް ނިންމުމުގައި އަހަރެމެން ދެބެއިން ދޫދެން ހިތްހަމަނުޖެހޭ ގޮތަކަށް ދެބެއިންގެ ދެމެދުގައި ދެބަސްވުން އުފެދުނަސް. އެކި ކަންތައްތައް ނިންމުމުގައި ފަހަރަކު މީހަކު ގޮތެއް ކަނޑައަޅަނީ. މިއީ އަހަރެމެން ދެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެ މެދުމިނުގެ މަގެއް ހިޔާރު ކުރުމަށްޓަކައި،" އެބީ ބުންޏެވެ.

ޑޮކިއުމެންޓްރީގައި ބްރިޓަނީ ބުނީ ދެބެއިން "ބާގެއިން" ކުރާ ކަމަށެވެ.

"މިސާލަކަށް، ދައްތަ މިހެން ހަދައިފިއްޔާ، އަހަރެން މިވެނި ކަމެއް ކޮށްދޭނަމޭ ބުނަން،" އޭނާ ބުންޏެވެ.

ބޮޑުވަމުން އައި ދުވަސްވަރު އެބީ އާއި ބްރިޓަނީ ކުޅުނު ކުޅިވަރުތަކުގެ ތެރޭގައި ބޯލިން، ވޮލީ، ބައިސްކަލް ރޭސް، ސޮފްޓްބޯލް އަދި ފެތުން ހިމެނެއެވެ.

އެކުއެކީގައި ކަންތައް ކުރަމުން ވަރަށް ދަތި ހާލުގައި ނަމަވެސް ދެބެއިން ވަނީ އުމުރުން 16 އަހަރުގައި ކާރު ދުއްވުމުގެ ލައިސަންސް ލިބޭ ޓެސްޓުން ފާސްވެފައެވެ. ދެބެއިންނަށް ޖެހުނީ، އެއް ހަށިގަނޑެއްގައި ދެ އަތް ވާތީ، ފަހަރަކު މީހަކު ހުންގާނުގައި ހިފާށެވެ.

"ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ ނަމަ، ކާކަށް ފުލުހުންގެ ސްޓިކާ ލިބޭނީ؟ ދެބެއިންނަށް ދެ ސްޓިކާ ބާ ލިބޭނީ؟ ނޫނީ ފަޔަކީ އެބީގެ ފަޔަށް ވާތީ ހަމައެކަނި އެބީ އަށް ބާ ސްޓިކާ ލިބޭނީ؟" މަންމަ ޕެޓީ ސުވާލު އުފެއްދިއެވެ.

އެއް ހަށިގަނޑެއްގައި ދެބެއިން ގުޅިފައިވިޔަސް، ބައެއް ގުނަވަންތައް ތަފާތުކޮށް މަސައްކަތް ކުރާ ކަމަށްވެއެވެ. އެގޮތުން ބަނޑުހައިވުމާއި ނިދުމާއި ފާހާނާ ކުރުން ތަފާތު ވަގުތުތަކުގައި ދެބެއިންނަށް ކުރިމަތިވާ ކަމަށް ޓައިމް މަޖައްލާއިން ބުންޏެވެ.

"އެބީގެ ހަށިގަނޑާ ދިމާވާ ފަޅިން ގިލިގިލި ކޮއްޓާލިއަސް، އެ ކަން ބްރިޓަނީއަކަށް އިހުސާސެއް ނުކުރެވޭ. އެކަމަކު ބުރަކަށީގައި ހަނި ހިސާބެއްވޭ ދެބެއިންނަށް ވެސް އެއް އިހުސާސެއް ކުރެވޭ،" ޓައިމް އިން ބުންޏެވެ.

ދެބެއިންގެ ޅަފަތުގައި ދެ ބެއިންގެ ހަށިގަނޑު ވަކިކޮށްލުމުގެ އެއްވެސް ހިޔާލެއް މައިންބަފައިންގެ ނެތެވެ. މަރުވެދާނެތީއެވެ. ނޫން ނަމަ އައިބު ވެދާނެތީއެވެ.

ކޮންޖޮއިންޑް ޓްވިންސް އުފެދެން ދިމާވާ އެއް ސަބަބަކީ ދެބެއިންގެ ހަން ގުޅިފައިވުމެވެ. ނުވަތަ އެތެރެހަށީގެ ގުނަވަންތަކެއް ގުޅިފައިވުމެވެ. އުފަންވާ ކޮންމެ 40،000 އެއްމާބަނޑު ދެބެއިންގެ ތެރެއިން ކޮންމެވެސް ގޮތަކުން ހަށިގަނޑު ގުޅިފައިވާ ގޮތަށް އުފަންވަނީ އެއްމާބަނޑު "އެކަކު" އެވެ. އަދި އުމުރުން އެއް އަހަރު ވަނީ ވެސް އެންމެ ޕަސެންޓެކެވެ. އެހެން ހުރިހާ ކުދިން މަރުވެއެވެ.

ދަރިމައިވާ ބިސް ދެ ފަޅިއަށް ފަޅައިގެން ނުގޮސް ހުރެއްޖެ ނަމަ ކޮންޖޮއިންޑް ޓްވިންސް އަށް ބަދަލުވެއެވެ. މީގެ ތެރެއިން އާއްމު ގޮތެއްގައި މި ފަދަ ދެބެއިން ގުޅިފައި ހުންނަނީ މޭމަތިން ފެށިގެން ނުވަތަ އަރިކަށިން ފެށިގެންނެވެ.

ކޮންޖޮއިންޑް ޓްވިންސްގެ ހަށިގަނޑު ވަކި ކޮށްލަން ހަދާ ސާޖަރީ ކާމިޔާބުވުން ބިނާވެފައިވަނީ ދެބެއިންގެ ހަށިގަނޑު ގުޅިފައިވަނީ ކިހިނެތް ކަމެވެ. އެ ގޮތުން ދެބެއިން އުފަންވުމުން، ހަށިގަނޑުގައި ދެބެއިން "ހިއްސާ ކުރާ" ގުނަވަންތަކަކީ ކޮބައިކަން ޑޮކްޓަރުން ދެނެގަނެއެވެ. އަދި މި ކަމަށް ބިނާކޮށް ސާޖަރީ ހަދަން ރާވައިލައެވެ. ކުރާ ކޮންމެ އޮޕަރޭޝަނަކުން ވަކިވާ އެއް ކުއްޖަކު ދިރިހުރުމުގެ 75 ޕަސެންޓް ފުރުސަތު އޮވެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ކޮންޖޮންއިންޑް ޓްވިންސްއަކީ 1811 ވަނަ އަހަރު ތައިލެންޑަށް އުފަންވި ޗޭންގް އަދި އެންގް ބަންކާއެވެ. މި ދެބެއިން މަސައްކަތް ކުރީ ޗަރުކޭސް ގްރޫޕެއްގައެވެ.

އެބީ އާއި ބްރިޓަނީއަކީ ވަރަށް މަދުން ނޫނީ ނުއުފެދޭ ކޮންޖޮއިންޑް ޓްވިންސްގެ ބާވަތެއް ކަމަށްވެއެވެ. ސަބަބަކީ ދެ ބޮލާއި ދެ އަތާއި ދެ ފައި ހުންނަ އެއް ހަށިގަނޑެއްގައިވާ އެއްމާބަނޑު ދެބެއިންނަށް ވާތީއެވެ.

ދެބެއިންގެ ދެ މައިބަދަ ވެއެވެ. އެއީ އެއް އަރިކައްޓާ ގުޅިފައެވެ. ކަރު ބަނޑާ ގުޅުވައިދޭ ދެ ހޮޅިވެއެވެ. އަދި ދެ ބަނޑު ވެސް ވެއެވެ. ތިން ކިޑްނީގެ އިތުރުން ދެ ފިތާއި ހަތަރު ފުއްޕާމެއާއި (އޭގެ ތެރެއިން ދެ ފުއްޕާމޭ އެކަތި އަނެކައްޗާ ގުޅިފައި) އެއް މޭގަނޑާއި އެއް މޭކައްޓާ ގުޅިފައިވާ ލޭ ދައުރު ކުރުމުގެ ނިޒާމާއި އަދި ކޮންމެވެސް ވަރަކަށް ގުޅިފައިވާ ނާރުތަކުގެ ނިޒާމެއް ވެއެވެ.

ދެބެއިން ވިހޭއިރު، ތިން އަތް ހުއްޓެވެ. ނަމަވެސް އޮޕަރޭޝަން ކޮށްފައި އެއް އަތް ވަނީ ނަގައިފައެވެ.

ބްރިޓަނީ އަކީ ވައަތް ފަރާތުން ގުޅިފައިވާ ޓްވިންއެވެ. އެބީއަކީ ކަނާތްފަރާތުން ގުޅިފައިވާ ޓްވިންއެވެ. ބްރިޓަނީ އަށް ހަށިގަނޑުގެ ކަނާތް ފަރާތުގެ އިސްހުސާސްތަކެއް ނުކުރެވެއެވެ. އަދި އެބީއަށް ހަށިގަނޑުގެ ވައަތް ފަރާތުގެ ކަންތައްތައް އިހުސާސެއް ނުކުރެވެއެވެ. ނަމަވެސް ހައިރާންވާ ކަމަކީ ކަމެއް ކުރާއިރު ހަމަ އެއް ހަށިގަނޑެއްހެން ދެފަޅި މަސައްކަތް ކުރާ ކަމެވެ. މިސާލަކަށް ކޮމްޕިއުޓަރުގައި އީމޭލެއް ޓައިޕް ކުރާއިރު ހަށިގަނޑުގެ ދެ ފަރާތް އެއް ވާނެއްގައި މަސައްކަތް ކުރެއެވެ.

އެބީ އާއި ބްރިޓަނީ ގުޅިފައިވާ ގޮތުން އެ ދެބެއިން މާ ގިނަ ދުވަހު ތިބޭނެ ކަމަށް ޑޮކްޓަރުން ލަފާނުކުރިޔަސް ހިތުގެ މައްސަލައެއް ޖެހިގެން ނުވަތަ ގުނަވަނެއް ފޭލިވެގެން މަރާ ކުރިމަތިލުން ކަހަލަ ކަމެއް މި ދެބެއިންނަށް އަދި ދިމަލެއްނުވެއެވެ.

ދެބެއިންގެ އިސްކޮޅު ވެސް ތަފާތެވެ. އެބީގެ އިސްކޮޅަކީ ފަސް ފޫޓު ދެ އިންޗިއެވެ. ބްރިޓަނީ ހަތަރު ފޫޓު 10 އިންޗިއެވެ. މިހެންވެ ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށް ބްރިޓަނީއަށް ޖެހެނީ ކޮރައިގެން ހުންނާށެވެ.

އެބީ އާއި ބްރިޓަނީ އަކީ ސިއްހީ ދާއިރާ ސިއްސުވާލި އާދަޔާ ހިލާފު ހަށިގަނޑު ގުޅިފައިވާ އެއްމާބަނޑު ދެބެއިންނެވެ. ސަބަބަކީ އެ ދެބެއިންގެ ހަށިގަނޑު މަސައްކަތް ކުރާ ގޮތް އެއްވެސް ސިއްހީ މާހިރަކަށް މިހާތަނަށް ފަހުމް ނުވާތީއެވެ. އެ ގޮތުން އެއްވެސް ދަތިކަމެއް ނެތި ދެބެއިންގެ ހަރަކާތްތައް ވިލަރެސް ކުރާތީ ޑޮކްޓަރުން ހައިރާންވެއެވެ. އެ ގޮތުން އީމޭލް ލިޔާއިރު ވެސް އެކަކު އަނެކަކަށް ބޭނުންވާ އެއްޗެއް ކިޔައިދޭކަށް ނުޖެހެއެވެ. އަދި އެކަކު އަނެކަކުގެ ސިކުނޑީގައިވާ އެއްޗެހި ދަންނަ ފަދައިން އެކަކު އަނެކަކުގެ ޖުމްލަތައް ވެސް ނިންމައިލަދެއެވެ.

ބޮޑުވަމުން އައިއިރު ދެބެއިންގެ ޝަހުސިއްޔަތު ވަރަށް ތަފާތު ކަމަށްވެއެވެ. މިސާލަކަށް، އެބީ އަށް ހެނދުނުގެ ނާސްތާއަށް ކަމުދަނީ އޮރެންޖް ޖޫހެވެ. ނަމަވެސް ބްރިޓަނީ ބޭނުންވީ ގެރިކިރެވެ.

"އަހަރެމެންނަކީ މުޅިން ތަފާތު ދެ މީހުން،" މިނެސޯޓާގެ ބެތެލް ޔުނިވާސިޓީގެ ދަސްވެނިވުމުގައި ބްރިޓަނީ ބުނެފައިވެއެވެ.

ދެބެއިން ލާ ހިތްވާ ހެދުން ވެސް ތަފާތެވެ. ހެދުން ފައްސުވާފައިވަނީ ދެބެއިންގެ ހަށިގަނޑަށް ފިޓުވާ ގޮތަށެވެ.

އެ ދެބެންގެ މަންމަ ޕެޓީ ބުނީ އޭނާ ވިހެއީ އޭނާ މަސައްކަތް ކުރި ހޮސްޕިޓަލުގައި ކަމަށެވެ. އަދި ވިހެއުމުގެ ކުރިން އޭނާގެ ބަނޑުގައި ވަނީ އެއްމާބަނޑު ދެބެއިން ކަމެއް ނޭނގޭ ކަމަށެވެ.

"އަހަރެންނަށް ދެބެއިން ފެނުނު އިރުއްސުރެ އަހަރެންނަށް އެ ކުދިން ރީތި ވި. މިހާރު ބައްދާލަނީ އެއް ފަހަރު. އެއީ އެއް ހަށިގަނޑުގައި ކަމަށް ވާތީ. ނަމަވެސް ދެ ބޯ ހުރުމުން ދެ ފަހަރު ބޮސް ދޭންޖެހޭ. އެއީ ސްކޫލަށް ގެންގޮސް ގެނެސް ހަދާއިރު،" ޕެޓީ ބުންޏެވެ.

އެބީ އާއި ބްރިޓަނީ އުޅެ ބޮޑު ވީ އެންމެ 300 މީހުންގެ އާބާދީއެއް އޮންނަ ދަނޑުވެރި ސަރަހައްދެއްގައެވެ. އެއީ ޕެޓީ އާއި މައިކްގެ، އެބީ އާއި ބްރިޓަނީގެ ހަގަށް ލިބުނު ފިރިހެން ދަރިފުޅު ޑަކޯޓާ އާއި އެބީ އާއި ބްރިޓަނީގެ ދައްތަ މޯގަން އާއެކުއެވެ؛ މީޑިއާގެ ސަމާލުކަމާ ދުރުގައެވެ.

އުމުރުން 12 އަހަރުގައި މައިބަދަ ތެދުކުރުމުގެ އޮޕަރޭޝަނަކާއި ފުއްޕާމޭގެ ޖާގަ ބޮޑު ކުރުމުގެ ސާޖަރީއެއް ހެދިއެވެ. އެއީ ރަނގަޅަށް ނޭވާލުމަށް ފުރުސަތު ދިނުމަށެވެ.

މައިންބަފައިން ބުނީ ހަނގާ ކުރުމުގެ ހަދިސާތައް ކުރިމަތިވީ އެ މީހުންގެ އަވަށުން ބޭރަށް ދާން ފެށުމުން ކަމަށެވެ.

"ސްވިމިން ޕޫލަކަށް އެރި އުޅުނު ކުޑަ ކުއްޖަކު އޭނާގެ މަންމަ ގާތުގައި 'ދެ ބޯ ލީ ކުޑަ އަންހެން ކުއްޖަކު ދުށިންހޭ' އެހި އަޑު އެއްފަހަރު އިވުނު. މި ކަހަލަ ކަންތައްތަކާ ބެހޭ ގޮތުން އެބީ އާއި ބްރިޓަނީ އާ އަހަރެމެން ވާހަކަ ދެއްކިން،" ޕެޓީ ބުންޏެވެ.

ދެބެއިންގެ ހަށިގަނޑު ވަކި ކޮށްލުމާމެދު ދެބެއިން ވާހަކަ ދެއްކީ އުމުރުން އެންމެ ފަހަރަކު ކަމަށްވެއެވެ. އެއީ ޅަފަތުގައެވެ. ބްރިޓަނީ އަށް ނިއުމޯނިޔާ ހުން ޖެހިގެން އެނދުމަތި ކޮށްފައި އޮތް ދުވަސްކޮޅު އެބީ ފޫހިވެގެންނެވެ. މި ކަމާ ބްރިޓަނީ ރޯން ފެށުމުން އެބީ އެ ކަމަށް މައާފަށް އެދިފައި، އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ދެބެއިން ދުވަހަކު ވެސް ވަކިނުވާނެ ކަމަށް ބުނި ކަމަށްވެއެވެ.

ޕެޓީ ބުނީ ދެބެއިންނަކީ ވެސް އެ ދެބެއިން ބޭނުންވާ ކަންތައްތައް ކުރުމުގައި ފަސް ނުޖެހޭ ދެބެއިން ކަމަށެވެ.

ދެބެއިން ބުނީ އާއިލާއާއެކު ޗުއްޓީ ހޭދަ ކުރަން ތަންތަނަށް ގޮސް ތިބޭއިރު މީހުން އެ ދެބެއިންގެ ފޮޓޯ ނެގުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ.

"އަހަރެމެންނާ ސުވާލު ކުރުމަކުން މައްސަލައެއް ނެތް. އެއީ ފޮޓޯ ނެގުމަށް ވުރެ ރަނގަޅު ގޮތެއް. ފޮޓޯ ނެގުމުން ވަރަށް ނަފުރަތު އުފެދޭ،" އެބީ ބުންޏެވެ.

މިނެސޯޓާ ދެކެ ލޯބި ވި ނަމަވެސް، އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ބަދަލު ވާހިތްވާ ކަމަށް ދެބެއިން އެއްފަހަރަކު ބުންޏެވެ.

ދެބެއިންނާ ބެހޭ ގޮތުން 2012 ގައި ހެދި "ކޮލެޖް އެންޑް ބިޔަންޑް" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީއެއްގައި ލަންޑަންގައި ދެ ބުރަކަށް ދެބެއިން ކިޔެވި ކަމަށާއި އަދި ސްކޫލެއްގައި ކިޔަވާދިން ކަމަށް ދައްކާފައިވެއެވެ.

ދެބެއިން އަމިއްލަ ނަފުސަށް މުހާތަބު ކުރަނީ "އަހަރެން" ކިޔައިގެންނެވެ. "އަހަރެމެން"ނެއް ނޫނެވެ. އަދި އެއް ހަށިގަނޑެއްގެ ވެރި ދެބެއިން ކަމަށްވާތީ ތަންތަނަށް ދަތުރު ކުރާއިރު ނަގަނީ ވެސް އެއް ޓިކެޓެވެ. ސުވާލަކީ އެ ޓިކެޓްގައި އެ ދެބެން ދިވެހިރާއްޖެ އަށް ޒިޔާރަތްކޮށްފާނެބާވައެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *